މާލޭ ފަޅުތެރޭގައި ޖާގަނެތި، ފަޅުވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކޮށްދޭނަން: ރައީސް މުއިއްޒު
14 ފެބުރުއަރީ 2024 | ބުދަ 08:21މާލޭގެ ފަޅުތެރޭގައި ވަރަށް ގިނަ ދޯނިތައް މަސައްކަތް ކުރަމުންދޭ


ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ
މާލޭ ފަޅުތެރޭގައި ޖާގަނެތި، ފަޅުވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލޭ ފަޅުތެރޭގައި ހުންނަ ފައްތިޔާދޯނިތައް ނަގަން އަންގާތީ، އެކަމުގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް އާއްމުގެ މީހަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މާލޭގެ ފަޅުތެރޭގައި ވަރަށް ގިނަ ދޯނިތައް މަސައްކަތް ކުރަމުންދާ ކަމަށެވެ. ފައްތިޔާދޯނިތައް ނަގަން އަންގާތީ އެމައްސަލައަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ފަޅުތެރެއިން އެހެން ޖާގައެއް އެހެން ދިމާލަކުން ހަމަ ނުޖައްސައި، ދޭތެރެ ދޭތެރެއިން ފަޅުން ނިކުންނަންޖެހި، ދާނެ ތަނެއްނެތި، އެހެން ވާންޖެހޭގޮތް ވިޔަ ނުދޭނަ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ މާލެފަޅުތެރެއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް މާލެސިޓީ ކައުންސިލްއާ މަޝްވަރާކޮށް ހައްލު ގެނައުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
އެގޮތުން ކުރިއަށް އޮތްތަނުގައި ފަޅުތެރޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތަކަށް ކަންކަން ފަހިވެގެންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެހެން ދިމާލަކަށް ބަދަލުވާކަމަށްވާނަމަ ފަޅުވެރިންނާއި މަޝްވަރާކުރާނެ ކަމަށާއި، ކަންކަން ނިންމާނީ ފަޅުވެރިންގެ ހިޔާލާއެކު ކަމަށެވެ. އަދި ކުއްލިއަށް ކަންކަން ނުނިންމާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.








