ކ. މާލެ
|
10 ފެބްރުއަރީ 2024 | ހޮނިހިރު 18:09
ޣައްޒާގެ ދީރް އަލް ބަލަހްގެ އިމާރާތަކަށް އިސްރާއީލުން ދިން ހަމަލާގައި ޒަޚަމްވި ފަލަސްތީނު ކުޑަކުއްޖެއް
ޣައްޒާގެ ދީރް އަލް ބަލަހްގެ އިމާރާތަކަށް އިސްރާއީލުން ދިން ހަމަލާގައި ޒަޚަމްވި ފަލަސްތީނު ކުޑަކުއްޖެއް
ރޮއިޓާސް
ޣައްޒާގެ ކުޑަކުދިންގެ ހައްގުތައް
އިންސާނިއްޔަތާ ޚިލާފު ބޮޑެތި ޖަރީމާތަކާއެކު، އިސްރާއީލުން ޣައްޒާގެ ކުޑަކުދިންގެ ހައްގުތަކަށް އަރައިގަންނަމުންދަނީ
 
ފަލަސްތީނުގެ އާބާދީގެ %85 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ގެއްލިފައި

ޣައްޒާގެ އެކި ސަރަހައްދުތަކުގައި އިސްރާއީލު ސިފައިން ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި ފަލަސްތީނުގެ ކުޑަކުދިންގެ ހައްގުތައް ނިގުޅައިގަންނަމުންދާ ކަމުގެ ޝަކުވާތަކަކީ، އިއްޔެއަކު ނުވަތަ މިއަދަކު އެކަނި އިވޭ އަޑުތަކެއް ނޫނެވެ. ފާއިތުވެދިޔަ އަހަރުތަކުގައި އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ނިކަމެތި ހާލުގައި ދިރިއުޅޭ އެތައް ހާސް ކުޑަކުދިންގެ އިންސާނީ ހައްގުތަކަށް އިސްރާއީލުން ވަނީ އަރައިގެންފައެވެ. ބޯހިޔާވަހިކަމެއް ނެތި ދިރިއުޅެން ޖެހިފައިވާ އެ ކުދިންގެ ބަނޑުފުރާނަ މުއްތިކުރެވޭނެ ފަދައެއް ނެތި، ބަނޑަށް މަރުވަމުންދާ ކުދިންވެސް މަދެއްނޫނެވެ.

އޮކްޓޯބަރު 7 ވަނަދުވަހުން ފެށިގެން އިސްރާއީލުގެ އުދުވާންތައް ޣައްޒާގައި ވަރުގަދަކޮށްފައި ވާއިރު، ކުޑަކުދިންގެ ހައްގުތަކާބެހޭ އދ.ގެ ކޮމިޓީގެ ޗެއަރޕަރސަން އެން މެރީ ސްކޭލްޓަން ހުކުރު ދުވަހު ވިދާޅުވީ، އިސްރާއީލުގެ ކޮންޓްރޯލުގެ ދަށުގައި ދިރިއުޅޭ ކުޑަކުދިންގެ ހައްގުތައް، މީން ޒަމާނަކުވެސް ދުނިޔެ ދެކެފައި ނުވާ ދަށުދަރަޖައަކަށް ވެއްޓިފައި ވާކަމުގައެވެ. އެކުދިންގެ ހައްގުތައް އިސްރާއީލުން ވަރަށް ބޮޑަށް ނިގުޅައިގަންނަމުންދާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ސްކެލްޓަން އިތުރަށް ބުނީ އެއްވެސް ކުއްޖަކު ބިރުވެރިކަމާއި ވޭނާއި ބަނޑުހައިހޫނުކަމުގެ ތެރޭގައި ބޮޑުވެގެން ނުވާނެ ކަމަށެވެ. ނަމަވެސް މިއަދު ޣައްޒާގެ އެއްވެސް ކުއްޖަކީ ބިރުވެރިކަމާއި ވޭނާއި ބަނޑުހައިހޫނުކަމުން ސަލާމަތްވެފައިވާ ކުއްޖެއް ނޫނެވެ. ހަގީގަތުގައި މި ހަނގުރާމައިން ސަލާމަތްވެ، ބޮޑުވުމުގެ ފުރުސަތު ލިބިއްޖެނަމަ އެމީހުންނަކީ ނަސީބުވެރި ބައެއްގެ ގޮތުގައި ބެލެވޭނެއެވެ. ޣައްޒާގައި ދިރިއުޅޭ ހުރިހާ ކުދިންގެ ވެސް އެކުދިންގެ ޅަފަތުގައި މި ވަނީ ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައެވެ. އެކުދިން ތިބީ ހާލުގައި ޖެހިފައެވެ. ނަފްސާނީގޮތުން ގެއްލުންވެފައެވެ. ދިރިހުރުމުގެ ހައްގުންވެސް މަހުރޫމްވެފައެވެ.

އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް 7،000ށްވުރެ ގިނަ ކުޑަކުދިންގެ ފުރާނަ ގެއްލިފައި ވާކަމަށް އދ.ގެ ރެކޯޑްތަކުން ދައްކާއިރު، އެކިވަރުގެ ޒަޚަމްތައް ލިބިފައިވާ ކުދިންނާއި، އަދި ވީނުވީއެއް ނޭނގި ގެއްލިފައިވާ އެތައްހާސް ކުދިން އިމާރާތްތަކުގެ ކުނިތަކުގެ ދަށުގައި ވަޅުލެވިފައި ވާނެކަމަށްވެސް އދ.ން ވަނީ އަންދާޒާކޮށްފައެވެ.

ހަނގުރާމައިގެ ހިތާމަވެރި، އަދި ދިގުދެމިގެންދާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުޑަކުދިންނަށާއި އާއިލާތަކަށް ބޮޑެތި ސައިކޯ ސޯޝަލް ސަޕޯޓެއް ދިނުމަށް އދ.ން ވަނީ ގޮވައިލައިފައެވެ.

މީގެ ހަތަރު މަސް ކުރިން ޣައްޒާގައި ހިނގި ހަމަނުޖެހުންތަކަށްފަހު، އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ދިހައަކަށްވުރެ ގިނަ ކުދިންނަށް ބޮޑެތި އަނިޔާތައް ލިބެމުންދާއިރު، އޭގެތެރެއިން ގިނަ ކުދިންގެ ކޮންމެވެސް ގުނަވަނެއް ބިނދި، ބުރިވެ ނުވަތަ ހަލާކުވެފައި ވެއެވެ.

ޔޫއެން ޗިލްޑްރަންސް ފަންޑު ކަމަށްވާ ޔުނިސެފުން އަންދާޒާކުރާ ގޮތުގައި މަދުވެގެން 17،000 ކުދިންނަކީ އެކުދިންގެ މައިންބަފައިންނާ ނުގުޅޭ ނުވަތަ އާއިލާތަކާ ވަކިވެފައިވާ ކުދިންނެވެ. ޣައްޒާގެ 1.2 މިލިއަން ކުދިންގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ ކުދިންނަކީ ނަފްސާނީ ދުޅަހެޔޮކަމާއި ސައިކޯ ސޯޝަލް ސަޕޯޓަށް ބޭނުންވެފައިވާ ކުދިންނެވެ. މި ކުދިންނަށް ވެސް ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަމާއި ހިމާޔަތް ލިބެންޖެހޭނެއެވެ.

އިރުމަތީ ގުދުސް ހިމެނޭގޮތުން، ހުޅަނގު އައްސޭރީގައި ދިރިއުޅޭ ކުޑަކުދިންގެ ހާލަތާމެދު ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާ ޔުނިސެފުންވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ އިދާރާއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ އެ ކުދިންނަކީ އާބިޓްރަރީކޮށް ހައްޔަރުކުރުމާއި، ޝަރުއީ ނިޒާމުން ބޭރުން މީހުން މެރުމާއި، ހިފާފައިވާ ސިފައިންނާއި ވަޒަންވެރިން ހިންގާ ހަމަނުޖެހުންތަކުގެ ޝިކާރައަކަށް ވެފައިވާ ކުދިންކަމަށެވެ.

ޔޫއެންއާރްޑަބްލިއުއޭއަށް ދޭ ފައިސާ މެދުކަނޑާލާފައިވާ ހުރިހާ އެހީދޭ ގައުމުތަކުން, މިހާރުން މިހާރަށް އެ ނިންމުން މުރާޖައާކޮށް، ކޮންމެ ކުއްޖަކަށް ވެސް، ޒަރޫރީ ހުރިހާ އެހީއެއް ފޯރުކޮށްދެވޭނެ މިންވަރަށް ފައިސާ ފޯރުކޮށްދިނުމަށް ޔުނިސެފުންވަނީ ތަކުރާރުކޮށް ގޮވައިލައިފައެވެ. އަދި އެކަމަށް އިލްތިމާސްވެސް ކޮށްފައެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އެމެރިކާއާއި ޔޫރަޕްގެ އެހީތެރިކަމާއެކު ޣައްޒާއާ ދެކޮޅަށް ހިންގަމުން ގެންދާ ޖަރީމާތައް ކުރިއަށް ގެންގޮސްފައެވެ. އިސްރާއީލުން ވަނީ ފެނާއި ކާބޯތަކެއްޗާއި، ބޭހާއި ތެޔޮ އެތެރެވުން ވެސް މަނާކޮށްފައެވެ.

ޣައްޒާގެ ކަމާބެހޭ ފަރާތްތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ބުނާގޮތުގައި ޣައްޒާއާ ދެކޮޅަށް ޣައްޒާއިން ހިންގަމުން ގެންދާ ހަމަލާތަކުގެ ސަބަބުން މިހާތަނަށް 27،947 މީހުންޝަހީދުވެ، 67،459 މީހުން ޒަޚަމްވެފައިވާއިރު، ފަލަސްތީނުގެ އާބާދީގެ 85 އިންސައްތައަށްވުރެ ގިނަ މީހުން (ގާތްގަނޑަކަށް 1.9 މިލިއަން މީހުން) ވަނީ ގެދޮރު ގެއްލިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް