އަސްކަރީ ޓެކްނޮލޮޖީގެ ރޮނގުން ހަލުވި ދުވެލީގައި ދުނިޔެ ހޯދަމުންދާ ކުރިއެރުންތަކާ އެކުގައިވެސް އެންމެ ޙައްސާސް މައްސަލައަކަށް ވެފައި އޮންނަނީ ނިއުކްލިއަރ ހަތިޔާރުގެ މައްސަލައެވެ. ނިއުކްލިއަރ ހަތިޔާރު އުފެއްދުމާއި ބޭނުން ކުރުން ކޮންޓްރޯލް ކުރުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ޤައުމުތަކުގެ އަޣުލަބިއްޔަތުން ފާސްކޮށްފައި ވާ މުޢާހަދާތަކާއި އެއްބަސްވުންތައް އެބަހުއްޓެވެ. އެ އިމުގެ ތެރެއިން ނިއުކްލިއަރ ހަތިޔާރުގެ ޤާބިލިއްޔަތުކަން ހޯދާފައި ވާ ޤައުމުތަކެއް ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ތިބި އިރު، ދީފައި ވާ ހުއްދައިގެ މިންވަރުން ބޭރަށް އެ ތަނަވަސްކަން ފުޅާ ކުރުމުގެ ތުހުމަތުވެސް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. ނިއުކްލިއަރ ހަތިޔާރުގެ ނުރައްކާތެރިކަން، އެހެން ހުރިހާ އަސްކަރީ ހަތިޔާރަކަށް ވުރެ ބޮޑު ވެފައި އޮތް އިރު، ނިއުކްލިއަރ 2 ބާރެއްގެ މެދުގައި ގުޅުންތައް ހީނަރު ވާ ކަމުގައި ވާ ނަމަ، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ހާސްކަން ބޮޑުވަނީ ސަބަބެއް ނެތިއެއް ނޫނެވެ.
ދުނިޔޭގެ އެންމެ ވަރުގަދަ ނިއުކްލިއަރ ބާރުތަކުގެ ތެރޭގައި ގުނާލެވޭ އެމެރިކާގެ ނިވަލުގައި އޮވެގެން ޔަހޫދީ އިޒްރޭލުން ފަލަސްޠީނުގެ ޣައްޒާ ހަފުސް ކުރަމުން ދާ ޤަތުލުޢާންމާއެކު މެދުއިރުމަތީގެ މަސްރަޙު ނުތަނަވަސް ވެފައި ވަނިކޮށް، ހުސްވި ހަފުތާގައި ލިބިގެން ދިޔައީ ނިއުކްލިއަރ 2 ބާރެއްގެ ދެމެދުގައި ޙަމަލާތަކެއް ބަދަލު ކުރި ޚަބަރެވެ. ނިއުކްލިއަރ ހަތިޔާރުގެ ބޭނުން އަދި ނުކުރިއެއް ކަމަކު، ކުރިންވެސް ބުނި ފަދައިން ނިއުކްލިއަރ ހަތިޔާރުގެ ބާރުވެރިކަން އޮންނަ 2 ބައެއްގެ މެދުގައި ކޯޅުންގަނޑެއް އުފެދިއްޖެ ނަމަ، އެކަމުގެ ނުރައްކާ ވަކިން ބޮޑުވެފައެވެ. އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައި އޮންނަ ނުތަނަވަސް ކަމަށް ބައިނަލްއަޤުވާމީ ސަމާލުކަން ހުއްޓޭ އެންމެ ބޮޑު އެއް ސަބަބަކީވެސް އެއީއެވެ. ނަމަވެސް، މިފަހަރުގެ ކޯޅުންގަނޑުގެ މައިދާން އޮތީ ދިވެހިންނާ މާ ދުރަކު ނޫނެވެ. ދެކުނު އޭޝިއާގައެވެ. ދައްކަން މި އުޅެނީ، ޕާކިސްތާނާއި އީރާނާ ދެމެދު ހުސްވި ހަފުތާ ތެރޭގައި ބަދަލު ކުރި ޙަމަލާތަކުގެ ވާހަކައެވެ.
ބްރޫކިންގްސް އިންސްޓިޓިއުޝަންގެ ނައިބު ރައީސް އަދި ޑައިރެކްޓަރ އޮފް ފޮރިން ޕޮލިސީ، ސުޒާން މެލޯނީ ވިދާޅުވާގޮތުގައި، ހަފުތާ ނިމެން ދަނިކޮށް ޕާކިސްތާނުން އީރާނަށް ދިން އަސްކަރީ ޙަމަލާއަކީ، ހަފުތާގެ ކުރީކޮޅު އީރާނުން ޕާކިސްތާނަށް ދިން ޙަމަލާގެ ރައްދުގައި، ބަދަލަށް ބަދަލު ހިފުމުގެ ރޫޙުގައި ދިން ޙަމަލާއެއް ކަމުގައި ވީ ނަމަވެސް، ސަރަޙައްދީ ފެންވަރުގައި ނުރައްކާ ބޮޑު ހައިޖާނުގަނޑެއް ފެށުމުގެ ބިރު އިންތިހާއަށް އެބަ އޮތެވެ.
ބޯޑަރު ހިއްސާ ކުރާ އަވަށްޓެރިންގެ ގޮތުގައި އޮތް އީރާނާއި ޕާކިސްތާނަކީ އަސްކަރީ ބާރުވެރިކަމުގައި އަރާ އޮތް 2 ޤައުމެވެ. ހުސްވި ހަފުތާގައި ބަދަލުކުރި ޙަމަލާތަކަކީ މި ފަހުގެ ތާރީޚުގައި ބޯޑަރު ހުރަސްކޮށް 2 ޤައުމުގެ މެދުގައި ބަދަލު ކުރި އެންމެ ވަރުގަދަ ޙަމަލާތަކޭވެސް ބުނެވިދާނެއެވެ. އެކަމުގެ ސަބަބުން އުފެދިފައި ވާ ނުތަނަވަސްކަން ކުޑަ ކުރަން ބޭނުން ވާ ކަމަށްވެސް 2 ޤައުމުގެ އޮފިޝަލުންތަކަކާއި މުޙައްލިލުންތަކެއްވެސް ވަނީ ފާހަގަ ކޮށްފައެވެ.
ދުވަހަކީ ޖެނުއަރީ 16 ވީ އަންގާރަ ދުވަހެވެ. އީރާނުން މުޅި ދުނިޔެ ސިއްސުވާލީ ޕާކިސްތާނަށް ދިން މިސައިލް ޙަމަލާއަކުންނެވެ. އީރާނުން ބުނި ގޮތުގައި ޙަމަލާ ދީފައި ވަނީ، ޕާކިސްތާނުގެ ހުޅަނގުދެކުނުގައި ހަރަކާތްތެރިވަމުން ދިޔަ ހަތިޔާރުއެޅި ހަނގުރާމަވެރިންތަކަކަށެވެ. އެއީ ސުންނީ މުސްލިމުންގެ ބައެއް ކަމަށްވެސް އީރާނުން ބުނެފައިވެއެވެ. އޭގެ 2 ދުވަސް ފަހުން ޕާކިސްތާނުންވެސް ރައްދު ޙަމަލާ ދިނެވެ. ޕާކިސްތާނުން ބުނި ގޮތުގައި އެ ޤައުމުގެ ޙަމަލާ އަމާޒު ކުރީ، އީރާނުގައި ތިބި، ވަކިވެގަތުމަށް މަސައްކަތް ކުރާ، ހަތިޔާރު އެޅި ހަނގުރާމަވެރިންތަކަކަށެވެ. މިއީ 1980 އިން 1988 އަށް، އީރާނާއި ޢިރާޤާ ދެމެދު ކުރި ވަރުގަދަ ހަނގުރާމައަށް ފަހު، އީރާނުގެ ފަސްގަނޑަށް އަމާޒުކޮށްގެން ދިން އެފަދަ ފުރަތަމަ ވައިގެ ޙަމަލާއެވެ.
އަފްޣާނިސްތާން، ޕާކިސްތާން އަދި އީރާން ބޯޑަރަކީ އެތައް ޒަމާނަކަށް ދިގުލައި ގޮސްފައި ވާ ނުތަނަވަސްކަމެއް އޮތް ސަރަޙައްދެއް. އެއީ މަސްތުވާތަކެތީގެ ވަގު ވިޔަފާރި ކުރުމާއި، ދީނީ ފިކުރުގައި ހައްދުފަހަނަ އަޅާ ދިއުމާ، އެކަހަލަ އެތައް ކަމެއްގަ، ދޭދޭ ސަރުކާރުތަކާއި، އެ ސަރަޙައްދުގައި ހަނގުރާމަވެރިންގެ މެދުގައި ނުތަނަވަސްކަން އުފައްދާ، ކުރިމަތިލުންތަކާ ހިސާބަށް ގެނުވި ސަބަބުތަކެއް. ސަރުކާރުތަކުންވެސް ސީދާ ކުރިމަތިލުމަކަށް ދިއުމާ ހިސާބަށް ގެންދިޔަ މަންޒަރު އޮތީ ފެނިފަ. އެކަމަކު، އެންމެ ފަހުން އީރާނާއި ޕާކިސްތާނާ ދެމެދު މި ބަދަލު ކުރި ވަރުގަދަ ޙަމަލާތަކެއް ބަދަލު ކުރި މަންޒަރެއް ނުފެނޭ. ދެ ބައި މީހުންވެސް ކަށަވަރު ކުރި ކަންނޭނގެ އަސްކަރީ އެއްވެސް ކިއްލާއަކަށް ޙަމަލާ ނުދޭން. އީރާނުން ބުނާ ގިތުގައި ޙަމަލާ ދިނީ ޕާކިސްތާނުގަ ތިބި ހަތިޔާރުއެޅި ހަނގުރާމަވެރިންގެ ގުރޫޕަކަށް. ޕާކިސްތާނުންވެސް ހަމަ އެހެން. މި ވަގުތަށް އެގޮތަށް އެކަން ހަމައަކަށް އަޅުވާލީހެން ބޮޑަށް ޤަބޫލު ކުރެވެނީ. އެކަމަކު، ސަރަޙައްދީ ނުތަނަވަސްކަން ބޮޑުވާނެ. ހޫނު ގަދަ ވާނެ. އިތުރު ހަމަނުޖެހުންތަކަށް ދޮރު ހުޅުވާލެވުނީ ކަމަށް އަހަރެން ޤަބޫލު ކުރަނީ.ސުޒާން މެލޯނީ؛ ބްރޫކިންގްސް އިންސްޓިޓިއުޓްގެ ފޮރިން ޕޮލިސީ ޑައިރެކްޓަރ
ޕާކިސްތާނުގައި އޮތް ޖާއިޝް އަލް-ޢަދުލު ޖަމާޢަތަށް އަމާޒުކޮށްގެން އީރާނުން އަންގާރަ ދުވަހު ދިން ޙަމަލާއަކީ، ބޯޑަރު ހުރަސްކޮށް އީރާނުން ދިން އެންމެ ވަރުގަދަ ޙަމަލާތަކުގެ ތެރޭގައި ގުނާލެވޭ ޙަމަލާއެކެވެ. އީރާނުން ތުހުމަތު ކުރާ ގޮތުގައި އެ ޖަމާޢަތަކީ، މި ފަހުގެ ތާރީޚުގައި ދުނިޔެ ދުށް އެންމެ ވަރުގަދަ ޓެރަރިސްޓު ޖަމާޢަތް ކަމަށް ގިނަ ބަޔަކު އިއްތިފާޤު ވާ އައިސިސް ޖަމާއަތާ ގުޅުން އޮންނަ ޖަމާޢަތެކެވެ. ޖާއިޝް ޖަމާޢަތުގެ ގިނަ މެންބަރުންނަކީ، މިހާރު އޮޕަރޭޝަންތައް ހުއްޓާލާފައި އޮތް ޖުންދުއްލާ ޖަމާޢަތަށް ނިސްބަތްވި ބައެއް ކަމަށް ތުހުމަތު ކުރެއެވެ. އެ ޖަމާޢަތަކީ، އައިސިސްއަށް ބައިޢަތު ހިފި ޖަމާޢަތެކެވެ.
މިދިޔަ އޮކްޓޯބަރ މަހުގެ ކުރީކޮޅު އިޒްރޭލުން ޣައްޒާގައި ހިންގަން ފެށި ޤަތުލުޢާންމާއެކު މެދުއިރުމަތީގެ މަސްރަޙު އިންތިހާއަށް ނުތަނަވަސް ވެފައި ވަނިކޮށް، އީރާނާއި ޕާކިސްތާނާ ދެމެދު ޙަމަލާ ބަދަލު ކުރުމަކީ މެދުއިރުމަތީގެ ހަމަޖެހުން ގެއްލި ހިނގައިދާނެ ކަމާ މެދު އިތުރު ކަންބޮޑުވުންތަކެއް އުފެއްދި ކަމަކަށް ވަނީ ވެފައެވެ. ޔަމަނުގައި ހަރަކާތްތެރިވާ ޙޫޘީ ހަނގުރާމަވެރިންނަކީ އީރާނުގެ ތާޢީދާއި އެއްބާރުލުމާއެކު ހަރަކާތްތެރި ވާ ބައެއް ކަމަށް ބުނާ އިރު، ރެޑް ސީ ސަރަޙައްދުން ދަތުރު ކުރާ ކަނޑުބޯޓުފަހަރުގެ ތެރެއިން އެމެރިކާއާއި އިޒްރޭލާއި ގުޅުން އޮންނަ ބޯޓުފަހަރަށް ޙޫޘީން ދަނީ ސިލްސިލާ ގޮތެއްގައި ޙަމަލާ ދެމުންނެވެ. އެއީ ޣައްޒާގައި އަނިޔާ ލިބެމުންދާ އަޚުންނާއި އުޚުތުންނަށް ޙަމްދަރުދީވުމުގެ ގޮތުން، އެމީހުންގެ ޙައްޤުގައި ކުރާ ކަމެއް ކަމަށް ޙޫޘީން ބުނެއެވެ.
އެ ޙަމަލާ އައީ އީރާނުން ޢިރާޤާއި ސޫރިޔާއަށްވެސް ޙަމަލާތަކެއް ދީފައި ވަނިކޮށެވެ. އީރާނުން ބުނާ ގޮތުގައި ޢިރާޤަށް ޙަމަލާ ދިނީ އިޒްރޭލުން ޖާސޫސު ކުރުމުގެ މަސައްކަތް ކުރާ ޢަމާޒަކަށެވެ. ސޫރިޔާއަށް ދިން ޙަމަލާގެ އަމާޒަކީ އައިސިސްގެ އޮޕަރޭޝަންތަކެއް ކަމަށްވެސް އީރާނުން ވަނީ ބުނެފައެވެ.
މެލޯނީ ސިފަ ކުރެއްވި ގޮތުގައި އީރާނުން ދެމުންދާ ޙަމަލާތަކަކީ، ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމުގެ މައްސަލައާ ގުޅިގެން އުފެދިފައިވާ ސަރަޙައްދީ ކާރިޘާގެ ތެރޭގައި އީރާނުގެ ބާރާއި ނުފޫޒު އޮތް މިންވަރު އަންގައި ދިނުމުގެ ނިޔަތުގައި ދޭ ޙަމަލާތަކެކެވެ.
ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ޤަތުލުޢާންމަކީ، އެ ރަށުގެ ކޮންޓްރޯލް ނަގައިގެން އޮތް ޙަމާސް ޖަމާޢަތުގެ ވަސް، މި ދުނިޔެއިން ފޮހެލުމަށް ކަމަށް ބުނެ ނިރުބަވެރި ޔަހޫދީން ހިންގަމުންދާ ޖަރީމާއެކެވެ. ނަމަވެސް އެކަން އެހެން ވާން ނެތް ކަން އިޒްރޭލަށް އަންގާލުމަކީ އީރާނުގެ މަޤްޞަދެއް ކަމަށްވެސް މެލޯނީ ވަނީ ސިފަ ކުރައްވާފައެވެ.
3 މަހަށް ވުރެ ދިގުލައި ގޮސްފައިވާ ޤަތުލުޢާންމުގައި މަރުވި ފަލަސްޠީނު ރައްޔިތުންގެ ޢަދަދު، 24000 އަށް ވުރެ މައްޗަށް އަރައެވެ. އެޔެއް މިޔެއް ބެލުމެއް ނެތި ވައްޓާލާފައި ވާ ޢިމާރާތްތަކުގެ ދަށުގައިވެސް އެތައް ހާސް ބައެއްގެ ޤަބުރުތައް އަދިވެސް އެބަ އޮތެވެ. ޣައްޒާގެ ޖީލުތަކެއް ޔަޠީމުވެއްޖެއެވެ. ޢުމުރުގެ ބާކީ ދުވަސްތައް، ނުކުޅެދޭ ޙާލުގައި ގުނަން މަޖުބޫރުވި މީހުންގެ ޢަދަދު ގުނަންވެސް ދައްޗެވެ.