ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
ބުރޫނާއި މެޗުގެ ބޯލިން ޕަރފޯމަންސް އެއްގޮތަކަށް ވެސް ހަނދާނެއް ނުނެތޭނެ

ރާއްޖޭގެ ކްރިކެޓް ލެޖެންޑް، އަހުމަދު ނީޝާމް ނާސިރު
އޭނާގެ ފެށުން އައީ މޮޅު އެތައް ކުޅުންތެރިންތަކަކާއެކު ފުޓްބޯޅައިންނެވެ. ކެރިއަރު ނިންމާލީ ރާއްޖޭގެ އެންމެ މޮޅު އެއް ކްރިކެޓް ކުޅުންތެރިޔާގެ ގޮތުގައެވެ. ގިނަގުނަ ކާމިޔާބީތަކެއް ހޯދިއެވެ. ރަންވަނަތަކަކާއި ރެކޯޑްތަކެއް ހާސިލްކުރިއެވެ.
ނީޝާމްގެ ބައްޕައަކީ ރާއްޖޭގެ އެންމެ ފުރަތަމަ އެއް ފުޓްބޯޅަ ކޯޗެވެ. ޒަމާނީ މިއުޒިކް ކުލަބަށް ކުޅުއްވި، ފަހުން ވިކްޓަރީ ސްޕޯޓްސްގެ ކުލަބުގެ އިސް ހިންގުންތެރިޔާ ރިނބދޫ އަހުމަދު ނާސިރެވެ. ކުޑައިރު ބައްޕަ ކުޅިވަރުގައި އުޅުއްވާ މަންޒަރު ފެނުމުން ނީޝާމް ވެސް އެ މަގުން ހިނގައިގަތީއެވެ. އުއްމީދަކަށް ވީ ރާއްޖޭގެ ގައުމީ ޓީމަށް ކުޅުމެވެ.
މަޖީދިއްޔާގައި ކިޔަވަމުންދިޔައިރު ނީޝާމްގެ އެއްވަނަ ކުޅިވަރަކީ ފުޓްބޯޅައެވެ. ކްރިކެޓް ކުޅެނީ ލިބޭ ހުސްވަގުތުގައެވެ. ފުރަތަމަ ފަހަރަށް ނެގި ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ސްކޮޑުގައި ވެސް އޭނާ ހިމެނުނެވެ. އެ ޓީމުގެ ޕްރެކްޓިހަށް ދިޔަ 100 ކުޅުންތެރިންގެ އެކި ފަހަރު މަތިން މަދުކުރަމުންގޮސް ތިން މަހުގެ ޕްރެކްޓިހަށްފަހު ގަދަ 18ގައި އޭނާ ލައްވާލުމާއެކު ނީޝާމް ގެންދިޔައީ 1995 ވަނަ އަހަރު ލެގޫންސުންނެވެ.
ލެގޫންސްގައި މޮޅަށް ކުޅުނު ސީޒަނަކަށްފަހު، ޖެހިގެން އައި އަހަރު އަނިޔާގެ ސަބަބުން އޭނާ ނުކުޅެއެވެ. އަދި 1997ގައި ރާއްޖޭގެ އެންމެ ބޮޑު ކުލަބު ނިއުރޭޑިއަންޓަށް އޭނާ ބަދަލުވީ އީގަލްސަށް އެފްއޭކަޕް ކުޅެދީފައެވެ. އެކަމަކު ގާތްގާތުގައި ކަކޫ އިންޖަރީވެ، ޖެހިގެން އައި އަހަރު ވިކްޓަރީގެ ޖަރޒީގައި ހުއްޓައި ނީޝާމަށް ފުޓްބޯޅަ ކެރިއަރު ނިންމާލަން މަޖުބޫރުވިއެވެ.
ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުމުގެ އުއްމީދު ކަފުން ކުރަން ޖެހުނަސް، ނީޝާމްވީ ރާއްޖޭގެ އެންމެ ވަރުގަދަ އެއް ކްރިކެޓް ލެޖެންޑަށެވެ. ފުރަތަމަ ފަހަރަށް ގައުމީ ކްރިކެޓް ޓީމު 2005 ވަނަ އަހަރު ބައިނަލްއަގުވާމީ މުބާރާތެއް ކާމިޔާބުކުރިއިރު އޭނާއަކީ އެ ޓީމުގެ ސީނިއަރ ކުޅުންތެރިއެކެވެ. ޖެހިގެން އައި އަހަރު ތައިލެންޑް ބަލިކޮށް ރާއްޖެ ތަށި ހޯދިއިރު، ސެމީ ފައިނަލުގައި ބުރޫނާއީއާ ދެކޮޅަށް އޭނާގެ ބޯލިން ރެކޯޑަކީ ވެސް އަދިވެސް އެހެން ކުޅުންތެރިއަކަށް އަތްނުލެވި އޮތް އެއްޗެކެވެ.
ކްރިކެޓްގެ ތެރެއަށް ނީޝާމަށް ގޮވާލީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ މޫސާ ކަލީމެވެ. ގައުމީ މުބާރާތުގައި ނިއުރޭޑިއަންޓަށް ކުޅެން ކަލީމްގެ ފޯނު ކޯލް ނީޝާމަށް ލިބުނުއިރު ސްކޫލް ދުވަސްވަރު އެކުގައި ކުޅުނު ގިނަ ކުޅުންތެރިންތަކެއް ނިއުގައި ތިއްބެވެ. މިހެންވެ ކަލީމާއެކު ބެޓް ހިފައިގެން ފީލްޑަށް ނުކުތުން އޭނާއަށް ދަތިކަމަކަށް ނުވީއެވެ.
ކަލީމަކީ ރާއްޖޭގައި އުފެދުނު އެންމެ ހަރުދަނާ ކެޕްޓަނެވެ. އޭނާގެ ބަހުންނަމަ ނީޝާމަކީ މޫސަ ނެތްތަން ފޫބައިދެވޭނެ ގާބިލް ކުޅުންތެރިއެކެވެ. ސަބަބަކީ ޑިސިޕްލިން ރަނގަޅުވުމާއި، ކުޅުމާއި، ގަޑިއަށް ފަރުވާ ބެހެއްޓުމާއި، އަދި އޭނާގެ ކޮމިޓްމަންޓް ރަނގަޅުވުމެވެ. ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަންކަމާއި ޓީމުގެ އިސްކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ ނީޝާމަކީ މިހާރު ކްރިކެޓް ކޯޗެވެ. އޭނާގެ އުއްމީދަކީ ކޮމިޓްމަންޓް ރަނގަޅު ކްރިކެޓް ޖީލެއް އުފެއްދުމެވެ.
ނީޝާމް ފާހަގަކުރާގޮތުގައި، އޭނާއަށް އެންމެ މޮޅަށް ކުޅެވުނީ ދެ ކުޅިވަރުގައި ވެސް ނިއުރޭޑިއަންޓަށާއި ލެގޫންސަށެވެ. އޭނާ އެންމެ ފާހަގަކުރާ މެޗަކީ 96ގައި އޯކިޑާއި ލެގޫންސް ކުޅުނު މެޗެވެ.
އޭނާގެ ބައްޕައަކީ މޮޅު ކުޅުންތެރިއެއް، އަދި ކޯޗެއްގެ އިތުރުން، ހިންގުންތެރިއަކަށް ވީނަމަވެސް ނީޝާމް ބުނީ ބައްޕަގެ އިރުޝާދު ލިބުނީ ނުސީދާކޮށް ކަމަށެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގައި މީގެ 24 އަހަރުކުރިން ފެށިގެން ވަޒީފާ އަދާކުރަމުން އަންނަ އިލެކްޓްރިކް އިންޖިނިއަރު ބުނީ، ކްރިކެޓްގެ ލެޖެންޑަކަށް ވީނަމަވެސް "އަބަދުވެސް ފުޓްބޯޅަ ވަރަށް މިސްވޭ،" ކަމަށެވެ. "ދަނޑަށް ދިއުން ހުއްޓާލީ ވެސް ކުޅޭހިތްވާތީ،" މިހާރު "ދަނޑަށް ދަނީ ހަމައެކަނި ގައުމީ ޓީމު ކުޅެންޏާ ދަރިފުޅު ގޮވައިގެން އެކަނި،" ކަމަށެވެ.
ނީޝާމްގެ ދަރިފުޅަކީ އަރަމުން އަންނަ ޒުވާން ކުޅިވަރު ކުޅުންތެރިއެކެވެ. ކާފައާއި ބައްޕައަށްފަހު ކިންގްސް ބާސްކެޓްބޯޅަ ޓީމުގެ އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔަކީ އާއިލާގެ ކުޅިވަރު ލެގަސީ ދަމަހައްޓަމުން އަންނަ އުއްމީދީ ތަރިއެވެ.




