އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
ޓީމުތަކަށް ކޯޗުކޮށްދިނުން ނިންމައި މިހާރު ބޭނުންވަނީ އެކަޑަމީ އަށް ހާއްސަވާން

ހުސައިން އައްބާސް
އެއީ 2000ގެ ކުރީކޮޅެވެ. ކޯޗު ލިރުގާމް ސައީދު (ލަރޭ) އައީ ފޯނު ކޯލެކެވެ. އެކޯލުގައި ދެއްކި ވާހަކަ އިތުރު އެތައް ފޯނުތަކަކުން ތަކުރާރުވި އެވެ. އެކަމަކު އޭނާގެ ކުޅުމުގެ ކެރިއަރުގައި ކަންކުރި ފަދައިން ކޯޗެއްގެ ގޮތުގައި ވެސް ލަރޭ ގޮތް ދޫކޮށްލާކަށް ބޭނުމެއްނުވި އެވެ. ބޭނުންވީ މަހިބަދޫގެ ކެޕްޓަން ބޭންޑް ހުސައިން އައްބާސްގެ އަތުގައި ބާއްވާށެވެ.
މަހިބަދު އާއި އެ ޓީމަށް ސަޕޯޓްކުރާ މީހުން އެވާހަކަ ދެއްކީ ކީއްވެކަމެއް ހުސައިން އަކަށް އަދިވެސް ނޭނގެ އެވެ. އަދި އެއީ ހަމަ ހަގީގަތުގައި ވެސް ހިނގި ކަމެއްތޯ ވެސް އުވާލު އުފެދެ އެވެ.
އެކަމަކު މަހިބަދޫ އަށް އެހާތަނަށް ފުޓްބޯޅައިން ލިބުނު ހަމައެކަނި ތަށި އޭނާގެ ކެޕްޓަންކަމުގައި ގޮސް ގދ. ތިނަދޫ ސްޕޯޓްސް ބަލިކޮށް އުފުލާލެވުމުން ހުސައިން އަށް އޮތީ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެއީ ފުޓްބޯޅައިގައި އޭނާ އެންމެ އުފާވި ދުވަހެވެ. އެންމެ ބޮޑު ކާމިޔާބީ އެވެ.
އދ. މަހިބަދޫ އަކީ ގިނަ ތަރިން ތަކެއް އުފެއްދި ފުޓްބޯޅައިގެ ވަރުގަދަ ފެކްޓަރީއެކެވެ. ސާފް ޗެމްޕިއަންޝިޕް ދެ ފަހަރު މަތިން ކާމިޔާބުކުރި ޓީމުގައި އެރަށުގެ ފަސް ކުޅުންތެރިއަކު ހިމެނެ އެވެ. މަހިބަދު އަށް ނިސްބަތްވާ 40ވަރަކަށް ކުޅުންތެރިން ފުރަތަމަ ޑިވިޝަނުގައި ކުޅެފި އެވެ. ކުޅުންތެރިއެއްގެ ގޮތުގައި ދެމިހުރިނަމަ ހުސައިނަށް ވެސް އެޝަރަފު ލިބުން ގާތެވެ.
ހުސައިން އަކީ އެންމެ ފުރަތަމަ މިޑްފީލްޑަރެކެވެ. ކޯޗު ހަސަން ނާޝިދު (އާޖޭ) އޭނާ ޑިފެންޑަރަކަށް ބަދަލުކުރީ މެދަށް ކުޅޭނެ ޒުވާން މޮޅު ކުޅުންތެރިން ގިނަވުމުންނެވެ. އެކަމަކު އިތުބާރު ޑިފެންޑަރެއްގެ ގޮތުގައި މަހިބަދޫ ތަމްސީލުކޮށްދިނުމުން ފުރަތަމަ ޑިވިޝަނުގައި ބޮޑެތި ކުލަބުތަކަށް އޭނާގެ ސޮއި ހޯދަން މަސައްކަތް ކުރިއެވެ. އެ ފުރުސަތު އޭނާ ދޫކޮށްލައި އަމިއްލަ ރަށުގައި ދިރިއުޅުން ބިނާކުރުމަށް ގަސްތުކޮށްގެންނެވެ.
އޭނާ ފުރަތަމަ ވަނީ އދ. އަތޮޅު އޮފީހަށެވެ. އެތަނުގައި 15 އަހަރު ހޭދަކޮށްފައި މަހިބަދޫ މެޖިސްޓްރޭޓް ކޯޓު އޮފިސަރަކަށް ބަދަލުވީ މީގެ 9 އަހަރު ކުރިންނެވެ. ހުސައިން ބުނީ މިއީ "ކައުންސިލަރުން އިންތިހާބުކުރަން ފެށުމުން ސިޔާސީ ނުވާންވެގެން، ގެނައި ބަދަލެއް،" ކަމަށެވެ.
ތެދެކެވެ. ހުސައިން އަކީ ފުޓްބޯޅައިގެ މީހެކެވެ. އިޖްތިމާއީ ހިދުމަތްތެރިއެކެވެ. ރަށަށް ފުޓްބޯޅަ ތަށި ހޯދައިދިނުމަށްފަހު އެރަށުގެ ފުޓްބޯޅައިގެ ހިދުމަތުގައި ދެގޮތެއްނުވެ ހުރި އެންމެ އިސްމީހާ އެވެ. މި މަސައްކަތުގައި މަހިބަދޫގެ ނަން އިވޭ ކޮންމެ ތަނެއްގައި ހުސައިންގެ ބައިވެރިވުން ނެތިނުދެ އެވެ. ފުޓްބޯޅަ ކުޅެން މަހިބަދޫ ސްޕޯޓްސް ކުލަބު މާލެ އަންނަ ކޮންމެ ފަހަރަކުހެން ޓީމުގެ ކަންކަމުގައި ނަގާކިޔަން ހުންނަނީ ވެސް އޭނާ އެވެ. ތިން ވަނަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަނުގައި އެވެ. ރަށު ފެންވަރުގަ އާއި އަތޮޅު ފެންވަރުގައި ވެސް މަހިބަދޫ ތަމްސީލުކުރާ ޓީމުގެ ކަންކަން ބެލެހެއްޓުމުގެ މައި ހިއްސާދާރަކީ ވެސް އޭނާ އެވެ.
މަހިބަދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ގައުމީ ފޯވަޑް އަހުމަދު ތޯރިގް (ޓޮމް) އާއި ކުރީގެ ގައުމީ ކީޕަރު އިމްރާން މުހައްމަދު އިސްވެތިބެ ހިންގާ މަހިބަދޫ ސްޕޯޓްސް ކުލަބުގެ ފުޓްބޯޅަ އެކަޑަމީ ހިންގަނީ ވެސް ހުސައިން އެވެ. އޭނާގެ ހުރިހާ ވަގުތެއް ހުސްކޮށްފައިވަނީ ގްރޭޑް 2އިން ފެށިގެން ގްރޭޑް 10ގެ ކުދިންނަށް ކޯޗުކޮށްދިނުމުގަ އެވެ.
އޭއެފްސީ ބީ ލައިސަންސް ކޯޗިން ކޯސް ހުސައިން ފުރިހަމަކުރި އެވެ. މަހިބަދޫގައި ހުސައިން އަށްވުރެ މަތީ ފަންތީގައި ކުޅުނު ކުޅުންތެރިން ކިތަންމެ ގިނަ ނަމަވެސް އަމަލީ ގޮތުން ކޯޗިންގައި އުޅެނީ އޭނާ ފަދަ މަދު މީހެކެވެ. ނަމަވެސް އޭނާގެ މިހާރުގެ ވިސްނުމަކީ ހަމައެކަނި އެކަޑަމީ އަށް ހުސްވުމެވެ. އެއީ ކީއްވެތޯ އެހުމުން ކުޅުންތެރިން ވަރަށް ނުބުނަން އިނދެފައި ހެމުން ހެމުން ބުނީ "މިހާރު އުމުރުން މާ ދުވަސްވެއްޖެ" ކަމަށާއި އުމުރުން "ބައިގަރުނުވީ" ކަމަށެވެ.
އޭނާ އިރުޝާދުތަކާއެކު ތަމްރީނުވެގެން ފުރަތަމަ ޑިވިޝަނުގައި މަހިބަދޫ އެކަޑަމީގެ ފަސް ކުޅުންތެރިއަކު ކުޅެމުންދެ އެވެ.
ހުސައިން އައްބާސް ޒުވާނަކަށް ވެގެން އައިއިރު މަހިބަދޫގައި އެ އުމުރުގެ ކުދިންނަށް އޮންނަނީ މައިގަނޑު ދެ ކަމެކެވެ. ފުޓްބޯޅަ ކުޅުމާއި މޫދަށް ދިއުމެވެ. މި އާދައިގެ ތެރެއިން ދަނޑަށް ނުކުތް ހުސައިން ވެގެންދިޔައީ މިހާތަނަށް މަހިބަދޫގެ ފުޓްބޯޅައިގެ އެންމެ ބޮޑު އެއް ހިދުމަތްތެރިޔާ އަށެވެ. މިހެންވެ ރަށުގައި އޭނާ އަށް އޮތް އިހްތިރާމް ވެސް ނުހަނު ބޮޑެވެ.
ހަގީގަތުގައި ވެސް ހުސައިން އަކީ މަހިބަދޫގެ ފުޓްބޯޅައިގެ ވަރަށް ހާއްސަ ނަމެކެވެ. އެރަށުގެ ފުޓްބޯޅައިގެ ވިންދަކީ އޭނާގެ ހުއްޓުމެއްނެތް އަގުހުރި ހިދުމަތާ ހިތްވަރެވެ.
