ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
ޖިއާން ލޫކާ ޕަލިއޫކާ
ކ. މާލެ |

އެއީ މީގެ 34 އަހަރު ކުރި އެވެ. އިޓަލީގެ މަޝްހޫރު ގޯލްކީޕަރު ޖިއާން ލޫކާ ޕަލިއުކާ ފުރަތަމަ ފަހަރަށް ވޯލްޑްކަޕުގައި އިޓަލީގެ ގައުމީ ބައިވެރިވީ 1990ވަނަ އަހަރު އެވެ. އޭނާގެ ހަރު އަޑާއި ދެލޮލުގެ ހަރަކާތްތައް ނޫސްވެރިޔާ އޭނާ އަށް ދެއްކުމާއެކު އެ ހަނދާންތަކުގެ ތެރެ އަށް ގެބިގެންގޮސްފައި ބުނީ "އަހަރެން ހުރިހާ ކަމެއް ވެސް ހަނދާން އެބަހުރި،" ކަމަށެވެ.

ޕަލިއުކާ އަކީ އެއިރު އިޓާލިއަން ލީގުން ވިދާލި އެންމެ މޮޅު އެއް ކީޕަރެވެ. 1991 ވަނަ އަހަރު ސެމްޕްޑޯރިއާއަށް މުޅިން އަލަށް އިޓާލިއަން ލީގު ހޯދައިދިނުމަށްފަހު އޭނާގެ ކެރިއަރު ޖަރީވެގެންދިޔައީ އިންޓަ މިލާނާއި ބޮލޯނިއާގަ އެވެ.

ވޯލްޑްކަޕަކީ ފުޓްބޯޅަ ކުޅުންތެރިއަކު ގްރެޖުއޭޓްވާ ސްކޫލެވެ. އެ މުބާރާތް ކުޅުމަށްވުރެ، ވަކި މޮޅު ކަމެއް ކުޅުންތެރިއަކަށް ނެތެވެ. ގައުމީ ޓީމަށް 39 މެޗު ކުޅެދިން ޕަގިއޫލާ ވަނީ ތިން ވޯލްޑްކަޕުގައި އިޓަލީގައި ގައުމީ ޓީމުގައި ހިމެނި 1994 އާއި 1998ގެ އެއްވަނަ ކީޕަރުކަން ކޮށްފަ އެވެ. ތިރީގައި މިވަނީ ފީފާގެ ނޫސްވެރިންގެ ސުވާލުތަކަށް އޭނާ ދީފައިވާ ޖަވާބުތަކެވެ.

ޖިއާން ލޫކާ ޕަލިއުކާ - ފީފާ

ޕަލިއުކާއަކީ 1990ގެ ވޯލްޑްކަޕް އިޓަލީގެ ފަސްގަނޑުގައި ކުޅުނު ކުޅުންތެރިއެއް. މޮޅު ދެ ކީޕަރުން އެއިރު ޓީމުގައި ތިބުމުން އެއީ ކިހާ ހާއްސަ މުބާރާތެއް؟

ޕަލިއުކާ: އެ މުބާރާތަކީ ވަރަށް ފޯރިގަދަ މުބާރާތެއް. އަހަރުމެން ހޮޓަލުން ދަނޑަށްދާން ދޮޅު ގަޑިއިރު ހޭދަވޭ. މީހުން ތިބެނީ މަގުތަކަށް ޖަމާވެފައި ތަރުހީބު ދިނުމުގައި. މިހެންވެ ފުރަތަމަ 11ގައި ނެތަސް އެކަމުގެ އިހުސާސް ކުރެވޭ. އެ މުބާރާތުގައި އެއްވަނަ ކީޕަރަކީ ވޯލްޓާ ޒެންގާ. އެކަމަކު އަހަރުމެން ތިން ކީޕަރުގެ ތެރޭގައި ވަރަށް ބޮޑު އިހްތިރާމެއް އެކަކު އަނެކަކަށް އޮވޭ. ކޮންމެ މެޗަކަށް ފަހު އަހަރުމެން ކައިބޮއި އުޅެނީ އެކުގައި. އެއީ އަހަރެން ސިނގިރޭޓް ބުއިން ފެށުނު ގޮތަކީ ވެސް. މިހާރު މިކަންކަން އޮންނަނީ މިހެނެއްނޫން. މެޗަށް ފަހު ކުޅުންތެރިން ދާނީ ސީދާ ކޮޓަރިއަށް، ނިދަން. އަހަރުމެންގެ ދުވަސްވަރު ދަނީ ހޮޓަލުން ބޭރަށް.

 

ޖިއާން ލޫކާ ޕަލިއުކާ 1994ގެ ވޯލްޑްކަޕް ކުޅުނު އިޓަލީ ޓީމާއެކު - ފީފާ

މޮޅު ކުޅުންތެރިން ގިނަ އިޓަލީ ޓީމުގައި އެފަހަރު ޓޯޓޯ ޝިލާޗީ ވެސް ހުރި. އެ މުބާރާތާއެކު އޭނާ ވިދާލީ ކިހިނެތް؟

ޕަލިއުކާ: ރަނގަޅު. ނުދަންނަ ކުޅުންތެރިއެއްގެ ގޮތުގައި ހުރެފައި އޭނާވީ އައިކަން އަކަށް. އޭނާ ހުރީ ވަރަށް އުފާވެފައި. އަހަރެން ވެސް އޭނާއާ މެދު ވަރަށް އުފާކުރިން. މުބާރާތް ފެށިއިރު އޭނާ އަށްވުރެ މާމޮޅު ފޯވަޑުން ޓީމުގައި ތިބި. ޖިއާން ލޫކާ ވިއާއްލީ އާއި ރޮބާޓޯ ބާޖިއޯ އާއި ރޮބާޓޯ މަންޗިނީ އާއި އަންދްރެއާ ކަރްނެވާލާ އާއި އަލްޑޯ ފަދަ ކުޅުންތެރިން ތިއްބައި އޭނާ ވިއާލީގެ މަގާމު އަތުލައި ފުރަތަމަ 11 އަށް އެރި. ސިލާޗީ ވަރަށް ހިތްތިރި ކުޅުންތެރިއެއް. އޭނާ މޮޅު ކުޅުންތެރިއަކަށް ބަދަލުވިތަން ވަރަށް ގާތުން ފެނުނު.

94ގެ ވޯލްޑްކަޕުގެ ސެމީ ފައިނަލުގައި ޕެނަލްޓީ ޖެހުމުގެ ކުރިން މަރަޑޯނާ (ކ) އާއި އިޓަލީގެ ކެޕްޓަން އަދި ރެފްރީ މަޝްވަރާކުރަނީ - ފީފާ

ސެމީ ފައިނަލުގައި އިޓަލީ ކުޅުނީ މަރަޑޯނާގެ އާޖެންޓީނާއާ ދެކޮޅަށް ނަޕޯލީގެ ދަނޑުގައި. އެ ދުވަސް ސިފަކުރަނީ ކިހިނެތް؟

ޕަލިއުކާ: އަހަރެން ހަނދާން އެބަހުރި އެދުވަހު ހިނގި ހުރިހާ ކަމެއް. އަހަރެންގެ ރޫމް މޭޓަކީ ރޮބާޓޯ ޑޮނަޑޯނީ. އެކަމަކު އަހަރެން އެ ކޮޓަރީގައި ނުހުނަން. ސަބަބަކަށްވީ އޭނާ އަބަދު ގޮލްފް ބަލާތީވެ. އަހަރުމެން ދަނޑަށް ދާން ނުކުތްއިރު ޓީމަށް ސަޕޯޓަކުރަން އިޓަލީގެ އެތައް ބައިވަރު މީހުން މަގުތަކަށް ޖަމާވެތިބި. އެކަމަކު ނަޕޯލީގެ ސަޕޯޓަރުން ތާއީދު ކުރީ މަރަޑޯނާ އަށް. އަހަރުމެން ޓީމުގައި ނަޕޯލީގެ ކުޅުންތެރިން ވެސް ތިއްބައި އެމީހުން އެ އަމަލުވީ ބަލައިގަންނަން އުނދަގޫ ކަމަކަށް. އެކަމަކު މަރަޑޯނާ އަކީ އެމީހުންގެ އައިޑޮލް. އަހަރުމެންގެ ސަޕޯޓަރުންނެއް ކަމަކު އެމީހުންގެ އައިޑޮލްއާ ދެކޮޅަށް އިޓަލީ ކުޅެން ޖެހުން އެމީހުންނަށް ބަލައިނުގެވުނު.

އަހަރުމެން އެ މެޗުގެ ބޮޑުބައި ކޮންޓްރޯލްކުރިން. އާޖެންޓީނާއިން ކަނީޖިއާ ގޯލް ޖެހުމުން އަހަރުމެންނަށް ވަރަށް އަސަރުކުރި. އެކަކު މަދުވުމުން އެމީހުން މަސައްކަތް ކުރީ ޕެނަލްޓީއަށް ދާން. އެކަން އެހެންވާނެ. ސަބަބަކީ އެމީހުންގެ ހުރީ މޮޅު ގޯލްކީޕަރެއް. ޕެނަލްޓީއަށްދިޔައިރު ވެސް ފެވަރިޓުންނަކީ އަހަރުމެން. އަމިއްލަ ގައުމުގައި، އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅޭތީވެ. އަހަރުމެންގެ ޑިފެންސް ވެސް ވަރުގަދަ. މިހެންވީމަ އަހަރުމެން ބަލިވާންވީ ކީއްވެހޭ އެންމެންވެސް ހިތަށްއެރި. އެކަމަކު ވެސް އަހަރުމެން މަޑަޑޯނާ ދެކެ ޖެހިލުންވި. އޭނާ ޕެނަލްޓީ ކާމިޔާބުކޮށްގެން އަހަރުމެން 4-3އިން ބަލިވީ.

ޖިއާން ލޫކާ ޕަލިއުކާ ޕެނަލްޓީއެއް ދިފާއު ކުރަނީ - ފީފާ

އެއިރު ކީޕަރުން ޕެނަލްޓީ ޖަހާގޮތް ދިރާސާ ކުރޭތަ؟ އެއިރު އަމަލުކުރަނީ ކިހިނެތް؟

ޕަލިއުކާ: ތެދެއް. އަހަރުމެން އިދިކޮޅު ކުޅުންތެރިން ޖަހާގޮތް ބަލައި ނުހަދަން. ކޯޗަށް އެނގޭނީ ޕެނަލްޓީ ޖަހާނެ މީހުން. އެކަމަކު މަރަޑޯނާއާ ދެކޮޅަށް ކުރާނީ ކޮންކަމެއް؟ އޭނާ އަކީ އަބަދު އެއްތަނަކަށް ޖަހާ ކުޅުންތެރިއެއްނޫން. ފަހު ސިކުންތުގައި އޭނާގެ ކަކޫ ގޮތަކަށް އަނބުރާލާފައި ޖަހާއިރު ކީޕަރަށް ވާނުވާ ވެސް ނޭނގޭ. އެކަމަކު މިހާރު އެހުރިހާ ކަމެއް ބަދަލުވެއްޖެ. މިހާރު ހުރިހާ ކަމެއް އެހުންނަނީ ދިރާސާކޮށްފައި. ބޯ ފެންފުޅީގައި ލިޔެފައި ކީޕަރަކަށް އެހުންނަނީ ހުރިހާ އެއްޗެއް ކިޔާދީފައި. މިހާރު ޓެކްނޮލޮޖީ ކުރިއަރައިފި. އަހަރެން ވެސް އެއްފަހަރު މިކަން ކުރިން އިޓާލިއަން ލީގުގައި. އެކަމަކު ޖަހަން އަންނަނީ ތަފާތު މޮޅު ކުޅުންތެރިން.

ޖިއާން ލޫކާ ޕަލިއުކާ ރޮމާރިއޯ (11) އަތުން ބޯޅަ ހޯދަން ވެއްޓި ގަންނަނީ - ފޯބްސް މަޖައްލާ

މޮޅު އެތައް ފޯވަޑުންނާއެކު އެއް ޓީމެއްގައި ކުޅުނުއިރު އެމީހުންގެ ގުޅުން ދަނޑުމަތީގައި ކިހިނެތް؟

ޕަލިއުކާ: އަހަރެން ކުޅުނުއިރު އިޓަލީގައި އޮތީ މިހާތަނަށް އުފެދުނު އެންމެ މޮޅު ފޯވަޑް ލައިން. ތަފާތު މިޖާޒުގެ ކުޅުންތެރިން ތިއްބަސް އެންމެންވެސް އަނެކާ ބަލައިގަނޭ. އިހްތުރާމްދޭ. އެމީހުންނަކީ ގާތްގަނޑަށް އެއް އުމުރެއްގެ މީހުން. މިހެންވެ ދަނޑުބޭރުގައި ވެސް އެމީހުންގެ ވަރަށް ގުޅިގެން އުޅޭ. އެމީހުން ވަރަށް މަޝްހޫރުވެސްމެ. މިކަމާ އަހަރުމެން ޖެލަސްވޭ. އެކަމަކު ޓީމު މޮޅުވަނީ އެމީހުންނާހެދި. އެއިރު އިޓަލީގައި އޮތް ފޯވަޑް ލައިން ނަގާފައި އަހަރެން މިސާލަކަށް ނަގާނެ ބަޔަކުނެތް. މިސާލަކަށް ބުނާނަމަ ސެމްޕްޑޯރިއާގައި އަހަރުމެންނަށް ލީގު ޗެމްޕިއަންކަން ނުލިބުނީސް މޮޅު ފޯވަޑް ލައިނެއްނެތްނަމަ.

1990ގެ ވޯލްޑްކަޕުގައި އިޓަލީގެ ޓީމުގައި ހިމެނުމަކީ ކިހާބޮޑު ކުރިއެރުމެއް.

ޕަލިއުކާ: އޭގެ ސަބަބުން އަހަރެންނަށް ވަރަށް ބޮޑު އިތުބާރެއް ލިބުނު. އަހަރެންނަކީ އެއިރު ތިން ވަނަ ކީޕަރު. އަހަރެންނަށް އެނގޭ އަހަރެންނަށް ކުޅުމުގެ ފުރުސަތު ނުލިބޭނެކަން މޮޅު ދެ ކީޕަރު ތިބުމުން. އަހަރެންނަށް އެއިރު 23 އަހަރު. ޒެންގާ އާއި ޓަކޯނީ އެމީހުންގެ ޕީކްގައި. އަދި އެއިރު އިޓާލިއަން ލީގުގައި އަހަރެން ކުޅެން ފެށިތާވީ އެންމެ ދެ އަހަރު. އެއިރު ވާދަވެރިކަން ވެސް އޮވޭ. އެކަމަކު މިހާރު މިކަންކަން ބަދަލުވެއްޖެ. ލީގުގައި އެންމެ ތިން މެޗު ކުޅޭ ކީޕަރަށް ވެސް ގައުމީ ޓީމުން ޖާގަދޭ. ވޯލްޑްކަޕަކީ މުޅިން އެހެން ލެވެލްއެއް. ވޯލްޑްކަޕް ޓީމެއްގައި އުޅުމަކީ ވެސް ވަރަށް ބޮޑު ކުރިއެރުމެއް.

ޖިއާން ލޫކާ ޕަލިއުކާ އާއި ކޯޗު މަލްޑިނީ (ކ) - ފީފާ

ކޯޗު ސެޒާ މަލްޑިނީއާ 1998ގެ ވޯލްޑްކަޕުގައި ގުޅުން ކިހިނެތް؟

ޕަލިއުކާ: މަލްޑިނީ އަކީ މޮޅު މީހެއް. މެޗުގެ ކުރިން ޕިއްޒާ އާއި ޓޯސްޓާއި ކޮކާކޯލާ ބޯން އޭނާ ފުރުސަތު ދޭނެ. މިއީ އަރިގޯ ސާޗީއާއެކު އަހަރުމެން ކުރި ތަޖުރިބާއާ މުޅިން ތަފާތު ކަމެއް. ސާޗީ އަހަރުމެން ގެންގުޅުނީ މިލިޓަރީ ބައެއް ފަދައިން. މަލްޑިނީ ދިޔައީ މެޗުގެ ކުރިން އަހަރުމެން ބޭނުން އެއްޗެއް ކާން ފުރުސަދެމުން. މީގެ ސަބަބުން ކުރީ ދެ ވޯލްޑްކަޕަށްވުރެ އަހަރުމެން ވަރުގަދަވި. (ޗެމްޕިއަންކަން ހޯދި) ފްރާންސް އަތުން އަހަރުމެން ބަލިވެގެން ކެޓިޔަސް ޓީމުގެ ރޫހު އޮތީ ވަރަށް ރަނގަޅަށް.

98އަކީ ޕަލިއުކާގެ ތިން ވަނަ ވޯލްޑްކަޕް. އެ މުބާރާތުގައި އަދާކުރި ރޯލަކީ ކޮބާ؟

ޕަލިއުކާ: އަހަރެންނަށް އެ ފަހަރު ޓީމުން ޖާގަ ދިނީ ނުކުޅެ ގިނަ ދުވަސްތަކެއްވި ފަހުން. ކޯޗު އަހަރެންނަށް ފުރުސަތުދިނީ އަހަރެންގެ ކެރެކްޓާގެ ސަބަބުން. އޭނާ އަހަރެން ނެގިއިރު ވެސް ބުނި ކުޅުވާނީ ކީޕަރު ޕެރޫޒީ ލައްވައޭ. މިހެންވެ އަހަރެން ޓީމުގައި އުޅުނީ ތަޖުރިބާކާރު ކީޕަރެއްގެ ގޮތުގައި ނުކުޅެވޭނެ ކަން އެނގިގެން. އެހެން ހުއްޓާ ޕެރޫޒީ އަށް މުބާރާތުގެ ހަފުތާއެއްކުރިން އަނިޔާވެ އަހަރެން ކުޅެން ޖެހުނީ. ފުރުސަތު ލިބުމުން އަހަރެން ހިތަށްއެއީ އަހަރެންގެ ފުރުސަތޭމިއީ. އެއީ އަހަރެންގެ އެންމެ ރަނގަޅު ވޯލްޑްކަޕަށް ހެދުނު. ފަބިއަން ބާތޭޒާއި ޕީޓަ ޝުމައިކަލްއާއެކު މުބާރާތުގެ އެންމެ މޮޅު ތިން ކީޕަރުންގެ ތެރޭގައި އަހަރެން ހިމެނުނު.

ޖިއާން ލޫކާ ޕަލިއުކާ - ފީފާ

2014ގެ ފަހުން އިޓަލީ ވޯލްޑްކަޕަށް ކޮލިފައިނުވޭ. މި ފަޅުކަން އަންނަނީ ކީއްވެ؟

ޕަލިއުކާ: އެއީ ރަނގަޅެއް. 1994ގެ ވޯލްޑްކަޕަށް ފަހު މުޅި ދުނިޔެ އަށް އަހަރެން އެނގުނު. މިހެންވީމާ މިފަދަ ހުސްކަމެއް އަންނަނީ ކޮންމެވެސް ކަމެއް ގޯސްކޮށް ކުރެވޭތީވެ. މިއީ ލިބޭ ފުރުސަތެއް އެކަންކަން ރަނގަޅު ކުރަން. މިހާރުގެ ކޯޗު ލޫސިއާނޯ ސްޕަލެއްޗީ އެކުރާ މަސައްކަތް ރަނގަޅު. ޓީމެއްގެ ގޮތުގައި ކަމެއް ފަށައިގަންނަން އުޅޭތަން އެބަފެނޭ.

އިޓަލީގެ ކުރިމަގުގެ އެއްވަނަ ކީޕަރަށްވާނީ ކާކު؟

ޕަލިއުކާ: މިހާރުގެ އެއްވަނަ ކީޕަރު ޑޮނަރޫމާ އަކީ މޮޅު ކީޕަރެއް. އޭނާ އަކީ އަހަރެން ފަދަ ކީޕަރެއް. އޭނާ އަކީ މޮޑާން ކީޕަރެއް. އޭނާ އަހަރެންނަށްވުރެ ވެސް ދިގު. ފިޒިކަލީ މާ ރަނގަޅު. ޑޯނަރޫމާއާ އެއްފަދަ ކީޕަރުންނަށް ތިބީ އާޖެންޓީނާގެ ކީޕަރު އެމެލިއާނޯ މާޓިނޭޒާއި ޖޭން އޮބަލަކް. ކުރިއަށް އަހަރުތަކެއްގައި އޭނާ އަދި މޮޅަށް ކުޅޭނެ.