ކ. މާލެ
|
16 ޖެނުއަރީ 2024 | އަންގާރަ 18:37
ފެނަކައިން މުވައްޒަފުން ކަނޑާލުން
ފެނަކައިން މުވައްޒަފުން ކަނޑާލުން
ފެނަކައިން މުވައްޒަފުން މަދުކުރުން
"އިންޒާރަކާނުލައި ވަޒީފާއިން ކަނޑާލިއިރު އަނބިމީހާ އިނީ ބަލިވެ، ހުރީ ބަލި ބައްޕައެއް!"
 
ފެނަކައިން އެއްފަހަރާ ގިނަ އަދަދަދެއްގެ މުވައްޒަފުން ކަނޑާލީ މަސައްކަތް ކުރިއަށް ނުދާތީކަމަށް ވަނީ ބުނެފައި
 
ކުމުންދޫން 7 މުވައްޒަފުން ވަނީ ކަނޑާލާފައި
 
ދިއްދޫން އެކަނިވެސް 50ށްވުރެ ގިނަ މީހުން ވަނީ ކަނޑާލާފައި

ކުއްލިއަކަށް އައި ލިއުމަކާއެކު، ފެނަކައިގެ ގިނަ އަދަދެއްގެ މުވައްޒަފުން އެއްފަހަރާ ކަނޑާލުން ވެގެން ދިޔައީ އެތައް އާއިލާއެއް ބިކަކޮށްލި ކަމަށެވެ. ވަކިކުރި މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ކޮންޓްރެކްޓް މުވައްޒަފުން ކަމަށްވާއިރު، ސަރުކާރުން ބުނަނީ ކުރާނެ މަސައްކަތެއް ނެތި، މަސައްކަތް ހުއްޓިފައި ހުރުމުން މުވައްޒަފުން ކަނޑާލީ ކަމަށެވެ. އެހެންނަމަވެސް އެ މުވައްޒަފުންނާމެދު އަމަލުކުރި ގޮތުން އެ މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް އިންތިހާއަށް ބޮޑެވެ.

ރިޔާސީ ކެމްޕޭންގެ ފުރަތަމަ ދުވަހުވެސް މި ސަރުކާރުން ދެއްކި ވާހަކައަކީ އެއްވެސް އާއްމު މީހަކު ވަޒީފާއިން ނުކަނޑާނެ ވާހަކައެވެ. ރައީސްވެސް އެހެން ބޭފުޅުން ވެސް ތަކުރާރުކުރެއްވި ވާހަކައަކީ އެއެވެ. އެހެންނަމަވެސް ކަން ވެގެން ދިޔައީ އެހެނެއް ނޫނެވެ. ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ވެރިކަމަށް އައި ފުރަތަމަ ހަފުތާގައި ވެސް ފެނަކައިގެ ބައެއް މުވައްޒަފުންނަށް ގޭގައި މަޑުކޮށްލަން އެންގިއެވެ. އޭގެތެރޭން ބައެއް މީހުންނަށް ފަހުން މަސައްކަތަށް ނުކުންނަން ވަނީ އަންގާފައެވެ.

ވަކިކޮށްފައިވާ މުވައްޒަފުން މިހާތަނަށް މަސައްކަތްކުރަމުން އައީ ކޮންޓްރެކްޓް އާކުރާ ގޮތަށް، ތަފާތު އެކި ޕްރޮޖެކްޓްތަކުގައި ކަމަށް އެ މުވައްޒަފުން ބުނެއެވެ. ކަނޑާލާފައިވާ މުވައްޒަފުންގެ ތެރޭގައި އެންމެ ގިނައީ ހއ. ދިއްދޫގައި މަސައްކަތްކުރާ މީހުންނެވެ. އަދި ހދ. ކުމުންދޫން ވެސް ބައެއް މުވައްޒަފުން ވަނީ ވަކިކޮށްފައެވެ. އެގޮތުން ދިއްދޫން 50އަށްވުރެ ގިނަ މުވައްޒަފުން ކަނޑާލާފައިވާއިރު، ކުމުންދޫން 7 މުވައްޒަފުން ވަނީ ކަނޑާލާފައެވެ. އެނގިފައިވާގޮތުން، ކަނޑާލާފައިވާ މުވައްޒަފުންގެ ތެރޭގައި އެގްރީމެންޓް ހަމަވެފައިވާ މުވައްޒަފުންނާއި، އެގްރީމެންޓް ހަމަނުވާ މުވައްޒަފުންވެސް ހިމެނެއެވެ. ގިނަ އަަދަދެއްގެ މުވައްޒަފުން އެއްފަހަރާ ފެނަކައިން ކަނޑާލާފައިވާއިރު، އެކަމާގުޅޭ ބަހެއް ހޯދާލުމަށް ފެނަކައާ ގުޅުމަށް ކުރި މަސައްކަތް ވަނީ އަދި ކާމިޔާބު ވާގޮތް ނުވެފައެވެ. އެހެންނަމަވެސް މިކަމާމެދު ފެނަކައިގެ އެމްޑީ ވަނީ ޓްވީޓެއް ކުރައްވާފައެވެ.

ވަޒީފާއިން ވަކިކޮށްފައިވާ އެކަކު ބުނީ އެ މީހުން ވަކިކުރަން އެންގީ އެއްވެސް އުސޫލެއް ނެތި ކަމަށް ގަބޫލުކުރާ ކަަމަށެވެ. އަދި ކުއްލިއަކަށް ވަޒީފާއިން ވަކިކުރުމުން މުޅި އާއިލާ ބިކަވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އަޅުގަނޑު އެތާ ނެތަސް ކޮންމެވެސް މަސައްކަތެއް ކޮށްގެން ކައިގެން ބޮއިގެން އުޅޭނީ. މިހެން ކަންކަން ކުރާނެއޭ ކާކު ހިތަށް އަރާނީ؟ ރޭ ދަންވަރު އެ އެންގީ ކަނޑާލަން. ކުރިން އަޅުގަނޑުމެންނަކީ ސޮއިކުރާ މީހުން. މި ހަފުތާގަ މާލޭ އޮފީހުން އެންގި ފިންގަރ ޖަހަން. މިއަދު ދިޔައިމަ މި ބުނަނީ ތި ތިބީ ކަނޑާލާފައޭ. މިތާ އެބަ ތިބި އެގްރިމެންޓް ހަމަވެފަ ތިބި މީހުން. އެކަމަކު އަޅުގަނޑުގެ ހަމައެއްނުވޭ އަދި. އަބަދުވެސް މިދިޔަ ދެ އަހަރުވެސް އާކުރޭ. ވާހަކައެއްވެސް ނުދައްކާ މިހަލަ. ވަރަށް ފީކަޅާ ކަމެއް މީ ވަރަށް.
ކަނޑާލާފައިވާ މުވައްޒަފެއް

ރާއްޖެ ޓީވީއާ ވާހަކަދެއްކި އެހެން މީހަކު ބުނީ، ކުއްލިއަކަށް އޭނާގެ ވަޒީފާ ގެއްލުމުން ހުރީ ޝޮކެއްގައި ކަމަށެވެ. އާއްމު މީހަކު ބަނޑުފުރާނަ މުއްތިކުރަން އަދާކުރާ ވަޒީފާއެއް، ދުވަހުގެ އިރުއޮއްސޭއިރު ގެއްލުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ނުދެކޭކަަމަށް އޭނާ ވަނީ ބުނެފައެވެ. މިހާތަނަށް އެ މުވައްޒަފުން މަސައްކަތް ކުރަމުން އައީ ކޮންޓްރެކްޓް އާ ކޮށްދޭގޮތަށް ކަމަށް ވާއިރު، ކޮންޓްރެކްޓް އާނުކުރާނެކަން އަންގާފައި ނުވާކަމަށާއި، މުވައްޒަފުން ކަނޑާލީ ކުއްލިއަކަށް ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެކަމާ ގުޅިގެން، ދިއްދުއާއި ކުމުންދޫގައި އެ މުވައްޒަފުން ވަނީ ނުރުހުން ފާޅުކޮށް މުޒާހަރާވެސް ކޮށްފައެވެ.

މުޒާހަރާ ވެސް ކުރާނަން. އަޑުގަދަ ވެސް ކުރާނަން. މީ އާއްމު މީހުންނާމެދު ކަންކަން ކުރަން ހެޔޮވާ ގޮތެއް ނޫން. ދެން ސަރުކާރަށް ރީތި ބަހަނާއެއް ދެއްކިދާނެ. އަޅުގަނޑަކީ ފެށުނީއްސުރެ މުއިއްޒަށް ތާއީދުކުރި މީހެއް. އެކަމަކު ދެނެއް ނުކުރާނަން. އަހާވެސް ނުލައޭ އިނގޭތޯ މިވަރު ކަމެއް މިކުރީ.
ވަޒީފާއިން ކަނޑާލާފައިވާ މީހެއް

ވަޒީފާއިން ވަކިކުރި އިތުރު މީހަކު ބުނީ މިއީ އޭނާއާއި އާއިލާއަށް ލިބުނު ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ. އޭނާއަކީ ބަލި ބައްޕައެއް ހުރި މީހެއް ކަމަށާއި، އޭނާގެ އަނބިމީހާ އިނީ ވިހަން ކައިރިވެފައި ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭނާ ބުނީ އަބަދުވެސް ކޮންޓްރެކްޓް އާކުރަމުން އައުމުން، މަސައްކަތްތައް ނުނިމެނީސް ވަކިކުރާނެ ކަމަށް އެއްވެސް މީހެއްގެ ވިސްނުމުގައި ނެތް ކަމަށެވެ.

މުއިއްޒު ބުނާހެން، ފަތިސް ނަމާދުކޮށްގެން ދިޔައިމަ މި ދިނީ ވަކިކުރިކަމުގެ ސަރޕްރައިޒް. މުސާރައެއް ނުލިބޭނެ، އެގްރިމެންޓް ހަމަ ވަނީ އަންނަ ރޯދަ މަހުގެ ވެސް ފަހަށް. ދެން ކިހިނެއްތޯ އެނގޭނީވެސް. ހަމަނުވާ މީހުން ގިނައީ މީގަ. އަދި 6 މަސް ދުވަސް މަސައްކަތް ކުރިއަސް ކުރާނެ މަސައްކަތް އެބަހުރި. 50 އާއިލާ އެ ބިކަކޮށްލީ. އަޅުގަނޑުގެ ކުދިން އެބަ ތިބި. ބަލި ބައްޕައެއް. މާލެ ދާން ޖެހިފަ އަނެއްކާ މި ހުރީ. މީ ވަރަށް ދެރަ ކަމެއް. އަޅުގަނޑަކަށް ނުދޭ އިންޒާރެއް ވެސް.
ވަޒީފާއިން ވަކިކުރި މީހެއް

ފެނަކައިން އެއްފަހަރާ ގިނަ އަދަދަދެއްގެ މުވައްޒަފުން ކަނޑާލާފައިވާއިރު، އެކަމާމެދު އަދި ފެނަކައިން އެއްވެސް އެއްޗެއް ނުބުނެއެވެ. މީގެ ކުރިން ހއ. ހޯރަފުށިން ވެސް ފެނަކައިން ބަޔަކު ކަނޑާލިއެވެ. ނަމަވެސް ފަހުން އެ މީހުން ވަނީ އަލުން ވަޒީފާއަށް ނެރެފައެވެ. ހއ. ދިއްދޫ ފެނަކަ މުވައްޒަފުންގެ ކޮންޓްރެކްޓް އައުނުކުރުމަށް ނިންމީ މަސައްކަތް ހުއްޓިފައި އޮތުމުން ކަމަށް ފެނަކައިން ވަނީ ބުނެފައެވެ. ނަމަވެސް ކޮންޓްރެކްޓް ހަމަނުވާ މުވައްޒަފުން ވެސް ވަކިކޮށްފައިވާކަން، ރާއްޖެ އެމްވީއަށް ލިބިފައިވާ ލިޔުންތަކުން އެނގެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
20%
0%
20%
60%
0%
0%
ކޮމެންޓް