ކ. މާލެ
|
1 ޖެނުއަރީ 2024 | ހޯމަ 07:14
އެފްއޭއެމްގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މެންބަރު އަޙުމަދު ޠާރިޤް (ޓޮމް)
އެފްއޭއެމްގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މެންބަރު އަޙުމަދު ޠާރިޤް (ޓޮމް)
ސަން އޮންލައިން
އެފްއޭއެމް
ޓޮމްގެ ވަރުގަދަ މެސެޖެއް!
 
ޓޮމް ވިދާޅުވެފައި ވަނީ، އެފްއޭއެމަށް އަރާފައިވާ ވިގަނީގެ ކަންކަން ނުނިމެނީސް މިފަހަރު ހުއްޓާލުމެއް ނޯންނާނެ ކަމަށް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބުގައި އެ އެސޯސިއޭޝަންގެ ރައީސްކަމަށް ވާދަކުރައްވާ އަޙުމަދު ޠާރިޤު (ޓޮމް) ވަރުގަދަ މެސެޖެއް ދެއްވައިފި އެވެ.

އަންނަ ޖަނަވަރީ މަހުގެ އެއް ވަނަ ދުވަހު ބާއްވަން މަސައްކަތް ކުރަމުން އަންނަ އިންތިޚާބުގައި ވާދަކުރެއްވުމަށް އެންމެ ފުރަތަމަ ފޯމު ހުށަހެޅުއްވީ ވެސް ޓޮމް އެވެ. އޭގެ ފަހުން، ކުލަބު އީގަލްސްގެ ވައިސް ޗެއާމަން އަދި މިހާރު ވެސް އެފްއޭއެމްގެ ހިންގާ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މުފާވިޒް ހާޝިމް (މުފާ) ވެސް ވަނީ އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވައިފަ އެވެ.

އިންތިޚާބުގައި ވާދަކުރެއްވުމަށް ދެ ބޭފުޅުން ވެސް ފޯމު ހުށަހެޅުއްވިއިރު، ދެ ބޭފުޅުންގެ އަތުގައި ވެސް ކުލަބު ވެލެންސިއާގެ ތާއީދު ސިޓީ އޮތެވެ. ނަމަވެސް، ވެލެންސިއާ އިން ވަނީ އެ ކުލަބުގެ ތާއީދު އޮތީ ޓޮމް އަށް ކަމަށް އިއުލާންކޮށްފަ އެވެ. އަދި ވެލެންސިއާގެ ނަމުގައި ދައުރު ކުރަމުން ދަނީ އެއްވެސް އަސްލެއް ނެތް ސިޓީއެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެކަން ޔަޤީން ކޮށްދެއްވުމުގެ ގޮތުން، ޓޮމް ފޯމު ހުށަހެޅުއްވިއިރު، އެ ކުލަބުގެ ޗެއާމަން އަބްދުﷲ އަޒްމީން ވަނީ ޓޮމްގެ އަރިހުގައި ވަޑައިގެންފަ އެވެ.

މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައި ޓޮމް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވައިފަ އެވެ. އެ ޕޯސްޓުގައި ޓޮމް ވިދާޅުވެފައި ވަނީ، އެފްއޭއެމަށް އަރާފައިވާ 'ވިގަނީގެ' ކަންކަން ނުނިމެނީސް މިފަހަރު ހުއްޓާލުމެއް ނޯންނާނެ ކަމަށެވެ. އަދި ވެލެންސިޔާގެ ތާއީދު ސިޓީ ފޯޖްކޮށްގެން ހުށަހަޅާފައިވާ މައުލޫމަތު ލިބިވަޑައިގެންފައިވާ ކަމަށާއި، ކުލަބު ވެލެންސިއާގެ ފަރާތުން އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީއަށް ވެލެންސިޔާގެ ސްޓޭންޑް ހާމަކޮށް ފޮނުވާ ސިޓީ ފޮނުވާފައިވާ ކަމަށް ވެސް ޓޮމް ވިދާޅުވި އެވެ. އެ ޕޯސްޓުގައި ޓޮމް ވަނީ އެ ސިޓީގެ އިތުރުން، ވެލެންސިއާގެ ޗެއާމަންގެ ގޮތުގައި އަޒްމީންގެ ނަން ޤަބޫލުކުރާ ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް އަޙުމަދު ޠަލާލް ފޮނުވާފައިވާ ސިޓީ ބެސް ހިމަނުއްވައިފަ އެވެ.

އެފްއޭއެމްގެ އިންތިޚާބު އަންނަ މަހު ބާއްވަން ނިންމި ނަމަވެސް، އެ އިންތިޚާބުގެ ކަންކަން މަޑުޖައްސާލުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް އަޙުމަދު ޠަލާލް ވަނީ އެފްއޭއެމަށް އަންގަވައިފަ އެވެ. އެހެން ނަމަވެސް، އެފްއޭއެމުން ބުނެފައި ވަނީ އިންތިޚާބުގެ ކަންކަން މަޑުޖައްސާ ނުލާނެ ކަމަށާއި، އެ ޠާރިޚުގައި އިންތިޚާބު ބޭއްވުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އިންތިޚާބު މަޑުޖައްސާލުމަށް ކޮމިޝަނުން އަންގާފައި ވަނީ، އެފްއޭއެމުން އިޖުރާއަތްތަކާ ޚިލާފަށް ކަންތައްތަކެއް ކޮށްފައިވާތީ އެވެ.

އެފްއޭއެމްގެ އިންތިޚާބުގެ ކަންކަން ހޫނުވެފައިވާ ވަގުތެއްގައި ޓޮމް ކުރެއްވި ޕޯސްޓަކީ އޭނާއާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކަށް ދިން ވަރުގަދަ މެސެޖެއް ކަމަށް ބެލެވެ އެވެ.

ޓޮމް އަކީ މީގެ ކުރިން ވެސް އެފްއޭއެމްގެ ރައީސްކަމުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އެފްއޭއެމްގެ ރައީސް ކަމަށް ޓޮމް އިންތިޚާބުކޮށްފައި ވަނީ 2016 ވަނަ އަހަރު އެވެ. ނަމަވެސް އޭގެ މަދު ދުވަސްކޮޅެއް ފަހުން ޓޮމްގެ ހިންގާ ކޮމެޓީގެ ގިނަ މެންބަރުންތަކެއް އިސްތިއުފާ ދެއްވުމާއެކު، އެފްއޭއެމްގެ އައު އިންތިޚާބެއް ބާއްވަން ޖެހުނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
50%
50%
0%
ކޮމެންޓް