ކޮޓަރި ތެރެއަށް ވަދެގަތް ސިފައިން އެ އައި ގޮތަށް، ހުރިހާ އެންމެންގެ ގަޔަށް ބަޑިޖެހީ


ނިރުބަވެރި އިސްރާއީލުން މުޅި އާއިލާ މަރާލިތަން ދެކުނު ކާފަ
ޣައްޒާގެ އެތައް ބަޔަކު ވަގުތީ ގޮތުން ހިޔާވަހިކަން ހޯދަމުން ދިޔަ ސްކޫލު ޢިމާރާތުގެ ތެރެއަށް، ޔަހޫދީ އިޒްރޭލުގެ ނިރުބަވެރި އަސްކަރީ ސިފައިން ވަދެގަނެގެން ދިޔައިރު ޔޫސުފް ޚަލީލު އޮތީ އޭނާގެ ޢާއިލާއާ މާ ދުރު ނޫން ހިސާބެއްގައި ނިދިފައެވެ. ސްކޫލު ތެރެއަށް ވަދެގަތް ނިރުބަވެރިން ޙަމަލާތައް ދޭން ފެށީ އެޔެއް މިޔެއް ބެލުމެއް ނެތިއެވެ. އެ ޢުދުވާންތަކުގައި އެ ކަނިވެސް 9 މީހެއްގެ ފުރާނަ ދުއްވާލިއެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ. އެ ވާހަކަތައް ކިޔައި ދެމުން ޚަލީލު އިޝާރާތް ކުރީ ވަޒަންތަކުން ފޫ އަޅުވާފައިވާ ފާރަކަށެވެ. މުޅި ފާރުގައި ލޭގެ އަސަރު އޭރުވެސް ހުއްޓެވެ.
ޚަލީލު އެ ކިޔައިދޭ ހާދިޘާއަކީ، ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުން ރަހީނު ކުރި އިޒްރޭލުގެ 3 މީހެއްގެ މަރަށް ފަހު ޔަހޫދީން ހިންގި ޖަރީމާއެކެވެ. އެ ހާދިޘާގެ ކަންކަން ބަލަމުން ދާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. މިއާއެކު ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޖަރީމާތަކުގައި ޢާންމުންނަށް އޮތް ނުރައްކަލުގެ ބޮޑު ކަން، ބައިނަލްއަޤުވާމީ މުޖުތަމަޢަށް ވަނީ އިތުރަށް ސާފުވެސްވެފައެވެ.
ޚަލީލު ބުނި ގޮތުގައި އޭނާގެ ޢާއިލާއާ އެކު، ޖަބާލިއާ ރެފިއުޖީ ކޭމްޕުގެ ޝާދިއާ ސްކޫލުގައި ވަގުތީ ހިޔާވަހިކަން ހޯދަން ފެށީ ޑިސެމްބަރު މަހުގެ ކުރީކޮޅުގައެވެ. ޖަބާލިއާއަކީ މި އަހަރުގެ އޮކްޓޯބަރުން ފަށައިގެން އެ ސަރަޙައްދު ދޫކޮށް ދިއުމަށް އިސްތިޢުމާރީ އިޒްރޭލުން ޢަމުރު ނެރެފައި އޮތް ސަރަޙައްދެކެވެ. ނަމަވެސް އެއީ ޤާނޫނީ ކޮން ހައިސިއްޔަތެއް އޮވެގެން ނިރުބަވެރިން ނެރުނު ޢަމުރެއް ހެއްޔެވެ؟
ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ އިޒްރޭލުގެ ސިފައިން ސްކޫލު ތެރެއަށް ވަދެގެން އައި އިރު، އެ ޢާއިލާގެ ހަގު 2 މެންބަރަކު ތިބީ ހޭލައެވެ. ކޮޓަރި ތެރެއަށް ވަދެގަތް ސިފައިން އެ އައި ގޮތަށް، ހުރިހާ އެންމެންގެ ގަޔަށް ބަޑިޖެހީއެވެ.
ޖަބާލިއާގައި އިޒްރޭލުގެ އަސްކަރިއްޔާއިން ހިންގި ރެއިޑެއްގެ ތެރޭގައި ހިންގި އެ ޖަރީމާގައި ފުރާނަ ސަލާމަތް ވި މީހުންނަށް ވަކި ލުޔެއް ނުލިބުނެވެ. ފުރާނަ ސަލާމަތްވި މީހުންގެ ތެރެއިން ބަޔަކު ހައްޔަރު ކޮށްފައި ވާ އިރު، ކިރިޔާވެސް ސަލާމަތެއް ލިބުނީ ފިލައިގެން ދެވުނު މީހުންނަށް އެކަންޏެވެ.
ހާދިޘާގައި ފުރާނަ ސަލާމަތްވި މީހުން އަނބުރާ ސްކޫލު ޢިމާރާތަށް އައީ އޭގެ ހަފުތާއެއް ފަހުންނެވެ. އޭރުވެސް، އެ މީހަކު އެ މަރުވި ތަނެއްގައި އެމީހެއްގެ ހަށިގަނޑު ކުނިވާން ދޫކޮށްލާފައި އޮތީއެވެ. ޑިސެމްބަރ 13 އަދި 15 ވަނަ ދުވަހާ ދެމެދު ރޮއިޓަރޒްއިން ރެކޯޑް ކޮށްފައި ވާ މަންޒަރުތަކަށް ބަލާއިރުވެސް އެކި ޢުމުރުގެ ޤަބުރުތައް ކުލާސްތަކުގެ ތެރޭގައި އޮއްވާ ފެނެއެވެ. ތަންމަތިތައްވެސް އޮތީ ލެއިން ފޯވެފައެވެ. ބިންމައްޗާ ދާދި ކައިރީގައިވެސް ވަޒަން އަރާފައި ހުރި ތަންތަން ހުއްޓެވެ.
ވަގުތީ ހިޔާވަހީގައި ހިންގި ޖަރީމާއާ ބެހޭ އިޒްރޭލު އަސްކަރިއްޔާއާ ސުވާލު ކުރުމުން، ނިރުބަވެރިންގެ ތަރުޖަމާނު ބުނީ، އެ ކަމުގެ މަސައްކަތްތައް ކުރަމުން ދާ ކަމަށެވެ. އެއީ ކޮން މަސައްކަތެއްގެ ވާހަކަ ކަމެއް ނޭނގެއެވެ.
ޙަމާސް ޖަމާއަތުގެ ވަސް، މި ބިންމަތިން ފޮހެލާނެ ކަމަށް ބުނެ، އޮކްޓޯބަރ 7 ވަނަ ދުވަހު އިޒްރޭލުން ޣައްޒާގައި ޤަތުލުޢާންމު ހިންގަން ފެށި ފަހުން އަދާ ޖެހުނު އިރު ޣައްޒާއިން 20000 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. ބައި ލައްކައަށް ވުރެ ގިނަ މީހުން ޒަޚަމްވެފައި ވާ އިރު މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އިޒްރޭލުގެ ޢުދުވާންތަކާ ގުޅިގެން ބައިނަލްއަޤުވާމީ ފެންވަރުގައި ފާޑުކިއުންތައް އަމާޒު ކުރި ކަމުގައި ވީ ނަމަވެސް، އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުންދާ މަންޒަރެއް ނުފެނެއެވެ. 2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާގައި 90 ޕަސެންޓަށް ވުރެ ގިނަ ޢަދަދެއްގެ ބަޔަކު މިއަދު ދިރިއުޅެމުން ދަނީ އަމިއްލަ ގެދޮރު ގެއްލިފައި ވާ ޙާލުގައެވެ. އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ތިބީވެސް ބަނޑަށެވެ. ސާފު ބޯފެން ހުސްވެ، މޫދު ލޮނު ބުއިން ނޫން ގޮތެއް ނެތެވެ. ކަރަންޓާއި ފެނާއި، އެނޫންވެސް ޒަރޫރީ ޚިދުމަތްތަކުން ޣައްޒާގެ ރަށްވެހިން ތިބީ މަޚްރޫމު ކޮށްފައެވެ.