ކ. މާލެ
|
18 ޑިސެންބަރ 2023 | ހޯމަ 07:03
އިންޑިއާއާއެކު ވެފައިވާ ކަނޑުގެ ދިރާސާކުރާ އެއްބަސްވުން އުވާލީ ޗައިނާއާއެކު ހެދި ޑީލެއްގެ ދަށުން ކަމަށް ބެލެވޭ
އިންޑިއާއާއެކު ވެފައިވާ ކަނޑުގެ ދިރާސާކުރާ އެއްބަސްވުން އުވާލީ ޗައިނާއާއެކު ހެދި ޑީލެއްގެ ދަށުން ކަމަށް ބެލެވޭ
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ދިވެހި އަސްކަރިއްޔާގެ ނިވަލުގައި، މި ސަރުކާރުން ކަނޑުގެ ސަރވޭ ހަދަން ދިނީ ޗައިނާއަށް؟
 
އިންޑިއާއެކު ވެފައިވާ ހައިޑްރޯގްރަޕީ އެއްބަސްވުން ނިމުމަކަށް ގެނައީ ޗައިނާއަށް އެ ފުރުސަތު ދޭންވެގެން
 
މާލެ ކައިރީގައި ޗައިނާގެ ދިރާސާކުރާ އުޅަނދު ބަނދަރުކުރުމަށް ހުއްދައަށްވެސް ވަނީ ހުށަހަޅާފައި
 
ކަނޑުގައި ދިރާސާކުރުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ ފަހުކޮޅާ ހަމައަށް

އަދުގެ ސަރުކާރުން އިސްކަންދޭ އެއްކަމަކީ ކުރީ ސަރުކާރުން އެހެން ގައުމުތަކާއެކު ވެފައިވާ ސިއްރު އެއްބަސްވުންތަކުގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާގޮތަށް ހުރި ނުކުތާތައް އުވާލުމުގެ މަސައްކަތް ފެށުމެވެ. މިއީ ވެރިކަމަށް އަންނަންވެގެން ވެސް މި ސަރުކާރުން ރައްޔިތުންގެ ލޮލުގައި އަޅުވަމުންދިޔަ އަނދުނެވެ. ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުން ފިޔަވައި ދެން އަޑަށް އެންމެ ބާރުލާފައި ދެއްކި ވާހަކައެވެ.

ސަރުކާރުން މީގެ ކުރިން ހާމަކުރައްވާފައިވާގޮތުގައި ސިޔާސީ ގުޅުންތަކާއި ގުޅޭ 100 އަށްވުރެ ގިނަ އެއްބަސްވުން މިިދިޔަ 5 އަހަރުގެ ތެރޭގައި އިންޑިއާއާއި ދިވެހިރާއްޖެއާއި ދެމެދު ގާއިމުކޮށްފައިވެއެވެ. އޭގެތެރެއިން އެއް އެއްބަސްވުމަކީ ރާއްޖޭގެ ކަނޑުތަކުގެ ސާރވޭކުރުމަށް ވެފައިވާ ހައިޑްރޮގްރަފީ ސަރވޭ އެއްބަސްވުމެވެ. ނަމަވެސް ހައިޑްރޯގްރަފީ ސަރވޭގެ އެއްބަސްވުން އަންނަ އަހަރުގެ ޖޫންމަހުގެ 7 ވަނަ ދުވަހަށް ހަމަވާތީ، އެ އެއްބަސްވުން ކުރިއަށް ގެންދަން ބޭނުންނުވާކަން 6 މަސް ދުވަހުގެ ކުރިން އެޤައުމަށް އަންގަން ޖެހޭތީ، އެ އެއްބަސްވުން އައު ނުކުރުމަށް މިސަރުކާރުން ނިންމަވައި އެކަން މިހާރު އިންޑިއާއަށް ވަނީ އަންގާފައެވެ. އެހެން ނޫންނަމަ އިތުރު ފަސް އަހަރަށް އެ އެއްބަސްވުން އައުވެގެންދެއެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށްގެންދާ ހައިޑްރޯގްރަފީ ސާރވޭ އެއްބަސްވުން ނިންމުމަކަށް ގެނެސް މި ސަރުކާރުން ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލާއި ދެންވެސް ހުރިކަމެއް ދަމަހައްޓަން މަސައްކަތް ކޮށްފިއެވެ. މިނިވަކަމަށް ބުރޫއަރާނަމަ އެކަމެއް ހުއްޓުވަންޖެހޭނެއެވެ. ނަމަވެސް ކަން އޮތީ އެހެން ހެއްޔެވެ. އެއީ ސުވާލެކެވެ.

އެންމެ ފަހުން މި ސަރުކާރާއި ގާތްގުޅުމެއް އޮންނަ ޗައިނާއެކު ހައިޑްރޯގްރަޕިކް ސަރވޭގެ މަސައްކަތް ކުރުމަށް ނިންމާފައިވާކަން މިވަނީ ހާމަވެފައެވެ. ރާއްޖޭގެ ކަނޑުގެ އަޑީގެ ސަރަހައްދު ދެނެގަތުމަށް ކުރާ މަސައްކަތާއި އިތުރު މަސައްކަތް ކުރުމަށް ކުރީ ސަރުކާރުން އިންޑިއާގެ ކަނޑުގެ ސިފައިންނާއެކު ވެފައިވާ އެއްބަސްވުން އުވާލަން ނިންމާ އެކަން އިންޑިއާއަށް އަންގާފައިވަނީ ނުފޫޒެއްގެ ތެރޭގައި އޮވެގެންތޯ ވެސް މިއީ އުފެދޭ ސުވާލެވެ. މި ސަރުކާރާއި ގާތްގުޅުމެއް އޮންނަ ޗައިނާއިން އެކަމަށް ނުފޫޒު ފޯރުވީތޯ ވެސް މިހާރު ސުވާލު އުފެދެއެވެ.

ނަމަވެސް ސަރުކާރުން ބުނަނީ އިންޑިއާއެކުވެފައިވާ އެއްބަސްވުން އުވާލާ އެ މަސައްކަތް ދިވެހިރާއްޖޭގެ އަސްކަރިއްޔާގެ ތެރޭގައި ގާއިމްކޮށް ދިވެހި އަސްކަރިއްޔާގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމާ އިތުރު ބައެއްގެ ބައިވެރިވުން ނުބޭއްވުމަށް ވެސް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އިންޑިއާގެ ކަނޑުގެ ސިފައިންނާއެކު ވެފައިވާ ހައިޑްރޯގްރަޕިކް އެއްބަސްވުން އުވާލަން ސަރުކާރުން ނިންމާފައިވާއިރު، އެ މަސައްކަތް ކުރާ ޗައިނާގެ ބޯޓެއް މާލެއަށް ބަނދަރުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ބޯޓު ބަނދަރުކުރުމުގެ ހުއްދައަކަށް ވެސް ސަރުކާރުގައި ވަނީ އެދިފައެވެ. އިންޑިއާގެ ނޫހެއް ކަމަށްވާ އިންޑިއާ ޓުޑޭގައި ބުނެފައިވަނީ ދިވެހި ސަރުކާރުން، އިންޑިއާގެ ކަނޑުގެ ސިފައިންނާއެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައިކަން އިއުލާންކުރި އިރު، އަންނަ މަހުން ފެށިގެން ޗައިނާގެ ރިސަރޗް ސަރވޭ ވެސެލް ދެކުނު އިންޑިއާ ކަނޑުގައި ދިރާސާކުރުމަށް މާލެއަށް ބަނދަރުކުރުމުގެ ހުއްދައަކަށް އެދިފައިވާ ކަމަށެވެ.

އެ ނޫހުގައި ވަނީ ރާއްޖޭގެ އެހީތެރިކަމާއެކު، ދިރާސާ ކުރުމުގެ ނަމުގައި، އިންޑިއާ ކަނޑުގައި ފިލައިގެން ތިބެ އިންޑިއާގެ ދިފާއީ މަރުކަޒުތަކަށް ފާރަލުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތާއި މެދު އިންޑިއާ ސަރުކާރުން ކަންބޮޑުވާކަމަށް އިންޑިއާ ސަރުކާރުން ބުނާ ކަމަށެވެ. އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގައި ޗައިނާގެ ހަރަކާތްތައް އިތުރުވެފައިވާއިރު، އެގައުމަށް ކަންކަން ކުރުމުގައި މަގުފަހިކޮށްދޭ ގައުމުތަކުގެ ތެރެއަށް ދިވެހިރާއްޖެ އިތުރުވެފައިވާ ކަމަށެވެ. މާނައަކީ އަވަށްޓެރި އިންޑިއާގެ މިނިވަންކަމާއި، ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އެރުވުމަށް ޒަމާންތަކެއް ވަންދެން މަސައްކަތް ކުރަމުން އަންނަ ޗައިނާއަށް މަދަދުދޭ މަދު ގައުމުތަކުގެ ލިސްޓަށް ރާއްޖެވެސް އިތުރުވެފައިވާ ކަމަށެވެ.

ޗައިނާގެ ކަނޑުގެ ދިރާސާކުރާ "ޔުއާން ވަންގް" ސީރީސްގެ ބޯޓެއް ދެކުނު އިންޑިއާ ކަނޑުގެ ދިރާސާކުރުމަށް ރާއްޖެއަށް ބަނދަކުރުމުގެ ހުއްދައަކަށް އެދިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާއިރު، އޮކްޓޯބަރު މަހު ލަންކާއަށްވެސް، ޗައިނާގެ ދިރާސާކުރާ ބޯޓެއް ބަނދަރުކޮށްފައިވާ ކަމަށް ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. ލަންކާއަށް ބަނދަރުކުރީ "ޝި ޔާން6" އެވެ. ލަންކާއިން ވެސް މިކަން ކަށަވަރުކޮށްދީފައިވެއެވެ. އަދި ފައިސާ ނުދެއްކިގެން ޗައިނާއަށް ނަގާފައިވާ ލަންކާގެ ހަންބަންޓޯޓާ ބަނދަރުގައި ޗައިނާގެ ކަނޑުގެ ދިރާސާތައް ކުރާ ބޯޓު ބަނދަރުކޮށްފައި އޮތް ކަމަށް ލަންކާގެ ނޫސްތަކުގައި ވެސް ރިޕޯޓްކޮށްފައިވެއެވެ.

ޗައިނާއިން ބުނާގޮތުން، ލަންކާގައި ބަނދަރުކުރި ބޯޓަކީ 60 ފަޅުވެރިންނާއެކު، ހަރަކާތްތެރިވަމުން އަންނަ ސައިންޓިފިކް ރިސަރޗް އުޅަނދެއް ކަމަށާއި، އެ އުޅަނދުން ކުރާނެ މައިގަނޑު މަސައްކަތްތަކަކީ، އޯޝަންގްރަފީ, ޖިއޯލޮޖީ އަދި މެރިން އެކޮލޮޖީ ޓެސްޓްތައް ކަމަށެވެ. މަސައްކަތް ކުރާނީ ދެކުނު އިންޑިއާ ކަނޑުގައި ކަމަށެވެ.

މީގެ އިތުރުން، ލަންކާގެ އައްސޭރިފަށުގެ ސަރވޭ ކުރުމަށްފަހު، ލަންކާގައި އޮތް ބޯޓު މި މަހުގެ 2 ވަނަ ދުވަހު ސިންގަޕޫރަށް ވަނީ ބަނދަރުކޮށްފައެވެ. އަދި އެއަށްފަހު ޗައިނާއިން ވަނީ ލަންކާ އަދި ރާއްޖޭގައި، އެގައުމުގެ ދިރާސާކުރާ ބޯޓު ބަނދަރުކުރުމުގެ ހުއްދައަކަށް އެދިފައެވެ. ނަމަވެސް ދެކުނު އިންޑިއާ ކަނޑުގައި އެތަކެއް ސަތޭކެ މޭލަކަށް ދެމިގެންދާ ރާއްޖޭގެ ކަނޑު ދިރާސާކުރާ ބޯޓެއް އަންނަ ކަމެއް އަދި ސަރުކާރުން އެކަމަށް ހުއްދަ ދިންކަމެއް ނުވަތަ ނުދޭކަމެއް ހާމައެއް ނުކުރެއެވެ.

ކޮންމެއަކަސް ގައުމުގެ ސިޔާދަތާއި މިނިވަންކަމާއި އިސްތިގުލާލަށް އެހާ އިހްތިރާމްކުރާ ބަޔަކު، ރާއްޖޭގެ ކަނޑުގެ މައުލޫމާތު ބޭރުގެ ބަޔަކު އައިސް އެއްބެސްވުމެއް ނެތި ނަގާއިރު އެކަން ސިއްރުކޮށް ހާމަނުކުރާނީ ކޮންމެވެސް ސަބަބެއް އޮތީމައެވެ. ކޮންމެއަކަސް ދިރާސާކުރުމަށް އަންނަ ބޯޓު ބަނދަރުކުރުމުގެ ހުއްދައަކަށް އެދިފައިވާއިރު، ދެކުނު އިންޑިއާ ކަނޑުގައި ދިރާސާކުރުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ ފަހުކޮޅާ ހަމައަށެވެ. ބާކީ ދެން އޮތީ 17 ވަރަކަށް ދުވަހެވެ. އަދިވެސް ސަރުކާރުން މިކަން ހާމަކުރާކަށް ނޫޅެއެވެ. ކަހާލިތަން ހިރުވާވެސް ނުލިއެވެ.

ރާއްޖެ އަދި ލަންކާގައި ބަނދަރުކުރާނީ ޗައިނާގެ ކަނޑުގެ ދިރާސާކުރާ "ޝިއާން ޔޭން ހޮންގ 3" ނަމަަކަށް ކިޔާ އުޅަނދެވެ. ހުއްދަ ލިބެންދެން އެބޯޓު މިހާރު އޮތީ ދެކުނު ޗައިނާ ކަނޑުގެ ޝިއާމެންގެ އައްސޭރިފަށުގައެވެ. މިއީ 4813 ޓަނުގެ އުޅަނދެކެވެ. މި އުޅަނދުގައި އެންމެ ފަހުގެ ސަރވޭ އަދި ސަރވައިލެންސް އާލާތްތައް ގާއިމްކޮށްފައިވެއެވެ.

ނިމިގެން ދިޔަ ސަރުކާރުން ހައިޑްރޯގްރަޕީ ސަރވޭގެ މަސައްކަތް ފަށާއިރު އެކަން އާންމުކުރެއެވެ. ސަރވޭކުރާ ސަރަހައްދުގެ މައުލޫމާތު ހާމަކުރެއެވެ. އަދި އެކަމާއި ގުޅޭ އެއްބަސްވުމެއް އޮތްކަން ވެސް ބުންޏެވެ. ނަމަވެސް އެފަދަ އެއްބަސްވުމަކީ ދޭދޭ ގައުމުތަކުގައި ވެފައިވާ ޑިޕްލޮމެޓިކް ނުވަތަ އާންމުކޮށް ހާމަނުކުރާ ޒާތުގެ އެއްބަސްވުމަކަށްވުމުން އެއްބަސްވުން ހާމަނުކުރެއެވެ. ނަމަވެސް ކަމާއިބެހޭ ސަލާމަތީ އިދާރާތަކަށް އެ މައުލޫމާތު ދީފައިވެއެވެ. މިކަމަށް ފާޑުކީ މިހާރު ވެރިކަމުގައި ތިބި މީހުންނެވެ. އެންމެ ފަހުން ބަޔަކަށް ހުދުކަޅު އަންގާވެސް ނުލާ ޗައިނާއަށް ކަނޑުގެ ސަރވޭކުރުމުގެ ހުއްދަވެސް އެ ދެނީއެވެ. އެވެސް ޗައިނާއަށެވެ. އެ ވާހަކަ ދައްކާލަން ކެރުނު މީހަކު މި ސަރުކާރުގައި ނެތެވެ. ވަގުންގެ ފޮށި ބާރަށް ބަންނާނޭ ބުނާ އުސޫލުން މިއިން އެއްވެސް ވާހަކައެއް ދިވެހި ރައްޔިތުންނާ ހަމަައަށް ނުވެސް ގެނެއެވެ. ވާހަކައެއްވެސް ނުދައްކަނީއެވެ. ނަންވާނީ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސިއްރު އެއްބަސްވުމުގެ ވާހަކައެވެ. ނަމަވެސް މި ސަރުކާރުން މިފަދަ ކިތައް އެއްބަސްވުން ވަގަށް ހަދައިފިތޯ މިއީ މިހާރު ކުރަންޖެހޭ ސުވާލެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
100%
0%
0%
0%
0%
ކޮމެންޓް