ކ. މާލެ
|
17 ޑިސެންބަރ 2023 | އާދީއްތަ 16:02
ވޭޕް ކުރުން މަނާ ކަން އަންގާ ބޯޑެއް
ވޭޕް ކުރުން މަނާ ކަން އަންގާ ބޯޑެއް
ޓްވީޓަރ
ދުންފަތުގެ އިސްތިއުމާލުކުރުން
ދުންފަތުގެ ޤާނޫނީ ހަމަތަކާ އެއްގޮތަށް ވޭޕް ކުރުމާ މެދު ފިޔަވަޅު އަޅަންޖެހޭ!
 
ވޭޕް ކުރުމާއި ސިނގިރޭޓް ބުއިމާ ތަފާތެއް ނެތް

'ވޭޕް' އޭ ބުނުމުން މި ކިޔަނީ ކީކޭކަން ނޭނގޭ މީހަކު މަދުވާނެއެވެ. ވޭޕް ކުރުން ނުވަތަ ކަށިގަނޑު ބުއިމަކީ މިއަދު މި ދިވެހިރާއްޖޭގައިވެސް އާންމުވެފައިވާ ވަބާއެކެވެ. ޒުވާނުންގެ އިތުރުން ސްކޫލަށްދާ ފުރާވަރު އުމުރުގެ ކުދިންގެ މެދުގައިވެސް މި ނޭދެވޭ އާދަ އޮތީ ވަކި ހިއްޕާލާފައެވެ. އެކަމަށް ފުރުޞަތު ފަހިކޮށްދެނީ ގޭތެރެއިންނޭވެސް ބުނެވިދާނެއެވެ. އަމިއްލަ މަސައްކަތުން 2 ލާރިވެސް އެއް ނުކުރެވޭ ވަރުގެ ކުއްޖާގެ ތުނބުގައިވެސް އެންމެ ޒަމާނީ އާވިކަށިގަނޑެއް ޖަހާފައި ހުންނައިރު، މާ ދުރު ނޫން ހިސާބެއްގައި އިން ބައްޕަގެ ޙާލަކީވެސް ހަމަ އެއީއެވެ. އަނެއްބައި ކުދިންނަކީ މައިންބަފައިންނާ ބެލެނިވެރިޔާއަށް ސިއްރުން މި މަސްތުގައިޖެހިފައިވާ ކުދިންނެވެ.

އެނގިގެން ވިއަސް، ނޭނގިވިއަސް ވޭޕްކުރުމުގެ ޒަރިއްޔާއިން ހަށިގަނޑަށް ދައުރުވެގެންދާ ވިހާގައި ތަފާތެއް ނެތެވެ. ފުއްޕާމޭ ހަލާކުގެ ތެރެއަށް އެ ހުށަހެޅެނީ ހާދަހާވާ ޅައުމުރެއްގައޭ ހިތަށް އަރާ ކޮންމެ ފަހަރަކު ހަދާނެ ގޮތް ހުސްވެއެވެ. ވޭޕް ކުރުމަށް އީ-ސިނގިރޭޓު ބުއިމޭވެސް ކިޔައެވެ. ވޭޕްކުރުމުގެ ސަބަބުން ހަށިގަނޑަށް ނިކޮޓީން އެތެރެވެއެވެ. އަދި ބައެއް ކަހަލަ ފްލޭވާތަކުގެ ޒަރިއްޔާއިން ޓެޓްރާހައިޑްރޯކޭނަބިނޯލް (ޓީއެޗްސީ) ވެސް އެތެރެވެއެވެ. މިއީ އެ މަސްތެއްގައި ގިނަ އަދަދެއްގެ ޒުވާނުން ޖެހިފައިވާ މެރުއާނާގައިވެސް އެކުލެވޭ، ނަފްސާނީ ހައިސިއްޔަތާ ކުޅެލާ ވަރުގަދަ މާއްދާއެކެވެ. އެހެންކަމުން، ވޭޕްކުރުމުގެ އާދައާ ދުރުކުރުމުގެ މަސައްކަތް މިހާރުން މިހާރަށް ފަށަންޖެހިއްޖެއެވެ. މާ ބޮޑަށް ލަސްވެސްވެއްޖެއެވެ.

އީ-ސިނގިރޭޓު އެކުލެވިގެންވަނީ ބެޓެރީއަކާ، ހޫނުކުރާ ޑިވައިސްއެއްގެ އިތުރުން ވޭޕް ޖޫސް ނުވަތަ އީ-ލިކުއިޑް އަޅާނެ ޗޭމްބަރެއްގެ މައްޗަށެވެ. ވޭޕް ޖޫހުގެ އެކި ފްލޭވާތައް ހުރެއެވެ. ބެޓެރީގެ އެހީގައި ޑިވައިސް ހޫނުވުމުން އާވިގަނޑެއް އުފެދެއެވެ. އީ-ސިނގިރޭޓުގެ އިސްތިއުމާލު ކުރާ މީހުން ހަށިގަނޑުގެ ތެރެއަށް ދަމާލަނީ މި އާވިގަނޑެވެ. އީ-ސިނގިރޭޓަށް ލައްވާ ކާޓްރިޖަކީ، އެމީހަކު ހިޔާރު ކުރާ މިންގަނޑަކަށް ނިކޮޓީންގެ މާއްދާ ބެހެއްޓޭފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ކާޓްރިޖެކެވެ. ވޭޕް ކުރުމާއި ސިނގިރޭޓް ބުއިމާ ހުރި ތަފާތަކީ ކޮބައި ހެއްޔެވެ؟

މި ނުރައްކާތެރި ވަބާ ހުއްޓުވުމަށް، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިންވެސް މިހާރު ތެދުވެއްޖެއެވެ. ނުތެދުވެވިގެން އުޅެނީ ބައެއް ސަރުކާރުތަކަށެވެ. އީ-ސިނގިރޭޓާ މެދުގައިވެސް ޢަމަލު ކުރަންވީ ދުންފަތުގެ އެހެން ބާވަތްތަކާ މެދު ޢަމަލު ކުރާ ގޮތަށް ކަމަށާ، ހުރިހާ ފްލޭވަރއެއްވެސް މަނާ ކުރަން ޖެހޭ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ޑިސެމްބަރ 14 ވަނަ ދުވަހު، ޤައުމުތަކުގެ ސަރުކާރުތަކަށް ގޮވާލާފައެވެ. ޑަބްލިއުއެޗްއޯގެ މި އިންޒާރަކީ، ޒަމާނުއްސުރެ ބޮމުން އައި ސިނގިރޭޓު ހުއްޓުވުމަށް ޤައުމުތަކުން ފެށި ކާމިޔާބު ކެމްޕޭނު ފެއިލް ކުރުމަށް، ދުންފަތުގެ ސިނާޢީ ކުންފުނިތަކުން އަވާމެންދުރެއްގެ ގޮތުގައި ދައްކަމުން އަންނަ ވޭޕްގެ އަވާގައި ޒުވާން ޖީލުތައް ޖައްސަމުންދާ ދިއުމަށް ގޮންޖަހާލި އިންޒާރެކެވެ.

ދިރާސާ ކުރާ ބައެއް ފަރާތްތަކާއި، ދުންފަތާ ދެކޮޅަށް ކެމްޕޭން ކުރާ ބައެއް ފަރާތްތަކުގެ އިތުރަށް، ބައެއް ޤައުމުތަކުގެ ސަރުކާރުތަކުންވެސް އީ-ސިނގިރޭޓު ސިފަ ކުރަނީ އާދައިގެ ސިނގިރޭޓު ބުއިމުގެ ސަބަބުން ޞިއްޙަތަށް ކުރިމަތިވާ ގެއްލުންތަކާއި މަރުގެ ޙާދިޘާތަކާ އަޅާ ބަލާއިރު ރައްކާތެރި އެއްޗެއްގެ ގޮތުގައެވެ. ނުވަތަ ވޭޕް ކުރުމަކީ ރައްކާތެރި ކަމެއްކަން ދޭހަކޮށްދޭ ފަދަ ގޮތަކަށެވެ. ކަން މިހެން އޮތް ނަމަވެސް، ޑަބްލިއުއެޗްއޯއިން ވަނީ، ވޭޕްގެ ވަބާ ކޮންޓްރޯލް ކުރުމަށް މިހާރުން މިހާރަށް، ހަލުވި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ގޮވާލާފައެވެ.

ޑަބްލިއުއެޗްއޯއިން ވަނީ ތަފާތު އެތައް ދިރާސާތަކަކަށް ރިޢާޔަތްކޮށްފައެވެ. އެގޮތުން ވޭޕް ކުރުމަކީ ސިނގިރޭޓް ބުއިން ހުއްޓުވުމަށް އެހީވެދޭ ކަމެއްކަން ސާބިތު ކުރެވޭ ވަރުގެ ހެކި ލިބިފައި ނެތް ކަމަށާ، ވޭޕްގެ ސަބަބުންވެސް ޞިއްޙަތަށް ބޮޑެތި ގެއްލުންތަކެއް ވަމުން ދާކަން ހާމަ ވާ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައެވެ. އަދި މީގެ ކުރިން ދުންފަތުގެ އިސްތިޢުމާލު ނުކޮށް އޮތް އެތައް ޖީލެއް، ނިކޮޓީންއަށް އަވަލުވުމުގެ އަނދަވަޅަށް ވައްޓާލާ ކަމަށާ، ވަކިން ޚާއްޞަކޮށް، ކުޑަކުދިންނާ ޒުވާނުން، އެ އަވައިގައި ޖައްސަމުން ދާ ކަމަށްވެސް ޑަބްލިއުއެޗްއޯއިން ވަނީ ފާހަގަ ކޮށްފައެވެ.

ވޭޕް ކުރުމުގެ 'ފެޝަނަށް' ނިމުން ގެނައުމަށްޓަކައި މެންތޯލް ފަދަ މާއްދާތައް އެކުލެވޭ ފްލޭވަރތައް ޤައުމުތަކަށް އެތެރެ ކުރުން މަނާ ކުރުމާއި، ދުންފަތް އަޅައިގެން އުފައްދާފައި ހުންނަ ސިނގިރޭޓާ މެދު ޤައުމުތަކުން ޢަމަލު ކުރާ އުސޫލުން އީ-ސިނގިރޭޓާ މެދުވެސް ޢަމަލު ކުރުމަށް ޤާނޫނާއި ޤަވައިދުތަކަށް ބަދަލު ގެނައުން ފަދަ ކަންކަން ކުރުމަށް ޑަބްލިއުއެޗްއޯއިން ވަނީ ސަރުކާރުތަކަށް ގޮވާލާފައެވެ. އެގޮތުން ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ މިންވަރު ބޮޑު ކުރުމާއި، ޢާންމު ތަންތަނުގައި ވޭޕް ކުރުން މަނާ ކުރުން ފަދަ ފިޔަވަޅުތައް އެޅުމަށް ޑަބްލިއުއެޗްއޯއިން ވަނީ ގޮވާލާފައެވެ.

ހިތާމައަކީ، ޑަބްލިއުއެޗްއޯއަކީ ޤައުމުތަކުގައި ތަންފީޒު ކުރާ ޤާނޫނުތަކާއި ޤަވައިދުތަކަށް ސީދާ ގޮތުން ބާރު ފޯރުވުމުގެ ފުރުޞަތު ލިބިފައި އޮންނަ އިދާރާއެއް ނޫން ކަމެވެ. ޑަބްލިއުއެޗްއޯއަށް ޢާންމު ކުރެވޭނީ އެ އިދާރާގެ ހޯދުންތަކާއި ލަފާތަކެވެ. އެ ލަފަޔާއި އިރުޝާދުތަކަށް ކިޔަމަންވެ، ޤައުމު އިސްލާޙު ކުރުމުގެ ފުރުޞަތު އޮންނަނީ އެ ޤައުމެއްގެ ސަރުކާރުތަކާއި ޤާނޫނު ހަދާ މަޖިލީސްތަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް