ތުރުކީ އަދި ދުބާއީއަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، އެކުގައި ވަޑައިގެންނެވި ވަފުދަށް ޖުމްލަ 3.4 މިލިއަން ރުފިޔާ ހަރަދުވިކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސުލްޖުމްހުރިއްޔާގެ އޮފީހުގައި ބުރާސްފަތު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރައީސް ތުރުކީ އަދި ކޮޕް28 އަށް ދުބާއީއަށް ކުރެއްވި ދަތުރުފުޅުގެ ތަފްސީލުތައް ދެއްވާފައެވެ. އެގޮތުން ނޮވެމްބަރު 26ން ޑިސެމްބަރު 3ށް ކުރެއްވި މި ދަތުރުފުުޅުގައި ރައީސްގެ އަނބިކަނބަލުންނާއި، ގިނަ އަދަދެއްގެ ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެގޮތުން ފަސްޓް ކްލާހުގެ 4 ޓިކެޓަށް 683،229.36 (ހަލައްކަ އަށްޑިހަ ތިންހާސް ދުއިސައްތަ ނަވާވީސް ރުފިޔާ ތިރީސް ހަ ލާރި) ހަރަދުކޮށްފައިވެއެވެ. އަދި ބިޒްނަސް ކްލާހުގެ 12 ޓިކެޓަށް 1،539،239.82 (އެއް މިލިއަން ފަސްލައްކަ ތިރީސް ނުވަހާސް ދުއިސައްތަ ތިރީސް ނުވަ ރުފިޔާ އަށްޑިހަ ދެ ލާރި) ހަރަދުކޮށްފައިވެއެވެ. އަދި އިކޮނަމީ ކްލާހުގެ 12 ޓިކެޓަށް 232،086.42 (ދެލައްކަ ތިރީސް ދެހާސް އަށްޑިހަ ހަ ރުފިޔާ ސާޅީސް ދެލާރި) ހަރަދުކޮށްފައިވެއެވެ. މުޅި ޖުމްލަ މާލެ-ތުރުކީ-ދުބާއި-މާލެ ޓިކެޓަށް 2،454،55.60 (ދެމިލިއަން ހަތަރުލައްކަ ފަންސާސް ހަތަރުހާސް ފަންސާސް ފަސް ރުފިޔާ ފަސްދޮޅަސް ލާރި) ހަރަދުކޮށްފައިވެއެވެ.
މީގެ އިތުރުން ތުރުކީގެ ދަތުރުގައި 22 ބޭފުޅުންނަށް ޕޮކެޓް މަނީގެ ގޮތުގައި 217،828 ރުފިޔާ ދީފައިވެއެވެ. އަދި އިންސިޑެންޓަލް ގެ ގޮތުގައި 41،548.80 ރުފިޔާ ދީފައިވެއެވެ. އެކު ޖުމްލަ 259،376.80 ރުފިޔާ ހަރަދުކޮށްފައިވެއެވެ.
ދުބާއީގެ ދަތުރުގެ ހަރަދަށް ބަލާލާއިރުގައި 19 ބޭފުޅަކަށް ޕޮކެޓް މަނީގެ ގޮތުގައި 182،546 ރުފިޔާ ދީފައިވެއެވެ. 9 ބޭފުޅަކަށް ކެއުމުގެ ހަރަދަށް 145،944.76 ރުފިޔާ ދީފައިވެއެވެ. ދުބާއީގެ ޓްރާންސްޕޯޓް ހަރަދަށް 75،488.38 ރުފިޔާ ދީފައިވެއެވެ. އަދި 9 ބޭފުޅަކަށް އެކަމަޑޭޝަންގެ ގޮތުގައި 168،892.06 ރުފިޔާ އަދި ސިމްކާޑުގެ ހަރަދުގެ ގޮތުގައި 26،412.59 ރުފިޔާ ދީފައިވެއެވެ.
މީގެ އިތުރުން ދުބާއީގައި އުޅޭ ދިވެހިރައްޔިތުންނާއި ބައްދަލުކުރުމަށް 155،182.21 ރުފިޔާ އަދި އިންސިޑެންޓަލްއަށް 20،766.72 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މުޅި ޖުމްލަ ދުބާއީގެ ހަރަދަށް 775،232.72 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.