ކ. މާލެ
|
7 ޑިސެންބަރ 2023 | ބުރާސްފަތި 09:43
ނަދީމްގެ މަރުގެ މައްސަލައިގައި ތުހުމަތުވާ މީހުން
ނަދީމްގެ މަރުގެ މައްސަލައިގައި ތުހުމަތުވާ މީހުން
ރާއްޖެއެމްވީ
ނަދީމްގެ މަރުގެ މައްސަލަ
ނަދީމްގެ މަރު: ތުހުމަތުވާ މީހުންގެ ފަރާތުން މުޖުތަމައަށް އޮތް ނުރައްކާ ވަކިވަކިން ދެނެގަނެ، ބަންދާމެދު އަލުން ގޮތެއް ނިންމަން އަންގައިފި
 
އިޖުރާއަތެއް ނެތްކަމަށް ބަޔާންކޮށް ބަންދުން ވީއްލިގެން ނުވާނެކަމަށް ދައުލަތުން ބުނޭ
 
ދައުލަތުން އެމީހުން ބަންދު ކޮށްދޭން އެދެނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާފައި
 
ޙުކުމް ކުރައްވާފައިވަނީ މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެވެސް އިއްތިފާޤުން

ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، ނަދީމު ޢަބްދުއްރަޙީމް އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ސަލާމަތްވި މީހުން، ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފުގެ އަޑުއެހުންތައް ނިމެންދެން ބަންދު ނުކޮށްދޭން ހައިކޯޓުން ނިންމި ނިންމުން ދައުލަތުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާއިރު، އެ މައްސަލައިގެ ޙުކުމްކޮށްފިއެވެ.

ނަދީމްގެ މަރުގެ މައްސަލައިގައި އެމީހުންގެ މައްޗަށް ކުށް ސާބިތުނުވެ އެމީހުން ދޫވެފައިވާއިރު، ދައުލަތުން ވަނީ އެ ޙުކުމް އިސްތިއުނާފުކޮށްފައެވެ.

އަދި ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ޙުކުމާމެދު ވަކި ގޮތެއް ނިމެންދެން އެމީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް ދައުލަތުން އެދުނުނަމަވެސް، އެމީހުން ބަންދު ކުރެވެން ނެތްކަމަށް ހައިކޯޓުން ވަނީ ނިންމާފައެވެ. އެހެންކަމުން ދައުލަތުން ދިޔައީ ސުޕްރީމް ކޯޓަށެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރެވެ.

މި މައްސަލައިގެ އިސްތިއުނާފު ހުށައަޅުއްވަމުން ދައުލަތުގެ ވަކީލު ވަނީ މީހުން ބަންދު ކުރުމުގެ ބާރު ޝަރުއީ ކޯޓުތަކަށް ޖުމުލަކޮށް ލިބިދީފައިވާއިރު، އިޖުރާއަތެއް ނެތްކަމަށް ބަޔާންކޮށް ބަންދުން ވީއްލޭކަމުގައިވާނަމަ، ޝަރުއީ ކޯޓަށް ލިބިދީފައިވާ ބާރު ނެތިކޮށްލަނީކަމަށް ދައުލަތުން ދެކޭކަމަށް ވިދާޅުވެފައެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، އެމީހުން ބަންދު ކޮށްދޭން އެދެނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާފައިކަމަށެވެ.

ދައުލަތުން ވަނީ ހައިކޯޓުގެ ނިންމުން ބާތިލުކޮށް، މި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން އުސޫލުތަކެއް ކަނޑައަޅަން ޖެހޭނަމަ ބަޔާންކުރައްވައި، އެ އުސޫލުތަކުގެ ތެރެއިން އެމީހުންގެ ބަންދާމެދު އަލުން ގޮތެއް ނިންމުމަށް ހައިކޯޓަށް މައްސަލަ ތަހުވީލު ކޮށްދިނުމަށް އެދިފައެވެ.

ބުރާސްފަތި ދުވަހު މި މައްސަލައިގެ ޙުކުމް ކުރެއްވުމަށް ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު ސުއޫދު ވިދާޅުވީ، ދައުލަތުން އިސްކަންދޭންޖެހޭނީ އަވަހަށް ޝަރީއަތް ހިންގުމަށް ކަމަށާއި، އިންސާފު ލިބިދެވޭނީ ދައުލަތުގެ ހުރިހާ އިދާރާއަކުން އެއް ވާނެއްގައި މަސައްކަތް ކޮށްގެން ކަމަށެވެ. އެއީ ހަމައެކަނި ފަނޑިޔާރުންނަށް ކުރެވޭނެ ކަމެއް ނޫންކަމަށްވެސް ފަނޑިޔާރު ސުއޫދު ވިދާޅުވިއެވެ.

ފަނޑިޔާރު ވިދާޅުވީ، ހައިކޯޓުން އިޖުރާއަތު ނެތްކަމަށް ބުނެ އެ ނިންމުން ނިންމާފައިވަނީ ރަނގަޅަކަށް ނޫންކަމަށެވެ.

ސުއޫދު އިތުރަށް ވިދާޅުވީ، ޤާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއަށް ބަލާއިރު، ބަންދުގައި ބަހައްޓަން ޖެހޭ ޙާލަތެއް އޮތްތޯ ވަކިވަކިން ކޮންމެ މައްސަލައެއްގައިވެސް ބަލަންޖެހޭނެކަމަށެވެ.

މި މައްސަލައަށް ބަލާއިރު، އެމީހުންގެ މައްޗަށް ކުރެވެނީ ޖަމާއަތް ހަދައިގެން މީހަކު މަރާލުމުގެ ކުށްކަމަށްވާއިރު، މި މައްސަލައިގައި ހިމެނޭ ވަކިވަކި މީހުންގެ ފަރާތުން މުޖުތަމައަށް އޮތް ނުރައްކަލެއް ވަކިވަކިން ބެލެވިފައި އޮތްކަމަށް ދެކިވަޑައިނުގަންނަވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރު ވަނީ އެގޮތުގެ މަތިން، ކޮންމެ މީހެއްގެ ފަރާތުން މުޖުތަމައަށް އޮތް ނުރައްކާ ވަކިވަކިން ދެނެގަނެ، ވަޒަންކޮށްގެން އެމީހުންގެ ބަންދާމެދު އަލުން ގޮތެއް ނިންމުމަށް ހައިކޯޓަށް މައްސަލަ ތަހުވީލު ކުރުމަށް ޙުކުމް ކުރައްވާފައެވެ.

އެގޮތަށް ޙުކުމް ކުރައްވާފައިވަނީ މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެވެސް އިއްތިފާޤުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް