ކ. މާލެ
|
5 ޑިސެންބަރ 2023 | އަންގާރަ 16:31
ރައީސް، ޑރ. މުހައްމަދު މުއިއްޒު
ރައީސް، ޑރ. މުހައްމަދު މުއިއްޒު
ރާއްޖެއެމްވީ
ރާއްޖޭގެ އިގްތިސާދު
ރައީސެވެ. މިނިވަންކަމުގެ ރަތް ރޮނގު ފަލަކޮށް ދެމި ނަމަވެސް، އިގްތިސާދީ ރަތް ރޮނގު މިއޮތީ ފަހަނައަޅައި ގޮސްފައެވެ!
 
ރާއްޖޭގެ އިގްތިސާދު މިއަދު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި
 
އިގްތިސާދީ މި ހާލަތުން އަރައިގަތުމުގެ އިމްތިހާނު އޮތީ ރައީސް މުއިއްޒުގެ އަތްޕުޅުގައި
 
އިގްތިސާދީ ހާލަތުން އަރައިގަނެވޭނީ ސިޔާސީ މަންފާއަށްވުރެ ގައުމު އިސްކޮށްގެން

ރާއްޖޭގެ އިގްތިސާދީ ހާލަތު އަހަރަކަށްވުރެ އަހަރެއް ވެއްޓެމުން އައިސް، މިއަދު މި އޮތީ އަތުނުޖެހޭ ހިސާބުގައެވެ. އިގްތިސާދީ ކުއްލި ފަރުވާއެއް ބޭނުންވެ، މިއަދު ރާއްޖޭގެ އިގްތިސާދު މި އޮތީ ވެންޓިލޭޓަރުގައެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ދައުރުގައި ދިމާވި ކޮވިޑުގެ އާލަމީ ވަބާގެތެރޭގައި، އެހެން ގައުމުތަކޭ އެއްފަދައިން ރާއްޖެއަށް ދިމާވި އިގްތިސާދީ ބޮޑު ދަތިކަމުން މިއަދުވެސް މި އޮތީ އަރައިނުގަނެވިއެވެ.

އެކަންތައް ކުރުމުގެ މަސައްކަތް، ނިމިދިޔަ ސަރުކާރުންވެސް ކުރިއިރު، މިއަދު އެ ޒިންމާ މިއޮތީ ރައްޔިތުންގެ ފުރިހަމަ ވޯޓުން ހޮވުނު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅުގައެވެ. އެމަނިކުފާނުގެ ސަރުކާރުގެ ކޮންޓްރޯލުގައެވެ. އެހެންނަމަވެސް މިއީ މިހެން ބުނެލެވޭ ވަރަށްވުރެ މާ ބޮޑު ކަމެކެވެ. ކަމުގެ ބޮޑުކަން ވަޒަންކޮށްލުމަށް، މިއަދުގެ ހާލަތަށް ބަލައިލަމާ ހިނގާށެވެ.

ރާއްޖޭގެ އިގްތިސާދުގެ ހާލަތުގެ މައްޗަށް ވޯލްޑް ބޭންކުން ނެރުނު "ބެޓެން ޑައުން ދަ ހެޗަސް"ގެ ރިޕޯޓު ނެރުމަށްޓަކައި ގައުމީ ޔުނިވަރސިޓީއާއި ވޯލްޑް ބޭންކް ގުޅިގެން މީގެ ގާތްގަޑަކަށް 10 ވަރަކަށް ދުވަސް ކުރިން ބޭއްވި ހަރަކާތުގައި ދެކެވުނީ ރާއްޖެ އިގްތިސާދީ ރަތް ރޮނގު ހުރަސްކުރި ވާހަކައެވެ.

އިގްތިސާދަށް ކުރިއެރުމެއް އައިނަމަވެސް މިއަދު އެ ކުރިއެރުމުގައި ބުރަކިޖެހި، އިގްތިސާދީ ކުރިއެރުން ސޮއްސާލައިގެން ދާވާހަކައެވެ. ދަރަނި މަތިވެގެން ގޮސް ގައުމުގެ ދަރަނީގެ ހާލަތު އަތުނުޖެހޭ ހިސާބުގައި އޮތް ވާހަކައެވެ. ގައުމު މި ހާލަތުން ނެގުމަށް މުހިންމު، އަދި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ވާހަކައެވެ.

ހަމަ އެ ވާހަކަތަކަކީ އެ ހަފުތާގެ ތެރޭގައި ބޭއްވުނު ބަޖެޓު ކޮމެޓީގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމްވެސް ދެއްކެވި ވާހަކަތަކެވެ. ރާއްޖޭގެ ދަރަނީގެ ސަބަބުން ބޭރުގެ އެޖެންސީތަކުން ރާއްޖެއަށް ދީފައިވާ ރޭޓިންގ ދަށްވެ، ބޭރުގެ ލޯނާއި އެހީތެރިކަން ލިބުމަށް ރާއްޖެއަށް ދަތިވެފައިވާ ވާހަކައެވެ. މިއަދު މި ހާލަތުގައި ރާއްޖެއަށް ދިމާވާނެ ދަތިތަކުގެ ވާހަކަތަކެވެ. ރާއްޖޭގެ ބަޖެޓު ސަޕޯޓަށް ބޭނުންވާ ބޭރުގެ ފައިސާ ނުލިބިއްޖެނަމަ ޚަރަދު ހަމަޖައްސަން ކުރިމަތިވާނެ ދަތިތަކުގެ ވާހަކައެވެ.

މިއީ މިއަދުގެ ރާއްޖޭގެ ހާލަތެވެ. ވޯލްޑް ބޭންކާއި ބޭރުގެ އެހެނިހެން ބޮޑެތި އެޖެންސީތަކުން ބުނާގޮތުން ނަމަ، މިއަދު ރާއްޖޭގެ ހާލަތަކީ މީގެ ދެ އަހަރުގެ ކުރިން ސްރީލަންކާގެ އިގްތިސާދު އެއްކޮށް ފުނޑުފުނޑު ވުމުގެ ކުރިން އޮތް ހާލަތެވެ. އެހާވެސް ނާޒުކެވެ.

އިގްތިސާދީ ހާލަތާއި މިއަދުގެ ސިޔާސީ ހާލަތު

މި ހާލަތުގައި ރާއްޖޭގެ ނާޒުކު އިގްތިސާދު އޮތްނަމަވެސް، ރައީސް މުއިއްޒަށް މި ހާލަތުން އަރައިގަތުމަށް ކުރެއްވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ. އެކަމަކު އެ ހާލަތުން އަރައިގަނެވޭނީ ރާއްޖޭގެ އިގްތިސާދަށް ބޭނުންވާ އަހައްމިއްޔަތުކަން ދެވިގެންނެވެ. ސިޔާސީ މަންފާއަށްވުރެ އިގްތިސާދަށް ދޭ އަހައްމިއްޔަތު މަތިކުރެވިގެންނެވެ.

އެކަމަކު މިއަދު ފެންނަ މަންޒަރުން އަދި އެކަމެއް ސާފެއްނުވެއެވެ. ސާފުވާން އަދި ކައިރިއެއްވެސް ނުވެއެވެ. ރައީސްގެ ފުރަތަމަ ދަތުރުފުޅުގެ ހައިސިއްޔަތުން، ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި ވިޔަފާރީގެ ގުޅުން ފުޅާކުރެއްވުނު ނަމަވެސް، ރާއްޖެއަށް ހިލޭ އެހީގެ ގޮތުން ހޯއްދެވުނު ފައިސާއެއް ނެތެވެ. އެފަދަ މަޝްވަރާތަކެއް ކުރެއްވިކަމެއް ރައީސް ވިދާޅެއްނުވެއެވެ.

ރައީސެވެ. ގައުމިއްޔަތުގެ ރޮގު ރަތް ކުލައިން ދެމިނަމަވެސް، ބަނގުރޫޓުވަމުންދާ އިގްތިސާދުގެ ރަތް ރޮނގު މިހާރު ފަހަނައަޅައި ގޮސްފިއެވެ. އެ ރޮގުން އެތެރެވުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނައެވެ. ކުދި ހާލަތްތަކަށް ބަލައިލަމާ ހިނގާށެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ސިޔާސީ މުވައްޒަފުންގެ އަދަދު 700އަށްވުރެ އިތުރު ނުކުރައްވާނެ ކަމުގެ ވައުދުފުޅާއެކުއެވެ. ރައީސް ސާލިހުގެ ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 1،000ން މަތީގައި ހުރުމުން، އެކަމަށް ފާޑުވިދާޅުވަމުން އައި ބޭފުޅުންގެ ސަރުކާރުގައި މިއަދު 22 މިނިސްޓްރީ އެބައޮތެވެ. ކުރިން އޮތީ 16 މިނިސްޓްރީއެވެ.

ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު، ޑރ މުއިއްޒު ދެއްވި ފުރަތަމަ ތަގުރީރުގެ ތެރެއިން - ރައީސް އޮފީސް

ރައީސް އޮފީހުގައި ކުރިން ދެ ތިން މިނިސްޓަރުން ތިއްބެވިއިރު، މިއަދު 13 މިނިސްޓަރުން އެބަތިއްބެވިއެވެ. މިއަދާ ހަމައަށް ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންގެ މަގާމުގައި އެކުޖުމްލަ 113 ބޭފުޅުން ތިއްބެވިކަމަށް، ރައީސް އޮފީހުގެ ވެބްސައިޓުން ދައްކައެވެ. އަދި ވުޒާރާތަކާއި ކުންފުނިތަކުގެ ސިޔާސީ މަގާމުތަކާއެކު، އިތުރުވާނެ މަގާމުތަކުގެ އަދަދުތައް ވަޒަން ކޮށްލައްވާށެވެ.

އެއީވެސް ހަމަ މި ދަނޑިވަޅެވެ. ހަމަ ސަރުކާރުގެ މަތީ ފަޑީގެ ހައިބަތެވެ. އެ ހައިބަތު ދެއްކުމަށް އިތުރު 7 ކާރު، އެތައް މިލިއަން ދައްކައިގެން ގެނައުން މިވަގުތަށް އެންމެ ބޭނުންތެރިތޯއެވެ.

އިގްތިސާދީ ހާލަތުގެ ވާހަކަދައްކާއިރު، ސިޔާސީ އެފަދަ ކިތަންމެ ވާހަކައެއް ދެއްކޭނެއެވެ. ކުރިއެރުމެއް ލިބިއްޖެނަމަ އެކަން ކިތަންމެހާވެސް ރަނގަޅެވެ. އެހެންނަމަވެސް، އެ ނޫން މުހިންމު ކަންކަންވެސް އެބަހުއްޓެވެ. އޭގެ އެންމެ ބޮޑު އެއް ކަމަކީ ބަޖެޓެވެ.

އިގްތިސާދީ، މާލީ ބުރައެއް

ރާއްޖޭގެ ދަރަނިވެރިވެފައިވާ ބަޖެޓަށް، އަންނަ އެންމެ ބޮޑު އެއް މާލީ ބުރައަކީ އާސަންދައާއި، "ހަމައެއް ލަމައެއް ނެތި ދެވޭ" ސަބްސިޑީތަކެވެ. ވޯލްޑް ބޭންކުން އަބަދުވެސް އެންމެ ބޮޑަށް ވަކާލާތުކުރާ ބީދައިން، ސަބްސިޑީ އޭގެ އެންމެ ހައްގުވެރި ފަރާތްތަކަށް ދިނުމަކީ މިވަގުތަށް ކުރުން ނުހަނު މުހިންމު ކަމެކެވެ. ވަކިން ޚާއްސަކޮށް، ސަރުކާރުގެ ކުންފުނިތަކަށް ދޭ ސަބްސިޑީ ކުޑަކޮށް، އެ ކުންފުނިތައް ހަރުދަނާ ކުރުމަށް އެހެނިހެން އިދާރާތައް އިތުރަށް ފާރަވެރި ކުރަންވީއެވެ. އެއީ ޕަބްލިކް ސެކްޓަރ ކުރިއެރުމުވުގެ އިތުރުން، ރާއްޖޭގެ ޕްރައިވެޓް ސެކްޓަރު ކުރިއަރައި ދިއުމަށް ފުރުސަތު ދިނުންވެސް ހިމެނޭގޮތުންނެވެ.

އެހެންނަމަވެސް، އެ މާލީ ބުރައަށްވުރެ އާސަންދައިގެ މާލީ ބުރަ ކުޑައެއް ނޫނެވެ. ކޮންމެ އަހަރަކުވެސް އާސަންދައަށް ކަނޑައަޅާ ބަޖެޓު ހުސްވެ، އެ ބަޖެޓު ފަހަނައަޅައި ދިއުމުން ފާސްކުރާ ސަޕްލިމަންޓްރީ ބަޖެޓުގެ ބޮޑު ބައެއްވެސް ޚަރަދުކުރަން ޖެހެނީ އާސަންދައަށެވެ.

އާސަންދަ އޮފީސް - އާސަންދަ

މި އަހަރުވެސް ކަން ހިނގީ، އަދި އަންނަ އަހަރުވެސް ކަން ހިނގާނެ ކަމަށް ލަފާކުރެވެނީވެސް އެ ބީދައިންނެވެ. އާސަންދައިގެ ނަހަމަ ބޭނުންކުރުން ހުއްޓުވާނެ ގޮތްތަކެއް ހޯދެންދެން، ނުވަތަ ހަރުދަނާ ފިޔަވަޅުތަކެއް ގާއިމްކުރެވެންދެނެވެ.

މި ހުރިހާ ކަމަކާއެކުވެސް ރައީސް މުއިއްޒުގެ ސަރުކާރަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް އިގްތިސާދީ ގޮންޖެހުމަކީ ކުރިއަށް އޮތް ދެތިން އަހަރުތަކުގެ ތެރޭގައި ރާއްޖެއިން ދައްކަންޖެހޭ ބޮޑެތި ލޯނުތަކެވެ. އޭގެ ތެރެއިންވެސް 2026 ވަނަ އަހަރު ރާއްޖެއިން ލޯނުތަކަށް ދައްކަންޖެހޭ 1 ބިލިއަން ޑޮލަރެވެ. މިކަމަށް ތައްޔާރުވުމަށް، ނިމިދިޔަ ސަރުކާރުންވެސް ގިނަ މަސައްކަތްތަކެއް ކުރިއިރުވެސް، ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑެވެ.

މިއަދު ރައީސް މުއިއްޒަށްވެސް އޮތީ އެ އިމްތިހާނެވެ. ސޮވްރިން ފަންޑު ހުލިނުކޮށް، އެ ފަންޑަށް ފައިސާ ހޯދޭނެ ގޮތްތަކެއް ހޯދަން އެބަޖެހެއެވެ. ވަރުގަދަ މާލީ ފިޔަވަޅުތަކެއް އަޅައިގެން ނޫނީ އެކަން ކުރެވެން ނެތްއިރު، އިގްތިސާދަށް ފައިސާ ވަންނާނެ ގޮތްތައް މިއަދު މަދެވެ. ދެން އޮތީ ސަރުކާރަށް ލިބެންޖެހޭ ފައިސާތައް ހޯދޭނެ ގޮތްތަކެއް ހޯދުމެވެ.

ފައިސާ ހޯދާނީ ކިހިނެއް؟

ކޮންމެއަކަސް، މިއަދުގެ ހާލަތުން، ބޭރުން ފައިސާ ހޯދުން އެއީ އެންމެ ބުއްދިވެރި ގޮތަކަށް ނުވެދާނެއެވެ. އެކަމަކު ގައުމެއް ހިންގުމަށް އެއީވެސް މުހިންމު ކަމެކެވެ. އެހެން ނަމަވެސް ބޭރުން ނެގޭ ފައިސާ މަދުކޮށް، ކުޑަ އިންޓްރެސްޓެއްގެ ތެރެއިން އެކަން ކުރެވޭނެ ގޮތްތަކެއް ހޯދުމަކީ މިއަދަށް އޮތް އެންމެ ރަނގަޅު ގޮތެވެ.

އެ ނޫނީ ދެން އޮތީ ދައުލަތަށް ލިބެންޖެހޭ ފައިސާތައް ހޯދުމެވެ. އެމްއެމްޕީއާރްސީގެ މައްސަލަ ފަދަ ބޮޑެތި މައްސަލަތަކުން ދައުލަތުން ގެއްލުނު އެތައް މިލިއަން ފައިސާއެއް ހޯދޭނެ ގޮތްތަކެއް ހޯދަން އެބަޖެހެއެވެ. ސަރުކާރުގެ މަތީ ފަޑީގައި ތިއްބެވި، ރިސޯޓު ހިންގާ ފަރާތްތަކާއި އަދި އެނޫންވެސް ފަރާތްތަކުގެ އަތުން ލިބެންޖެހޭ އެތައް މިލިއަން ރުފިޔާގެ ޖޫރިމަނާތައްވެސް އެފަދައިންނެވެ. ޓެކްސް ނުދައްކާ ފަރާތްތައްވެސް އެފަދައިންނެވެ.

މި ނޫނަސް، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ކުރާ ޖޫރިމަނާތައްވެސް އެފަދައިންނެވެ. މި އަހަރު އީޕީއޭއިން ކުރި ޖޫރިމަނާތަކުގެ ގިނަ ފައިސާތައް އަދިވެސް ނުލިބޭއިރު، ބައެއް ފައިސާތައް ހޯދޭނެ ގޮތްތަކެއް އަދި ނުވެސް ނެތެވެ. އެތައް ސަތޭކަ މިލިއަން ރުފިޔާގެ ކޮޅުމަތި އޮތީ އަނދިރިކޮށެވެ.

ދެން އޮތީ އެންމެ މުހިންމު އެއް ގޮތެވެ. ފަތުރުވެރިކަމުގެ ސިނާއަތުން ރާއްޖެއަށް ވަންނަ ފައިސާތައް، ރާއްޖޭގެ އިގްތިސާދުގައި ދައުރުވާނެ ގޮތެއް ހޯދުމެވެ. އެއީ ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް ކުރަން މުހިންމު ކަމެކެވެ. އެހެން ނޫނީ ފަތުރުވެރިކަމުގެ ސިނާއަތާ އެއްވަރަށް އެހެނިހެން ސިނާއަތްތައް ކުރިއަރުވަން އެބަޖެހެއެވެ. ސިންދަފާތު ކުރަންޖެހޭ ވަގުތު މިއަދު ޖެހިއްޖެއެވެ. އެންމެ ސިނާއަތަކަށް ބަރޯސާވެގެން އޮންނަ އޮތުމުގެ ސަބަބުން، މިދިޔަ ކުއާޓަރުގައި ވެސް ރާއްޖޭގެ އިގްތިސާދަށް ކުރިއެރުމެއް އައިސްފައެއްނުވެއެވެ. އިގްތިސާދީ ކުރިއެރުން އޮތީ "ސުން ޕަސެންޓުގަ"އެވެ.

މިއަދު ބޭނުންވަނީ މިނިވަންކަމުގެ ރަތް ރޮނގު ފަހަނައަޅައި ނުދެވޭނެ ބީދައިން އިގްތިސާދީ ރަތް ރޮނގުންވެސް އެތެރޭގައި ތިބުމެވެ. އެހެން ނޫންނަމަ، ރައީސް މުއިއްޒުގެ ސަރުކާރުގައި، ރާއްޖޭގައި ލަންކާގެ ދެވަނަ ވަރޝަނެއް ވުޖޫދުވުން ވަރަށް ގާތެވެ. އެއީ މިއަދުގެ ހާލަތުގެ ނާޒުކުކަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
50%
0%
0%
0%
0%
50%
ކޮމެންޓް
ގުޅުންހުރި
ޕާޓީ ބަދަލުކުރިއަސް، ޕާޓީއަކާއި ގުޅުނަސް، ދައުރު ނުފެށޭހާ ހިނދަކު މެންބަރުގެ ގޮނޑި ނުގެއްލޭނެ - އީސީ
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ބިލު ރައީސް ތަސްދީގުކުރައްވައިފި
އަޑުއިވެމުންދަނީ އެންޓި ޑިފެކްޝަން ބިލު ތަސްދީގު ނުކުރަނީ އިންތިހާބަށްފަހު ސަރުކާރުން މެންބަރުން ގަންނަން ބޭނުންވާތީ ކަމަށް - ޞާލިހު
ރައީސް މުއިއްޒަކީ އަމިއްލަފުޅު ޕާޓީގެ އުސޫލުތަކާއި ހަމަތައް ވެސް ހިފަހައްޓަވާ ބޭފުޅެއް ނޫން: ރައީސް ސާލިހު
ރައީސް މަގޫދޫއަށް ވަޑައިނުގަތީ ރައްޔިތުންނާއި ކުރިމަތިލާން ޖެހިލުންވެވަޑައި ގަންނަވާތީ؟
މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަމެއް ރައީސް ނުދެއްވާ - ކައުންސިލް