ކ. މާލެ
|
4 ޑިސެންބަރ 2023 | ހޯމަ 15:08
އަރުހަމްގެ މަރުގެ ކުށް ސާބިތުނުވި 3 މީހުން
އަރުހަމްގެ މަރުގެ ކުށް ސާބިތުނުވި 3 މީހުން
ރާއްޖެއެމްވީ
އަރުހަމްގެ މަރު
އަރުހަމްގެ މަރުގެ ކުށް ސާބިތުނުވި 3 މީހުންގެ މައްސަލަ އަލުން ބަލަން ހައިކޯޓުން ޙުކުމްކޮށްފި
3 މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ޙުކުމްކުރީ 2016 ވަނަ އަހަރު
ދަށު ކޯޓުން އަލުން އެ މައްސަލަ ބަލައި ގޮތެއް ނިންމުމަށް ޙުކުމްކޮށްފައިވޭ

މޭ 2012 ގައި ލޮރެންޒޯ ޕާރކް ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ހއ. ހޯރަފުށި، ނޫރީގެ މުޙައްމަދު އަރުޙަމް (16އ) ގެ މަރުގެ މައްސަލައިގައި ކުށް ސާބިތުނުވި 3 މީހުންގެ މައްސަލަ އަލުން ބަލައި ކްރިމިނަލް ކޯޓުން ގޮތެއް ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފިއެވެ.

އެއީ، ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފްޔާން، ލ. މާވަށު އަސަރީގޭ މަންސޫރު ޔޫސުފާއި އަދި މއ. ސީނަރީވިއު އާތިފް ރަޝީދުގެ މައްޗަށް އުފުލި ދައުވާތައް ސާބިތުނުވާކަމަށް ނިންމި ނިންމުމެވެ.

ހައިކޯޓުން ހޯމަ ދުވަހު ވަނީ އެ މައްސަލައިގައި ކުށް ސާބިތުނުވާކަމަށް ނިންމި ނިންމުން ބާތިލުކޮށް، ދަށު ކޯޓުން އަލުން އެ މައްސަލަ ބަލައި ގޮތެއް ނިންމުމަށް ޙުކުމްކޮށްފައެވެ.

އަރުހަމުގެ މަރާގުޅޭގޮތުން ދައުލަތުން ދައުވާކުރި 4 މީހުންގެ ތެރެއިން 3 މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ޙުކުމްކުރީ 2016 ވަނަ އަހަރުއެވެ.

މި މައްސަލައިގައި ކުށް ސާބިތުވީ، ލ. މާވަށު އެވާބްލޫގޭ މުހައްމަދު ވިސާމްގެ މައްޗަށެވެ.  ވިސާމް މަރަން ހުކުމް ކުރީ އަރުހަމްގެ ވާރިސުންގެ ގޮތުގައި ތިބި އެންމެން ވެސް މަރަށް މަރު ހިފަން ބޭނުންވާތީ ކަމަށް ހުކުމް އިއްވަވަމުން ގާޒީ އޭރު ވިދާޅުވެފައިވެއެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ބުނެފައި ވަނީ، 2016 ވަނަ އަހަރު މި މައްސަލައިގެ ޚުލާސާ ބަޔާން އިއްވިއިރު ސިއްރު މައުލޫމާތުތަކެއް ޕީޖީއަށް ހާމަ ކުރެވިފައިވާ ކަމަށެވެ.

އަދި ސިއްރު ހެކިވެރިންގެ މައުލޫމާތު އެނގޭ ގޮތަށް ލިއުންތައްވެސް ހިއްސާ ކޮށްފައިވާއިރު، އެކަމަށް ހައިކޯޓުން ޒިންމާ ނުނަގާނެ ކަމަށް ވެސް ފަނޑިޔާރުންގެ ބެންޗުން އޭރު ބުނެފައިވެއެވެ.

- ކޮމެންޓް