ކ. މާލެ
|
1 ޑިސެންބަރ 2023 | ހުކުރު 19:20
ހައުސިން މިނިސްޓަރު އަލީ ހައިދަރު
ހައުސިން މިނިސްޓަރު އަލީ ހައިދަރު
މިހާރު
ގެދޮރުވެރިޔާ މަޝްރޫއު
ހައުސިންގ މިނިސްޓްރީން ޖެހީ "އޭސީސީ"ގެ ބޮލަށް، ހުޅުމާލެއިން ދިން ގޯތީގައި ހުރި ހިލަ ވެލީގެ ފަރުބަދައެއް ނަގާނެ ފަރާތެއް ނުވި!
 
މިދިޔަ ސަރުކާރުން އެ ސަރަހައްދުން ގޯތު ދިން އިރު ވެސް އެ ސަރަހައްދުގައި ހިލަ ވެލި ފުންޏެއް ހުރި
 
އެ ހިލަވެލި ފުނި ނެގުމުގެ މަސައްކަތް ކޮންމެވެސް ވަރަކަށް ކުރީގެ ސަރުކާރުން ކުރި
 
މި ސަރުކާރުން ބުނާ ގޮތުންނަމަ، މަސައްކަތް ހުއްޓިފައި އޮތީ އޭސީސީން އެންގުމުން

މި އުޅެނީ މިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން، ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ދިން ބައެއް ފަރާތްތަކުގެ، ބިމުގެ މައްސަލަ ޖެހިގެންނެވެ. މިދިޔަ ސަރުކާރުން ބިން ދިނުމަށް ފަހު ދުވަހާ ހަމައަށް ކުރި މަސައްކަތް، މި ސަރުކާރުން ހުއްޓުވައިގެންނެވެ. އެހެން ކަމަށް ނުވާނަމަ އާންމުން ދިރިއުޅެމުން އަންނަ ބިމަކުން ގޯތީގެ ހައްގުވެރިންނަށް ގޯތި ކަނޑައި، ނުދެވިގެން އުޅޭ ސަބަބެއް ނެތްތާ އެވެ.

އޭގެ އެންމެ މިސާލެކެވެ. ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު ޢާންމު މީހެކެވެ. މި ގޯތި ލިބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތަކުގެ ހުޅަނގުން، ފަރުކޮޅުފުއްޓާ ވީ ދިމާލުންނެވެ. ބަންދުކޮށްފައި އޮތް އެ ސަރަހައްދަށް ބައެއް މީހުން އާންމު ނަމަކަށް ހުޅުމާލެ "ތިންވަނަ ފިޔަވަހި" ވެސް ކިޔަ އެވެ. އެ ސަރަހައްދުން ބިން ލިބުނު މީހުންގެ ބިމުގެ ނަންބަރުތައް ހުރީ 21،000 ގައެވެ.

އެ ސަރަހައްދުން ގޯތި ލިބުނު ބައެއް މީހުން، އެމީހުންގެ ގެތައް ބިނާ ކުރުމުގެ މަސައްކަތްތައް ވެސް ކުރަން ފަށައިފި އެވެ. އިންފާރު ރާނައި، ގެ ވަކި ކުރުމުގެ މަސައްކަތްތައް ވެސް ފަށައިފި އެވެ. އެހެން ނަމަވެސް، ސަރުކާރުގެ އިދާރާތަކުގެ ނާގާބިލުކަމުގެ ސަބަބުން ގޯތީގެ މަސައްކަތް ނުކުރެވިގެން މި އުޅެނީ ބިން ނަންބަރު 21،066 އިން ފެށިގެން އެ ބްލޮކާ އޭގެ ފަހަތަށް އޮތް ބްލޮކުގެ ބައެއް ގޯތި ތަކުގެ ބިމުގެ ވެރިންނަށެވެ. އެ ބިންތަކުގެ ވެރިން މިއަދު ކުރާނެ ކަމެއް ނެތެވެ. ބާރު އޮތް ފަރާތުން ބަހަނާ ދައްކަމުންދާތީއެވެ.

ހުޅުމާލެ އިން ދިން ގޯއްޗެއް -

މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ މިދިޔަ ސަރުކާރުން ގޯތި ހަވާލުކުރި ހިސާބުންނެވެ. އެ ބިންތަކުގެ ވެރިންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރިއިރު ވެސް، އެ ބިންތަކުގައި ހިލަވެލި ފުންޏެއް ހުރި ކަމަށް ހައުސިން މިނިސްޓްރީން އޭރު ބުނެފައިވެއެވެ. އަދި އެތަނުން ވެލި ނެގުމުގެ މަސައްކަތް ފަށައި، ހަފުތާއެއްގެ ތެރޭގައި އެތަނުން ސާފުކުރާނެ ކަމުގެ ޔަގީންކަން އެ މިނިސްޓްރީން އޭރު ދިނެވެ. އަދި އެ މަސައްކަތް ކުރުމަށް ހައުސިން މިނިސްޓްރީން ހުޅުމާލެ ހިންގާ އާބަންކޯ އަށް އެންގި އެވެ. އެ އެންގުމާ އެއްގޮތަށް، އެ ބިމުން ހިލަވެލިތައް ނެގުމަށް ދެތިން ލޮރީގެ ހިލަވެލި ނެގި ހިސާބުން އެ މަސައްކަތް ހުއްޓުނީ އެވެ. މިއަދު ވެސް އެތަން އެ އޮތީ އެ ހާލެއްގައި އެވެ.

އެ މައްސަލައިގައި ކޮޅެއް ނުފެނުމުން އެ ބިންތަކުގެ ވެރިން ސަރުކާރުގެ އިދާރާތަކަށް ދާން ފެށިއެވެ. އެންމެ ފުރަތަމަ އާބަންކޯ އަށެވެ. ދިޔުމާ އެކު އާބަންކޯ އިން ބުނަނީ، މަސައްކަތް ކުރިއަށް ގެންދެވޭނީ ހައުސިން މިނިސްޓްރީން އެންގުމުން ކަމަށެވެ. އަނެއް ދުވަހު ހައުސިން މިނިސްޓްރީއަށް އެ ޖަވާބާއެކު ދިޔުމުން އެޅުވީ އޭސީސީގެ ބޮލުގައި އެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީން ދިން ގޯތިތައް، ކެނޑުމުގެ މަސައްކަތް ހައުސިން މިނިސްޓްރީ އަށް ކުރިއަށް ނުގެންދެވެނީ އޭސީސީން އެ މަޝްރޫއު ހުއްޓުވާފައި އޮތުމުން ކަމަށް ބުނެ އެވެ. ހަމަ އުޅެ އުޅެ، ހައުސިން މިނިސްޓްރީން އެކަމުގައި ގޮތެއް ހޯދައިދޭން އެއްބަސް ނުވި ކަމަށްވެއެވެ.

ހުޅުމާލެ އިން ދިން ގޯއްޗެއް -

ހައުސިން މިނިސްޓްރީގެ މި ޖަވާބާއެކު އޭސީސީއަށް ދިޔުމަށް އެ ބިންތަކުގެ ވެރިން ތައްޔާރުވަމުން ދަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް އޭސީސީ ހާޒިރުކޮށްފި އެވެ. ނުތަނަވަސްވެފައި ތިއްބެވި މެމްބަރުން އެ ސުވާލު ވެސް ކުރެއްވި އެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީން، ބިންވެރިޔާ ސްކީމުގެ ދަށުން ލިބުނު ގޯތިތަކުގެ މަސައްކަތްތައް ހުއްޓާލުމަށް ހައުސިން މިނިސްޓްރީއަށް އެންގިންތޯ އެވެ. އެކަމުގެ ޖަވާބުގައި އޭސީސީން އެދުވަހު ބުނީ، ބިންވެރިޔާއާ ގުޅޭ ބައެއް މައްސަލަތަކެއް ބަލަމުން ދިޔަ ކަމަށެވެ. އެގޮތުން ބައެއް މައްސަލަ ތަކުގެ ޕްރިމިލިނަރީ ރިޕޯޓުތައް ވެސް ހަދާފައިވާ ކަން އޭސީސީން އެދުވަހު ފާހަގަ ކުރި އެވެ.

އެހެން ކަމުން އެ މައްސަލައާއި ގުޅިގެން އޭސީސީއާ ސުވާލުކުރުމުން އެތަނުން ދިން ޖަވާބަކީ، ބިންވެރިޔާ ސްކީމާ ގުޅޭ އެފަދަ މައްސަލަތަކުގެ އޮޕަރޭޝަންގެ މަސައްކަތްތައް ހުއްޓާލަން ހައުސިން އަށް އަންގާފަ ނުވާނެ ކަމަށެވެ. އެހެން ކަމުން ހައުސިން އިން އެކަމުގައި ހަދަނީ ކަނޑައެޅިގެން ދޮގުކަން އެނގުނީތާ އެވެ.

މިއީ ކިހާ ހެއްވާ ކަމެއްތޯ އެވެ. ރައްޔިތުންނަށްޓަކައި، ރައްޔިތުންނާ ގާތުން މަސައްކަތް ކުރާނެ ކަމަށް ބުނެ ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުން ރައްޔިތުންނަށް އޮޅުވާލައްވަނީ އެވެ. ރައްޔިތު މީހާ ކުރާނެ ކަމެއް، އެހީތެރިކަމަށް އެދޭނެ އިދާރާއެއް ނެތްތާ އެވެ. ގިރާވަރުފަޅުން ދިން ގޯތީގެ ވާހަކަ ދައްކާއިރު، މީހުން ދިރިއުޅެމުން އަންނަ ހުޅުމާލެ އިން ދިން ގޯތިތައް، ކެނޑުމުގެ މަސައްކަތް ނުކުރެވެންވީ ސަބަބެއް ނެތްތާ އެވެ. ނުވަތަ އެ ގޯތިތައް ކަނޑައި ދެވޭނެ ދުވަހެއް ވެސް އިއުލާން ކުރެވެން ވާނެތާ އެވެ. އެކަން ކުރެވޭނީ އިޚްލާސްތެރި ނިޔަތެއް އެކަމުގައި އޮތް ނަމަ ނޫން ހެއްޔެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
25%
25%
50%
0%
0%
0%
ކޮމެންޓް