"ގެދޮރުވެރިޔާ" ސްކީމް ގެ ދަށުން ހަވާލު ކުރާ ފްލެޓްތަކުގެ ކުލި ކުރިން ކަނޑައަޅާފައި އޮތް ގޮތައް އެމްޑީޕީގެ ވެރިކަމެއްގައި ބަދަލު ކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މިހެން ވިދާޅުވީ، މިނިވަން ދުވަހު، ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމް ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހަވާލު ކުރި މި ފްލެޓްތަކުގެ އަގުތައް ރައީސް މުއިއްޒުގެ ސަރުކާރުން ބޮޑު ކޮށްފައިވާ މައްސަލައިގައި ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސާލިހް ވިދާޅުވީ، ފްލެޓްތައް ހަވާލު ކުރި އިރު ކަނޑައަޅާފައިވާ އަގަކީ އެކަށީގެންވާ އަގުތަކެއް ކަމުގައާއި އެއްބަސްވެ ދެފަރާތުން ސޮއިކޮށްފައިވާ ކަމެއް ބަދަލު ކުރުން އެއީ ރަނގަޅު ކަމެއް ނޫން ކަމުގައެވެ.
ކުރީގެ އެއްބަސްވުމާ ޚިލާފަށް މި ސަރުކާރުން ވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތަކަށް 25،000ރ. ގެ ޑިޕޮސިޓެއް ވެސް ނަގާ ގޮތައް ހަމަ ޖައްސާފައެވެ.
ރައީސް ސާލިހް ވިދާޅުވީ، 4000 ހައުސިންގ ޔުނިޓްގެ މަސައްކަތް ފެށުމަކަށް ކުޑަ ތަންކޮޅެއް ލަސްވެގެން ދިޔައީ ވެސް އެކަށީގެންވާ ކުޑަ އަގެއްގައި ފްލެޓް ރައްޔިތުންނަށް ހަވާލު ކުރެވޭނެ ގޮތަކަށް މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ކުރަން ޖެހުނު މަސައްކަތުގެ ސަބަބުން ކަމަށެވެ.
"އޭގެ ނަތީޖާ އެއްގެ ގޮތުން ހަމަ ރަނގަޅު އަގެއްގައި އެކަން ކުރާނެ ބަޔަކު ހޯދުނީ، އޭގެ މައްޗަށް ބިނާ ކޮށް އަގުތައް ހަދާފައި ހުންނާނި،" ރައީސް ސާލިހް ވިދާޅުވިއެވެ.
ރައީސް ސާލިހުގެ ސަރުކާރުން އިއުލާނު ކޮށްފައިވަނީ ތިން ކޮޓަރީގެ ފްލެޓެއް މަހު ކުލީގެ ގޮތުގައި 7000ރ. އަދި މެއިންޓެނެންސް ފީގެ ގޮތުގައި 1000ރ. އާ އެކު ޖުމްލަ 8000ރ. އެވެ. އަދި ދެ ކޮޓަރީގެ ފްލެޓެއް މަހު ކުލީގެ ގޮތުގައި 5000ރ. އާއި މެއިންޓެނެންސް ފީގެ ގޮތުގައި 1000ރ. އާ އެކު ޖުމްލަ 6000ރ. އެވެ.
އޭގެ އިތުރުން 3 މަސް ދުވަސް ފަހުން ކުލި ދައްކަން ފަށަން ޖެހޭ ގޮތައް މުއްދަތެއް ކަނޑައަޅާފައި ވާނީ އެތަންތަނަށް ވަންނަން ޖެހޭ ފަރާތްތަކަށް ފަރުނީޗަރާއި އެހެނިހެން ހިފާގެންގުޅޭ ތަކެތި ހޯދުމަށް ޚަރަދުތަކެއް ކުރަން ޖެހޭނެ ކަމަށް ގަބޫލު ކުރެއްވޭތީ ކަމުގައި ރައީސް ސާލިހް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ނޯންނާނެ އެޑްވާންސް ފީ އެއް އެއްގޮތަކަށް ވެސް ނަގާ ގޮތަކަށެއް،" އަލަށް ހެދި އެއްބަސްވުމުގައި ކަނޑައަޅާފައިވާ 25،000ރ. ގެ އެޑްވާސްން ފީ އަށް އިޝާރާތް ކުރައްވާ ރައީސް ސާލިހް ވިދާޅުވިއެވެ.
"މިއީ އިއުލާނު ކޮށް ނިންމާފައި ހުރި ކަންތައް، ފްލެޓަށް ކުރިމަތިލެއްވި ބޭފުޅުންނަށް ވެސް އަދި ހޮވުނު ބޭފުޅުންނަށް ވެސް މިކަން އެނގިވަޑައިގަންނަވާނެ، އޭރު މިނިސްޓްރީގައި ތިއްބެވި ބޭފުޅުންނަށް ވެސް މިކަން އެނގިވަޑައިގަންނަވާނެ."
"އެކަމަކު މިހާރު އަޅުގަނޑުމެންނަށް މި އަޑު އިވެނީ، އެޑްވާންސް ފީގެ ގޮތުގައި ފުރަތަމަ 25،000ރ، ދައްކަންވާނޭ، ތިން ކޮޓަރީގެ ފްލެޓެއް މަހަކު 9،000ރ. އާއި އިތުރަށް 1،500ރ. މަރާމާތު ފީގެ ގޮތުގައި ނަގާ ވާހަކަ، އަދި 2 ކޮޓަރީގެ ފްލެޓެއް 7،000ރ. އާއި އަދި މަރާތުފީ 1،000ރ. މަހަކު ނަގާ ގޮތައް،" ކަމަށް ކުރީގެ ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން ރައީސް ސާލިހް ފާހަގަ ކުރެއްވި ގޮތުގައި މިހާރު ކަނޑައަޅާފައި ގޮތުން ދައްކަން އޮންނަ މުއްދަތަކަށް ކުލި ނުދައްކައިފިއްޔާ އެކި ގޮތް ގޮތުން 4000ރ. ކުއްޔަށް އިތުރުކުރާ ގޮތައް ހަމަ ޖައްސާފައިވާ ކަމަށް އަޑު އިވޭ ކަމަށެވެ.
"މިއީ އަޅުގަނޑު ދަންނަވާނީ، ވަކި ގޮތަކަށް ސަރުކާރަކުން ނިންމާފަ އޮތް ކަމެއް ކަމަށް ވާތީ، މިކަން ކުރިން ކަނޑައަޅާފައި އޮތް ގޮތައް ކުރަައްވަން މި ސަރުކާރަށް ޖެހިވަޑައިގަންނަވާނޭ،"
ރައީސް ސާލިހް ވިދާޅުވީ، މިކަމުގައި އޮތް އެންމެ ރަނގަޅު ގޮތަކީ ކުރިން ނިންމާފައި އޮތް ގޮތައް އެ ފްލެޓްތައް ކުއްޔަށް ދިނުން ކަމަށެވެ.
ރައީސް ވިދާޅުވީ، ފަހުން އަންނަ ސަރުކާރަކުން ކުރިން ކަނޑައަޅާ އެއްބަސްވެ ނިމަފައި ހުންނަ މިފަދަ ކަންކަން ބަދަލު ކުރަންޏާ ދައުލަތަކާ ދޭތެރޭ ރައްޔިތުންގެ ހިތުގައި އޮންނަ އިތުބާރު ގެއްލިގެން ދާ ކަމަށެވެ.
"އެ ވެސް ރައްޔިތުން އިންތިޚާބު ކޮށްފަ އޮތް ސަރުކާރެއް،" ކަމަށް ސާލިހް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ މަސައްކަތް ކޮށްފައި ހުންނާނީ އެ އަގުތަކަށް ދެވޭ ގޮތަކަށް ކަމުގައެވެ.
ކުރީގެ ރައީސް ވިދާޅުވީ، އިރާދަ ކުރެއްވިއްޔާ 2028 ވަނަ އަހަރު އަންނާނީ އެމްޑީޕީގެ ވެރިކަމެއް ކަމަށާއި، ރައްޔިތުން އެގޮތައް ވޯޓު ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، އެ އުފެދޭ އެމްޑީޕީ ގެ ސަރުކާރެއްގައި، ކުރިން އެމްޑީޕީ ސަރުކާރުން ކަނޑައަޅާފައި އޮތް ގޮތައް ކުލިތައް ބަދަލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަަމަށެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު ރާއްޖޭގެ އިޤްތިސާދީ ޙާލަތަށް ރިޢާޔަތްކޮށް ހުޅުމާލެ ފޭސް-1 ގެ ފުލެޓްތަކާއި، ހިޔާ ފުލެޓް، ވިނަރެސް ފުލެޓްގެ އިތުރުން ރާއްޖޭގެ އެހެނިހެން ސޯޝަން ހައުސިންގ ޔުނިޓް ތަކުގެ ކުލި ކުޑަކުރެއްވި ނަމަވެސް، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތަކުގެ ކުލި ވަނީ ބޮޑު ކުރައްވާފައެވެ.
ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި، ނިމިދިޔަ ސަރުކާރުން ދީފައިވާ ފްލެޓްތައް އަތުނުލައްވާނެ ކަމަށާއި އަދި ފްލެޓްތައް ދޭން ނިންމާފައިވާ ގޮތަކަށް ބަދަލެއް ނުގެނެސް ދިންއެއްޗެއް ދިންގޮތަކަށް އެއަށްވުރެ ފުރިހަމަކޮށް ދެއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.