ގެދޮރުވެރިޔާ ސްކީމް ގެ ދަށުން ދޫކުރި ފްލެޓް އެއްބަސްވުންތަކަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އަމިއްލަ އަށް ބަދަލު ގެނައި މައްސަލައިގައި އާންމު ރައްޔިތުންނަށް ލަފާދޭން ބަންޑާރަ ނައިބަށް ނުޖެހޭ ކަމަށް ބުނެފިއެވެ.
"ޒިންމާދާރު ކަމާ އެކު ދައުލަތް ތަމްސީލު ކުރުން" އެ އޮފީހުގެ ތަސައްވަރުގެ ގޮތުގައި ކަނޑައަޅާފައިވާ ބަންޑާރަ ނައިބުގެ އޮފީހުން ލިޔުމުން ބުނީ، ސަރުކާރުގެ ފަރާތަކާއި އާންމު ފަރާތަކާ ދެމެދު ހަދާ އެއްބަސްވުމަކާ ބެހޭ ގޮތުން އޭގައި ހިމެނޭ އާންމު ފަރާތައް ބަންޑާރަ ނައިބު އޮފީހުން ގާނޫނީ ލަފާ ދޭން ނުޖެހޭނެ ކަމަށެވެ.
ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާ އަށް ބަންޑާރަ ނައިބު މަސައްކަތް ކުރަން ޖެހޭނެ ކަން ގާނޫނު އަސާސީ ގެ 133 ވަަނަ މާއްދާ ގައި ކަނޑައަޅާ ބުނެފައި ވާއިރު، ހަމަ އެ މާއްދާ އަށް ހަވާލާ ދީ ބަންޑާރަ ނައިބު އޮފީހުން ބުނެފައި ވަނީ "ބަންޑާރަ ނައިބު ނުވަތަ ބަންޑާރަ ނައިބުގެ އޮފީހުން ގާނޫނީ ލަފާ ދިނުމަށް ބަޔާން ކޮށްފައި ވަނީ ދައުލަތާ ގުޅުން ހުރި އެންމެހާ ކަންކަމުގައި ސަރުކާރަށް އެކަނި ކަން،" ގާނޫނު އަސާސީ ގެ 133 ވަނަ މާއްދާ އަށް ރިއާޔަތް ކުރުމުން އެނގޭ ކަމަށެވެ.
ބަންޑާރަ ނައިބުގެ އޮފީހަށް އަމިއްލަ ޖަމްއިއްޔާ އެއް ކަމަށްވާ ފަހި ޔޫނިއަން އިން ހުށަހެޅީ، "ދިވެހި ދައުލަތާ އާންމު ފަރުދަކާ އެއްބަސްވުމެއް ވުމަށް ފަހު، އެއްބަސްވުމުގައި ހިމެނޭ ދެވަނަ ފަރާތައް އެނގުމެއް ނެތި، އެއްބަސްވުމަށް ބަދަލު ގެނެވިދާނެތޯ،" ސާފު ކުރުމަށެވެ.
މި ހުށަހެޅުމަށް ޖަވާބު ދެމުން ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައިވަނީ "ހޯއްދެވުމަށް އެދިވަޑައިގެންފައިވާ ގާނޫނީ ލަފާ ފޯރުކޮށް ދެވެން ނެތް ކަމުގައި ދަންނަވަމެވެ."
ފަހި ޔޫނިއަން އިން ބަންޑާރަ ނައިބުގެ އޮފީހުގެ ލަފަޔަކަށް އެދި ހުށަހެޅީ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ އެފްޑީސ އާއި އާންމު ފަރާތްތަކާ ދެމެދު ހަދާފައިވާ ފްލެޓް ދޫކުރުމުގެ އެއްބަސްވުންތަކަށް، އެކަމުގައި ހިމެނޭ އަމިއްލަ ފަރާތުގެ މަޝްވަރާ އެއް ނެތި އެފްޑީސީ އިން ބަދަލު ކުރި މައްސަލަ އެވެ.