ކ. މާލެ
|
26 ޖުލައި 2017 | ބުދަ 13:37
ދިވެހިރާއްޖޭގެ އެންމެ މަތީ މަރުހަލާގެ ކޯޓް، ސުޕްރީމް ކޯޓް
ދިވެހިރާއްޖޭގެ އެންމެ މަތީ މަރުހަލާގެ ކޯޓް، ސުޕްރީމް ކޯޓް
މުހައްމަދު ޝަރުހާން
އަދުލުއިންސާފު ގާއިމްކުރުން
މިނިވަންދުވަސް: ނުފޫޒުތައް ނައްތާލައި އިންސާފުގެ ދަރުބާރު މިނިވަންކުރަން ޖެހިފަ!
 
ފަނޑިޔާރުގެ އަމަލުތަކާއި ޝަރުއީ ދާއިރާގެ ތަސައްވަރު ވަނީ ގުޅިފައި
 
ޝަރުއީީ ދާއިރާގެ މިނިވަންކަމާ މެދު ބޮޑެތި ސުވާލުތަކެއް
 
ޝަރުއީ ދާއިރާއިން ދައްކަނީ ތަސައްވަރު ގެއްލޭ ވާހަކަ

ނައިބުގޭގެ އުނދޯލީގައި، ދުފާ ރަތްކޮށްލައިގެން އިންނަވައި، ކުރިމަތީގައި ހުރި މުއްތަޙަމް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، ދުއްރައިން ތެޅުމަށް ނައިބު މަނިކުފާނު ކުރައްވާ ހުކުމަކީ ލަހެއް ފަހެއްނެތި ތަންފީޒްކުރެވޭ ހުކުމަކަށްވި ޒަމާން ދިވެހި ތާރީޚުން ފެންނަން އެބަ އޮތެވެ. އެހުކުމާމެދު އެއްވެސް މީހަކު އެއްވެސް ސުވާލެއް ނުކުރާނެއެވެ. ރަށު ރައްޔިތުންގެ އިތުރުން، އަދަބު ލިބޭ މީހާވެސް އިންތިހާއަށް އަދަބުވެރިކަމާއެކު އެހުކުމަށް ތަބާވާނެއެވެ. އެއީ އެހުކުމް ހިފައިގެން ދާނޭ ދެވަނަ ތަނެއް ނެތްކަން އޭނާއަށް އެނގޭތީއެވެ. އެހެންނަމަވެސް މިހާރު އެކަން އޮތީކީ އެހެނެއް ނޫނެވެ. ޒަމާން ބަދަލުވެ، ދައުވާ ލިބޭ މީހާގެ ވެސް ހައްގުތަކެއް ވާކަމާއި، ފަނޑިޔާރުގޭގައި ޝަރީއަތްކުރަން ތިބެނީވެސް އިންސާނުންކަމަށްވާތީ، ކުށެއް ކުރެވުމަކީ ވެދާނޭ ކަމެއްކަމުގައި ދެކި، ފުރަތަމަ މަރުހަލާއިން ކުރާ ހުކުމްތައް މުރާޖައާ ކުރުމަށް މަތީ މަރުހަލާގެ ކޯޓުތަކަށް ހުށަހެޅޭނޭ ގޮތް، މިޒަމާނުގެ ޝަރުއީ ނިޒާމުތަކުގައި ވަނީ އެކަށައެޅިފައެވެ. އަޅުގަނޑުމެންގެ ރާއްޖެއަކީ ވެސް މިއުސޫލަށް ލިޔެފައިއޮތް ގާނޫނުއަސާސީއަކަށް ހިންގަމުން ގެންދާ ދައުލަތެކެވެ. ގާނޫނު އަސާސީގެ ބާރުކަނޑުވާލާފައި އޮތަސް، އެ ފެހި ފޮތުން ހައްގުތައް ކަށަވަރުކޮށްދެ އެވެ.

ތިންބާރު ވަކިކުރެވިފައިވާ ނިޒާމެއް އޮތުމުގެ ހިކުމަތަކީ އެއް ބާރުން އަނެއް ބާރުގެ މައްޗަށް ނުފޫޒު ފޯރުވުމެއް ނެތި ފާރަވެރިވާ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ފާގަތި ހަމަޖެހޭ ދިރިއުޅެއް ލިއްބައިދިނުން ކަމަށްވާއިރު، ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރެއިން  ފެނިގެން ގޮސްފައިވާ ހަޑިމުޑުދާރު އަމަލުތަކުގެ ސަބަބުން ނިޒާމުގެ ތަސައްވަރު މިވަނީ ގެއްލިފަ އެވެ. އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އާރުކާޓީންގެ ތައުލީމީ ފެންވަރާއި، ދިވެހިރާއްޖޭގެ ކޯޓުތަކުން ނެރެމުންދާ ހުކުމްތަކާއި، އެ ހުކުމްތަކުގެ ވެލިޑިޓީއާ، ރިލައަބިލިޓީ އަދި ކޮންސިސްޓެންސީއާއިމެދު ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ. ޝަރުއީ ދާއިރާ ސިފަވެގެން ދަނީ ރައީސުލްޖުމްހޫރިއްޔާގެ ރުހުން ހޯދުމަށް މަސައްކަތް ކުރާ އެކްޓިވިސްޓެއްގެ ގޮތުގަ އެވެ.

މި ވެރިކަން ފެށިގެން މިިއަދާ ހަމައަށް ދިޔަ އިރު ޝަރުއީ ދާއިރާ ފެނިގެން ދަނީ ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ފަހި ތަނެއްގެ ގޮތުގަ އެވެ. އެމަނިކުފާނުގެ ވެރިކަން ދަމަހައްޓައިދެނީ ކޯޓުތަކުންނެވެ. އިދިކޮޅު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. ފުރަތަމަ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް 11 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ 12 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އެއް އިރެއްގައި އެންމެ ގާތް އެކުވެރިޔާ، ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް 25 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އެއް ނައިބު ރައީސަކު އަމިއްލަފުޅު ސަލާމަތަށްޓަކައި އަރުވާލެވިގެން ހުންނެވި އިރު، އަނެއް ނައިބު ރައީސް އަހުމަދު އަދީބު 33 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާއި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ މައްޗަށް ޝަރީއަތް ހިންގަމުން ދަނީ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ޕާޓީއާ ދެކޮޅުވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވުމަށް ހުކުމެއް ނެރެދީފި އެވެ. ޚިޔާލު ތަފާތުވާ އިދިކޮޅު ލީޑަރަކު ހުންނެވި ނަމަ، ކޮންމެ ވެސް ދައުވާއެއްގެ ޝަރީއަތެއްގައި ބައްދާލާފަ އެވެ. ޕާޓީގެ ބާރުތައް ވެސް ހޯއްދެވީ ޝަރުއީ ދާއިރާގެ ތެރެއިންނެވެ. ކޯޓު މަރުހަލާ އަށް މަކަރު ހަދައިގެން އެ މައްސަލަ އިސްތިއުނާފު ކުރީ ވެސް އަރިސް މީހެކެވެ. ކޯޓުގައި ވަކާލާތު ކުރެއްވީ ފަނޑިޔާރުންގެ މައްސަލަ ބަލާ ޖުޑިޝަލް ސާވިސް ކޮމިޝަނުގެ މެންބަރެކެވެ.

ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުން އެންމެ އަޑުހަރުކޮށް ދައްކާ ވާހަކައަކީ ކޯޓުގެ ތަސައްވަރުގެ ވާހަކަ އެވެ. ކޯޓުގެ ތަސައްވަރު ގުޅިފައިވަނީ ކޯޓުގެ ފަނޑިޔާރުންގެ ސުލޫކުގެ މައްޗަށެވެ. ފަނޑިޔާރުންނަކީ އެބައިމީހުންގެ ހުރިހާ ވަގުތެއް ފަނޑިޔާރުކަމުގެ މަސައްކަތަށް ތަޚުސީސްކޮށްގެން ތިބޭ ބައެކެވެ. އެހެންކަމުން، މުސާރަ ދިނުމުގެ އިތުރުން، މަސައްކަތުގެ އަގު ވަޒަންކުރުމާއި، ދިރިއުޅުމުގެ ކަންކަން ހަމަޖައްސާލުމަށާއި، މަގުން ކަސިޔާރުވެ ނުދިއުމަށް ހިތްވަރު ދިނުމުގެ ގޮތުން އެކަށީގެންވާ އިނާޔަތްތަކެއް ލިބިދެވެން ޖެހެއެވެ. ނަމަވެސް މިނިވަން މުއައްސަސާތަކާއި، ފަނޑިޔާރުންނަށް މުސާރައާ އިނާޔަތްދޭނީ ރައްޔިތުންގެ މަޖިލީހުންކަމަށް ގާނޫނުއަސާސީގައި ބުނާއިރު، އެ އިންތިޒާމުގެ ބޭރުން، ގާނޫނުއަސާސީއާ ޚިލާފަށް، ފަނޑިޔާރުންނަށް ފްލެޓްތަކެއް ވަނީ ދީފަ އެވެ. މިހާރު ވެސް ބައެއް ފަނޑިޔާރުން ދިރިއުޅުއްވަމުން އެ ގެންދަވަނީ އެ ފްލެޓްތަކުގަ އެވެ. ބައެއް ފަނޑިޔާރުންނަށް އިނާޔާތް ލިބުނު އިރު، އަނެއް ބައި ފަނޑިޔާރުންނަށް ލިބުނު މެސެޖަކީ އެފަދަ އިނާޔަތް ބޭނުންވާނަމަ ޢިނާޔަތްތައް ލިބުނު ބޭފުޅުން ހިނގި މަގުން ހިނގުމަށެވެ. އެމަގުން ގޮސްފިނަމަ އިނާޔަތްތަކާއި، ވެރިކަން ކުރާފަރާތުގެ ރުހުން ކަށަވަރުވީކަމެވެ. ފަނޑިޔާރުންގެ އަމަލުތަކާއި ކޯޓުގެ ތަސައްވަރު ގުޅިފައިވާއިރު، ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު ރައީސް ޔާމީންގެ ގެކޮޅަށް ވަޑައިގެން އެމަނިކުފާނާ ބައްދަލުކުރެއްވި އެވެ. ސަރުކާރުގެ އެކިއެކި ބޭފުޅުން ދަން ގަޑިތަކުގައި ކޯޓްތަކަށް ވަންނަނީ އެވެ. އިއްވި ހުކުމްތަކާއެކު ބައެއް ފަނޑިޔާރުން މަތީ މަރުހަލާގެ ކޯޓުތަކަށް ޕްރޮމޯޓްވެ، އަނެއް ބައި ފަނޑިޔާރުންނަށް މަގާމުގެ ކުރިއެރުން ލިބިގެން ދިޔަ އެވެ. ބޭނުން ކެނޑުނީމާ ބައެއް ފަނޑިޔާރުން އެހެލި މަންޒަރު ވެސް ފެނިގެން ގޮސްފި އެވެ.

މައްސަލައިގައި ޚަސްމުންގެ މެދުގައި ނުވަތަ ޚަސްމުންގެ ވަކީލުންގެ މެދުގައި ކުރެވޭ ބަހުޘްގެ ތެރެއަށް މައްސަލަ ބައްލަވާ ފަނޑިޔާރު ވަދެވަޑައިގެން، މައްސަލައިގެ އެއް ޚަސްމަށް ނުވަތަ ޚަސްމުގެ ވަކީލަށް ރައްދު ދިނުމާއި، އަނެއް ޚަސްމުގެ ދަޢުވާއަށް ބާރު ދިނުމުގެ ގޮތުން ކުރަންޖެހޭ ސުވާލުތައް ކުރިމަތިކުރުވުމަކީ ފަނޑިޔާރުންގެ ސުލޫކާ ބީރައްޓެހި ގޮތެކެވެ. އަމުދުން، މައްސަލަ ބައްލަވާ ފަނޑިޔާރުގެ އިންސާފުވެރިކަމާމެދު ޚަސްމެއްގެ ނުވަތަ ޚަސްމެއްގެ ވަކީލެއްގެ ހިތުގައި ސުވާލު އުފެދިދާނޭ ގޮތަށް ފަނޑިޔާރު ޢަމަލުކުރުމަކީ ފަނޑިޔާރުންގެ ޤާނޫނުގެ އިތުރުން އިސްލާމީ ޝަރީޢަތުގެ އުޞޫލުތަކަށް ބަލާއިރުވެސް ހުއްދަ ގޮތެއް ނޫނެވެދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ އެއް ވަނަ ނަންބަރުގައި ވަނީ، ފަނޑިޔާރަކު ދައްކާ ވާހަކައަކުން ނުވަތަ ފާޅުކުރާ ޚިޔާލަކުން ނުވަތަ އެނޫންވެސް އެހެންގޮތަކުން ފަނޑިޔާރުންގެ މިނިވަންކަމާއި، މުސްތަގިއްލުކަމާއި، އިންސާފުވެރިކަމާމެދު ސުވާލު އުފެދޭނޭ ނުވަތަ އުފެދިދާނޭ ފަދަ އެއްވެސް ކަމެއް ފަނޑިޔާރަކު ކޮށްގެން ނުވާނޭކަމަށެވެ. އަދި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ 15 ވަނަ ނަންބަރުގައި ވަނީ، އެއްވެސް މައްސަލައެއްގައި ހާޒިރުކުރެވޭ މީހަކަށް، ނުވަތަ ޤާނޫނީ ވަކީލަކަށް އަމާޒުވާގޮތަށް ކުށްވެރިކުރުމުގެ ނުވަތަ ކުށް ދެއްކުމުގެ ބަސްތައް ނުވަތަ މަލާމާތުގެ ގޮތަށް ފަނޑިޔާރުގެ ބަސްމޮށުންތެރިކަން ބަހައްޓައިގެން ނުވާނޭކަމަށެވެ.

އިސްލާމީ ޝަރީޢަތުގައި، ނިޔާ ކަނޑައަޅާ ފަނޑިޔާރުންގެ ދައުރާއި، ސުލޫކު އެކަށައެޅުމުގައި ބުރަވާ އެންމެ ހަރުދަނާ އެއް އަސާސަކީ، ޝަރީއަތްކުރުމުގައި އިންސާފުވެރިވުމަށް ވަސިއްޔަތްކުރައްވައި، އުމަރުގެފާނުގެ ފަރާތްޕުޅުން އަބޫ މޫސަލް އަޝަރީއަށް ފޮނުއްވި ސިޓީއެވެ. އެ ސިޓީގައި ފަނޑިޔާރުންނަށް އިޝާރާތްކުރައްވައި، ވިދާޅުވެފައިވަނީ؛ "ކަލޭނގެފާނުގެ ލެނބުމަކަށް މާތް ޝަރަފުވެރިޔާ އުއްމީދު ނުކުރާނެހެން، އަދި ނިކަމެތި މީހާއާއިމެދު އަދުލުވެރި ނުވާނޭކަމަށް ހީކޮށް މާޔޫސް ނުވާނެހެން ޚަސްމުން ބޭއްތިއްބުމުގައްޔާއި، ނަޒަރުހިންގުމުގައްޔާއި، ހުކުމްކުރުމުގައި ހަމަހަމަކުރާށެވެ." އެވެ.

ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރެވިފައިވާ ޚަސްމު ލަދުގަންނަވާލުމުގެ ގޮތުން، މައްސަލައާ ގުޅުމެއްނެތް، އަދި ޖަވާބު ދޭން އުނދަގޫ ސުވާލުތައް ކުރިމަތިކުރުވުމަށްފަހު، އެސުވާލުތަކަށް ދޭ ޖަވާބަށް ރައްދު ދިނުމާއި، އެ ޚަސްމުގެ ފަރާތުން ހާޒިރުވެހުރި ވަކީލަށް މަލާމާތަކަށްވާ ގޮތަށް ބަސްމޮށުންތެރިކަން ބެހެއްޓުމުން އެ ޚަސްމާމެދު މައްސަލަ ބައްލަވާ ފަނޑިޔާރު އިންސާފުވެރިވެދާނޭކަމާމެދު ސުވާލު އުފެދުނީއެވެ. އެއީ މުޅި ޝަރުއީ ނިޒާމުގެ އިންސާފުވެރިކަމާމެދު އުފެދޭ ސުވާލެކެވެ. ފަނޑިޔާރެެއްގެ ބަސްމޮށުންތެރިކަން ބެހެއްޓި ރާގުގެ ސަބަބުން، ޝަރުއީ ދާއިރާގެ އިތުބާރު އެތައް ބައެއްގެ ކުރިމަތީގައި ގެއްލިގެންދިޔައީއެވެ. އެފަދަ އެތައް ކަމެއް ފާއިތުވެގެން ދިޔަ ދުވަސްތަކުގެ ތެރޭގައި ފަނޑިޔާރުގެތަކުން ފެނިފައި ވެއެވެ. އިންސާފުގެ ދަރުބާރުގެ މިނިވަންކަން ގެއްލެނީ ދަރުބާރުގެ ތަޚުތުގައި އިންނަވާ ފަނޑިޔާރަށް މިނިވަންކަމާއި މުސްތަގިއްލުކަމާއެކު އަމަލުތައް ބަހައްޓަން ނޭނގޭތީ އެވެ. ޝަރުއީ ދާއިރާގެ ތަސައްވަރު ގުޅިފައިވަނީ ފަނޑިޔާރުގެ އަމަލުތަކާ އެވެ. ފަޓާސް ބަރިއެއްހެން ބައެއް މީހުންގެ ޝަރީއަތްތައް ކުރިއަށް ގެންގޮސްފައި، އަނެއް ބައެއްގެ ޝަރީއަތްތައް އަހަރުތައް ފާއިތުވެދާއިރު ވެސް ކޯޓުގައި އުމަގުވެފައި ހުންނައިރު، އިންސާފުގެ ދަރުބާރުގައި އެންމެން ހަމަހަމަކަމަށް ބުނެވޭނީ ކިހިނެއްތޯ އެވެ؟ އެއް ބަޔަކާ ހަމައިން ގާނޫނުގެ ލޯ ކަނުވެ، ފަނޑިޔާރުގެ މޫނު އަނބުރާލީމާ ދެން އޮންނާނީ ކޮން ތަސައްވަރެއްތޯ އެވެ؟

ހަމައެކަނި އިންސާފު ޤާއިމުކުރަންވީއެއް ނޫނެވެ. އަދި ތިމަންނާމެންހާ ރަނގަޅަށް އިންސާފް ގާއިމްކޮށްދޭ ބަޔަކު ނެތޭ ކިޔަންވީއެއް ވެސް ނޫނެވެ. އިންސާފު ޤާއިމުކުރެވޭތަން ލޮލަށް ފެނި، އެކަން ކަށަވަރު ކުރެވެންވީއެވެ. ރިޝްވަތުގެ ކައުންޓަރުތައް ބަންދުކޮށް، ނުފޫޒަކަށް ނުލެނބިހުރެ، އިންސާފުވެރިކަމާއެކު ހައްގަށް ހުކުމް ކުރެވެން ވެސް ވީ އެވެ. މިނިވަން ދުވަސް އައުމުން ކޯޓުތައް ވަށައިގެން އިންޗިއަކުން އިންޗިއަކުން ދިދަ ހަރުކުރިޔަސް އަދި މިނިވަންވި ކަމަކަށް ނުވާނެ އެވެ. އަމިއްލަ ނަފްސު ތިޔަ ކަސްތޮޅުތަކުން މިނިވަން ކުރިއްޔާ ވާނީ ކީއްތޯ އެވެ؟

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް