Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖޭގެ މިނިވަން ދުވަސް

މާރޗް 29 ގައި މިނިވަންދުވަސް ފާހަގަކުރީ ކޮންގޮތަކުން؟

ރައީސް ނާސިރުގެ ވެރިކަމުގެ ފަހު އަހަރު މިނިވަންދުވަސް ފާހަގަކުރީ މާރޗް 29 ގައި

އިމާދު ލަތީފް
އިމާދު ލަތީފް, ރާއްޖެ އެމްވީ | 25 ޖުލައި 2021 | އާދީއްތަ 07:59
ހުޅުލޭގައި އެއަރޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ރައީސް އިބްރާހިމް ނާސިރު ބައްލަވަނީ: މިނިވަންކަމުގެ ބާނީއަކީ ރައީސް ނާސިރު

ހުޅުލޭގައި އެއަރޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ރައީސް އިބްރާހިމް ނާސިރު ބައްލަވަނީ: މިނިވަންކަމުގެ ބާނީއަކީ ރައީސް ނާސިރު

ޖުލައި ސައްބީހަކީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ނެއްޓި ދިވެހިރާއްޖެއަށް ސިޔާސީ މިނިވަންކަން ދިނުމުގެ އެގްރިމަންޓުގައި ސޮއިކުރި ދުވަހެވެ. އެ ސޮޔެއް ކުރެއްވީ އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރެވެ. އެދުވަހުން ފެށިގެން 1976 މާޗް 29 ވަނަ ދުވަހާއި ހަމައަށް ޚުދު ނާސިރުވެސް ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރައްވަމުން ގެންދެވީ ޖުލައި ސައްބީހެވެ. އެކަމަކު މިދެންނެވި އަހަރުގެ މާޗް ނަވާވީހަށް ފަހު ނާސިރު ވިދާޅުވީ ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނު ދުވަހަކީ މާޗް ނަވާވީސް ކަމަށާއި ރާއްޖޭގެ މިނިވަން ދުވަހަކީ އެއީ ކަމުގައެވެ. މިހެން ވިދާޅުވެފައި 1978 ގައި މިނިވަން ދުވަސް ފާހަގަކުރެއްވީ މާޗް ނަވާވީހުގައެވެ. އެއީ ނާސިރުގެ ވެރިކަމުގެ އެންމެ ފަހު އަހަރެވެ.

މާޗް ނަވާވީހަކީ ކޮން ދުވަހެއް ބާވައެވެ. އެދުވަހަކީ އައްޑޫ ގަން އިނގިރޭސި ސިފައިން ދިވެހި ދައުލަތާއި އަލުން ހަވާލު ކުރި ދުވަހެވެ. އެދުވަހަކީ ދިވެހި ދައުލަތުގެ ސިޔާދަތާއި މުސްތަގިއްލުކަން ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފެތުރި ދިވެހި ދައުލަތުގެ ހުކޫމަތު ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ހިނގާން ފެށި ދުވަހެވެ. އެދުވަހަށް ފަހު ނާސިރު ނިންމެވީ ހަގީގީ މިނިވަން ދުވަހަކީ އެއީ ކަމުގައެވެ. އެހެންނަމަވެސް ނާސިރުގެ ވެރިކަން 1978ގައި ހަމަ ނިމުމާއެކު ޖެހިގެން އައިއަހަރު އެދުވަސް އަނެއްކާވެސް ޖުލައި ސައްބީހަށް ވަނީ ބަދަލު ކުރެވިފައެވެ.

ޖުލައި ސައްބީސް 1965 ގައި މިނިވަންކަމުގެ އެގްރިމަންޓުގައި ސޮއިކުރުމުން ދުނިޔޭގެ މިނިވަން ގައުމުތަކުގެ ސަފުގައި ދިވެހިރާއްޖެ އޮތީ ހިމެނިފައެވެ. އދ ޖަމިއްޔާގައިވެސް އޮތީ ބައިވެރިވެވިފައެވެ. ބޭނުން ގައުމަކާއެކު ބޭނުން ވައްތަރެއްގެ ގުޅުން ގާއިމުކޮށް ބޭނުންހާ ކަމެއް ކުރުމުގެ ހައްގު އޮތީ ކަށަވަރު ކުރެވިފައެވެ. އެއީ ހަގީގަތެކެވެ. އެކަމަކު ދިވެހިރާއްޖޭގެ ކަނޑާއި ފަޅާއި ހިކިފަސްތަނުގެ ތެރޭން ހުރިހާ ތަނަކަށް ދިވެހި ދައުލަތުގެ ސިޔާދަތު އޮތީ ފެތުރިފައި ހެއްޔެވެ؟ ބައެއް މީހުންގެ ޖަވާބަކީ ނޫނެކޭ އެވެ.

އައްޑޫގަމުގައި އިނގިރޭސިން ތިބީ 1960 ވަނަ އަހަރުގެ ފެބްރުއަރީ ސާދައިގައި ކުރެވުނު އެގްރިމަންޓަކަށް ފަހު އެރަށް ތިރީސް އަހަރުގެ މުއްދަތަކަށް ކުއްޔަށް ހިފައިގެންނެވެ. އޯލްޕޯޓް އެގްރިމަންޓުގެ ނަމުން މަޝްހޫރުވެފައިވާ މި އެގްރިމަންޓެއް ކުރެވުނީ ދިވެހިރާއްޖެއަށް މިނިވަންކަން ދިނުމުގެ ހަ އަހަރު ކުރިންނެވެ. އިނގިރޭސިންނާއި ދިވެހި ދައުލަތާއި ދެމެދު މި އެގްރިމަންޓެއް ކުރެވުނީ ރާއްޖެ އިނގިރޭސިންގެ ދަށުގައި ވަނިކޮށެވެ. އަޅުވެތިކަމުގެ ދަށުގައި ތިބެގެން މި އެގްރިމަންޓެއްގައި ސޮއިކުރެއްވީ ވެސް ނާސިރެވެ. ރާއްޖެއަށް ސިޔާސީ މިނިވަންކަން ދިނުމުގެ އެގްރިމަންޓުގައި އޭގެ ހަ އަހަރު ފަހުން ސޮއިކުރެވި ރާއްޖެ މިނިވަންވީމާ އުސޫލެއްގެ ގޮތުން އޯލްޕޯޓް އެގްރިމަންޓް ބާތިލުވާނެއެވެ. ގަމުގައި އިނގިރޭސިން ދެމިތިބެން ބޭނުންކަމުގައި ވަނީވިއްޔާ އާ އެގްރިމަންޓެއް ހަދަންވެސް ޖެހޭނެއެވެ. އެކަމަކު ކަންވީ އެހެނެއް ނޫނެވެ. އަމަލު ކުރަމުން ދިޔައީ އަޅުވެތިކަމުގައި ތިބެގެން ހެދި އޯލްޕޯޓު އެގްރީމަންޓަށެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކާއި އަދި އެނޫންވެސް ގާނޫނުތަކުން ލާޒިމުކުރާ ގޮތާއި މުޅިން ޚިލާފަށް މާއިހުގެ އެއްބަސްވުމެއްގެ ދަށުން އިނގިރޭސިން އައްޑޫގައި ދެމިތިބިއިރު ދިވެހި ދައުލަތުގެ ސިޔާދަތާއި މުސްތަގިއްލުކަން ގެއްލިގެންދާ ކިތަންމެ ކަމެއް އިނގިރޭސިން ދިޔައީ ކުރަމުންނެވެ. އިނގިރޭސިން ތިބީ ހަމައެކަނި ގަމުގައެއް ނޫނެވެ. ހިތަދޫގެ ދެކުނުކޮޅުން މާމެންދޫއޭ ކިޔުނު ސަރަހައްދު ވެސް އޮތީ އިނގިރޭސިންނަށެވެ. އަދި މުޅި އައްޑުއަތޮޅުގެ އެތެރެވަރިއަށް ވެސް އޮތީ އިނގިރޭސިންގެ ފުރިހަމަ ހުކޫމަތެވެ. ދިވެހި ދައުލަތުގެ ބާރެއް އޮތިއްޔާ އެބާރު ހިގަނީ އައްޑޫ ރައްޔިތުންނާއި އެމީހުންގެ ގެދޮރަށެވެ. އޯލްޕޯޓު އެގްރިމަންޓުގައި އޮތީ އެހެންނެވެ.

ގަމާއި މާމެންދޫ އަދި އައްޑޫ އެތެރެވަރީގައި އިނގިރޭސިން ކޮށްފައި ނުކުރާކަމެއް ދިވެހި ސަރުކާރަކަށް ނޭގެއެވެ. އެންގުމެއް ވެސް ނޯވެއެވެ. އެންގުން ނުހުންނަ މިންވަރަކީ ދިވެހިރާއްޖޭގެ މަސްލަހަތާ ސީދާގޮތެއްގައި ފުށު އަރާގޮތަށް ދުނިޔޭގެ ހަނގުރާމަތަކުގައި ގަން ބޭނުން ކުރުމެވެ. މެދުއިރުމަތީގައި 1967 އަދި 1973 ގައި އަރަބީންނާއި އިޒްރޭލާ ދެމެދު ކުރެވުނު ދެ ހަނގުރާމައިގައި ވެސް އިޒްރޭލަށް ވާގިވެރިވުމަށް ގަމުގެ ބޭނުން ކޮށްފައިވެއެވެ. އަދި ނުވިތާކަށް 1971 ގައި އިންޑިޔާ އާއި ޕާކިސްތާނު ކުރި ހަނގުރާމައިގައި ވެސް ގަމުގެ ބޭނުންކޮށްފައިވެއެވެ. އެހެންވީމާ މިކަމުން ކަށަވަރުވެ އެނގެނީ ގަމާއި މާމެންދޫ އާއި އައްޑޫ އެތެރެވަރީގެ މައްޗަށް ދިވެހި ދައުލަތުގެ ސިޔާދަތު ނެތްކަމެވެ.

އަދި އެހެން ވާހަކައެކެވެ. އައްޑޫ ރައްޔިތުން ތިބެނީ ދިވެހި ސަރުކާރުގެ ހުކޫމަތުގެ ދަށުގައެވެ. މީހުން ދިރިއުޅޭ ރަށްރަށުގެ ހިކިފަސްތަނާއި ފަޅުގެ މައްޗަށް އޮތީ ދިވެހި ދައުލަތުގެ ބާރެވެ. ދިވެހިންނާއި ގުޅޭކަންކަން އިނގިރޭސިން ކުރަމުން ދިޔައީ ނަމެއްގައި ދިވެހި ސަރުކާރާއި ވާހަކަ ދައްކައިގެން ދެ ފަރާތަށް އެއްބަސްވެވޭ ގޮތެއްގެ މަތިންނެވެ. އޭގެތެރޭގައި ދިވެހިންގެ މުސާރައިގެ އޮނިގަނޑުވެސް ހިމެނެއެވެ. އެކަމަކު މުޅި އައްޑު އަތޮޅުގައިވެސް ދިވެހި ފައިސާގެ ބާރެއް ނެތެވެ. ރުފިޔާ ގަބޫލު ކުރުމެއް ނޯވެއެވެ. އޮޑި ޖެހި ނޫޓަކީ ބޭކާރު ކަރުދާހެކެވެ. މިކަމުންވެސް ދިވެހި ދައުލަތުގެ ބާރު އައްޑޫގައި އޮތީ ކިހާވަރަކަށްކަން ސާބިތުވެއެވެ.

ރާއްޖޭގެ ވެރިކަމުގައި އޭރު ހުންނެވީ ނާސިރެވެ. އޯލްޕޯޓު އެގްރިމަންޓުގައިވެސް އަދި މިނިވަންކަމުގެ އެގަރިމަންޓުގައި ވެސް ސޮއިކުރެއްވީ ނާސިރެވެ. އިނގިރޭސިންނާއި މުއާމަލާތު ކުރަން ހުންނެވީ ނާސިރެވެ. އައްޑޫގައި އިނގިރޭސިން ކުޅުނު ކުޅިވަރުގެ ސަބަބުން ދިވެހި ދައުލަތުގެ ސިޔާދަތު ގެއްލިފައި އޮތީ ކިހައިވަރަކަށްކަން އެންމެ ރަގަޅަށް އެގިވަޑައިގެން އެކަންތައް ތަޖުރިބާ ކުރައްވާފައިވަނީ ވެސް ނާސިރެވެ. އެހެންވީމާ އިނގިރޭސިން ގަމާއި މާމެންދޫ ދިވެހި ދައުލަތާއި ހަވާލު ކުރުމުން އެ ލިބުނީ ކޯޗެއްކަމާއި ކުރީގައި ދިން ކަމަށް ބުނާ މިނިވަންކަމުގެ ތެރެއަށް އިތުރުވީ ކޯޗެއްކަން އެންމެ ރަގަޅަށް އެގިވަޑައިގެން ހުންނެވީވެސް ނާސިރެވެ.

ކޮންމެއަކަސް މިނިވަން ދުވަހަކީ މާޗް ނަވާވީސްކަމުގައި ނާސިރު ހައްދަވައިފިއެވެ. މިގޮތުން ފާހަގަ ކުރި މިނިވަން ދުވަހު މުޅި ސަރަހައްދުގައި ވެސް ނެތްކަހަލަ ތަރައްގީގެ މަޝްރޫއެއް ހުޅުވައި ދެއްވިއެވެ. އެއީ ނަވާވީސް މާޗް 1978 ގައި ހުޅުވުނު ޓީވީ މޯލްޑިވްސް އެވެ. އޭރު ސްރީލަންކާ، ނޭޕާލް އަދި ބޫޓާނުގައި ވެސް ޓީވީ ސްޓޭޝަނެއް ނެތެވެ. ބަންގްލަދޭޝްގައި ޓީވީ ހުއްޓެއްކަމަކު ކުލަކޮށް ދައްކާ ސްޓޭޝަނެއް ނެތެވެ.

ކުރީއްސުރެވެސް ރާއްޖޭގައި ގައުމީ ދުވަހަކާއި މިނިވަން ދުވަހެއް އައީ ފާހަގަ ކުރަމުންނެވެ. ގައުމީ ދުވަހަކީ ރަބީއުލްއައްވަލު މަހުގެ އެއްވަނަ ދުވަހެވެ. އެއީ ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދަށުން އުތީމު މުހައްމަދު ތަކުރުފާނު ދިވެހިރާއްޖެ ސަލާމަތް ކުރެއްވި ދުވަހެވެ. ވަކިހިސާބަކުން ނާސިރު ހެއްދެވި ގޮތަކީ މިނިވަން ދުވަހާއި ގައުމީ ދުވަސް އެއްދުވަހަކަށް ހެއްދެވީއެވެ. މައުމޫނުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ފުރަތަމަ ބިލަކީ މިނިވަން ދުވަހާއި ގައުމީ ދުވަސް ވަކިކޮށް ގައުމީ ދުވަހަކީ ރަބީއުލްއައްވަލު މަހުގެ އެއްވަނަ ދުވަސް ކަމަށާއި މިނިވަން ދުވަހަކީ ޖުލައި ސައްބީސްކަމުގައި ހެދުމެވެ. މާޗް ނަވާވީސްވަނަ ދުވަހު މިނިވަންކަން ފާހަގަ ނުކުރަން ނިންމައި ގާނޫނަކުން ޖުލައި ސައްބީސް އެކަށައެޅުމެވެ.

އެދުވަސްވަރުގެ ނޫސްތަކުގައި ލިޔުނެވެ. ޖޫން ޖުލައި އަކީ އާއްމުގޮތެއްގައި ވިއްސާރަ ދުވަސްވަރަކަށްވާތީ ސިފައިންގެ ރޫޓު މާޗުތަކާއި ޕެރޭޑު ބާއްވަން އުނދަގޫވާތީ މޫސުން ރީތި ދުވަސްވަރެއްގައި އެކަން ކުރަންވެގެން މިނިވަން ދުވަސް މާޗް ނަވާވީހަށް ނާސިރު ބަދަލު ކުރެއްވީއެވެ. ގަމޭ އިނގިރޭސިންނޭ ވިދާޅުވެފައި ވަނީ ބަހަނާއެއް ދެއްކެވުމަށެވެ. ކޮންމެއަކަސް އެދުވަސްވަރު މި ބަހުސަކީ ނިކަން ފޯރީޔާއެކު ކުރެވުނު ބަހުސެކެވެ. ރާއްޖޭގެ ހަގީގީ މިނިވަން ދުވަހަކީ ކޮންދުވަހެއް ކަމުގެ ބަހުސެވެ. އެދުވަހަކީ ރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބުނު ދުވަސްތޯ ނުވަތަ އެ މިނިވަންކަން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފެތުރި ރާއްޖޭގެ ސިޔާދަތު ފުރިހަމަވި ދުވަސްތޯ ނިންމުމުގެ ބަހުސެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލިބުނު މޮޅައިގެން ޝެއިޚުން ހޮރުތަކުގައި

ލިބުނު މޮޅައިގެން ޝެއިޚުން ހޮރުތަކުގައި

02 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރާއްޖޭގައި މޫނު ބުރުގާ އެޅުން މަނާ ކުރެވިދާނެތަ!

ރާއްޖޭގައި މޫނު ބުރުގާ އެޅުން މަނާ ކުރެވިދާނެތަ!

31 ޖެނުއަރީ 2017
ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟

29 ޖެނުއަރީ 2017
ޖެނުއަރީގައި ހިނގަފާނެ ކަމަށް ބެލެވޭ އެންމެ ހައިރާންކުރަނިވި ފަސް ޓްރާންސްފާ!

ޖެނުއަރީގައި ހިނގަފާނެ ކަމަށް ބެލެވޭ އެންމެ ހައިރާންކުރަނިވި ފަސް ޓްރާންސްފާ!

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު