Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސިޔާސީ ހަމަޖެހުން ގާއިމްކޮށްދިނުން

ސިޔާސީ ބިރުވެރިކަން ނައްތާލައި، ހަމަޖެހުން ގާއިމްކުރެވުނު އުފާވެރި ފަސް އަހަރު

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި 8 ބޭފުޅުން ވާދަކުރައްވާ

އަމްނާ އިމާދު
އަމްނާ އިމާދު | 4 ސެޕްޓެމްބަރު 2023 | ހޯމަ 18:11
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު

މީގެ ފަސް އަހަރު ކުރިއަށް ބަލާއިރު، ރާއްޖޭގެ ސިޔާސީ މަސްރަހު އޮތީ ބޮޑު ހަލަބޮލިކަމެއްގެ ތެރޭގައެވެ. ސިޔާސީ ޕާޓީތަކުގެ ވެރިންނާއި، އިސްވެރިންނަށް އޮތީ ޖަލުގެ ކުޑަގޮޅިއެވެ. ނޫސްވެރިން ބިރުވެރި މާހައުލެއްގައި މަސައްކަތް ކުރަން ޖެހުނުއިރު، ނޫސް އިދާރާ އޮތީ މިލިއަނުން ޖޫރިމަނާކޮށްފައެވެ. ސިޔާސީގޮތުން ނުހައްގުން އެތައް ބަޔަކަށް އަނިޔާ ދިނެވެ. މުޒަހާރާތަކުގައި އަންހެނަކަށް އަދި ފިރިހެނަކަށް ބެލުމެއް ނެތި އަނިޔާކުރުން އޮތީ އިންތިހާއަށް ގޮސްފައެވެ. އެދުވަސްވަރު ސިޔާސީ ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ ސިޔާސީ ހުކުމެއް އަތުވެދާނެކަމުގެ ބިރު ހިތުގައި ބާއްވައިގެންކަމާމެދު ޝައްކެތްނެތެވެ.

ހާލަތު މިހެންއޮތް ނަމަވެސް އެކަންކަމުން ހިންދެމިލައި، އޭރުގެ އިދިކޮޅު އެންމެ އިސްލީޑަރު، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ސާލިހު ރިޔާސީ ރޭހަށް ނުކުންނެވިއެވެ. އެއީ ގިނަ ޕާޓީތައް އެކުލެވޭ އިއްތިހާދުންނެވެ. ގިނަ ޕާޓީތަކަށް އެއްބަސްވެވުނު، ކޮމަން ކެންޑިޑޭޓުގެ ގޮތުގައެވެ. ކެންޕޭން ކުރުމުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތް ނަމަވެސް، ރިޔާސީ އިންތިޚާބު އިބޫ ކާމިޔާބުކުރެއްވީ ރައްޔިތުންގެ ތަނަވަސް އަޣުލަބިއްޔަތާއެކުއެވެ. އެއާއެކު ގައުމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ސާލިހަށް ޖެހިވަޑައިގަތީ މުޅި ގައުމު އިސްލާހު ކުރެއްވުމަށެވެ. ސިޔާސީ ހަމަޖެހުން ގާއިމްކޮށް، ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ޖާގަ ދެއްވުމަށެވެ. ސިޔާސީ ނުފޫޒުން ޝަރުއީ ނިޒާމު އެއްކިބާކުރައްވައި، ރައްޔިތުންނަށް އިތުބާރު ހިފޭ، ފަނޑިޔާރުގެތަކެއް ގާއިމްކުރެއްވުމަށެވެ. މިނިވަންކަމާއެކު މަސައްކަތް ކުރުމަށް މިނިވަން މުއައްސަސާތަކަށް ޖާގަ ދެއްވުމަށެވެ.

ތަކުލީފު ބޮޑު، ބުރަ މަސައްކަތްތަކެއް އެމަނިކުފާނުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރެއްވިއެވެ. މިހާރު ރައީސް ސާލިހުގެ 5 އަހަރުގެ ރިޔާސީ ދައުރު ހަމަވާން ދާއިރު، މިއަދު ގައުމުން ފެންނަން އޮތީ ހަމަޖެހުމާއި، ސުލްހަވެރިކަމެވެ. ސިޔާސީ ޕާޓީތަކަށް ސިޔާސީ ހަރަކާތްތައް ހިންގުމަށް ތަންމިނަށް ޖާގަވަނީ ލިބިފައެވެ. ނޫސްވެރިންނަށް ވަނީ ފުރިހަމަ މިނިވަންކަން ލިބިފައެވެ. ބިރެއް ޖެހިލުމެއްނެތި ނޫސްވެރިކަން ކުރުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ. ޚުދު، ރައީސް ސާލިހަށް އަމާޒުކުރައްވައި، އެތައް ވާހަކަތަކެއް ނޫސްތަކުގައި ދަނީ ލިޔަމުންނެވެ. ލިޔާ ލިޔުމެއްގެ ސަބަބުން ހައްޔަރުކޮށް، ބަންދުކުރި އެއްވެސް ނޫސްވެރިއަކު ނެތެވެ. ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރި ނޫސް އިދާރާއެއް ނެތެވެ.

އެހެންކަމުން، މިއީ ރާއްޖޭގެ ސިޔާސީ ހަޔާތުގައި އެންމެ އަމާން ފަސް އަހަރުކަމަށް ދެންނެވިދާނެއެވެ. ސަބަބުތައް ވަރަށް ގިނައެވެ. މައިގަނޑު އެއް ސަބަބަށް ބަލާއިރު، މިއަދުގެ ސިޔާސީ ބޭފުޅުންނަށް ސިޔާސީ ހުކުމެއް ކޮށްފާނެ ކަމުގެ ބިރުވެރިކަމެއް ނެތެވެ. ނަތީޖާއެއްގެ ގޮތުން، މިއަހަރުގެ ރިޔާސީ އިންތިޚާބުގައި 8 ބޭފުޅުން ވާދަކުރައްވައެވެ. މިއީ ރާއްޖޭގެ ރިޔާސީ އިންތިޚާބެއްގައި މިހައި ގިނަ އަދަދެއްގެ ބޭފުޅުން ވާދަކުރައްވާ ފުރަތަމަ ފަހަރުވެސް މެއެވެ. ދިވެހި ތާރީޚުގައި މި އިންތިޚާބު ފެވިގެންދަނީ ރައީސް ސާލިހު ގެނެސްދެއްވި އުފާވެރި އަމާން ރާއްޖޭގެ ސަބަބުންކާމެދު ޝައްކެތްނެތެވެ.

ނަމަވެސް 2018ގައި ރިޔާސީ އިންތިޚާބަށް ވާދަކުރައްވާނެ ކަމަށް ހީފުޅުވެ، އެފަދަ ތުހުމަތުކުރެވުނު ސިޔާސީ ބޭފުޅެއްވިއްޔާ އޮންނަވަން ޖެހިވަޑައިގަތީ ކުޑަ ގޮޅީގައެވެ. ޖަލަށް ވަޑައިގަންނަވަން ބޭނުންފުޅުނުވާ ސިޔާސީ ބޭފުޅުންނަށް ހަނުތިއްބަވަން މަޖުބޫރުވެގެންދިޔައެވެ. އަދި ނުފޫޒު ގަދަ ވިޔަފާރިވެރިންނަށް ވެސް ހަމަ ޖެހުނީ މިހާލަތެވެ. ވިޔަފާރި ސަލާމަތްކުރަން ބޭނުންވާނަމަ، ސަރުކާރަށް ފާޑެއް ނުކިޔޭނެއެވެ. އަދި އިދިކޮޅު ކެންޑިޑޭޓަކަށް ތާއީދެއް ނުކުރެވެއެވެ. ނަމަވެސް ހާލަތު ބަދަލުވެގެން ދިއުމާއެކު އެ ދުވަހު އަނިޔާވެރިކަމަށް ތާއީދުކުރެއްވި ސިޔާސީ ބޭފުޅުން މިއަދު ރައީސް ގެނެސްދެއްވި އަމާން ރާއްޖޭގައި ދަނީ މިނިވަންކަމާއެކު ކެންޕޭން ކުރައްވަމުންނެވެ.

މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުން ބޮޑު ތަކުރުފާނު މަގުގައި އެއް ޖަގަހައިން އަނެއް ޖަހައިން ދަނީ ބޮޑު ސްޕީކަރުގައި ސަރުކާރަށް ފާޑުކިޔަމުންނެވެ. ނަމަވެސް އެތަންތަނަށް އެސްއޯ ފުލުހުން ވަދެ އާއްމު ރައްޔިތުން ހައްޔަރުކޮށް، ސްޕީކަރު އުފުރާލައި، އަޑު ކަނޑުވައެއް ނުލައެވެ. ބޭނުން އެއްޗެއް ކިޔަމުން ބޭނުން ލަވައެއް ދަނީ ޖަހަމުންނެވެ. މީގެ އިތުރުން އެކިއެކި ޕާޓީތަކުގެ ދިދަތަކުން މާލެސިޓީގެ މަގުތައް ވަނީ ޖަރީކޮށްފައެވެ. އެކި ދިމަދިމާލުގައި ބޮޑެތި ޕޯސްޓަރުތައް ވަނީ ހަރުކޮށްފައެވެ. އަތޮޅުތެރޭގެ ރަށްތަކުގެ ހާލަތަކީވެސް މިއީއެވެ.

އެހެންކަމުން މިއީ ސިޔާސީ ބިރުވެރިކަން ނައްތާލައި، ހަމަޖެހުން ގާއިމްކުރެވުނު އުފާވެރި ފަސް އަހަރެއްނުންތޯއެވެ. ރައީސް ސާލިހު ވިދާޅުވާ ފަދައިން މިއީ އުފާވެރި އަމާން ރާއްޖެއިން ގެނެސްދިން އުފާވެރިކަމެވެ. ގައުމަށް ގެނެސްދިން ސިޔާސީ ހަމަޖެހުމެވެ. މި ހަމަޖެހުމާއެކު މިއަދު ދިވެހި ރައްޔިތުން ތިބީ އުފާވެރި އަމާން ރާއްޖޭގައި ހަގީގަތުގައިވެސް އުފަލުންނެވެ.

އިތުރަށް ކިޔާލަން

20 މެއި 2017

ނަގޫރޯޅިވެސް ސިޔާސީ ކުރައްވަނީތޯއެވެ؟

20 މެއި 2017
ނަގޫރޯޅިވެސް ސިޔާސީ ކުރައްވަނީތޯއެވެ؟
10 މެއި 2017

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!
02 މެއި 2017

ސިޔާސީ ޤައިދީންނަކީ ކޮބާ؟

02 މެއި 2017
ސިޔާސީ ޤައިދީންނަކީ ކޮބާ؟
23 އެޕްރީލު 2017

ޔާމީނުގެ މަރާއެކު ސިހުމާއި ބިރުވެރިކަން!

23 އެޕްރީލު 2017
ޔާމީނުގެ މަރާއެކު ސިހުމާއި ބިރުވެރިކަން!
05 އެޕްރީލު 2017

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު