Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެފްއޭއެމް

ބައްސާމް އައުޓް ވިޔަސް އެފްއޭއެމް ހިންގައިދޭނީ ޖެނެރަލް ސެކްރެޓަރީ!

މިހާރުގެ ޖެނެރަލް ސެކްރެޓަރީ އެ މަގާމުގައި 8 އަހަރު، އެފްއޭއެމުގައި 24 އަހަރުވެއްޖެ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 19 އޮކްޓޯބަރު 2023 | ބުރާސްފަތި 13:28
އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީކަން ކުރެއްވި ބައެއް ބޭބޭފުޅުން

އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީކަން ކުރެއްވި ބައެއް ބޭބޭފުޅުން

އެފްއޭއެމަކީ ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އިދާރާއެވެ. މީގެ ކުރިން އަމިއްލަ ބޮޑު އިމާރާތެއްވެސް ހުރި ހަމައެކަނި އެސޯސިއޭޝަނަކީ އެއީއެވެ. މާލީގޮތުންނާއި މުވައްޒަފުންނާއި ހަރަކާތްތަކުގެ ގޮތުންވެސް އެއީ ބޮޑު "މިނިވަން" މުއައްސަސާއެކެވެ. މަސައްކަތް ގިނަ، ބުރަ ތަނެކެވެ. އެކަމަކު ދިވެހި ފުޓްބޯޅައިގެ މައި އިދާރާ މިއަދު މިވަނީ ފޫވެއްޓިފައެވެ.

މިއަދުގެ ހާލަތު ދަންނަވާލާނަމެވެ. އިމާރާތެއްވެސް ނެތެވެ. މުސާރަ ނުދީ، އަށެއްކަ މަސް ވުމުން މުވައްޒަފުން އެކި ތަންތަނަށް ބަދަލުވެއްޖެއެވެ. ބައެއް މީހުން ވަގުތީގޮތުންނެވެ. އެފްއޭއެމްގެ ބިޔަ ބަޖެޓް ހުސްވެ، ދަރަނިވެރި ވެއްޖެއެވެ. ފުޓްބޯޅަ ކުޅެން ސަރުކާރުން ދިން ބިންތައް، ދަރަނި އަދާކުރުމަށާއި އާމްދަނީ ހޯދުމުގެ ނަމުގައި އެކި މީސްމީހުންނަށް ކުއްޔަށް ދީފިއެވެ. ކަރުދާހުގައި އޮޑިޓް ރިޕޯޓްތައް ހަދާފައި ހުއްޓަސް، މާލީކަންކަމުގެ ތެދެއް ދޮގެއް ނޭނގޭ ވަރަށް ކަންކަން ސިއްރުވެއްޖެއެވެ. ހިންގާ ކޮމިޓީގެ ނިންމުންތަކާއި ސިޔާސަތުތައް އެކި ފަރާތްތައް ރުއްސުމަށް ބަދަލުވަމުންދަނީ "އޮޔާދާ ކާއްޓެއް"ހެންނެވެ. އެފްއޭއެމުން ބުނެގެން ޓިކެޓެއްދޭނެ އެއާލައިނެއް، ކޮޓަރިއެއްދޭނެ ހޮޓަލެއް، ސައި ހަދައިދޭނެ ރެސްޓޯރަންޓެއް މާލެއާއި އަތޮޅުތެރޭގައިވެސް ނެތެވެ.

މިސާލަކަށް ދަންނަވާލާނަމެވެ. މީގެ ދެ އަހަރު ކުރިން 2024 ވަނަ އަހަރު ހޯމް އެންޑް އަވޭ އުސޫލުން މުޅި ރާއްޖޭގައި ލީގެއް ކުޅެން އެފްއޭއެމުން އިއުލާނުކުރިއެވެ. އެކަމަށްޓަކައި ކުލަގަދަ ރަސްމިއްޔާތު ބާއްވަން ކޮލިފިކޭޝަން އިއުލާނުކުރިއެވެ. ހއ އަތޮޅުން ފެށިގެން މ އަތޮޅާ ހަމައަށް މެޗުތައް ކުޅެފިއެވެ. ނިންމާފައި އޮތީ 2024ގެ ލީގުގެ ދިވެހި ޕްރިމިއާ ލީގު ކުޅޭނީ، ފުރަތަމަ ޑިވިޝަނުގެ 8 ޓީމާއި ދެވަނަ ޑިވިޝަނުގެ ޗެމްޕިއަނާއި މުޅި ރާއްޖެ ބަހާލާފައިވާ ތިން ޒޯނުގެ ޗެމްޕިއަނުން ކަމުގައެވެ. އެކަމަކު ދެވަނަ ޑިވިޝަން ނުފަށައި ލަސްވުމުން، ބައެއް ކުލަބުތަކުން އެފްއޭއެމަށް ފާޑުކިޔަން ފެށުމުން ސިޔާސަތު ބަދަލުކޮށްލީއެވެ. ދެވަނަ ޑިވިޝަނުން އަންނަ އަހަރުގެ ލީގަށް ތިން ޓީމު ކޮލިފައިވާގޮތަށް އެފްއޭއެމުން ނިންމިކަން އިއުލާނުކުރީ ކުލަބެއްގެ ރައީސެކެވެ. މިއީ ދޮގެއްކަން ނުވަތަ ތެދެއްކަން 2 ހަފުތާ ފާއިތުވެދިޔައިރު، އެފްއޭއެމުން ސާފުކޮށްދީފައެއް ނުވެއެވެ. ކަންކަން ހުރީ މިހާ ދޯދިޔާކޮށެވެ.

ގޯސްވުމުން އަބަދުވެސް އެކަމެއްގެ ޒިންމާ އަޅުވަނީ އެންމެ އިސް މީހާގެ ބޮލުގައެވެ. އެއީ އަހަރުމެންގެ އާދަކާދައެވެ. އެފްއޭއެމުގައިނަމަ ރައީސް ބައްސާމް އަދީލް ޖަލީލް ޒިންމާ ނަގަންޖެހޭނެއެވެ. އެކަމަކު އެފްއޭއެމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ތަރުތީބު ކުރަންޖެހޭ މީހަކީ ޖެނެރަލް ސެކްރެޓަރީއެވެ. އެފްއޭއެމް މިއަދުގެ ހާލަތަށް އައީ ވަރަށް ގިނަ ދުވަހުގެ ދޯހަޅިކަމުންނެވެ.

ސަމަރުބުލޫ އިބްރާހީމް މަނިކާއި ކާމީނީޕޫލް އަބްދުއްޝުކުރޫގެ ދުވަސްވަރު އެފްއޭއެމަކީ މިހާރުހާ ބިޒީތަނެއްނޫނެވެ. އެކަމަކު ސަރުކާރުގެ މިނިސްޓްރީތަކުގެ މުހިންމު ޒިންމާތަކެއް ނަންގަވަމުން ހާމިދު އަބްދުލްޣަފޫރާއި އިބްރާހީމް އިސްމާއީލް އެފްއޭއެމް ވަރަށް ރަނގަޅަށް ތަރުތީބުކޮށް ހިންގެވިއެވެ. އޭގެ ފަހުން އަބްދުލްހަމީދު އަބްދުލްޣަފޫރު (އައްޑޯ) ވެސް އިތުބާރާއެކު އެފްއޭއެމުގެ ހިންގެވީ އެބޭފުޅުންގެ ގާބިލްކަމާމެދު ސުވާލު ނުއުފެއްދޭހާ ރަނގަޅަށެވެ. "ދަތި" ވަގުތުތަކުގައި ވެސް ނޫސްވެރިންނާ ކުރިމަތިލައްވައި، ކަންކަން އޮޅުން ފިލުއްވައިދެއްވައެވެ. ގޯސްކަންތައްތަކެއް ނުހިނގާ ވާހަކައެއްނޫނެވެ. އެކަމަކު މި ބޭބޭފުޅުން އެފްއޭއެމާ ދުރަށް ވަޑައިގެންނެވިރު ވެސް އިހްތިރާމް އޮތެވެ.

އައްޑޯއަށްފަހު 2008 ވަނަ އަހަރު އެފްއޭއެމާ ކުރިމަތިވީ މިހާތަނަށް ކުރިމަތިވި އެންމެ ޗެލެންޖިން ދުވަސްކޮޅެވެ. ފީފާގެ ޕްރެޝަރާއެކު، ފުރަތަމަ ފަހަރަށް އެފްއޭއެމްގެ އިންތިޚާބު ބާއްވަން ޖެހުނީ، ސިޔާސީގޮތުން ގައުމު ހަލަބޮލިވެފައި އޮތް ދުވަސްވަރެއްގައި، ފުޓްބޯޅަ ޕޮލިޓިކްސް އާވިގަނޑަކާ އެކުގައެވެ. އިންޓަރިމް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީކަމާ ހަވާލުވެވަޑައިގަތީ އެފްއޭއެމުގެ ފުރަތަމަ އިންތިޚާބީ ދައުރުގައި އެ މަގާމަށް އައްޔަން ކުރި ކުރީގެ ގައުމީ ފޯވާޑް ޝާހު އިސްމާއީލެވެ. އޭނާއަކީ އެހާތަނަށް އިބްރާހީމް އިސްމާއީލާއި އައްޑޯގެ ދަށުން އެފްއޭއެމުގެ އިދާރީ މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރެއްވި، އެ ދެ ބޭފުޅުންގެ ދަރިވަރެކެވެ. އިންޓަރިމް ކޮމިޓީގެ ސެކްރެޓަރީކަން ޝާހު ނެންގެވީ މުހިންމު އެހެން ޒިންމާއެއް ދޫކުރައްވާފައެވެ. އޭނާއަކީ އެއިރު ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރެކެވެ. ސާފް ޗެމްޕިއަންޝިޕުގެ ރަންމެޑަލް ހޯދި ޓީމުގެ މެނޭޖަރުކަން ކުރައްވަން އޭނާ ކިތަންމެ ބޭނުންފުޅުވެފައި ހުންނެވިއަސް، އެކަން ދޫކޮށްލެއްވީ ހައްސާސް ދަނޑިވަޅެއްގައި މަސްލަހަތު ފުށުއަރާފާނެ ދެ މަގާމެއް އަދާކުރެއްވުމަކީ ގޯސްކަމެއް ކަމަށް ތަޖުރިބާކާރުން ލަފާދެއްވުމުންނެވެ.

އެއީ ރަނގަޅު ވާހަކަފުޅެކެވެ. ފުރަތަމަ އިންތިޚާބު ކާމިޔާބުކުރެއްވި އަލީ އާޒިމް އޭނާގެ ޖެނެރަލް ސެކްރެޓަރީކަން ޝާހަށް ދެއްވީ ޝާހިރުމެންގެ ލަފާގެ މަތިންނެވެ. އާޒިމްގެ ދައުރު މައްސަލަތަކެއްނެތި ހިންގަވައިދެއްވީ ޝާހުއެވެ. ގިނަ ބައެއްގެ ނަޒަރުގައި މިހާތަނަށް އެންމެ ބަރާބަރު އެޑްމިނިސްޓްރޭޝަނެއް ފެނުނީ އެދުވަސްރުއޭ ބުނަނީ ރަނގަޅު ކަންކަން ގިނަވީމައެވެ.

އާޒިމަށްފަހު އެފްއޭއެމުގެ ރައީސްކަމާ އިންތިޚާބުވެވަޑައިގަތީ ކުރީގެ މެމްބަރު އިލްހާމް އަހުމަދެވެ. 3، 4 ޖެނެރަލް ސެކްރެޓަރީން ލައިގެންވެސް ދައުރު ފުރިހަމައެއްނުވިއެވެ. މުޅި ނިޒާމް އޮތީ ބޮއްސުންލާފައެވެ. ދައުރުގެ މެދުތެރެއިން އިލްހާމްގެ މަގާމުން ވަކިކުރީ ފީފާއިންނެވެ. އޭގެ ފަހުން އައި އިންތިގާލީ ދެ އަހަރެއްހާ ދުވަހު، މުހައްމަދު ޝަވީދުގެ ވަގުތީ ރައީސްކަމުގައި ޖެނެރަލް ސެކްރެޓަރީކަން ކުރެއްވީ މިހާރުގެ ރައީސް ބައްސާމެވެ. އަދި އެއަށްފަހު އިންތިޚާބުވި ރައީސް އަހުމަދު ތާރިގް (ޓޮމް)، ޖެނެރަލް ސެކްރެޓަރީކަން ދެއްވީވެސް ބައްސާމަށެވެ. އެކަމަކު ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ފަސް މެމްބަރުން އިސްތިއުފާ ދެއްވައި ޓޮމްގެ މަގާމު ގެއްލުވާލިއިރު، ތަނުގެ ހިންގުން ދޯދިޔާވެގެން ދިޔަކަމުގެ ތުހުމަތު އެޅުނެވެ. ޖެނެރަލް ސެކްރެޓަރީގެ ޒިންމާ އެހެން ބޭފުޅުން ނެންގެވުމާއި އެކިއެކި ބޭފުޅުންގެ މެންޑޭޓުން ބޭރުވެ، އެތެރޭގެ ކޯޅުން ބޮޑުވިއެވެ.

މިއަށްފަހު ރައީސް ކަމަށް ވަޑައިގެންނެވީ، ދުވަސްކޮޅެއްގެ މެދުކެނޑުމަކަށްފަހު، ބައްސާމެވެ. އޭނާގެ ފުރަތަމަ ދައުރާއި ދެވަނަ ދައުރުގެ ޖެނެރަލް ސެކްރެޓަރީއަކީ ވެސް ހުސައިން ޖަވާޒެވެ. އިލްހާމް ވަކިވެވަޑައިގަތްއިރު ވެސް ޖެނެރަލް ސެކްރެޓަރީއަކަށް ހުންނެވި ޖަވާއަކީ މެދުނުކެނޑި އެފްއޭއެމުގައި 24 އަހަރު ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. 1999 ވަނަ އަހަރުން ފެށިގެން އޭނާއަށް ފެނިވަޑައިނުގަންނަވާ މަންޒަރެއް އެފްއޭއެމުގައި އޮވެގެން ނުވާނެއެވެ. ޖެނެރަލް ސެކްރެޓަރީއަކީ ރައީސް އައްޔަންކުރައްވާ މަގާމަކަށް ހަދަނީ ރައީސަށް އެހީތެރިވެދިނުމަށެވެ. ކޮންމެ ކަމަކަށް ލައްބަ ކިޔާކަށް ނޫނެވެ. ރައީސް މަގުން ކަސިޔާރުވާއިރު އެކަން ހައްލުކުރައްވަން، ޖަވާގެ ތަޖުރިބާ ހުންނާނެއެވެ. ގިނިކަންޏާ ނުވާނަމަ އެހީތެރިވުމަށްވެސް ވަރުވަރުން މީހުން އެބަތިއްބެވެ. ޑެޕިއުޓީންނާއި ސީއީއޯއިންވެސް އެބަތިއްބެވެ. 8 މަހުގެ މުސާރަ ނުދެވުނަސް، ކަރަންޓް ކެނޑުނަސް، ބައްސާމް އަޅައިނުލެއްވިޔަސް، ޖަވާގެ ތަޖުރިބާއިން އެކަނިވެސް އެފްއޭއެމް މިއަށްވުރެ ރަނގަޅު ކުރެވިދާނެއެވެ. ދިވެހި ފުޓްބޯޅައިގެ ހައްގުގައި އެފްއޭމުގެ ހައިބަތު ހިފަހައްޓަވަން ޖެހޭނެއެވެ. ފާއިތުވެދިޔަ 24 އަހަރުގެ ތަޖުރިބާއަކީ އަގުހުރި އެއްޗަކަށް ހައްދަވާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގަދަފަދަ ވިޔަސް ނިމުން އަންނާނެ!

ގަދަފަދަ ވިޔަސް ނިމުން އަންނާނެ!

27 ފެބުރުއަރީ 2018
 ބުނަން ބޭނުން ވިޔަސް، އަންހެނުން ނުބުނާ ބައެއް ކަންކަން!

ބުނަން ބޭނުން ވިޔަސް، އަންހެނުން ނުބުނާ ބައެއް ކަންކަން!

26 ޑިސެމްބަރު 2017
ބައްސާމް ހިތްޕުޅާ ހަމަނުވިޔަސް ރާއްޖެ ފުޓުބޯޅަ ދަނީ ދަށަށް!

ބައްސާމް ހިތްޕުޅާ ހަމަނުވިޔަސް ރާއްޖެ ފުޓުބޯޅަ ދަނީ ދަށަށް!

22 ޑިސެމްބަރު 2017
ޤާސިމް ވިދާޅުވިޔަސް އުމަރުގެ ވާހަކަ ދައްކާނެ، ދައްކަން ޖެހޭ!

ޤާސިމް ވިދާޅުވިޔަސް އުމަރުގެ ވާހަކަ ދައްކާނެ، ދައްކަން ޖެހޭ!

20 ޑިސެމްބަރު 2017
ޒަޔަނިސްޓުން ކިތަންމެ ބޭނުންވިޔަސް، ފަލަސްތީނަކީ ޔަހޫދީންގެ ތަނަކަށް ނެހެދޭނެ!

ޒަޔަނިސްޓުން ކިތަންމެ ބޭނުންވިޔަސް، ފަލަސްތީނަކީ ޔަހޫދީންގެ ތަނަކަށް ނެހެދޭނެ!

12 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު