Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަސްތީނާއެކު އިސްލާމީ އުއްމަތް

އޮޔާ ދެމިގެންދާ ކުނިތަކެއް ފަދަ ބަޔަކަށްނުވެ، ފަލަސްތީނުގެ މުޤައްދަސް ބިންތައް މިނިވަން ކުރުމުގެ މަސައްކަތް ކުރުމަށް ޚުތުބާގައި ގޮވާލައިފި

މުސްލިމުންނަށް ކުރިމަތިވާ ކޮންމެ ދަތި ހާލަތެއްގައި އެމީހުންނަށް އެހީތެރިވުމަކީ މުސްލިމް އުއްމަތުގެ ވާޖިބެއް

އަމްނާ އިމާދު
އަމްނާ އިމާދު | 13 އޮކްޓޯބަރު 2023 | ހުކުރު 08:00
އިސްރާއިލްގެ ހަމަލާތަކުގައި ޝަހީދުވި މީހެއްގެ ހަށިގަނޑު ގެންދަނީ

އިސްރާއިލްގެ ހަމަލާތަކުގައި ޝަހީދުވި މީހެއްގެ ހަށިގަނޑު ގެންދަނީ

އޮޔާ ދެމިގެންދާ ކުނިތަކެއް ފަދަ ބަޔަކަށްނުވެ، މަސްޖިދުލް އަޤްސާއާއި ފަލަސްތީނުގެ މުޤައްދަސް ބިންތައް މިނިވަން ކުރުމުގެ މަސައްކަތް ކުރުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

''ފަލަސްތީނާއެކު އިސްލާމީ އުއްމަތް'' މިމައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިއްވި ޚުތުބާގައި ވަނީ ފަލަސްތީނުގެ ބިމުގެ މާތްކަމާއި، އެބިމަށް ޔަހޫދީން އަރައިގަންނަމުންދާ ގޮތްތަކާއި، ޔަހޫދީންގެ ނުބައި ރޭވުންތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ.

ޚުތުބާގައި ބުނީ ފަލަސްތީނުގެ ބިމަކީ އެތައް ގޮތަކުން މުސްލިމުންނާ ގުޅިލާމެހިފައިވާ ބިމެއް ކަމަށާއި، އެއީ މާތްﷲ ބަރަކާތް ލައްވައި މާތް ކުރައްވާފައިވާ ބިމެއް ކަމަށެވެ. އެންމެ ގިނަ ނަބީ ބޭކަލުން އެ ބިމެއްގައި އުފަންވެވަޑައިގަތް ބިން ކަމަށާއި، އެތައް ނަބީ ބޭކަލުންނެއް ދިރިއުޅުއްވި ބިން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެއީ ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ އާއިގެން އެ ބިމަކަށް އިސްރާ ކުރެވުނު މުޤައްދަސް ބިންކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ފަލަސްތީނާއި ޤުދުސަކީ ޔަހޫދީންނަށް ދެއްވުމަށް މާތް ﷲ ވައުދުވެވޮޑިގެންފައިވާ ބިމެއްކަމަށް ދައުވާކުރާ ޔަހޫދީން އައީ އެމީހުންގެ މި ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި ޒައިނިޒަމްގެ ނަމުގައި ސިއްރު ރޭވުންތައް ރާވައި ތަފާތު ހަރަކާތްތައް ހިންގަމުންދާކަން ފާހަގަކޮށް ޚުތުބާގައި ބުނީ މި ހަރަކާތްތަކުގެ ތެރެއިން ނިރުބަވެރި ޖަމާއަތްތައް އުފެއްދި ކަމަށާއި، ނަސްލު ނައްތާލުމުގެ ޝިއާރުގެ ދަށުން ފަލަސްތީނުގެ އަހުލުވެރިންނާ ދެކޮޅަށް ބަޑިއާއި ބޮމުގެ ހަމަލާތައް ދީ ގަތުލު އާއްމުތައް ހިންގި ކަމަށެވެ. ގެދޮރު ސުންނާފަތިކޮށް ފޭރުމުގެ ބޮޑެތި ޖަރީމާތައް ހިންގި ކަމަށާއި، ލާއިންސާނީ ޖަރީމާތަކުގައި ފަލަސްތީނުގެ އެތައް ހާސް ރައްޔިތުންނެއް ޝަހީދުވެ އެތައް ލައްކައަކަށްވުރެ ގިނަ ރައްޔިތުންގެ ގެދޮރު ގެއްލި ރެފިއުޖީންނަށްވި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މިހުރިހާ ޖަރީމާތަކެއް ހިންގަމުން އައީ އިންސާނީ ހައްގުތަކުގެ ޗެމްޕިޔަނުންކަމުގައި ދައުވާކުރާ ހުޅަނގާއި ދުނިޔޭގެ ދެފުށް ދެގޮތް ސިޔާސަތު ގެންގުޅޭ ބޮޑެތި ބާރުތަކުގެ ހިމާޔަތުގައި ތިބެގެން ކަމަށާއި، ސުލްހައިގެ މޭސްތިރިން ކަމުގައި ހެދިގެން ތިބެ މިނިވަން ދައުލަތެއްގެ ސިޔާދަތު ނަގާލައި، އިސްލާމީ އުއްމަތުގެ ތެރިކައެއް ކަމުގައި ފަލަސްތީނުގެ ބިމުގައި ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ދައުލަތެއް އުފައްދައިދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރީ ހުޅަނގާއި ދުނިޔޭގެ ބާރުތައް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ފަލަސްތީނުގެ މުޤައްދަސް ބިމުގައި އިޒްރޭލުގެ ނަމުގައި ޣައިރު ގާނޫނީ ދައުލަތެއް އުފެއްދިތާ ހަތްދިހަ އެތައް އަހަރެއްވެފައިވާ ކަމަށާއި، ފަލަސްތީނުގެ ބިމަށް އަތްގަދަކޮށްގެން ތިބި ޔަހޫދީން މަސައްކަތް ކުރަނީ އެބިމުން މުސްލިމުންގެ ވަސްވެސް ފޮހެލުމަށް ކަމަށެވެ. އަލްގުދުސުގައި ޔަހޫދީންނަށް ގެދޮރު އަޅައިދީ އެތަނުގައި ޔަހޫދީން ވަޒަންވެރި ކުރުވުމުގެ މަޝްރޫއުތައް ދަނީ ހިންގަމުން ކަމަށާއި، ޔަހޫދީ މީޑިއާތައް މެދުވެރިކޮށް އަލްގުދުސުގައިވާ އިސްލާމީ މުގައްދަސް މަލަތައް ދުނިޔޭގެ ލޯތަކަށް އޮޅުވާލުމުގެ ޖަރީމާތައް ހިންގަމުންދާ ކަމަށެވެ. އަދި މަސްޖިދުލްއަގްސާގެ ފޮޓޯކަމަށް މިޒަމާނުގައި މަޝްހޫރުވެފައިވާ ފޮޓޯއަކީ އެމިސްކިތުގެ ފޮޓޯއެއް ނޫން ކަމަށާއި، އެއީ ގުއްބަތުއް ސަޚްރާގެ ފޮޓޯއެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ޚުތުބާގައި ބުނީ ޤުއްބަތުއް ސަޚްރާއަކީ އިސްރާއާއި މިއުރާޖުގެ ރޭ ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަރާވަޑައިގަތް ހިލައިގެ މަތީގައި މާފަހުން ކުރެވުނު ބިނާއެއް ކަމަށެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ސުލައިމާނުގެފާނުގެ ބިނާ ހޯދުމުގެ ނަމުގައި މަސްޖިދުލް އަޤްސާގެ ދަށުން ކޮންނަމުންދާ ބިންގަރާސްތަކަކީ މާ ބޮޑަށް ނުރައްކާތެރި ޖަރީމާއެއް ކަމަށެވެ. މީގެ ހަގީގީ ބޭނުމަކީ އެނަމުގައި މަސްޖިދުލް އަގްސާގެ ދަށުގައި ފައްޅިތަކެއް އެޅުން ކަމަށާއި، މި ބިންގަރާސްތައް ކޮނުމުގެ އާހިރު ނަތީޖާއަކަށްވާނީ މަސްޖިދުލް އަގްސާގެ ބިންގާތައް ބަލިކަށިވެ ބިންހެލުމެއްގެ އަސަރު ކިރިޔާ ކުރިޔަސް މަސްޖިދުލްއަގްސާ ވެއްޓި ބިމާ ހަމަވުން ކަމަށެވެ. އަދި ދެން ބިން ސާފުކޮށް ނިމޭއިރު ފެންނަން ހުންނާނީ ޔަހޫދީން ބިންގަރާސް ކޮނެގެން އެޅި ފައްޅިތައް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ގާފިލުކަމުގެ ނިދިން ހޭލުމަށް ގޮވާލައި ޚުތުބާގައި ބުނީ މަސްޖިދުލްއަގްސާ ބިމާ ހަމަކޮށްލުމުގެ މަޝްރޫއު ފަށާފައިވާއިރު، ދެން ފަށާނީ މައްކާއާއި މަދީނާގެ މާތްވެގެންވާ ދެ ހަރަމްފުޅު ނައްތައިލުމުގެ މަޝްރޫއު ކަމަށެވެ. މި ވާހަކަތައް ޒުވާން ޖީލުތަކާއި ހަމައަށް ގޮންގޮސްދޭން ޖެހޭ ކަމަށާއި، އެކުދިންގެ ހިތްތަކަށް މުސްލިމުންގެ މުގައްދަސް ތަންތަނުގެ ލޯބި ވައްދައިދޭންޖެހޭ ކަމަށެވެ. އަދި އެކުދިންނަކީ އެތަންތަނުގެ ހިމާޔަތުގައި ތެދުވަން ކެރޭ ބަޔަކަށް ހަދަންޖެހޭ ކަމަށާއި، މިއީ މައިންބަފައިންނާއި، މުދައްރިސުންނާއި ވެރިންގެ ވާޖިބެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ތާރީހަށް އިޝާރާތްކޮށް ޚުތުބާގައި ބުނީ އަދުއްވުންނާއި ކުރެވުނު ހަނގުރާމަތަކުގައި މުސްލިމުންނަށް ނަސްރު ލިބިފައިވަނީ ހަނގުރާމަވެރިންގެ އަދަދާއި ވަސީލަތްތައް ގިނަވަގެން ނޫން ކަމަށެވެ. ނަމަވެސް އެބައިމީހުން މާތް ﷲ އަސް ބަރޯސާވެ ވަކީލުކުރުމާއެކު ސަބަބުތަކުގައި ހިފައިގެން ކުރިއަސް ދިއުމުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ އިސްލާމީ އުއްމަތަކީ އެއް އުއްމަތެއް ކަމަށާއި، ހުރިހާ މުސްލިމުންނަކީ އުހުއްވަތްތެރި ބައެއް ކަމަށެވެ. މުސްލިމުންނަށް ކުރިމަތިވާ ކޮންމެ ދަތި ހާލަތެއްގައި އެމީހުންނަށް އެހީތެރިވުމަކީ މުސްލިމް އުއްމަތުގެ ވާޖިބެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މިއަދު ވެސް މާތްގެ ވަހީގެ ބަސްފުޅުތަކުން އިބުރަތް ލިބިގަނެ ގާފިލުކަމުގެ ނިދިން ހޭލުމަށާއި، މަސްޖިދުލް އަޤްސާއާއި ފަލަސްތީނުގެ މުގައްދަސް ބިންތައް މިނިވަން ކުރުމަށް ތެދުވެ ހިންދެމެލުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ. އަދި ވަރުގަދަ އިމާންކަމަކާއި، އަދުއްވުންގެ ރޭވުންތައް ބޮއްސުންލާ ފަދަ ހިކުމަތްތެރިކަމާއެކު ﷲގެ ހަސްރަތުން ވާގިއެދިގެން ކުރިއަށްދިއުމަށް އެދިފައިވެއެވެ.

ހުކުރު ޚުތުބާޚުތުބާ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

12 ޑިސެމްބަރު 2025
އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ
07 ނޮވެމްބަރު 2025

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ
31 އޮކްޓޯބަރު 2025

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
24 އޮކްޓޯބަރު 2025

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ
22 އޮކްޓޯބަރު 2025

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު
22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
17 އޮކްޓޯބަރު 2025

ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ

17 އޮކްޓޯބަރު 2025
ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ
03 އޮކްޓޯބަރު 2025

މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ

03 އޮކްޓޯބަރު 2025
މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ
26 ސެޕްޓެމްބަރު 2025

އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ

26 ސެޕްޓެމްބަރު 2025
އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ
19 ސެޕްޓެމްބަރު 2025

މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ

19 ސެޕްޓެމްބަރު 2025
މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު