ކަރަންޓު ކިތަންމެ ގިނައިން ބޭނުންކުރި ނަމަވެސް ކަރަންޓު ފީގެ ރޭޓު މަތި ނުކުރަން ރައީސް ނިންމަވައިިފި
21 ސެޕްޓެމްބަރު 2023 | ބުރާސްފަތި 18:37ގޭގެ ކުލި އަދި އެހެނިހެން ބިލްތައް ދެއްކުމަށްފަހު ލިބޭ އާމްދަނީ ދެކޮޅު ނުޖެހޭ ކަމުގެ ޝަކުވާ ލިބިފައިވޭ


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު
މީހުން ދިރިއުޅޭ ހުރިހާ ގެއެއްގައި ކަރަންޓު ކިތަންމެ ގިނައިން ބޭނުންކުރި ނަމަވެސް ކަރަންޓު ފީ ނަގާ ރޭޓު ބޮޑު ނުވާގޮތަށް ފްލެޓު ރޭޓަކުން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނިންމަވައިފިއެވެ.
ހުވަދޫ ޖަގަހާގައި ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ، މިހާރު ކުރިއަށް ގެންދާ ކެމްޕެއިންގެ ތެރެއިން ކަރަންޓު ބިލަށް ލުޔެއް ހޯދުމަށް ވަރަށް ގިނަ ރައްޔިތުން އެދެމުންދާ ކަމަށެވެ. އަދި ގޭގެ ކުލި، ފެނާއި ކަރަންޓު އަދި އެހެނިހެން ބިލްތައް ދެއްކުމަށްފަހު ލިބޭ އާމްދަނީ ދެކޮޅު ނުޖެހޭ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން މިހާރު ކަރަންޓު ބިލަށް ވަރަށް ބޮޑު ލުޔެއް ދިނުމަށް ނިންމާވާފައިވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
ކަރަންޓު ބިލު ކަނޑައަޅަނީ ވަކި ރޭޓުތަކަކުންނެވެ. ވަކި ވަރަކަށް ވުރެ ގިނައިން ކަރަންޓު ބޭނުންކުރުމުން ބިލް ބޮޑުވެގެންދެއެވެ. ރައީސް ވިދާޅުވީ މިބަދަލާއެކު އާއްމު ރައްޔިތުން ދިރިއުޅޭ ގެތަކުން ކަރަންޓު ކިތަންމެ ގިނައިން ބޭނުންކުރި ނަމަވެސް ބިލް ބޮޑުނުވާ ގޮތަށް ކަރަންޓު ރޭޓް ފްލެޓް ރޭޓަކުން ނަގާ ގޮތަށް ހަމަޖައްސަވާނެ ކަމަށެވެ.
ކަރަންޓު ފީ ނަގާ ރޭޓު ބޮޑު ނުވާގޮތަށް ފްލެޓު ރޭޓަކުން ދިނުމަށް ރައީސް ނިންމާވާފައިވާއިރު، އެމަނިކުފާނު ގެންދަވަނީ އާއްމު ރައްޔިތުންނަށް ދަތިވެފައިވާ ގިނަކަންކަމަށް ހައްލު ހޯއްދަވައިދެއްވަމުންނެވެ.






