ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ވެސް ސްޕެއިންގެ ބާސެލޯނާ އިން ފަސް ލަނޑުގެ ބޮޑު މޮޅެއް ހޯދައިފި އެވެ.
ގްރޫޕް އެޗްގައި ބާސެލޯނާ އިން އަންގާރަ ދުވަހުގެ ރޭ ކުޅުނީ ރޯޔަލް އެންޓްވާޕާ ދެކޮޅަށެވެ. އެ މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 5-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ތިން ލަނޑުގެ ލީޑެެއް ނެގި އެވެ. އަނެއް ދެ ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.
މެޗު ފަށައިގެން 11 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ލޯނު އެއްބަސްވުމެއްގެ ދަށުން އެ ޓީމަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޒުވާން ކުޅުންތެރިޔާ ޔާއޯ ފެލިކްސް އެވެ. އޭނާ އެ ލަނޑު ޖެހީ މިޑްފީލްޑަރު އިލްކާއީ ގުންޑޮގާން ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ބާސެލޯނާގެ ދެ ވަނަ ލަނޑު ޕޮލެންޑުގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ ޖެހީ ފެލިކްސް ތަނަވަސްކޮށްދިން ފުރުސަތެއްގައި، މެޗުގެ 19 ވަނަ މިނެޓުގަ އެވެ. ބާސެލޯނާގެ ތިން ވަނަ ލަނޑަކީ ރޯޔަލް އެންޓްވާޕްގެ ޖެލީ ބަޓާއިލް އަތުން ބައި ކޮޅަށް ވަތް ލަނޑެެކެވެ. ދެ ވަނަ ހާފުގައި ބާސެލޯނާގެ ހަތަރު ވަނަ ލަނޑު ޖެހީ ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ގަވީ އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 54 ވަނަ މިނެޓުގަ އެވެ. ބާސެލޯނާގެ ފަސް ވަނަ ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ޖެހީ ފެލިކްސް އެވެ. އޭނާ އެ ލަނޑު ޖެހީ ރަފީނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
މި ގްރޫޕްގައި ޕޯޓޯ އިން ވަނީ ޝަހުތަރު ޑޮނެސްކާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެފަ އެވެ. އެ މެޗުން ޕޯޓޯ މޮޅުވެފައި ވަޖނީ 3-1 އިންނެވެ.
މި ނަތީޖާ އާއެކު މި ގްރޫޕްގެ އެއް ވަނައިގައި އޮތީ ބާސެލޯނާ އެވެ. އެއީ ތިން ޕޮއިންޓާއެކު އެވެ. ދެ ވަަނައިގައި އޮތް ޕޯޓޯ އަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބޭއިރު، ފައިދާ ލަނޑުން ކުރި ހޯދަނީ ބާސެލޯނާ އެވެ.