ކ. މާލެ
|
17 ސެޕްޓެންބަރ 2023 | އާދީއްތަ 07:36
އުތުރު ތިލަފަޅުގެ މަސައްކަތް ކުރިއަށް
އުތުރު ތިލަފަޅުގެ މަސައްކަތް ކުރިއަށް
އުތުރު ތިލަފަޅު
އުތުރު ތިލަފަޅުގެ މަސައްކަތް ކުރިއަށް - "އިންޑިއާ ސިފައިންނެއް ނުފެނުނު!"
އުތުރު ތިލަފަޅުގެ މަޝްވަރާތަކަށް އަމަލީ ސިފައެއް އެކަމަށް އައިސްފައި ވަނީ 2013 ވަނަ އަހަރު
ޔޫޓީއެފް ނުވަތަ އުތުރު ތިލަފަޅާއި މެދު އޭރު މަޝްވަރާ ކުރެއްވީ ރާއްޖޭގައި ބޭއްވި "ފުރަތަމަ އިންޑިއާ - ސްޓާފް ޓޯކްސް"ގެ ހަވާސާގެ ތެރެއިން
މި މަސައްކަތުގެ މަޝްވަރާތައް ފުރަތަމަ ކުރެވުނުއިރު ވާހަކަދެކެވުނީ 40 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ތަރައްްޤީކުރުމަށް

"އުތުރު ތިލަ ފަޅު"، މި އަށް ވުރެބޮޑަށް މިދިޔަ ދުވަސްތަކުގައި ތަކުރާރުކޮށް އެތަނެއްގެ ވާހަކަ ދެކެވުނު ހެނެއް ހިއެއް ނުވެއެވެ. ތަފާތު އެތައް ނައްސި ގޮތަކަށް މިތަނުގެ ވާހަކަ ފަލަސުރުޚީގައި ދައުރުވެއްޖެއެވެ. ރާއްޖޭގެ އިސްތިގުލާލާއި މަސްލަހަތު ގެއްލޭކަމަށް ބުނެ އެވާހަކަ އެތައް ޕޯޑިއަމްއެއްގައި އެކި ގޮތް ގޮތަށް، ރާގު ރާގަށް ތަކުރާރުކޮށްފިއެވެ. މިތަން އިންޑިއާ އަށް ވިއްކާލި ކަމަށާއި އެއީ އިންޑިއާގެ އަސްކަރީ ބޭސް އެއް ކަމަށް އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ ތުހުމަތުތައް އިންތިހާ އަށް އިތުރުވިއެވެ. އަދި މި ރިޔާސީ އިންތިޚާބާއި ދިމާކޮށް އެންމެ އަޑު ހަރުކޮށް ދެއްކި އެއް ވާހަކަ އަކީ ވެސް މިއީ އެވެ. ހަގީގަތަކީ ކޮބައިތޯއެވެ؟

އެންމެ ފުރަތަމަ މި ތަނުގެ ތާރީހާއި ހިސާބުން ފަށަމާތޯއެވެ. އުތުރުތިލަފަޅުގެ ޚިޔާލާއި ތަސައްވުރު އައި ހިސާބުން ފެށިގެން ބަލާލާނަމެވެ. އުތުރު ތިލަފަޅު ތަރައްޤީކުރުމަށް އަބަދުވެސް ރާއްޖޭގެ ދިފާއީ ބާރުން އުންމީދު ކުރަމުން އައެވެ. އެެހެންނަމަވެސް އަމަލީ ސިފައެއް އެކަމަށް އައިސްފައި ވަނީ 2013 ވަނަ އަހަރުއެވެ. އެ އަހަރު ރަސްމީ ސިފައެއްގައި އުތުރު ތިލަފަޅުގެ ޕްރޮޕޯޒަލް އިންޑިއާ އާއި ހިއްސާކުރިއެވެ. އެހިސާބުން މި ހިސާބަށް ކަންކަން ރޭވި ތަރުތީބުވެގެން އައި ގޮތަށް ބަލާލަމާތޯއެވެ؟

އެޕްރިލް 2013 - އޭރުގެ ދިފާއީ ވަޒީރު ކާނަލް މުހައްމަދު ނާޒިމް އިންޑިއާ އަށްކުރެއްވި ދަތުރުފުޅުގައި ފުރަތަމަ ފަހަރަށް އުތުރު ތިލަފަޅުގެ ވާހަކަ ރަސްމީކޮށް އިންޑިއާ އާއެކު ދެކެވުނެވެ. މި ދަތުރުފުޅުގައި އުތުރު ތިލަފަޅުގެ ކޮންސެޕްޓްގެ ތަފްސީލް އިންޑިއާގެ ޑިފެންސް މިނިސްޓަރު އޭކޭ އެންޓޮނީ އަށް ވަނީ އަރުވާފައެވެ.

އޮކްޓޯބަރ 2015 - މި ވާހަކަތަކަށް އިތުރު ކުރިއެރުމެއް ލިބުނީ 2015 ވަނަ އަހަރު ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު ސުޝްމާ ސްވަރާޖް އާއެކު ބޭއްވެވި ބައްދަލުވުންތަކުގެ ތެރެއިންނެވެ. އެއީ ރާއްޖޭގައި ބޭއްވި "5 ވަނަ އިންޑިއާ މޯލްޑިވްސް ޖޮއިންޓް ކޮމިޝަން" މީޓީންގެ ތެރެއިންނެވެ.

މާރޗް 2016 - ގާތްގަނޑަކަށް ތިން އަހަރު ދުވަހު ކުރި މަޝްވަރާތަކަށް ދެން އިތުރުވެގެން އައި ބޮޅަކީ 2016 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި މިކަމާމެދު ކުރި މަޝްވަރާތަކެވެ. ޔޫޓީއެފް ނުވަތަ އުތުރު ތިލަފަޅާއި މެދު އޭރު މަޝްވަރާ ކުރެއްވީ ރާއްޖޭގައި ބޭއްވި "ފުރަތަމަ އިންޑިއާ - ސްޓާފް ޓޯކްސް"ގެ ހަވާސާގެ ތެރެއިންނެވެ.

އޭޕްރިލް 2016 - ރާއްޖެ އާއި އިންޑިއާ އާ ދެމެދު ސޮއިކުރި "އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަން ބިޓްވީން ދަ މޯލްޑިވްސް އެންޑް އިންޑިއާ"ގެ ތެރެއިން އުތުރުތިލަފަޅުގެ ބައިވެރިވުން އޮތް ކަން ސާފުކޮށް ހާމަވެއެވެ.

ޖުލައި 2016 - ދިވެހި ސަރުކާރުން "އިންޑިއާ-މޯލްޑިވްސް ޑިފެންސް ކޯޕަރޭޝަން ޑައިލޮގް"ގައި މި މަޝްރޫޢުގެ ލޭއައުޓް ޕްލޭން އިންޑިއާ އާއެކު ހިއްސާކުރިއެވެ. އޭރު ވެރިކަމުގައި ހުންނެވީ ވެސް ޔާމީނެވެ.

މޭއި 2017 - ނިއު ދިއްލީގައި ބޭއްވި "2 ވަނަ އިންޑިއާ - މޯލްޑިވްސް ސްޓާފް ޓޯކްސް" ގައި މި މަޝްރޫޢުގެ ޓަރމްސް އޮފް ރެފަރެންސް އަދި ޕްރޮޕޯޒަލް ހިއްސާކުރިއެވެ.

ޖެނުއަރީ 2019- ނިއުދިއްލީގައި ބެއްވި "2 ވަނަ އިންޑިއާ-މޯލްޑިވްސް ޑިފެންސް ކޯޕަރޭޝަން ޑައިލޮގް" ގައި އުތުރުތިލަފަޅު މަޝްރޫޢު އާއެކު ކުރިއަށް ދިޔުމަށް އެއްބަސްވުމަކަށް އާދެވުނެވެ. އަދި އިންޑިއާގެ އަސްކަރީ ޓީމެއް އުތުރުތިލަފަޅަށް ޒިޔާރަތްކޮށް ރިކުޔަރމެންޓްސްތައް ދެނެގަނެވުނެވެ.

މި މަސައްކަތުގެ މަޝްވަރާތައް ފުރަތަމަ ކުރެވުނުއިރު ވާހަކަދެކެވުނީ 40 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ތަރައްްޤީކުރުމަށެވެ. ނަމަވެސް މި ސަރުކާރުން އެ މަޝްރޫޢުގެ ދަށުން ކުރަން ޖެހޭ މަސައްކަތް ކުޑަކޮށް ފަހުން ނިންމާފައި ވަނީ 15 ހެކްޓަރުގެ ސަރަހައްދެއް ތަރައްްޤީކުރުމަށެވެ. މި ސަރުކާރުން ވަނީ މި މަޝްރޫޢު އާމެދު ފުރަތަމަ އެކުލަވާލި ޕްރޮޕޯޒަލްގައި ހުރި މެރިޓައިމް ސެކިއުރިޓީ، ޖޮއިންޓް އަދި މެނޭޖްމެންޓް ކޮމްޕޯނެންޓު އުނިކޮށްފައެވެ. އެ ސަރަހައްދުގެ ސަލާމަތީ ހުރިހާ ކަމެއް ބަލަހައްޓަނީ އެމްއެންޑީއެފުންނެވެ. ޓެކްނިކަލް ބޭނުމަށް ވެސް އަދި މަދަދުވެރިވުމުގެ ގޮތުން ވެސް އެތަނަށް ބަޔަކަށް ދެވޭނީ ދިވެހި ސަރުކާރުގެ ހުއްދަ އޮވެގެންނެވެ.

ކަން މިހެން އޮތް ނަމަވެސް އަޑުތައް ފެތުރުނީ އެއާއި މުޅިން ޚިލާފަށެވެ. އުތުރު ތިލަފަޅުގައި އަސްކަރީ ހަތިޔާރާއި ގޮތް ނޭނގޭ އެތައް ކަމެއް ހިނގާކަމަށް އިދިކޮޅު ފަރާތްތަކުން އައީ ތުހުމަތުކުރަމުންނެވެ. 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެއްބަސްވުމުގައި ސޮއިކުރި މި މަސައްކަތް އަމަލީ ގޮތުން ފެށީ މި އަހަރުގެ މޭއި މަހުގެ ތެރޭގައެވެ. ފެތުރެމުންދިޔަ އަޑުތަކާއެކު، ބުރާސްފަތި ދުވަހު އުތުރު ތިލަފަޅު ބަލާލަން ދާ ވާހަކަ ބުނުމާއެކު އެތަނުގެ ހަގީގަތް ހަމަ ލޮލަށް ފެންނާނެތީ ބަލާލަން ބޭނުންވެފައި ހުރީމެވެ. 15 ވަރަކަށް މިނެޓު އެކުވެރި ނޫސްވެރިންނާއި އެމްއެންޑީއެފްގެ ބޭކަލުންނާއެކު ކުރި ދަތުރަށް ފަހު އެ ބުނާ އުތުރު ތިލަފަޅުގެ މަލަމަތި ފެނުނެވެ. ބަނދަރު ކޮށްލަން ފަސޭހަ ވާނެ ފަދަ، ކުޑަކުޑަ ހިތްގައިމު ފާލަމާއި ގާތްކޮށްލުމާއެކު ވަށައިގެން ބަލާލީމެވެ. ބަލާބެލުމަށް އަދި ހިއްކަމުންދާ އެހެން ސައިޓަކާއި މި ފަޅާއި މާބޮޑު ތަފާތެއް ނެތެވެ.

ލަކުޑިން ހަދާފައި ހުރި ބަނދަރާއި ދާދި ކައިރީގައި ހުރީ "ދިވެހި ސިފައިން" ތިބޭ ތަނެވެ. އެމްއެންޑީއެފް ބޭކަލުން ކައިރީގައި އެއީ ކޮންތަނެއްތޯ ސުވާލުކުރުމުން އެއީ ސިފައިން ގާއިމްވެ ތިބޭތަންކަން ސާފުވިއެވެ. އަދި އެތަނުގައި އަބަދުވެސް ސިފައިން ތިބޭކަމާއި އަމަން ބަލަހައްޓަނީ ދިވެހި ސިފައިންކަން ވެސް އެނގުނެވެ. މީޑިއާތަކާއި މީސްމީޑިއާގައި ޚަބަރު ފެތުރި ގޮތާއި ޚިލާފަށް އެއްވެސް އިރެއްގައި އުތުރުތިލަފަޅު ބެލެހެއްޓުމުގައި ދިވެހި ސިފައިން ނޫން ބައެއް ހަރަކާތްތެރިވެފައެއް ނެތެވެ. މި މަސައްކަތް ފެށި ހިސާބުން ފެށިގެން މި ހިސާބަށް ވެސް އެއްވެސް ސިފައެއްގައި އިންޑިއާގެ ވެސް އަދި އެހެން އަސްކަރިއްޔާއެއްގެ ބަޔަކު ވެސް މި ފަސްގަނޑަށް އައިސްފައެއް ނެތެވެ. ސީސީ ޓީވީ ކެމެރާ ހަރުކޮށް، ސަލާމަތީ ކަންކަން ކަށަވަރުކޮށްފައިވާ މި ތަނުގެ ހުރިހާ ވީޑިއޯ މަންޒަރުތަކެއް ލައިވްކޮށް މާލޭގައި ހުރި އެމްއެންޑީއެފްގެ ކަމާއި ގުޅުން ހުރި ފަރާތްތަކަށް ބަލާލެވެއެވެ.

އެެހެންކަމުން އުތުރު ތިލަފަޅުގައި ހިނގާ ނުހިނގާ ކަމެއް ދިވެހި އަސްކަރިއްޔާ އަށް ވެސް ނޭނގޭކަމަށް ބުނެ ދެއްކި ވާހަކައަކީ ޔޯލަ ދޮގު ޚަބަރުތަކެއްކަން ވަރަށް ސާފެވެ. އަދި 24 ގަޑިއިރު ދިވެހި ސިފައިން ހަރަކާތްތެރިވާ ތަނެއްގައި ވެރިވެގަނެގެން އެހެން ޤައުމެއްގެ ސިފައިން ޤާއިމްވެ ތިބިކަމަށް ދައްކާ ވާހަކައިގެ އަސާސެއް ނެތްކަން ވެސް ދޭހަވެއެވެ. ދެން އޮތީ މި ތަނުގައި ހުރި ވަސީލަތްތަކުގެ ވާހަކައެވެ. މިތަނުގައި ހުރިއްޔާ ހުރިހާވެސް މުދަލަކާއި، އުޅަނދެއް މިސްރާބު ޖަހާފައި ހުރީ އެއް ދިމާލަކަށެވެ. އެއްގަމުގައި ހުރި ބަރު އުޅަނދުތަކާއި ފަޅުގައި އޮތް ޑްރެޖަރުގެ މަދަދުވެރިކަމާއެކު އުތުރު ތިލަފަޅުގައި ތިބި މަސައްކަތްތެރިން އަވަދިނެތި އުޅުނީ އުތުރު ތިލަފަޅުގެ ބިން ހިއްކުމާއި، އުތުރު ތިލަފަޅުގެ ހާބަރުގެ މަސައްކަތުގައެވެ.

މުޅި ތަނަށް ނަޒަރު ހިންގާލާ އިރު ފެނުނީ ބުރަ މަސައްކަތް ކުރަމުން ދިޔަ މަސައްކަތްތެރިންނެވެ. އެބައެއްގެ މަސައްކަތަށް ޝައުގުވެރިކަން ބަހައްޓަައިގެން އެ މަސައްކަތާއި ވެގެން އުޅުނު ހީވާގި ބައެކެވެ. އުތުރު ތިލަފަޅުގެ ކޮންމެ ދިމާލެއްގައި ވެސް ކޮންމެވެސް މަސައްކަތެއް ނުކުރާ ދިމާލެއް ނެތެވެ. މި އަހަރުގެ ފެބްރުއަރީ މަހު ސޮއިކޮށް، މޭއި މަހު މަސައްކަތް ފެށި އުތުރު ތިލަފަޅުގެ މަސައްކަތުގެ ތެރެއިން ނިމިފައިވާ މަސައްކަތުގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ބިން ހިއްކުމުންނެވެ. އަދި އެންމެ ބާރަށް މި ސަރަހައްދުގައި ކުރަމުން ދިޔަ މަސައްކަތަކީ ބާކީ އޮތްބައި ބިން ހިއްކުމުގެ މަސައްކަތެވެ.

އުތުރު ތިލަފަޅު ވަށައިގެން ހިނގާ ގާތްގަނޑަކަށް ދޮޅުގަޑިއިރެއް ހާއިރު އެތަނުގައި ހޭދަކޮށްލެވުނުއިރު ރަށުގެ މަސައްކަތްކުރަމުން ދިޔަ މީހުންނާއި އެ މީހުން ދިރިއުޅުނު އެކޮމޮޑޭޝަން ވެސް ފެނުނެވެ. ދިމާ ހާމައަށް އޮތް މި ތަނުގައި ފޮރުވިފައި ހުރި އެއްޗެއް ހުރި ހެނެއް ނެތެވެ. ރަށުގެ އެއްކޮޅުން އަނެއް ކޮޅަށް ހިނގި އިރުވެސް އެބުނާ އިންޑިއާ ސިފައިންނެއް ނެތެވެ. ހަމަގައިމުވެސް އަސްކަރީ ބޭސް އެއް، އަމުދުން ފަރަންޖީ އަސްކަރިއްޔާގެ ސިފައެއް އެތަނަކު ނެތެވެ. ހަމަ ޔަގީނުންވެސް ބަރު ހަތިޔާރެއް ނެތެވެ. އެހެނެއް ނޫނެވެ. 186.3 މިލިއަން ޑޮލަރުގެ މަޝްރޫޢު ތާވަލާއި އެއްގޮތަށް 2025ގެ ކުރީކޮޅަށް ނިންމާލަން މަސައްކަތް ހަވާލުކޮށްފައިވާ އިންޑިއާގެ ވިކާސް ނިގާމް ލިމިޓެޑްގެ މަސައްކަތްތެރިން ވަރަށް ބުރަކޮށް، ވަރަށް ހަލުވިކޮށް އުޅުނު މަންޒަރު ދުށީމެވެ. އެކަމަކު ހޯދާ ހޯދާވެސް އުތުރު ތިލަފަޅުން ނުފެނުނީ އިންޑިއާ ސިފައިންނެވެ. އިންޑިއާގެ އަސްކަރިއްޔާއެވެ. އެ ވާހަކަ ވީ ޔޯލަ ވާހަކައަކަށް ތާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް
17 ސެޕްޓެންބަރ 2023 | އާދީއްތަ 10:04
ލާމު
އެހެންވިއްޔާ ދޮގު ޚަބަރު ފަތުރާ، ފިތުނަ ފަސާދަ އުފައްދާ، ފަސާދަކުރަމުން ދުވާ މީހާ ނުވަތަ މީހުންގެ މައްސަލަ ބަލަންޖެހޭނެ. އަޅުގަނޑުވެސް ހީކޮށްގެން ހުރީ އެތާ ސިފައިންތިބީ ކަމަށް. މިވަރުގެ ބޮޑު ދޮގު ހެދި މީހުން ހައްޔަރުކޮށް އަދަބުދީ. އިސްލާމީ ޝަރީޢަތުގަ އޮންނާނެ ފަސާދަކުރާ މީހުންނަށް ދޭންޖެހޭ އަދަބު ވަރަށް ސާފުކޮށް.