ކ. މާލެ
|
4 ސެޕްޓެންބަރ 2023 | ހޯމަ 11:00
ރިޔާސީ ބަހުސްގައި ރައީސް ޞާލިޙު، ޑރ މުއިއްޒުއާ ސަލާމް ކުރައްވަނީ
ރިޔާސީ ބަހުސްގައި ރައީސް ޞާލިޙު، ޑރ މުއިއްޒުއާ ސަލާމް ކުރައްވަނީ
އެމްޑީޕީ
ރިޔާސީ އިންތިޚާބު 2023
އެހެން ބޭފުޅުން މޫނުފުޅު ހެއްދެވިޔަސް، ރައީސް ޞާލިޙު ދިއްކުރައްވަނީ ސުލްހައިގެ އަތްޕުޅު!
 
އެމަނިކުފާނުގެ ރިޔާސީ މިދައުރު ހަމަވާން ދާއިރު، މިއަދާ ހަމައަށް ވެސް ފެނުނީ މަޑުމައިތިރިކަމާއި، ސުލްހަޔަށް ލޯބި ކުރައްވާ މިންވަރު

ވެރިކަން ކުރާ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އިސް ލީޑަރު އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު (އިބޫ) އަބަދު ވެސް ފާހަގަވަނީ މަޑުމައިތިރި ބޭފުޅެއްގެ ގޮތުގަ އެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ތަޖުރިބާ ހުންނެވި އެއް ބޭފުޅަކީ ވެސް ރައީސް ޞާލިޙު އެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މެދުކެނޑުމެއްނެތި 25 އަހަރު ހޭދަކުރިއިރު ވެސް، ރައީސް ޞާލިޙުގެ ފަރާތްޕުޅުން ފެނުނީ ނަމޫނާ އެވެ.

Advertisement

ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ހަލަބޮލި އެއް ދުވަސްވަރަކީ 2013 ވަނަ އަަހަރުން، 2018 ވަނަ އަހަރާ ދެމެދު އެ ފާއިތުވި ފަސް އަހަރެވެ. ވެރިކަމުގައި ހުންނެވި ފަރާތުގެ އަނިޔާވެރިކަމާއި، މުށްބާރުކަން ފެނުނު އެންމެ ކަޅު ފަސް އަހަރެވެ. ސިޔާސީ މަސްރަހުގައި އޭރު ކަންކަން ތަރުތީބުވެގެން ދިޔަ ގޮތަށް ބަލާއިރު، އިދިކޮޅު ހުރިހާ އިސްލީޑަރުން ޖަލުގެ ތޭރިތަކުގެ ފަހަތަށް ލިއެވެ. އެއާއެކު އެއްބައި ބޭބޭފުޅުން އަމިއްލަ އަށް އަރުވާލެވިގެން، އެހެން ޤައުމެއްގައި ވެސް ދިރިއުޅުއްވަން ޖެހުނެވެ. އެދުވަސްވަރު، ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީ ހިންގަން ޖެހުނީ ރައީސް ޞާލިޙަށެވެ. އޭރު އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ވެސް ލީޑަރެވެ. އެ ޒިންމާތަކާއެކު، އޭރު ވެސް ރައީސް ޞާލިޙު ދެއްކެވީ ނަމޫނާ އެވެ. ކެތްތެރިކަން އިސްކުރައްވާ، ކުރިއަށް ނެރެއްވީ ބުއްދި އެވެ.

2018 ވަނަ އަހަރު އެމްޑީޕީން ކުރިއަށް ގެންދިޔަ ހަރަކާތެއްގައި ރައީސް ސާލިހު ޖުމްހޫރީ މައިދާނުގައި މަޑުކޮށްލައްވައިގެން - މިހާރު

ނަތީޖާއެއްގެ ގޮތުން މަދު ދުވަސްކޮޅެއްގެ ތެރޭ ރައީސް ޞާލިޙަކީ، އޭރުގެ ސަރުކާރަށް ބޮޑު ބިރަކަށްވި އެވެ. އެންމެ ފަހުން އެމަނިކުފާނު ވެސް ކުޑަ ގޮޅީގައި ބޭއްވި އެވެ. ހިތްވަރަށް ބަދަލެއް ނާންނަކަން ހާމަވަނީ، ކުޑަ ގޮޅުން ދޫވުމާއެކު އަނެއްކާ ވެސް އިސްލާހީ މަސައްކަތަށް ނުކުންނެވުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޭރުގެ ސަރުކާރަށް ގެއްލުނީ ވެސް، ރައީސް ޞާލިޙު އިސްވެ ހުންނަވައި އިދިކޮޅު ފަރާތްތަކުން ދައްކާލި ހުށިޔާރުކަމުގެ ސަބަބުންނެވެ. އެ ހައިޖާނުގެ ތެރެެއިން، އޭރުގެ ވެރިކަން ކުރި މައި ޕާޓީ، ޕީޕީއެމްގެ މެންބަރުން މައިނޯރިޓީ ލީޑަރުގެ ކޮޓަރި ކޮޅުގެ ދޮރު ފުނޑާލުމަށްފަހު އެ ކޮޓަރި އަށް ވަދެގަތެވެ. އެކަމުގެ ތެރެއިން ގިނަ މެންބަރުން އަޑުގަދަ ކުރަމުން ދަނިކޮށް، މުޅިތަން މައިިތިރި ކޮށްލީ ރައީސް ޞާލިޙު އެވެ.

އެ ހިތްދަތި، ބިރުވެރި ދުވަސްތަކަށްފަހު ރައީސް ޞާލިޙު ރައީސްކަމާ ހަވާލުވެވަޑައިގެންނެވީ ގިނަ ކަންކަން ބަދަލު ކުރެއްވުމަށެވެ. އެމަނިކުފާނުގެ ރިޔާސީ މިދައުރު ހަމަވާން ދާއިރު، މިއަދާ ހަމައަށް ވެސް ފެނުނީ މަޑުމައިތިރިކަމާއި، ސުލްހަޔަށް ލޯބި ކުރައްވާ މިންވަރެވެ. އެކަމުގެ ތެރެއިން މި ފަހުން ފާހަގަވީ ރިޔާސީ އިންތިޚާބާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ރިޔާސީ ބަހުސް އެވެ. ބަހުސް އަށް ރައީސް ޞާލިޙު ސްޓޭޖު މައްޗަށް އަރާވަޑައިގެން، އޭރު ސްޓޭޖުގައި ތިއްބެވި އުމަރު ނަސީރު އަދި ޙަސަން ޒަމީލާ ސަލާމް ކުރެއްވި އެވެ. ރައީސް ޞާލިޙު އެމަނިކުފާނުގެ ޕޯޑިއަމްގައި ހުންނަވަނިކޮށް، ދެން ވަޑައިގެންނެވީ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ.މުޙައްމަދު މުއިއްޒު އަރިހަށެވެ. މުއިއްޒު ވަޑައިގެން އުޅުއްވީ ޕޯޑިއަމް ކައިރީގައި ހުއްޓުމަށެވެ. އިތުރު އެހެން ކަމެއް ކުރުއްވަން އުޅުނު މަންޒަރެއް ނުފެނެ އެވެ. ނަމަވެސް، އެވަގުތު ވެސް ރައީސް ޞާލިޙު ވަނީ އަމިއްލަފުޅަށް އިސްނަންގަވައި، މުއިއްޒުއާ ސަލާމް ކުރެއްވުމަށް އަތް ދިއްކޮށްލެއްވުމަށެވެ. އެއަށްފަހު ދެ ބޭފުޅުން ސަލާމް ކުރެއްވި އެވެ.

އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު ވަނީ ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން ފެންނަ ހިތްތިރިކަމާއި، ސުލްހައިގެ ރިވެތި ސިފައިގެ ވާހަކަ ދެއްކި އެވެ. އަނެއްކާ ވެސް ފަސް އަހަރު ފަހަތަށް ޖެހިލާނަމެވެ. ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން އޭރުގެ ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރުމަށް ނިންމި އެވެ. ނަމަވެސް، އެ މަޝްވަރާތަކުގައި ރައީސް ޔާމީން ބައިވެރިވަޑައިނުގަންނަވަ އެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގެންނެވީ އޭރުގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެވެ. އެކަމަކު، މާލޭ ސިޓީގެ މޭޔަރު ކަމަށް މުއިއްޒު އިންތިޚާބުވެވަޑައިގެން، ރައީސް ޞާލިޙާ ބައްދަލު ކުރަން އެދިވަޑައިގަތުމުން ރައީސް ޞާލިޙު ވަނީ އެކަން ވެސް ކޮށްދެއްވައިފަ އެވެ. މީގެ އިތުރުން ޤައުމީ ބޮޑެތި ކަންކަމުގައި އަބަދު ވެސް ސިޔާސީ ވެރިންނާ މަޝްވަރާ ކުރައްވަން ބޭނުންފުޅުވާކަން ރައީސް ޞާލިޙު ހާމަކުރައްވަ އެވެ.

މާލޭގެ މޭޔަރު ކަމަށް ޑރ މުއިއްޒު އިންތިޚާބުވި ފަހުން ރައީސް ޞާލިޙު މުއިއްޒުއާ ބައްދަލު ކުރައްވަނީ - ޓްވީޓަރ

ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރު ބޭފުޅުން ވިދާޅުވާ ގޮތުގައި، ރިޔާސީ ބަހުސްގައި ރައީސް ޞާލިޙުގެ ފަރާތްޕުޅުން ފެނުނީ ނަމޫނާ އެކެވެ. އެއީ، އަބަދު ވެސް އެމަނިކުފާނު ސުލްހަޔަށް އަތް ދިއްކޮށްލާ ކަމުގެ ހެތްކެއް ކަމަށް އެ ބޭފުޅުން ދެކިވަޑައިގަންނަވަ އެވެ. އަނެއްކޮޅުން، އެކަމުގެ ދައްކައިދެނީ ރައީސް ޞާލިޙަކީ އެންމެނާ ވެސް މަޝްވަރާ ކުރައްވާ، އެންމެންގެ އަޑުއައްސަވާނެ ބޭފުޅެއް ކަމަށް ވެސް އެ ބޭފުޅުން ދެކިވަޑައިގަންނަވަ އެވެ. އެކަމަށް ވެސް މިސާލެއް ދެއްކިދާނެ އެވެ. ރިޔާސީ މި ކެމްޕެއިންގައި ރައީސް ޞާލިޙު ރަށަކަށް ވަޑަގެންނެވިއިރު، މަރުހަބާ ދަންނަވަން ސަފުގައި މާފަތި ހިފައިގެން ހުރި މީހަކު ވަނީ ރައީސްގެ ފައިބުޑަށް އެ މާފަތި ވައްޓާލައިފަ އެވެ. އެއަށްފަހު އޭނާގެ ޝުއޫރުތައް ފާޅުކުރި އެވެ. ރައީސް ޞާލީޙު ވަނީ އެވަގުތުގައި އެމީހާގެ ޝުއޫރުތައް ވެސް އަޑުއައްސަވައިފަ އެވެ. މުށްބާރުވެރިކަމުގެ ބަދަލުގައި، އެމީހާ އަށް ވެސް ދެއްވީ ހިނިތުންވުމެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
50%
0%
50%
0%
0%
ކޮމެންޓް