ކ. މާލެ
|
31 އޯގަސްޓް 2023 | ބުރާސްފަތި 08:35
އެފްއޭއެމްގެ ރައީސް ބައްސާމް އަދި ޖެނަރަލް ސެކްރެޓަރީ ޙުސެއިން ޖަވާޒް
އެފްއޭއެމްގެ ރައީސް ބައްސާމް އަދި ޖެނަރަލް ސެކްރެޓަރީ ޙުސެއިން ޖަވާޒް
މިހާރު
އެފްއޭއެމް
ސިވިލް ކޯޓުގެ ޙުކުމެއް އެފްއޭއެމަށް: އެންގީ ދިހަ ދުވަހުގެތެރޭ އެލް އަށް ދެ ލައްކަ ޑޮލަރު ދައްކަން
 
އެލް އިން ކުރި ދައުވާގައި ބުނަނީ އެފްއޭއެމް އިން 31 އޮކްޓޫބަރު 2020 ގައި އެ ކުންފުނިން 3,084,000 (ތިން މިލިއަން އަށްޑިހަ ހަތަރުހާސް ރުފިޔާ) ނަގާފައިވާ ކަމަށް

އެލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު ހެދި އެއްބަސްވުމަކާ ޚިލާފުވެގެން، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާ ދެކޮޅަށް ސިވިލް ކޯޓުން ޙުކުމްކޮށްފި އެވެ.

އެލް އިން ކުރި ދައުވާގައި ބުނަނީ އެފްއޭއެމް އިން 31 އޮކްޓޫބަރު 2020 ގައި އެ ކުންފުނިން 3,084,000 (ތިން މިލިއަން އަށްޑިހަ ހަތަރުހާސް ރުފިޔާ) ނަގާފައިވާ ކަމަށެވެ. އަދި އެ ދަރަނި އަނބުރާ ޑޮލަރުން ދެއްކުމަށް އެއްބަސްވެފައިވާ ކަމަށެވެ. އެއީ 200،000 (ދެ ލައްކަ) އެމެރިކާ ޑޮލަރެވެ. އެފްއޭއެމް އިން ދަރަނި އަދާކޮށްފައި ނުވާތީވެ، އެލްގެ ވިޔަފާރި އަށް ލިބިފައިވާ ގެއްލުމުގެ ބަދަލު އަދި މައްސަލަ ކޯޓަށް ހުށަހެޅުމަށް ޤާނޫނީ ވަކީލެއްގެ އެހީ ހޯދުމަށްޓަަކައި ކުރަން ޖެހުނު ޚަރަދު ވެސް އެކީ އެއްފަހަރާ ނަގައިދިނުމަށް އެލް އިން ވަނީ އެދިފަ އެވެ. އެލް އިން ވަނީ ޝަރީއަތުގެ ޚަރަދުގެ ގޮތުގައި 25،000 (ފަންސަވީސް ހާސް) ރުފިޔާ ނަގައިދިނުމަށް އެދިފަ އެވެ.

ނަމަވެސް މައްސަލަ ބެއްލެވި ފަނޑިޔާރު ނިންމެވީ އެއީ ބޮޑު އަދަދެއް ކަމަށެވެ. ސަބަބަކީ، ދައުވާއާ ގުޅިގެން ދައުވާ ކުރާ ފަރާތުގެ ވަކީލުން ކޮށްފައިވާ މަސައްކަތް ކަމަށް ކޯޓަށް އެނގެން އޮތް މިންވަރަކީ، ކޯޓަށް ދައުވާ ހުށަހެޅުމާއި ޝަރީއަތުން ސާފު ކުރަން ޖެހޭ ކަންތައްތަކެއް ސާފު ކުރުމަށް ދެ އަޑު އެހުމަކަށް ޙާޟިރުވެފައިވާތީ އެވެ. ދެ ވަނަ ކަމަކީ، ދައުވާއާ ގުޅިގެން ދައުވާ ކުރާ ފަރާތުން އެ ދައުވާގެ ތެރެއިން ހޯދުމަށް އެދުނު ފައިސާގެ އަދަދަށް، ދައުވާ ލިބޭ ފަރާތުން އެއްބަސްވެ ޝަރީއަތުގެ އިތުރު މަރުހަލާތަކެއް ނުހިންގައި މި ދައުވާއާ މެދު ގޮތެއް ކަނޑައަޅައިދިނުމަށް އެދިފައިވާތީ އެވެ. އެހެންކަމުން ޝަރީއަތުގެ ޚަރަދު ދެއްކުމަށް އެކަށީގެންވާ މިންވަރަކީ 5000 (ފަސް ހާސް) ރުފިޔާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

މައްސަލައިގައި އެފްއޭއެމް އިން ވަނީ އެލް އަށް ދެ ލައްކަ ޑޮލަރު ދައްކަން ޖެހޭ ކަމަށް އެއްބަސްވެފަ އެވެ. އަދި އެ އަދަދު އެއް އަހަރަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު ދިނުމަށް ވެސް ވަނީ އެދިފަ އެވެ. ބުދަ ދުވަހު ސިވިލް ކޯޓުން ޙުކުމް ކުރުމާ ހަމައަށް، އެފްއޭއެމް އިން އެލް އަށް ދައްކަން ޖެހޭ ދަރަނީގެ އެއްވެސް މިންވަރެއް ދައްކާފައެއް ނުވެ އެވެ. ސިވިލް ކޯޓުގެ ޤާޟީ ޒުލައިޚާ ޝީޒާ ކުރެއްވި ޙުކުމުގައި ވަނީ އެފްއޭއެމް އިން އެލް އަށް ދައްކަން ޖެހޭ 200،000 (ދެ ލައްކަ) ޑޮލަރާއި، ޝަރީއަތުގެ ޚަރަދަށްވާ 5000 (ފަސް ހާސް) ރުފިޔާ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ 14:00 ގެ ކުރިން ސިވިލް ކޯޓަށް ދައްކައި ޚަލާސް ކުރުމަށެވެ.

މީގެ ކުރިން ވެސް އެފްއޭއެމްގެ މައްޗަށް ވަނީ ޝަރުއީ ކޯޓުގެ ޙުކުމް އައިސްފަ އެވެ. އެފަހަރު އޮތީ އޭޑީކޭ ހޮސްޕިޓަަލަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ކުރި ޙުކުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް