Advertisement
ކ. މާލެ
|
20 ޖުލައި 2025 | އާދީއްތަ 13:20


 ރައީސް މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ އަދި ދެ ދަރިކަލުން މުލީއާގޭ ގޯތިތެރޭގައި
ރައީސް މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ އަދި ދެ ދަރިކަލުން މުލީއާގޭ ގޯތިތެރޭގައި
ރައީސް އޮފީސް
އަބުރުގެ ދައުވާ
މަންދީ ދެއްކި ވާހަކަ ތަކުން ރައީސްގެ ދަރިކަލުންގެ އަބުރު ގެއްލުނު ކަން ސާބިތު ވާ ކަމަށް ހުކުމް ކޮށްފި
ޗެއަރޕާސަން ފައްޔާޒު އާއި އެމްޑީޕީ އިން ޒިންމާ ނަގަން ޖެހޭ ކަމެއް ނެތް
މަންދީ ދެއްކި ވާހަކަތަކުގެ ސަބަބުން ގެއްލުމެއް ލިބިފައިވާނަމަ ބަދަލު ހޯދަން ދަޢުވާ ކުރުމުގެ ޙައްޤު ލިބިގެންވޭ
މަޢާފަށް އެދުމަށް މަންދީ، ފައްޔާޒު، އަދި އެމްޑީޕީގެ މައްޗަށް ވެސް އަމުރުކުރާނެ ތަނެއް ނެތް

އެމްޑީޕީ އިން މަގުމަތީގައި ބޭއްވި މުޒާހަރާ އެއްގައި މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކަ ތަކުން ރައީސް މުހައްމަދު މުއިއްޒު އާއި ސާޖިދާ މުހައްމަދުގެ ދަރިކަލުން އުމެއިރު މުހައްމަދުގެ އަބުރު ގެއްލުނު ކަން ސާބިތުވާ ކަމަށް ބުނެ ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައި ވަނީ އެ ވާހަކަ ތަކަށް އެމްޑީޕީ ގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް އާއި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ޒިންމާ ނަގަން ޖެހޭ ތަނެއް ނެތް ކަމަށެވެ.

މަންދީ ދެއްކި ވާހަކަތަކުގެ ސަބަބުން ގެއްލުމެއް ލިބިފައި ވާނަމަ ބަދަލު ހޯދަން ދަޢުވާ ކުރުމުގެ ޙައްޤު ލިބިގެންވާ ކަމަށް ވެސް ހުކުމުގައި ވެއެވެ.

އެހެން ނަމަވެސް މަޢާފަށް އެދުމަށް މަންދީ، ފައްޔާޒު، އަދި އެމްޑީޕީގެ މައްޗަށް ވެސް އަމުރު ކުރާނެ ތަނެއް ނެތް ކަމަށް ވެސް ކޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ.

އެމްޑީޕީ އާއި ޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް އަދި ޕާޓީގެ މެންބަރު މަރިޔަމް ޒުބައިރު ގެ މައްޗަށް، ރާއްޖޭގެ ދެ ކޯޓެއްގައި އުފުލާފައިވާ ދައުވާތަކާ މެދު އެމްޑީޕީ އިން ކުރިން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

މި މައްސަލަ ހުށަހެޅުމާ ގުޅިގެން އެމްޑީޕީ އިން ބުނެފައި ވަނީ މި ދައުވާތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ހުދުމުހުތާރުކަމާ ދެކޮޅަށް އަޑު އުފުލަމުންދާ ފަރާތްތަކުގެ އަޑު ކަނޑުވާލައި، ސިޔާސީ ޕާޓީތަކަށާއި، ސިޔާސީ މީހުންނަށް ބިރު ދެއްކުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ކުރައްވާ ދައުވާތަކެއް ކަމަށް އެމްޑީޕީ އިން ދެކޭ ކަމަށެވެ.

އެ ޕާޓީން ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި އެއްވެސް ކުޑަކުއްޖެއްގެ ނަމެއް ހާމަކޮށްފައި ނުވާނެ ކަމަށް އެމްޑީޕީން ބުނެފައި ވެއެވެ. ވަކިން ހާއްސަކޮށް، ދައުވާ އުފުލާފައިވާ އެ ޕާޓީގެ މެންބަރު މަންދީގެ ވާހަކައިގައި ވެސް އެއްވެސް ކުއްޖެއްގެ ނަމެއް ގެނެސްފައި ނުވާކަން އެ މުޒާހަރާގެ ރިކޯޑިންތަކުން ސާފުކޮށް އެނގޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެމްޑީޕީގެ މެމްބަރު މަންދީ ގެ މައްޗަށް ފެމެލީ ކޯޓަށް ވެސް ސާޖިދާ ގެ ފަރާތްޕުޅުން މި މައްސަލަ ވަނީ ހުށަހަޅާފައެވެ. އެ ކޯޓުގައި މައްސަލައިގެ އަޑު އެހުންތައް އޭޕްރީލު މަހުގެ 30 ވަނަ ދުވަހު ވަނީ ފެށިފައެވެ.

ސާޖިދާ، މަންދީގެ މައްޗަށް ދަޢުވާ ކުރެއްވީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، އޭނާގެ ދަރިފުޅު އުމެއިރު މުޙައްމަދު މުޢިއްޒު ވޭޕް ކުރާ ކަމަށް ތުހުމަތު ކުރި ކަމަށް ބުނެއެވެ.

މާރޗް މަހުގެ 12 ވަނަ ދުވަހުގެ ރޭ މާލޭގެ މަގުމަތީގައި އެމްޑީޕީ އިން ބޭއްވި މުޒާހަރާ އެއް ގައި މަންދީ ދެއްކި ވާހަކަ އާ ގުޅިގެން މައްސަލަ ކޯޓަށް ހުށަހެޅުމަށް ނިންމާފައިވާކަން، ރައީސް މުއިއްޒުގެ ޢާއިލާގެ ވަކީލު ގެ ހައިސިއްޔަތުން ޢާޒިމާ ޝުކޫރު ހާމަ ކުރެއްވީ މާރޗް 16 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ސާޖިދާ ކުރިން ވިދާޅުވެފައި ވަނީ އޭނާގެ އެންމެ ދޮށީ ފިރިހެން ދަރިފުޅު އެއްވެސް އިރެއްގައި ސިނގިރޭޓު ނުވަތަ ވޭޕް ބޭނުން ނުކުރައްވާ ކަމަށެވެ.

މުޒާހަރާ ގައި ދެއްކި ވާހަކައިގެ ސަބަބުން ދަރިކަނލުންގެ ފުރާނަ އަށް ނުރައްކާވެދާނެ ފަދަ ހާލަތެއް ކުރިމަތިވެފައިވާ ކަމަށް ބުނެ، މަންދީ އާ ދެކޮޅަށް ކުރާ މަދަނީ ދައުވާގެ މައްސަލަ ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިވިލް ކޯޓަށް ހުށަހެޅީ މާރޗް މަހުގެ 19 ވަނަ ދުވަހުއެވެ.

މަދަނީ ދައުވާގެ މައްސަލަ ހުށަހެޅުމަށްފަހު ވަކީލު އާޒިމާގެ ފަރާތުން ނެރުއްވި ބަޔާނުގައި ވިދާޅުވީ އެ މައްސަލާގައި މަރިޔަމް ޒުބައިރުގެ މައްޗަށް ދައުވާ ކުރަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާގެ ދަށުން ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމަތް ނަގާލާފައިވާތީ ކަމަށެވެ. އަދި ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ނިގުޅައިގެންފައިވާތީ ކަމަށެވެ.

މި މައްސަލަ ގުޅިފައިވަނީ 2024 ގައި ކުއްލިއަކަށް ރާއްޖޭގައި ވޭޕް މަަނާކުރުމަށް ސަރުކާރުން ނިންމީ ރައީސްގެ ދަރިކަލުން ވޭޕް ބޭނުން ކުރަނިކޮށް ފެނިގެން ކަމަށް ބުނެ ދެކެވުނު ވާހަކަތަކާ ގުޅިގެން ނެވެ.

މި ވާހަކަ ތަކާ ގުޅިގެން ސާޖިދާ މުޙައްމަދު ގެ ފަރާތުން މަންދީ ގެ އިތުރުން އެމްޑީޕީ އާއި އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ގެ މައްސަލަ ވެސް ކޯޓަށް ހުށަހެޅުމަށް ނިންމިއެވެ.

ސާޖިދާގެ ފަރާތްޕުޅުން މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުއްވި ވަކީލު ޢާޒިމާ ޝުކޫރު ވިދާޅުވީ އެމްޑީޕީގެ މުޒާހަރާއެއްގައި ކުރެވުނު ތުހުމަތުތަކަކީ ޖިނާއީ ކުށްތަކެއްގެ ގޮތުގައި ދަޢުވާ ކުރެވިދާނެ ކަމެއް ކަމަށެވެ.

- ކޮމެންޓް