ކ. މާލެ
|
16 އޯގަސްޓް 2023 | ބުދަ 07:10
އެހެން މީހުންގެ ފޮޓޯ ނަގައިގެން މީހުންނާއި ލޯބީގެ ގޮތުން ގުޅި ފައިސާ ހޯދާ މައްސަލަތައް އިތުރު
އެހެން މީހުންގެ ފޮޓޯ ނަގައިގެން މީހުންނާއި ލޯބީގެ ގޮތުން ގުޅި ފައިސާ ހޯދާ މައްސަލަތައް އިތުރު
ދި އައިރިޝް ޓައިމްސް
ލޯބީގެ ސްކޭމް
ލޯބީގެ ސްކޭމްތައް އިތުރުވަނީ ސަމާލުވޭ!
 
މި މަކަރާއި ހީލަތް އާންމުގޮތެއްގައި ފެށެނީ އޮންލައިންކޮށް އެކަކު އަނެކަކާ ބައްދަލުވެ، ވާހަކަދެކެވޭ ގޮތަށް ފަރުމާކޮށްފައިވާ އެކި މަންސަތައް ބޭނުންކޮށްގެން

މީގެ ކުރިން އަޑުއިވެނީ ކޮންމެވެސް މީހަކު ބަލިވެގެން ހޮސްޕިޓަލަށް ފައިސާ ނުދެއްކިގެން ލާރި ބޭނުންވާ ވާހަކައެވެ. އެމަރޖެންސީއެއް ދިމާވެގެން އުޅޭ ވާހަކައެވެ. ފޭކް ސްލިޕްގެ ވާހަކައެވެ. ނަމަވެސް މިހާރު އިވެނީ ލޯބީގެ ސްކޭމްތަކުގެ ވާހަކައެވެ.

ލޯބީގެ ނުވަތަ ރޮމޭންސް ސްކޭމްތަކުގެ މައްސަލަތަކަކީ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުމުންދާ ސްކޭމް މައްސަލަތަކުގެ ތެރޭގައި ހިމެނޭ ބާވަތެކެވެ. މިފަދަ މައްސަލަތައް މިހާރަކަށް އައިސް ފުލުހުންނަށް ހުށަހެޅެމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިފަދަ ސްކޭމްތަކަކީ މީހުންގެ އިހުސާސްތަކާއި ނާޒުކު ކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، މަކަރާއި ހީލަތުން ކަންކަން އޮޅުވާލައިގެން މާލީ މަންފާއެއް ހޯދުމަށްޓަކައި ހިންގާ ކުށުގެ ބާވަތެކެވެ. 

މި މަކަރާއި ހީލަތް އާންމުގޮތެއްގައި ފެށެނީ އޮންލައިންކޮށް އެކަކު އަނެކަކާ ބައްދަލުވެ، ވާހަކަދެކެވޭ ގޮތަށް ފަރުމާކޮށްފައިވާ އެކި މަންސަތައް ބޭނުންކޮށްގެންނެވެ. އެގޮތުން ޑޭޓިންގ ޕްލެޓްފޯމްތަކާއި މީސް މީޑިއާގެ އެކި މަންސަތަކާއި އެހެނިހެން ވެބްސައިޓްތައް މެދުވެރިކޮށެވެ. ދުރު ގައުމުތަކުން ގިނަފަހަރަށް ހަރަކާތްތެރިވާ މި ކުށްކުރާ މީހުން ފޭކް ޕްރޮފައިލުތައް ހަދައި، ދޮގު އައިޑެންޓިޓީތަކެއް އުފައްދައި އަދި އެކަމުގެ ޝިކާރައަކަށްވާ މީހުންނަށް އެއީ ހަގީގީ އަދި ހިތްގައިމު ބައެއްގެ ގޮތުގައި ދައްކައި އެބައި މީހުން ގަބޫލުކުރާ ހިސާބަށް ގެންދެއެވެ.

ވަގަށް ނަގާފައިވާ ފޮޓޯތަކާއި، ފިކްޝަނަލް ނަންތަކާއި، އޮޅުވާލާފައިވާ އަމިއްލަ ތަފްސީލުތައް ބޭނުން ކޮށްގެން، ސްކޭމްކުރާ މީހުން މަޖުބޫރުކުރުވާ އަދި ހިތްގައިމު ޕްރޮފައިލްތައް އުފައްދައެވެ. ގިނަފަހަރަށް އެ މީހުންނަކީ ހިތްގައިމު، ކާމިޔާބު ބައެއްގެ ގޮތުގައި ސިފަކުރަނީ އެމީހުންގެ އަމާޒަށް މަގުފަހިކުރުމަށެވެ.

ސްކޭމްކުރާ މީހާ ޕޮޓެންޝަލް ވިކްޓިމަކާ ގުޅުވައިލުމަށްފަހު އެ ގުޅުން ބަދަހިކުރުމަށްޓަކައި ވަގުތާއި މަސައްކަތް އިންވެސްޓްކުރެއެވެ. ވިކްޓިމްގެ އިތުބާރާއި އޯގާތެރިކަން ހޯދުމަށް އެމީހުން ބޭނުންކުރަނީ އަނިޔާ ލިބުނު މީހާގެ ސިކުނޑިއާ ޖަޒުބާތީގޮތުން ކުޅެލުމާއި އޮޅުވާލުމާއި ލޯބީގެ ބަސްތަކެވެ.

ސްކޭމްކުރާ މީހުންނަކީ އެމީހުންގެ ޝިކާރައަކަށްވާ މީހުންގެ ނަފުސާނީ ނާޒުކުކަން ދެނެގަނެ، އޭގެ ބޭނުން ނަހަމަގޮތުގައި ހިފަމުންދާ ބައެކެވެ. މިސާލަކަށް، ލޯބިވާ މީހަކު ދާދި ފަހުން ގެއްލިފައިވާ ނުވަތަ އެކަނިވެރިވެ، އެކުވެރިކަން ހޯދަންއުޅޭ މީހުންނަށް އަމާޒުކޮށް މިފަދަކަންކަން ކުރަމުންގެންދެއެވެ.

ގުޅުން ކުރިއަށްދާ ވަރަކަށް ހިޔާނާތްތެރިން މަސައްކަތްކުރަނީ އެމީހުންގެ ޝިކާރައަކަށްވާ މީހުން އެމީހުންގެ ރައްޓެހިންނާއި އާއިލާއާ އެކަހެރި ކުރުމަށެވެ. ގިނަ ފަހަރަށް އަނިޔާލިބޭ މީހުންނަށް ހަމައެކަނި އެމީހުންނާ މުއާމަލާތުކުރުމަށް ބާރުއެޅުމުގެ ސަބަބުން އަނިޔާލިބޭ މީހާއަށް އެހެން މީހުންގެ ލަފަޔާއި އެހީތެރިކަން ހޯދުމުގައި ދަތިތަކެއް ކުރިމަތިވެއެވެ.

ގުޅުމުގެ ތެރޭގައި ބައެއް ފަހަރު ޚިޔާނާތްތެރިވާ މީހުން މެޑިކަލް އިމަޖެންސީ، މާލީ ކާރިސާ ނުވަތަ ގާނޫނީ މައްސަލަތައް ފަދަ ފޭކް އިމަޖެންސީ ހާލަތްތައް އުފައްދައެވެ. އެމީހުން މި ފެބްރިކޭޓެޑް އިމަޖެންސީތައް ބޭނުން ކޮށްގެން، އެމީހުންގެ ޝިކާރައަށްވާ މީހުންގެ އަތުން ފައިސާ ހޯދުމަށް އެދެއެވެ.

އިތުބާރު ގާއިމުވުމުން، ޚިޔާނާތްތެރިވާ ފަރާތްތައް މާލީ އެހީތެރިކަމަށް އެދެނީ އެމީހުންގެ ފޭކް އިމަޖެންސީތައް ހައްލުކުރުމުގެ ނަމުގައި ނުވަތަ ވިކްޓިމްއާ އަމިއްލައަށް ބައްދަލުކުރަން ރޭވުމުގެ ނަމުގައެވެ. އަދި ދަތުރުފަތުރުގެ ހަރަދާއި ހީވެސްނުކުރާ ފަދަ މެޑިކަލް ބިލުތަކަށް ފައިސާ ބޭނުންވާކަމަށް ބުނެފާނެއެވެ.

ބައެއް ހާލަތްތަކުގައި ޚިޔާނާތްތެރިން އެމީހުންގެ ޝިކާރައަކަށްވާ މީހުން ބޭނުންކޮށްގެން ގާނޫނާ ހިލާފަށްކުރާ ކަންކަމުން ހޯދާ ފައިސާ ލޯންޑަރ ކޮށްފާނެއެވެ. އެމީހުން ވިކްޓިމަށް ވިސްނައިދެނީ އެމީހުންގެ އެކައުންޓަށް ފައިސާ ޓްރާންސްފަރ ބަލައިގަތުމަށްފަހު، ޖިނާއީ ހަރަކާތްތަކުގައި ނޭނގި ބައިވެރިކޮށް އެހެން އެކައުންޓަކަށް ފައިސާ ޓްރާންސްފަރ ކުރުމަށެވެ.

އަނިޔާލިބުނު މީހާގެ އަތުން ފައިސާ ނެގުމަށް ފަހު، ޚިޔާނާތްތެރިވާ މީހާ އެ ހިސާބުން ގެއްލެއެވެ. އަދި ވާހަކަދެއްކުން ހުއްޓައިލާ ގުޅުން ކަނޑާލައެވެ.

މާ އަވަހަށް ގުޅުމަކަށް އަވަސްވެގަނެ ނުވަތަ ރަނގަޅަށް މީހާ ނޭނގެނީސް، ގަބޫލު ނުކުރެވޭ ފަދަ އިހުސާސްތައް ފާޅުކުރާ ފަރާތްތަކާމެދު ސަމާލުވާށެވެ. އޮންލައިންކޮށް ބައްދަލުވި މީހަކަށް ފައިސާ ނުވަތަ މާލީ މައުލޫމާތު ނުފޮނުވާށެވެ.

އެމީހެއްގެ ޕްރޮފައިލް ފޮޓޯތަކުގައި ރިވާސް އިމޭޖް ސާޗުކޮށްގެން އެމީހާގެ އައިޑެންޓިޓީ ކަށަވަރުކުރާށެވެ. ރަހުމަތްތެރިންނާއި އާއިލާއާ ގުޅުން ބަދަހިކޮށް، އޮންލައިންކޮށް ކުރެވޭ މުއާމަލާތުތައް ތަފުސީލުތައް ހިއްސާކޮށް އެމީހެއްގެ ނަޒަރު ހޯދާށެވެ. އަދި ޝައްކުކުރެވޭ އެކައުންޓުތަކާއި ހަރަކާތްތައް ޕްލެޓްފޯމް އެޑްމިނިސްޓްރޭޓަރުންނާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ރިޕޯޓުކުރާށެވެ.

ހަނދާނުގައި ބަހައްޓަންވީކަމަކީ، ލޯބީގެ ގުޅުންތައް ބިނާވާން ޖެހޭނީ މާލީ މުއާމަލާތުތަކާއި މަކަރާއި ހީލަތްހެދުމުގެ ޓެކްޓިކްސްގެ މައްޗަށް ނޫންކަމާއި އިތުބާރާއި އެކަކު އަނެކަކުގެ މައްޗަށް އިހުތިރާމުކުރުމުގެ މައްޗަށް ކަމަށެވެ.

ޑިޖިޓަލް ދުނިޔޭގައި ކުރިމަތިވެދާނެ ލޯބި ނުވަތަ ރޮމޭންސް ސްކޭމްތަކުން ރައްކާތެރިވެ، ސަމާލުވެތިބުން އެއީ ފަރުދީ ޒިންމާއަކަށް ހަދަމާތޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
67%
0%
0%
33%
0%
0%
ކޮމެންޓް
16 އޯގަސްޓް 2023 | ބުދަ 07:23
އިންޓަލިޖެންސް
ރާއްޖޭގެ ފުލުހުންގެ އިންޓަލިޖެންސް ރަނގަޅުނަމަ ތިޔަކަންކަން ކުރާ ބަޔަކު ހޯދޭނެ. އަދި ފިޔަވަޅު އެޅޭނެ.