ކ. މާލެ
|
8 އޯގަސްޓް 2023 | އަންގާރަ 13:45
ރައީސް ޞާލިޙު މަޑަވެއްޔަށް ކުރި ދަތުރާ ގުޅުވައި ޖަގަހައިގަ ވަނީ ރޯކޮށްލާފައި
ރައީސް ޞާލިޙު މަޑަވެއްޔަށް ކުރި ދަތުރާ ގުޅުވައި ޖަގަހައިގަ ވަނީ ރޯކޮށްލާފައި
އެމްޑީޕީ
ރިޔާސީ އިންތިޚާބު
ޖަގަހަ ރޯކޮށްލުމުން ވެސް ޖަލްސާ ބާއްވައި، ރައީސް އެދިވަޑައިގަތީ އަނިޔާވެރިކަން އިސްނުކުރުމަށް
 
2018 ގެ ކެމްޕެއިނުގައި ވެސް ވަނީ ހަމަލާ ދިނުމަށް މަސައްކަތް ކޮށްފައި

ރިޔާސީ އިންތިޚާބަށް ކުޑަތަންވެފައިވާއިރު، ކެމްޕެއިނުގައި އެންމެ އެކްޓިވްކޮށް އުޅުއްވަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެވެ. ކެމްޕެއިންގައި ރަށް ރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ހޯމަ ދުވަހު އެމަނިކުފާނު ވަނީ ދ.އަތޮޅުގެ ރަށްތަކަށް ވަޑައިގެންފަ އެވެ. އެ ރަށްތަކުން އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވައިފަ އެވެ. އެއަށްފަހު އަންގާރަ ދުވަހު ރައީސް ވަޑައިގަންނަވަން އޮތީ ގދ.އަތޮޅުގެ ރަށްތަކަށެވެ. އަންގާރަ ދުވަހު ރައީސް އެންމެ ފުރަތަމަ ވަޑައިގަންނަވަން ހަމަޖެހިފައި އޮތީ ވެސް ގދ.މަޑަވެއްޔަށެވެ.

އަންގާރަ ދުވަހު ރައީސް އެ ރަށަށް ވަޑައިގެން ޖަލްސާ ބާއްވަން ސަރަހައްދު ތައްޔާރުކޮށްފައި ވަނިކޮށް، ފަތިހު ބަޔަކު ވަނީ އެތަނުގައި ރޯކޮށްލައިފަ އެވެ. އެ ތަނުގައި ބަހައްޓާފައި ހުރި ޕޯޑިއަމާއި، ގޮނޑިތަކުގެ އިތުރުން ދިދަތައް ވެސް ވަނީ ރޯކޮށްލައިފަ އެވެ. ޖަލްސާ ނުބޭއްވޭ ވަރަށް އެތަން ރޯކޮށްލި ނަމަވެސް، ރައީސް އެރަށަށް ވަޑައިގަތުން ފަހެއް ނުކުރައްވަ އެވެ. މަޑަވެއްޔަށް ވަޑައިގެން ރައީސް ވަނީ ގަހެއްގެ ދަށު ޖަލްސާ ބާއްވަވައިފަ އެވެ. އެއަށްފަހު ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެ ރަށުގައި ހިނގައިދިޔަ ކަންތައްތަކަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށެެވެ. އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިޚާބެއްގެ ކެމްޕެއިންގައި ވާދަވެރި ކެންޑިޑޭޓުން ކެމްޕެއިން ކުރަމުން ދާއިރު، އެ ޒާތުގެ ބައެއް ކަންކަން ކުރީގައި ވެސް ހިނގާފައިވާ ކަމަށެވެ.

ރައީސް އެ އިޝާރާތް ކުރެއްވީ މީގެ ފަސް އަހަރު ކުރިއަށެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ކެމްޕެއިން ކުރައްވަމުން ދަނިކޮށް، ހުޅުމާލެ އިން ވަނީ ކަޅު ތެޔޮ ޖަހާފަ އެވެ. ހަމަ އެފަހަރުގެ ކެމްޕެއިންގައި ރައީސް ޞާލިހު ގއ.ކޮލަމާފުއްޓަށް ވަޑަައިގަންނަވަން އުޅުއްވަނިކޮށް، ފުލުހުން ވަނީ އެ ދަތުރު ފަސް ކުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ. އެއީ އެ ރަށުގައި އޭރު ހިނގި ކަންތައްތަކަށްފަހު، އެ ރަށުން ރައީސް ޞާލިޙަށް ހަމަލާއެއް ނުވަތަ ނުރައްކަލެއް އަތުވެދާނެ ކަމަށް ފުލުހުންނަށް ޤަބޫލު ކުރެވިގެން ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް، އެ ފަހަރު ވެސް ރައީސް ޞާލިޙު ވަނީ ދަތުރުފުޅު ފަސްނުކުރައްވައި އެ ރަށަށް ވަޑައިގެންފަ އެވެ. ނުރައްކަލެއްގެ ބަދަލުގައި އެ ރަށުން ރައީސް ޞާލިޙަށް ދެންނެވީ ހިމާޔަތުގެ މަރުޙަބާ އެވެ.

މަޑަވެލީގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ އެ ރަށުގައި ހިނގައިދިޔަ ފަދަ ކަންކަމުގެ މަޤްސަދަކަށް ވަނީ ފޯކަސް ގެއްލުވާލައި، ހަމަ ނުޖެހުމަކާ ދިމާލަށް ގެންދިޔުން ކަމަށެވެ. އެކަމުން ދޭހަވާ އެއް ކަމަކީ އެމަނިކުފާނުމެން އެ ކުރައްވާ ކެމްޕެއިންގައި، ކުރިއަސް އޮތް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނުމެންނަށް ބޮޑުތަނުން ކާާމިޔާބުވާތަން ވާދަވެރިންނަށް ފެނުމުން އެކަން ހުއްޓުވުމަށް ކުރާ ކަމެއް ކަމަށެވެ. އެއަށްފަހު ރައީސް ވަނީ އެމަކިނުފާނުގެ ކެމްޕެއިން ޓީމަށް އިލްތިމާސެއް ކުރައްވައިފަ އެވެ. އެމަނިކުފާނު އެދިވަޑައިގަތީ އެކަމާ ދޭތެރޭގައި އެއްވެސް ވަރަަކަށް ކަންބޮޑު ނުވުމަށެވެ. އެކަމަށް ޖަވާބެއް ދިނުމުގެ ގޮތުން ނުވަތަ ބަދަލުގެ ގޮތުގައި އެއްވެސް ކަމެއް ނުކުރުމަށް ވެސް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ. އޭގެ ބަދަލުގައި ފޯކަސް ކުރަންވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ކަމަސް ރައީސް ވަނީ ވިދާޅުވެފަ އެވެ. އެ އިންތިޚާބު ކާމިޔާބު ކުރެވޭނީ ވޯޓުން ކަމަށާއި، ރާއްޖޭގައި ހަމަނުޖެހުން ހިންގައި، ސުލްހަ މަސަލަސްކަން ނަގާލައިގެން ކާމިޔާބު ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ އެފަދަ ކަންކަމުގެ ތެރެއަށް ވަންނަން ބޭނުންނުވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕެއިނާ ދިމާކޮށް ޖަގަހައިގައި ރޯކޮށްލި މައްސަލަ ފުލުުހުން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
100%
0%
0%
0%
ކޮމެންޓް
ގުޅުންހުރި