ކ. މާލެ
|
24 ޖުލައި 2023 | ހޯމަ 16:25
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް އަޑު ފެތުރޭ ބައެއް ބޭފުޅުން
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް އަޑު ފެތުރޭ ބައެއް ބޭފުޅުން
ޕީޕީއެމް
ޕީޕީއެމްގެ ސިޔާސީ ކުޅިބައި އެތުރޭނެ ގޮތް 14 ދުވަހާ ގުޅިފައި؟
 
ބައި ލައްކައެއްހާ މެމްބަރުން ތިބި ސިޔާސީ ޕާޓީ "ކަފުންކޮށް" ވަޅުލާނީތޯއެވެ؟

މި ހިނގާ ޖުލައި މަހުގެ 23ން އަންނަ އޯގަސްޓު މަހުހެ ހަތް ވަނަ ދުވަހާ ހަމައަށް މިފާއިތުވާ 14 ދުވަހަކީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ނޭވާ ހިފަހައްޓާލައިގެން ތިބެން ޖެހޭނެ ދުވަސް ކޮޅެކެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ރިޔާސީ އިންތިޚާބު ބާއްވަން ނިންމާފައިވާއިރު، ޕީޕީއެމްގައި އަދި ފެންނަން އޮތީ މާ އުންމީދީ މަންޒަރެއް ނޫނެވެ. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އަކީ މިވަގުތު ރާއްޖޭގެ ސިޔާސީ މަސްރަހުގައި އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީއެވެ. 2011 ވަނަ އަހަރު ވުޖޫދު ވެގެން އައި ޕާޓީގައި ތިބީ 38704 (ތިރީސް އަށްހާސް ހަތް ސަތޭކަ ހަތަރު) މެމްބަރުންނެވެ.

އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ކަމަށް ނިންމައިގެން ތިބި ނަމަވެސް، އެމަނިކުފާނަށް އިންތިޚާބުގައި ވާދަކުރެއްވުމުގެ ދޮރު އަދި އޮތީ ބަންދުވެފައެވެ. އެ ތަންޑު ނަައްޓާލުމަށްފަހު މެނުވީ އެމަނިކުފާނަށް ރިޔާސީ ރޭހަށް ނިކުމެވަޑައެއްނުގެންނެވޭނެއެވެ. އެއީ ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި އެމަނިކުފާނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާތީއެވެ. އެހެން ވިޔަސް، ރިޔާސީ ރޭހަށް ނިކުންނަވާނީ ޔާމީން ކަމަށް އެ ޕާޓީން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. ޕާޓީގެ އެހެން އެއްވެސް ބޭފުޅެއްގެ ޝައުގުވެރިކަން ރިޔާސީ ޓިކެޓަށް ނެތް ކަމަށް ބުނި ނަަމަވެސް، ދޭތެރެއަކުން ރިޔާސީ ޓިކެޓައިގެން ކޮންމެވެސް ބޭފުޅަކު އުޅުއްވާ އަޑުވެސް އިވެއެވެ. ކޮންމެ ގޮތެއް ވީނަމަވެސް، ކުރިއަށް އޮތް 14 ދުވަހަކީ ސިޔާސީ މަސްރަހުގައި ޕީޕީއެމްގެ ކުޅިބައި އެތުރޭނެ ގޮތް ސާފު ވާނެ ދުވަސްތަކެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓު ޔާމީނަށް އެރުވުމަށް ބޭއްވި ޖަލްސާގެ ތެރެއިން - ޕީޕީއެމް

ރިޔާސީ އިންތިޚާބަށް އިލެކްޝަން ކޮމިޝަނުން އިއުލާން ކުރުމާއެކު ޕީޕީއެމުން ވަނީ ޔާމީންގެ ކެންޑިޑެންސީ ހުށަހަޅަށް މަސައްކަތް ފަށާފައެވެ. އެހެން ނަމަވެސް ފުރަތަމަ ކަމަކީ، ފޯމު ފުރިހަމަ ކުރުމަށްފަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ނަމަވެސް އެ ފޯމު ބަލައިގަނެވޭނެ ގޮތެއް ނޯންނާނެއެވެ. ސަބަބަކީ ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް އެގޮތުގައި އޮތުމުންނެވެ. އިންތިޚާބަށް ޕީޕީއެމުން ޔާމީން ނެރުމަށް މަސައްކަތް ކުރަމުން އަންނައިރު، ޕާޓީގެ އާންމު މެމްބަރުން ތިބީ ވަރަށް ބޮޑު މާޔޫސްކަމެއްގެ ތެރޭގައެވެ. މިވަގުތަށް ޔާމީންގެ ވަކީލުންނާއި، ޕީޕީއެމްގެ އިސްވެރިން ވެސް ދައްކަވަނީ ސުޕްރީމް ކޯޓުގެ ނިހާއީ ހުކުމެއްގެ ވާހަކައެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ބުނާގޮތުން، ޖަލު ހުކުމެއްގައިވާ މީހަކަށް ސިޔާސީ ޕާޓީއެއްގެ އެއްވެސް މަގާމެއް އަދައެއްނުކުރެވޭނެއެވެ. ސިޔާސީ އެއްވެސް ކަމެއްގެ ތެރޭގައި އުޅުމުގެ ހައިސިއްޔަތެއް ވެސް ނޯންނާނެއެވެ. އެހެންކަމުން މިއީ ވެސް ޔާމީންގެ ކުރިފުޅުމަތީގައި އޮތް ކަޅު ވިލާގަނޑެކެވެ.

ޕީޕީއެމުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ކަރެކްޝަން ސާވިސް މެދުވެރިކޮށް ޔާމީންގެ ކެންޑިޑެންސީ ފޯމު ފުރުމުގެ މަސައްކަތެވެ. އެކަމަށް އެ އިދާރާއިން ވަނީ އެއްބާރުލުން ދޭން ނިންމާފައެވެ. ސުވާލަކީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަކުރާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު ކަޅާއި ހުދުން ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވާއިރު، ޔާމީންގެ ކެންޑިޑެންސީ އިލެކްޝަނުން ބަލައިގަންނާނެތޯއެވެ؟ ޔަގީނުންވެސް ގާނޫނުގައި ބުނާ ގޮތުން ނަމަ، ބާތިލްވާނެއެވެ. ސަބަބަކީ ގާނޫނުގައި އޮތީ "ޖިނާއީ ކުށެއް ސާބިތުވެގެން 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އަދަބު މައާފު ކުރިތާ ތިން އަހަރުވެފައިވާން ޖެހޭ" ކަމަށެވެ. އެހެންކަމަށް ވަނީނަމަ، ޔާމީންގެ ޝަރުތު އުނިވީއެވެ.

ރައީސް ޔާމީން - ސޯޝަލް މީޑިއާ

ޔާމީންގެ ކެންޑިޑެންސީ އިލެކްޝަނުން ބަލައިނުގެންފިނަމަ، ސުޕްރީމް ކޯޓަށް ވަޑައިގަންނަވަން ވެސް ޕީިޕީއެމުން ތައްޔާރު ކަންނޭނގެއެވެ. އެހެން ނަމަވެސް، ކެންޑިޑެންސީ ބަލައިނުގަންނަން އިލެންޝަނުން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިނަމަ، ޕީޕީއެމްގެ ވަރަ ބިނދުނީއެވެ. ދެން އޮތީ ޕީޕީއެމުން އެހެން ކެންޑިޑޭޓަކު ދެއްކުމެވެ.

އެއާއެކު އުފެދޭ އެންމެ ބޮޑު ސުވާލީ ޔާމީން ނޫން އެހެން ކެންޑިޑޭޓަކު ކަނޑައަޅައި، ފޯމު ލުމުގެ ކަންކަން ޕީޕީއެމަަށް މި 14 ދުވަހު ކުރެވިދާނެތޯއެވެ؟ އެކަން ނުވެއްޖެނަމަ، ރިޔާސީ އިންތިޚާބުގައި ޕީޕީއެމުން ވާދަ ނުކުރާނީތޯއެވެ؟ ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީގެ އަސްލު ސައިޒަކީ މިއީބާވައެވެ؟ ގައިމު ރިޔާސީ ކެންޑިޑޭޓުންނަށް "ދޮންވެ ފައްކާވެފައި" ތިބި ބޭފުޅުންވެސް ޕީޕީއެމްގައި އެބަތިއްބެވިއެވެ. މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާއި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ސްޕެޝަން އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުވެސް އެބަތިއްބެވިއެވެ. ރިޔާސީ ކެންޑިޑޭޓަކު ނުދައްކައި، އިންތިޚާބު ބޮއިކަޓުކޮށް، "ތުއްތު ބަބާއިން" އުޅޭހެން އުޅޭ ފެންވަރުގެ ޕާޓީއަކަށް ޕީޕީއެމް ވާތަން ބަލަން އާންމު މެމްބަރުގެ ލަގޮނޑިއަށް ކެތްވާނެބާއެވެ؟

ދެން އޮތީ ސީދާ ޔާމީނާ ގުޅޭ ކަމެކެވެ. ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ރައީސް ނަޝީދު ނެރެން އެމްޑީޕީން މާ ގަދަޔަކަށް "ފޫގަޅާލި" އެވެ. ބޭރުގެ ބައެއް ޖަމްއިއްޔާ ޖަމާއަތްތަކުން ވެސް އެކަމަށް ގޮވާލިއެވެ. ނަމަވެސް އޭރު އެމްޑީޕީއަށް އެ ދޮރު ބަންދުވީ ރައީސް ނަޝީދަށް އޮތް ހުކުމުގެ ސަބަބުންނެވެ. އޭރު ޔާމީން "ބާރު އަޑުފުޅުން" ވިދާޅުވަމުން ގެންދެވީ، އެންމެ މީހަކު ވަށައިގެން އެމްޑީޕީން "ތަވާފް" ކުރަމުން ދާކަމަށެވެ. އެހެންކަމަށް ވަނީނަމަ، މިއަދު ޕީޕީއެމުން ޔާމީން ވަށައިގެން "ތަވާފް" ކުރަންޖެހޭ ސަބަބެއް ނުވިސްނެއެވެ. ޕާޓީގައި ތިބި މީހުންގެ ތެރެއިން ކެންޑިޑޭޓަކު ދައްކައިގެން އިންތިޚާބަށް ދާންވީއެވެ. ސުވާލަކީ، މި 14 ދުވަހުގެ ތެރޭގައި ޕީޕީއެމްގެ ސިޔާސީ ކުޅިބައި އެތުރޭނީ ކޮން ގޮތަކަށްބާވައެވެ؟ ބައި ލައްކައެއްހާ މެމްބަރުން ތިބި ސިޔާސީ ޕާޓީ "ކަފުންކޮށް" ވަޅުލާނީތޯއެވެ؟ ނުވަތަ ޔާމީނަށްޓަކައި އިދިކޮޅު އެންމެ ބޮޑު ޕާޓީ "ގުރުބާން ކަންބަޅި" އަކަށް ވާނީބާވައެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް