ޕޯޓު އޮޕަރޭޝަންގައި ސަލާމަތާއި ރައްކާތެރިކަމުގެ ސަގާފަތެއް ގާއިމްކުރުމަށް ދަނީ މަސައްކަތް ކުރަމުން: ސީއީއޯ ޝާހިދު
2 ޖުލައި 2023 | އާދީއްތަ 12:45ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދޭ


މާލޭ ވިޔަފާރި ބަނދަރު
ޕޯޓު އޮޕަރޭޝަންގައި ސަލާމަތާއި ރައްކާތެރިކަމުގެ ސަގާފަތެއް ގާއިމްކުރުމަށް މަސައްކަތްކުރާ ކަމަށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީއަށް ދެއްވި ޚާއްސަ އިންޓަވިޔުގައި ޝާހިދު ވިދާޅުވީ، އެންމެ ބޮޑު އިސްކަމެއް ދެނީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ. ސަލާމަތާއި ރައްކާތެރިކަމުގެ ސަގާފަތެއް ބިނާކުރުމަށް ގިނަ މަސައްކަތްތައް ކުރިއަށްދާއިރު، ރައްކާތެރިކަމަކީ ކޮންމެ މީހަކުވެސް އަމިއްލައަށް ކުރަންޖެހޭ ކަމެއްކަން އެނގިގެން، އަމިއްލައަށް ކުރާ ގޮތަށް، އެ މުވައްޒަފެއްގެ އަމިއްލަ އިޚްތިޔާރުގައި މަސައްކަތްކުރާ ބަޔަކަށް ހަދަން ބާރުއަޅާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ސަލާމަތާއި ރައްކާތެރިކަމަށް ގަވާއިދާއި، އުސޫލުތަކެއް ހެދިނަމަވެސް އެ އުސޫލުތަކަށް އަމަލުނުކުރެވޭ ކަމަށްވާނަމަ ގިނަ ފަހަރު ހިތާމަވެރި ހާދިސާތައް ހިނގުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ނަމަވެސް ސަލާމަތާއި ރައްކާތެރިކަމުގެ ސަގާފަތެއް ގާއިމްކުރެވިއްޖެނަމަ އެ ރައްކާތެރިކަން ބޮޑަށް ކަށަވަރުކުރެވިގެން ދާނެކަމަށް ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މުވައްޒަފުންނަށް ޚާއްސަކޮށްގެން ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދާ ކަމަށެވެ. އަދި އަބަދުވެސް މުވައްޒަފުންނަށް އެކަންކަން ހަނދާންކޮށްދިނުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އިންޓަނޭޝަނަލް ސޭފްޓީ ސްޓޭންޑަޑަށް ކުންފުނި ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން ބޭރުގެ ކޮންސަލްޓަންޓުގެ އެހީގައި ސޭފްޓީ މެނޭޖްމަންޓް ސިސްޓަމް އޮޑިޓްކޮށް، ހަރުދަނާކުރަން ޖެހޭ ކަންކަން ހަރުދަނާކޮށް ފިޔަވަޅު އަޅާކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ސިނާއަތަކީ އެންމެ ގިނަ ނުރައްކާތެރި އެކްސިޑެންޓް ހިނގުމުގެ ފުރުސަތު އޮންނަ ސިނާއަތް ކަމަށާއި، ޕޯޓުގެ އޮޕަރޭޝަންގައި ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދޭނެކަމަށެވެ.






