ރާއްޖޭގެ މަސްކަނޑު ވިއްކާލީއްޔޭ ގައުމުން ބައެއް ދޫކޮށްލިއްޔޭ ގޮވަމުން އައި އިދިކޮޅު ފަރާތްތަކުން ދައްކަމުން ދިޔަ ވާހަކަތައް މާބޮޑަކަށް ވަޔަކު ނުހިފިޔެވެ. ޕްރެސްތަކަށާއި ޓީވީތަކަށް އަރައި އެވެރިން ކީ އެއްޗެއް އެވެރިންނަށްވެސް ސާފެއް ނުވެއެވެ. އޭގެ ތެރެއިން ދެމީހަކު އެކައްޗެއްވެސް ނުކިޔައެވެ. އަޑަށް ލެވުނުހާ ބާރެއް ލާފައި އަތްއުކައުކާފައިވެސް ބުނާހާ އެއްޗަކީވެސް "ކަނޑު ވިއްކާލިއްޔޭ" އެވެ.
އޭގެ ދެވަނަ މަރުހަލާއަކަށް ކުރަން އެ އުޅުނީ ހިތުން މާމޮޅު ކަމެކެވެ. ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށެވެ. ރޭ ދުވާ އެނގޭހެން އިދިކޮޅަށް އެކަން ކުރެވެން ނެތްކަން އެނގިތިބެ އެމަޅި ރޭވީވެސް ލައިވް ޓީވީގައި އިތުރަށް އެއްކަލަ ގޮވެލިފަތި ގޮވާށެވެ. އެކަމަކު ބަންޑާރަ ނާއިބު ރިފްއަތު ލިޔުމުން ދެއްވި ޖަވާބުން އަނެއްކާވެސް އިތުރަށް ސާފުވެ އިދިކޮޅު ފަރާތްތަކުގެ އަނގަ މަތީގައި ހެޔޮވަރު ވަރުގެ ޓޭޕު ގަނޑެއް އެޅިއްޖެއެވެ. ޖަވާބުގެ މައިގަނޑު:-
· ޤާނޫނު ނަންބަރު 6/96 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާއަށް ބަލާއިރު އާކިޕެލަޖިކް ބޭސްލައިންއިން ފެށިގެން 200 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ ސަރަޙައްދުގެ ތެރެއިން ސަރަޙައްދީ ކަނޑުގެ ބޭރަށް އޮންނަ ސަރަޙައްދާއި އެ ސަރަޙައްދުގެ ކަނޑު އަޑީގައިވާ ފަސްގަނޑަކީ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަޙައްދުކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް އެ މާއްދާގައި ބުނެފައިވާ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަނޑައެޅުމުގައި އެހެން ޤައުމެއްގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާ ފުށުއަރާނަމަ ފުށުއަރާ ދިމާއަކާ ބެހޭގޮތުން އެ ޤައުމަކާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވެ ސޮއިކުރެވޭ އެގްރީމަންޓެއްގެ ދަށުން ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ބޭރުކައިރި ފުށުއަރާ ހިސާބެއްގައި ކަނޑައެޅުމަށް އެ ޤާނޫނު ހުރަސް ނާޅާކަމަށް ބަޔާންކޮށްފައިވެއެވެ. އެ މާއްދާއަށް ބަލާއިރުވެސ،ް 200 ނޯޓިކަލް މޭލުގެ ސަރަޙައްދު އެހެން ޤައުމެއްގެ 200 ނޯޓިކަލް މޭލުގެ ސަރަޙައްދާ ފުށުއަރާނަމަ މުޅި އެ ސަރަޙައްދު ރާއްޖެއަށް ނުލިބޭނެކަން ވަރަށް ސާފުކޮށް ހާމަވެއެވެ.
· ދިވެހިރާއްޖޭގެ އުތުރުންވެސް، ދިވެހިރާއްޖެއަށް 200 ނޯޓިކަލް މޭލުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދެއް ލިބިފައެއް ނެތެވެ. ދިވެހިރާއްޖޭގެ 200 ނޯޓިކަލް މޭލުގެ ސަރަޙައްދު އިންޑިޔާ އަދި ސްރީލަންކާގެ 200 ނޯޓިކަލް މޭލުގެ ސަރަޙައްދާ ފުށުއަރާތީ، ފުށުއަރާ ސަރަޙައްދު ވަނީ އިކުއިޑިސްޓަންސް އުޞޫލަށް ރިޢާޔަތްކޮށް ދެ އެއްބަސްވުމެއްގެ ދަށުން 1976 ގައި ބައިކޮށްފައެވެ.
· ދިވެހިރާއްޖޭގެ ފަރާތުން 7 ސެޕްޓެމްބަރު 2000 ގައި ބައިވެރިވެފައިވާ، އަދި ދިވެހި ދައުލަތުން ޢަމަލުކުރުން ލާޒިމު މުޢާހަދާއެއް ކަމުގައިވާ "ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ" (އަންކްލޮސް)ގެ އާޓިކަލް 57 ޞަފްޙާ 9 ގެ 2 ގައި، ބޭސްލައިންތަކުން ފެށިގެން 200 ނޯޓިކަލްމޭލަށްވުރެ ދުރަށް ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ދެމިގެން ނުދާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން 200 ނޯޓިކަލް މޭލަކީ ޤައުމަކަށް ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ހޯދުމުގެ ފުރުޞަތު ލިބިދޭ އެންމެ ފުޅާ ސަރަޙައްދެވެ. ނަމަވެސް އެއީ އެހެން ޤައުމެއްގެ 200 ނޯޓިކަލް މޭލުގެ ސަރަޙައްދާ ފުށުނާރާ ޙާލަތުގައެވެ.
· އަންކްލޮސްގެ އާޓިކަލް 74 އަދި 83 ގައި 200 ނޯޓިކަލް މޭލުގެ ރޭޑިއަސްގެ ތެރޭގައިވާ އެކްސްކްލޫޒިވް އިކޮނޮމިކް ޒޯންއާއި ކޮންޓިނެންޓަލް ޝެލްފް ޑިލިމިޓް ކުރާނީ "އިކުއިޓަބަލް ސޮލިއުޝަން" އަކަށް އައުމަށްޓަކައި ދެ ޤައުމުގެ ދެމެދުގައި ބައިނަލްއަޤްވާމީ ޤާނޫނުގެ ހަމަތަކުގެ މަތިން ވެވޭ އެއްބަސްވުމަކުން ކަމަށް ބަޔާންކޮށްފައިވެއެވެ.
· ފުށުއަރާ ސަރަޙައްދާ މެދު ޤައުމުތަކުގެ މެދުގައި މަޝްވަރާކޮށް އެއްބަސްނުވެވޭ ޙާލަތުގައި އެކަމުގައި ގޮތެއް ކަނޑައަޅާނީ، އަންކްލޮސްގައި ބަޔާންކުރާ އިޖުރާއަތުތަކުގެ ދަށުން، މައްސަލަ ބަލާ ޕެނަލަކުން ކަމަށް އަންކްލޮސް އާޓިކަލް 74 (2) ގައި ބަޔާންކުރެއެވެ. މޮރިޝަސްއާއި ރާއްޖެއާ ދެމެދުގައި އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މައްސަލަ ކުރިއަށް ގެންދިޔައީ އެ އިޖުރާއަތުގެ ތެރެއިންނެވެ.
· ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ޤާނޫނުގެ 7 ވަނަ މާއްދާގެ (ށ) އަށް ބަލާއިރު، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަށް ބަދަލުގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުން ފާސްވާ ޤާނޫނެއް ބޭނުންވަނީ، އެ ގެނެވޭ ބަދަލުގެ ސަބަބުން ދިވެހިރާއްޖޭގެ ސަރަޙައްދަށް، މާނައަކީ، ބޭސްލައިންތަކުން ފެށިގެން 12 ނޯޓިކަލް މޭލާ ހަމައަށް އޮންނަ ސަރަޙައްދަށް ބަދަލު އަންނަނަމަ އެކަންޏެވެ. މި މައްސަލައަކީ އެ 12 ނޯޓިކަލް މޭލުގެ ސަރަޙައްދާ ގުޅޭ މައްސަލައަކަށްނުވާތީއާއި، އަދި މިމައްސަލައިން އެ ސަރަޙައްދަށް އެއްވެސް އަސަރެއް ނުކުރާތީ، އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ޤާނޫނެއް ފާސްކުރާކަށް ނުޖެހެއެވެ.
· މި މައްސަލައަކީ ހަމައެކަނި ދިވެހިރާއްޖެ ހިމެނޭ މައްސަލައަކަށްނުވާއިރު، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާޙަދާއެއްގެ ދަށުން އެހެން ޤައުމަކުން ރާއްޖެއާ ދެކޮޅަށް ހުށަހަޅާ މައްސަލައެއްގައި ރާއްޖެއިން ވަކާލާތުކުރަންޖެހޭނީވެސް ބައިނަލްއަޤްވާމީ ޤާނޫނު (އިންޓަރނޭޝަނަލް ލޯ) ގެ ހަމަތަކަށާއި ބައިނަލްއަޤްވާމީ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތަކަށް ރިޢާޔަތްކޮށްގެންނެވެ.
· މިފަދަ މައްސަލަތަކާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު، އަންކޮލްސްގައި ބުނާ "އިކުއިޓަބަލް ސޮލިއުޝަން" އަށް އައުމަށްޓަކައި، ކަނޑުގެ ސަރަޙައްދު ބައިކުރުމުގައި ބަލައިގަނެފައިވާ އުޞޫލަކީ “circumstances relevant/equidistance“ އުޞޫލެވެ. މި އުޞޫލުން ފުށުއަރާ ސަރަޙައްދު ބައިކުރުމުގައި ތިން މަރުޙަލާއެއް އޮވެއެވެ. މި ތިން މަރުޙަލާއަށް ޙަވާލާ ދިނުމުގައި approach stage three”methodology step three“ މިފަދަ ޢިބާރާތްތައް ބޭނުންކުރެއެވެ.
· ދެންނެވި އުޞޫލުގައިވާ ތިން މަރުޙަލާއަކީ، ފުށުއަރާ ސަރަޙައްދާގުޅޭ ގޮތުން އެންމެ ފުރަތަމަ "ޕްރޮވިޝަނަލް" އިކުއިޑިސްޓެންސް ލައިނެއް (ހަމަހަމަ ރޮނގެއް) ދަމާލުމާއި، ދެވަނަ މަރުޙަލާގައި، concave coastline ވުންފަދަ އެއްވެސް ޚާއްޞަ ސިފައެއް ނުވަތަ ޚާއްޞަ ޙާލަތްތައް “circumstances relevant“ ހުރިނަމަ solution equitable އަކަށް އައުމަށްޓަކައި އެ ރޮނގު adjust ކޮށްލުމާއި، ފަހު ފިޔަވަޅެއްގެ ގޮތުން، އެއްވެސް inequitable ނަތީޖާއެއް ނުކުމެދާނެ ފަދަ disproportion އެއް އުޅޭތޯ ބެލުން. މިއެވެ.
· އިޓްލޮސްގައި ކުރިއަށްގެންދިޔަ މައްސަލައިގައި ދިވެހިރާއްޖެއިން ސްޓޭންޑް ނަގާފައިވާނީ ސީދާ މެދު ރޮނގުން ބަހާލުމަކަށް ނޫނެވެ. އިޓްލޮސްގައި ކުރިއަށްދިޔަ މައްސަލައިގައި ރާއްޖެއިން ވަކާލާތުކޮށްފައިވަނީ އިސްވެ ދެންނެވި، ތިން މަރުޙަލާގެ މައްޗަށް އެކުލެވޭ “circumstances relevant/equidistance “އުޞޫލަށް ބިނާކޮށެވެ. އަދި އިޓްލޮސްއިން މައްސަލަ ނިންމާފައިވަނީވެސް މި އުޞޫލަށް ބިނާކޮށެވެ.
· ބައިނަލްއަޤްވާމީ ފެންވަރުގައި މިފަދަ ތިރީހަކަށް މައްސަލައިގައި ވަކާލާތުކުރުމުގެ ގިނަގުނަ ތަޖުރިބާހުރި ވަކީލުންނާއި ޚަބީރުންގެ ޓީމަކުން މި މައްސަލައިގައި ވަކާލާތުކޮށްފައިވަނީ ރާއްޖެއަށް އެންމެ ފައިދާހުރި ޤާނޫނީ ގޮތުން ބުރަދަން ހުރި ނުކުތާތަކެވެ. ރާއްޖެއިން ވާހަކަ ދައްކާފައިވަނީ ރާއްޖެއަށް އެންމެ ބޮޑު ސަރަ ޙައްދެއް ލިބޭނެ ގޮތަށް ދިވެހިރައްޔިތުންގެ މަޞްލަޙަތަށް އިސްކަން ދީގެންނެވެ.
· މީގެ އިތުރުން ހިސްޓޮރިކަލް ފިޝިންގ ރައިޓްސްއަށް ބިނާކޮށް އިކުއިޑިސްޓަންސް ލައިން އެޖަސްޓްކުރެވޭނީ ދެ ކަމެއް ފުރިހަމަ ވެގެންނެވެ. ފުރަތަމަ ކަމަކަށް ޚިލާފު އުފެދިފައިވާ ސަރަޙައްދުން ދިވެހިން ޒަމާނުއްސުރެ މަސްވެރިކަން ކުރިކަމުގެ ހެކި ހުންނަންޖެހެއެވެ. ނަމަވެސް، އެފަދަ އެއްވެސް ހެއްކެއް ނެތްކަމަށާއި ކުރީ ޒަމާނުގައި ރާއްޖޭގެ މަސްދޯނިތައް (ރިޔަލު ދޯނިތައް) އެ ހިސާބަށް ގޮސް އެހިސާބުން މަސްވެރިކަން ކޮށްފައިވާކަމަށް ނުބެލެވޭކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އަދި ކޯސްޓް ގާޑުގެ ފަރާތުން މަޢުލޫމާތު ދެއްވިއެވެ. ލައިން އެޖަސްޓްކުރުމަށްޓަކައި ދެވަނަ ކަމަކަށް، ތަފާތު ރޮނގެއް ބޭނުންކުރަންޖެހޭކަން ދެ ޤައުމުން ކޮންމެވެސް ސިފައެއްގައި ބަލައިގަނެފައިވާކަމުގެ ހެކި ހުންނަންޖެހެއެވެ؛ މިސާލަކަށް، CHILE v PERU މައްސަލައެވެ. ރާއްޖެއާއި ޗާގޯސްގެ މައްސަލައިގައި އެފަދަ އެއްވެސް ހެއްކެއް ނެތެވެ. ވީމާ މި ދެ ނުކުތާއަށް ބަލާއިރު، ހިސްޓޮރިކަލް ފިޝިންގ ރައިޓްސް އަށް ބިނާކޮށް އިކުއިޑިސްޓަންސް ލައިން އެޖަސްޓްކުރުމަށް ބައިނަލްއަޤްވާމީ ކޯޓުތަކުގައި ވަކާލާތުކުރުމުގެ އެއްވެސް އަސާސެއް ނެތެވެ.
· އަދި މަސްބާނާ ސަރަޙައްދު އެނގޭގޮތަށް 2013 އިން ފެށިގެން މިނިސްޓްރީ އޮފް ފިޝަރީޒް ގެ ފަރާތުން ބަލަހައްޓަމުން ގެންދާ "ކެޗް ރިޕޯޓްސް" އަށް ބަލާއިރުވެސް ދިވެހިރާއްޖޭގެ ދެކުނުން 200 ނޯޓިކަލް މޭލާ ހަމައަށް ނުވަތަ އެއަށްވުރެ ދުރަށް ޗާގޮސްގެ ކަނޑުގެ ސަރަޙައްދުން ދިވެހިން މަސްވެރިކަން ކޮށް އުޅޭކަމަކަށް ނުދައްކައެވެ
· ޗާގޯސްގައި މީހުން ދިރިނޫޅޭ ކަމާއި އެތަނަކީ މިލިޓަރީ ބޭސްއެއް ހިންގާ ތަނެއްކަމަށްވުމަކީ، ޑިލިމިޓޭޝަންގެ ބޭނުމަށް އެއްވެސް ބުރަދަނެއް ދެވޭނެ ކަންތައްތަކެއް ނޫނެވެ. އަންކްލޮސްގެ އާޓިކަލް 121 އަށް ބަލާއިރުބރަށްރަށަށް ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ލިބެއެވެ. އަންކްލޮސްގެ އާޓިކަލް 121 ގެ (3) ވަނަ ނަންބަރަށް ބަލާއިރު، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ނުލިބެނީ އިންސާނުންނަށް ދިރިއުޅެވެން ނެތްފަދަ “rocks“ އަށެވެ. ޗާގޯސް އަކީ ކުރިން މީހުން އާބާދުވެ ދިރިއުޅުނު ތަނެކެވެ. އަދި ޗާގޯސް ރަށްތަކުގައި މިހާރު މީހުން ދިރިނޫޅެނީ އެއީ މީހުން ދިރިއުޅެވެން ނެތްފަދަ ތަނަކަށް ވެގެނެއްނޫންކަމާއި، އިނގިރޭސިވިލާތުން އެތަނުގެ ވަޒަންވެރިން އެތަނުން ބާލުވައި އެ މީހުން އަނބުރާ އެތަނަށް ދިޔަ ނުދިނުމުންނެވެ. ވީމާ، ޗާގޯސްއަށްވެސް އަންކްލޮސް އާ އެއްގޮތަށް އީއީޒެޑް ކްލެއިމްކުރުމުގެ ޙައްޤު ލިބިގެންވެއެވެ. އަދި 200 ނޯޓިކަލް މޭލުގެ ސަރަޙައްދު ފުށުއަރާނަމަ އަންކްލޮސްއާ އެއްގޮތަށް ފުށުއަރާ ސަރަޙައްދުގެ މައްސަލަ ޙައްލުކުރުމުގެ ފުރުޞަތުވެސް ލިބެއެވެ.
· އދ. ގެ ޖެނެރަލް އެސެމްބްލީގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭނެކަމަށް ނިންމިކަން ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅަކުން އެ ޤައުމުގެ ބޮޑުވަޒީރަށް އަންގަވާފައިވަނީ މޮރިޝަސްއާއި ރާއްޖެއާ ދެމެދުގައި އިޓްލޮސްގައި ހިނގި މައްސަލައިގައި މަޢުޟޫއީ ގޮތުން ޖަވާބުދާރީވެ ނިމުނުފަހުން، 22 އޮގަސްޓު 2022 ގައެވެ.
· އެކަމުގެ ސަބަބުން، ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް އިޓްލޮސްގައި ވަކާލާތުކުރަމުން ގެންދިޔަ މައްސަލައިގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. އެއީ، ޗާގޯސްއަކީ މޮރިޝަސްގެ ތަނަކަށް ވިޔަސް ނުވަތަ އިނގިރޭސިވިލާތުގެ ތަނަކަށް ވިޔަސް، ބައުންޑަރީ ކަނޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭ އަންކްލޮސްގެ އުސޫލުތަކަށް އެއްވެސް ބަދަލެއް ނާންނާތީވެއެވެ.
. އިޓްލޮސްގެ ޙުކުމްގައި އެ ސިޓީގެ ވާހަކަ އައިސްފައިވަނީ "ތަޢާރުފު" މި ސުރުޚީގެ ދަށުންނެވެ. އަދި އެ ސިޓީގެ ކޮޕީއެއް އިޓްލޮސްއަށް ހުށަހެޅީ މޮރިޝަސްގެ ފަރާތުންނެވެ. އެ ސިޓީ ހުށަހެޅުމުގެ ބޭނުމަކީ، އައިސީޖޭ އެޑްވައިޒަރީ އޮޕީނިއަން ތަންފީޛުކުރުމަށް ގޮވާލައި، އދ. ގެ ޖެނެރަލް އެސެމްބްލީގައި ކުރިއަށް އޮތް ތަނުގައި ނަގާ ވޯޓެއްގައި އެކަމަށް ތާއީދުކޮށް ރާއްޖޭން ވޯޓުލާން ނިންމާފައިވާކަމާއި 2022 ގެ ފެބުރުވަރީ މަހުގެ ތެރޭގައި މޮރިޝަސްއިން ކުރިއަށް ގެންދިޔަ ބްލެންހެމް ރީފް ގެ ސަރވޭ ކުރުމަށްޓަކައި ރާއްޖެއިން ފުރައިގެން ޗާގޮސްއަށް ދަތުރުކުރުމަށް ހުއްދަ ދިނުމުގައި ދިމާވި މައްސަލަތައް އެއްކިބާކޮށް ސީޝެލްސްއިން ސަރވޭ އުޅަނދު ފުރަން ޖެހުމުގެ ސަބަބުން އިތުރަށް ހިނގި ޚަރަދު ރާއްޖޭގެ އަތުން ހޯދަން އެދުނު ބައި މިމައްސަލައިގެ ތެރެއިން އިތުރަށް ކުރިއަށް ނުގެންދަން ނިންމިކަން އިޓްލޮސްއަށް އެންގުމުގެ ގޮތުންނެވެ.
މި ޖަވާބަށް ބަލާއިރު ކަންވީ ގޮތާއި އިދިކޮޅުން ދައްކާ ވާހަކަތަކާ އެއްވެސް ވަރަކަށް ދިމާވުމެއް ނެތްކަން ބޮލެއް މައްޗަށް ހުރި ކޮންމެ އިންސާނަކަށް ސާފުވެއެވެ. މިކަމުންވެސް އިތުރަށް މައްސަލަ ސާފުވެ އިދިކޮޅުގެ މަސައްކަތް އިތުރަށް ފްލޮޕްވީއެވެ.