ކ. މާލެ
|
17 މެއި 2023 | ބުދަ 08:31
ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު
މަޖިލިސް
މަގޭ ރިޕޯޓް
ތާއީދުކުރީ ނަޝީދެއް އިބޫއެއް ވީމައެއް ނޫން. އިސްލާހީ ހަރަކާތަށް
އިސްލާހީ މަސައްކަތުގައި އެތައް ބައެއްގެ ވިޔަފާރިތައް ބަނގުރޫޓުވި
މުޒާހަރާތަކުގައި އެތައް ބަޔަކަށް އަނިޔާވި
އަނބިދަރިންނާ ވަކިން އެތައް ބަޔަކު ޖަލުގައި އޮންނަން ޖެހުނު

ބައެއް މީހުން ބުނެއެވެ. އެމްޑީޕީއަކީ ރައީސް ނަޝީދެވެ. އެމަނިކުފާނުގެ މަސައްކަތެވެ. ރާއްޖެއަށް ގެނެވުނު އިސްލާހީ ބަދަލުތައް ގެނެވުނީ ނަޝީދުގެ ސަބަބުން ކަމަށެވެ.

އެވިސްނުން ގެންގުޅޭ މީހުން ތިމާ އަމިއްލައަށް ނިކަން ރަނގަޅަށް ވިސްނާލަމާ ހެއްޔެވެ. ތިމާ މީހާއަށް އިސްލާހީ މަސައްކަތުގައި ކުރެވުނު ކަންތައްތަކާމެދު އަމިއްލައަށް ފިކުރު ކޮށްލަމާ ހެއްޔެވެ.

ރައީސް މައުމޫނުގެ ވެރިކަން މާ ބޮޑަށް ދިގުލައިގެންގޮސް ރާއްޖެއަށް އިސްލާހީ ބަދަލުތަކެއް އަންނަން ވެއްޖެކަމަށް ބަޔަކަށް ޤަބޫލު ކުރެވުނެވެ. ޑިމޮކްރަސީ ގެނެސް ހެޔޮ ބަދަލުތަކެއް ރާއްޖެއަށް ގެންނާން ވެއްޖެކަމަށް ބަޔަކު ވިސްނާ ފިކުރު ހިންގާން ފެށިއެވެ. އޭގެތެރެއިން އެއްބޭފުޅަކީ ގ ކެނެރީގޭ މުހައްމަދު ނަޝީދެވެ. ނަޝީދެކޭ އެއްފަދައިން ހަމައެވިސްނުމުގައި އެތައްބަޔަކު ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތްފެށިއެވެ. ނުވަތަ އެފިކުރު ހިންގާން ފެށިއެވެ. އޭރުގެ ހާލަތު ހުރިގޮތުން ވަރަށް ސިއްރުންނެވެ. ހުކުރާ ސަނގުފަދަ ނޫސްތަކުގައި ދެފަށް މާނައިގާ ލިޔެގެންނެވެ. ކަރުދާސްފަދަ ތަކެތީގައި ލިޔެ މަގުމައްޗަށް އަޅައިގެންނެވެ. އޭރުގެ ހާލަތުން އެ ސިއްރު މިޝަންތަކުގައި އެތައްބަޔަކު ހަރަކާތްތެރިވިއެވެ. އެކަމުގައި އުޅެން ފެށުމުން އަމިއްލަ ވިޔަފާރިތައް ބަނގުރޫޓްވިއެވެ. އަނބިދަރިން ދޫކޮށް ޖަލުގެ ތޭރިތަކުގެ ފަހަތަށް ދާން ޖެހުނެވެ. ބަރުދާސްތުކުރަން ދަތި އެތައް ވޭނެއް ތަހައްމަލް ކުރަން ޖެހުނެވެ.

ތެދެކެވެ. އަނެއްކާވެސް ބުނަމެވެ. އޭގެ ތެރެއިން އެއްބޭފުޅަކީ ރައީސް ނަޝީދެވެ. ކުޑަގޮޅީގައި އެމަނިކުފާނު ވެސް އޮންނަން ޖެހިވަޑައިގެންނެވިއެވެ. އެއްހުޅު ބިޑި އެޅުވިއެވެ. ޗޭނު ޖެހިއެވެ. މިހެންގޮސް ކިޔާނެކަމެއް ނެތެވެ. އެއީ މިއަދުވެސް ދައްކާން ފަސޭހަ ވާހަކަތަކެއް ނޫނެވެ. އެކަމަކު ރައީސް ނަޝީދު ފަދައިން އެ އަނިޔާ ލިބުނު އެތައްބަޔަކު މިއަދުވެސް އެބައުޅެއެވެ. އެމްޑީޕީ ތެރޭގައާއި އެމްޑީޕީން ބޭރުގައެވެ. ބައެއް މީހުން ދުނިޔެ ދޫކޮށް މިފަނާކުރަނިވި ދުނިޔެއާ ވަނީވަކިވެ ގޮސްފައެވެ.

ލިބުނު އަނިޔާތަކުގައި ހިސާބަކަށް މަޑުޖެހި އަނެއްކާ ވެސް އެހަރަކާތް ފެށުނުއިރު އެއްބަޔަކު މަސައްކަތް ކުރީ ރާއްޖެއިން ބޭރުގައި ތިބެގެންނެވެ. އަނެއް ބަޔަކު ސިއްރިއްޔާތުގައި ރާއްޖޭގައި ތިބެގެންނެވެ. މަޑުމަޑުން ތޮށިގަނޑު ފަޅާލާ ނުކުމެ ޣިޔާޘުއްދީނުގައި ރައީސް މައުމޫނާ ދެކޮޅަށް ފުރަތަމަ ފަހަރަށް އެދަމާލީ ފޮތިގަނޑެކެވެ. ހަމަ ރައީސް ނަޝީދު ފަދައިން އެފަދަ އެތައް ބަޔަކު ވެގެންނެވެ.

އެއްވާމެއްގައި އެފެށީ ކުރިއަށްދާށެވެ. ކަރަންޓް މުގުރާ، އަސޭމިރުހުދުމާއި، ޖަލުގެ ކުޑަގޮޅިއާ، އަނބިދަރިންނާ ވަކިވެދާންޖެހޭފަދަ ބޮޑެތި ހުކުމްތަކަށް ބެލުމެއްނެތި އެތައް ބަޔަކު ބައިވެރިވެ އެއްވުންތައް ބާއްވަން ފެށީއެވެ. މުޒާހަރާތައް ފޯރިގަދަވުމުގައި ވަކި މީހަކު ނެތެވެ. ހުސޭނާ ހަސަނެވެ. ފާތުމައާއި ހައްވައެވެ. އޯލެވެލް ނިމުނު ގޮތައް ބައިވެރިވި ނިޒާމެވެ. އެވެރިން ފޮނުވާފައި ކެތްކޮށްލައިގެން ޅަދަރިން ގޮވައިގެން ގޭގައިތިބި އަންހެންވެރިންނެވެ. ސިއްރު ސިއްރުން އެކަމަށް ޚަރަދު ކުރަމުންދިޔަ ވިޔަފާރި ވެރިންނެވެ. ފަޅާއަރައިފިނަމަ މުޅި ވިޔަފާރި އިނދަޖައްސާލާނެކަން އެނގިހުރެއެވެ. ދެފަށް މާނައިގާ ލިޔަމުންދިޔަ ނޫސްވެރިން ނުކުމެ ފާޅުގައި ވާހަކަތައް ދައްކާން ފެށިއެވެ. ގޮވެލިތައް ގޮވާންފެށިއެވެ. ޅެމާއި ލަވަތައް ހަދަން ފެށިއެވެ. ކާޓޫނުތައްވެސް ކުރަންހަން ފެށީއެވެ. އެގޮތް މިގޮތުން އިންޓަނެޓަށްވަދެ ދިވިހި އޮބްޒަރވަރވެސް ހާވަން ފެށީއެވެ. އިސާހިތަކު މުޅި ހަރަކާތް ވައިގާ ހިފައި ބޮޑު ހަރަކާތަކަށް ބަދަލުވީއެވެ. އެތައް އެތައް ބައެއްގެ މަސައްކަތުން ރައީސް މައުމޫނަށް މަޖްބޫރުވީއެވެ. އިސްލާހީ އެޖެންޑާ އިއުލާން ކުރައްވާ ބޮޑެތި ބަދަލުތައް ގެންނާންފެށީއެވެ. ހަމައެތައް ބައެއްގެ މަސައްކަތުންނެވެ.

ކުރިން ނުހެދުނު ޕާޓީ ނިޒާމްވެސް ހެދުނީއެވެ. އެތައްބަޔަކު ނުކުމެ ފޯމްތައް ފުރަން ފެށީއެވެ. ރަށްރަށުގައި އޮތް ބިރުވެރިކަން ވެސް ފޫދުއްވާލާ ހޮޅުއަށިތަކުގައި ވެސް އެވާހަކަ ދައްކަން ފެށީއެވެ. ރަށަށް އަރާއިރު އެކިޔާ އޮއްގަލުގެ މަރުހަބާއަށް ބެލުމެއްނެތި މުޅި ރާއްޖޭގައި ޓީމުތައް ފެތުރިގަތީއެވެ. އިސާހިތަކު އަނެއްކާވެސް އިސްލާހީ ހަރަކާތުގައި ކެނބެއްހާތަން ދަމައިގަނެވުނީއެވެ. ހަމަ އެތައް ބައެއްގެ މިންނަތް މަސައްކަތާއި ފުރާނަ އަތްމައްޗަށް ލައިގެންވި ގުރުބާނީންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ 8 މެންބަރުންނާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އާރާއި ބާރުގައި ހޮވިފައިތިބި ސަރުކާރުގެ އެތައް މެންބަރުންނަކާއެކު ޤާނޫން އަސާސީ އިސްލާހް ކުރަން ފެށީއެވެ. ކުރިން ބުނެވުނު މެންބަރުންނާއެކު ރައީސް މައުމޫނަށް ލިބިދީފައިއޮތް ބޮޑު އަޣްލަބިއްޔަތުގެ ކުރިމަތީގައި އިސްލާހީ މެންބަރުންކޮޅު ނުކުމެ ޤާނޫން އަސާސީއަށް ވެސް ބޮޑު ބަދަލެއް ގެނައީއެވެ. ހާދަހާވާ ބުރަ މަސައްކަތަކުންނެވެ. މަޖިލިސް ވަކިގޮތަކަށް ގެންދަން އުޅޭތީ އެ މެންބަރުން ނުކުމެ ކުރި މުޒާހަރާއާއި ބާރަ ތޭރައާއި މި ހުރިހާ ކަމަކާއެކު ޚާއްޞަ މަޖިލީހުގެ ގިނަ މެންބަރުންނާއި އެތައް އާއްމުންނެއް އަނެއްކާ ވެސް ޖަލުގެ ތޭރިތަކުގެ ފަހަތަށް ގެންދެވުނީއެވެ.

ދެންވެސް ދުލެއް ނުދިނެވެ. އެއްވާމެއްގައި ޖެއްސީ ތިޔަހެނެއް ނޫނެވެ. އެންމެ މީހެއް ދެމީހެއް ނޫނެވެ. އެތައް ބަޔަކު ވެގެންނެވެ. ނަތީޖާއެއްގެ ގޮތުން ޕާޓީ ނިޒާމުން އިންތިޚާބު ބާއްވަން މަޖްބޫރުވެ ފުރަތަމަ ފަހަރަށް ރައީސް މައުމޫނާއެކު އެހެން ކެންޑިޑޭޓެއްގެ ނަން ކަރުދާސްކޮޅުގައި ހިމަނައިގެން އިންތިޚާބު ބާއްވަން އެއްބަސްވެވުނީއެވެ. އެތައް ބައެއްގެ މިންނަތް އަދި ބުރަ މަސައްކަތުންނެވެ.

ދެން އައީ ކެމްޕޭނެވެ. އޭރު ދިވެހިންގެ ތެރޭގައި އޮތް ރޫހުގެ ސަބަބުން، ވެރިކަމާ ތޮޅޭތީ ކަމުނުދާ މީހެއްގެ ގޮތުގައި ހުންނެވި ރައީސް ނަޝީދު ޕްރޮމޯޓް ކުރުމުގައި އެތައް ބަޔަކު ހަރަކާތްތެރިވީއެވެ. އަމިއްލަ ޖީބުން ވެސް ޚަރަދުކޮށްގެންނެވެ. އާއްމުން އެމީހުންގެ ގޭގޭގައެވެ. އާއިލާތެރޭގައެވެ. ޒުވާނުން ނުކުމެ މަގުމަތީގައެވެ. ލަވަޔާއި މިޔުޒިކް ހަދާ މީހުން އެމީހުންގެ ފަންނުގެ ތެރެއިންނެވެ. އިސާހިތަކު އެތައްބަޔަކު ކުޅަ މަސައްކަތުން 51 ޕަސެންޓް ނުލިބުނަސް ދެވަނަ ބުރެއް ބާއްވަން މަޖްބޫރުވީއެވެ. ކުޑަކާފައި ބޮޑު ކާފުގެ އުސޫލު ދޫކޮށް ބިރުވެރިކަމެއްގައި ތިބި އެތައް ބައެއްގެ މަސައްކަތުންނެވެ. ހިންގުނު ބިޔަ ބޮޑު ކެމްޕޭނުގެ ސަބަބުން އެޅި ވޯޓުންނެވެ.

ދެވަނަ ބުރަކަށް ފެށުނީއެވެ. އެކުގައި މަސައްކަތްކުރިނަމަވެސް ރޭވުމެއްގެ ތެރެއިން ފުރަތަމަ ބުރުގައި ވަކިވަކިން ކުރިމަތިލެއްވި އެހެން ކެނޑިޑޭޓޫން އަތާއިއަތް ގުޅާލާ ރައީސް ނަޝީދަށް ބައިއަތު ހިއްޕެވީއެވެ. އިސްލާހީ މަސައްކަތަށް ޓަކައެވެ. އިސްލާހީ މަސައްކަތުގައި އުޅުނު އެތައް ބައެއްގެ ހައްގުގައެވެ. ބަދަލަކަށް ޓަކައެވެ. ހެޔޮ ބަދަލަކަށްޓަކައެވެ. އެއެންމެންގެ މަސައްކަތުން ރައީސް މައުމޫނުގެ 30 އަހަރުވީ ވެރިކަން ބަދަލުކޮށް މުޅިން އައު ބާބެއް ފެށުނީއެވެ.

ކޮންމެއަކަސް އިސްލާހީ މިބަދަލުތަކާއި އެބަދަލުތައް ގެންނަން ދެއްކި ވާހަކަތަކާއި ހިންގުނު ހަރަކާތްތަކަކީ އެންމެ މީހެއް ދެމީހެއްގެ މަސައްކަތެއް ނޫނެވެ. އެކަމުގައި އެތައްބަޔަކު ޝާމިލްވިއެވެ. ފުރާނަ އަތްމައްޗަށް ލައިގެންވި ގުރުބާންވިއެވެ. އެއީ މަދުބައެއް ނޫނެވެ. އަދި ހަމައެހެންމެ އެއީ ހަމައެކަނި ކެނެރީގޭ މުހައްމަދު ނަޝީދެއް ނޫނެވެ. އަދިހަމައެހެންމެ ހިންނަވަރު ނޫރާނީއާގޭ އިބްރާހީމް މުހައްމަދު ސާލިހެއް، މއ ބޯގަންވިލާ އިބްރާހީމް އިސްމާއީލާއި މަރްހޫމް ގޯގޯ ލަތީފް އެކަންޏެއްވެސް ނޫނެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ފެންވަރުން ކުރި ބުރަ މަސައްކަތުންނެވެ. އެކަމަކު އެއީކީ 2008 ގައި އިންތިޚާބުވި ރައީސް ނަޝީދަށް އެކަނި ކުރި ތާއީދެއް ނޫނެވެ. މުޅި އިސްލާހީ މަސައްކަތައްކުރި ތާއީދެވެ.

- ކޮމެންޓް
17 މެއި 2023 | ބުދަ 09:56
އިސްލާހް
ވަރަށް ފުރިހަމަ ހަޤީގަތުގަވެސް ކަންހިގާ ދިޔަގޮތް ބަޔަކަށް އޮޅިފައޮތަސް