2022 ވަނަ އަހަރުގެ އޮގަސްޓް މަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ކުމާރު ޖުގްނައުތާ އަށް ޗާގޯސް މައްސަލައިގައި ރާއްޖެއިން ތާއީދުކުރަނީ މޮރިޝަސް އަށް ކަމަށް ބަޔާންކުރައްވާ ސިޓީ ފުޅެއް ފޮނުއްވިއެވެ. މިއީ މިހާރު އިނގިރޭސިވިލާތުގެ ސިޔާދަތީ ބާރު އޮތްކަމަށް އެގައުމުން ބުނާ ސަރަހައްދެވެ. ރައީސް ޞާލިހުގެ ސިޓީފުޅުގައި ވަނީ ކުރިޔަށް އޮތްތަނުގައިވެސް މިމައްސަލައިގައި އދ ގައި ނެގޭ ވޯޓުގައި ރާއްޖެއިން މޮރިޝަސް އާ އެއްކޮޅަށް ވޯޓުދޭނެކަމަށެވެ.
ޗާގޯސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ގުޅޭގޮތުން ރާއްޖެއިން މިފަދަ ނިންމުމެއް މީގެކުރިން ނިންމާފައެއްނުވެއެވެ. މިމައްސަލައިގައި، ދިވެހިރާއްޖެއިން މިހާތަނަށް ވަކާލާތުކޮށް ވޯޓު ދީފައިވަނީ މޮރިޝަސް އާއި ދެކޮޅަށެވެ. ރާއްޖެއިން އަބަދުވެސް މިކަމުގައި ވަކާލާތުކުރަމުންދިޔައީ މި މައްސަލައަކީ ރާއްޖެފަދަ މަސްވެރިކަމަށް ބަރޯސަވާ ގައުމަކަށް މުހިންމު މައްސަލައަކަށްވާތީ، މި މައްސަލައިގައި ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން، ޓްރައިބިއުނަލްގައި ރާއްޖޭގެ މަސްލަހަތުތައް ދިފާއުކޮށްގެންނެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ދިނުމަށް ރާއްޖެއިން ތާއީދުކުރަން ނިންމިކަން ހާމަވުމާއެކު ރައީސް ޞާލިހަށް އަންނަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ. ޚާއްސަކޮށް އިދިކޮޅު ފަރާތްތަކުން ގެންދަނީ ޗާގޯސް އާއި ރާއްޖެ އާ ދެމެދު ހިމެނޭ ކަނޑުގެ ސަރަހައްދު ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާކަމަށް ބުނެ ގައުމީ މަސްލަހަތަށް ސަރުކާރުން އިސްކަންނުދޭކަމަށް ބުނަމުންނެވެ. ޗާގޯސް ހުސްކުރުމަށް އިނގިރޭސިވިލާތަށް ބައިނަލްއަގްވާމީ މުޖުތަމައުގެ ޕްރެޝަރ ކުރިމަތިވަމުން އަންނައިރު މިހާރު މަންޒަރު ފެންނަ ގޮތުން ޗާގޯސްގެ ސިޔާދަތީ ބާރު ހަމައެކަނި ލިބޭނެ ބަޔަކީ މޮރިޝަސް އެވެ.
މިހާރު ކަންތައްވެފައިވާ ގޮތުންނަމަ ޗާގޯސްގެ ސިޔާދަތީ ބާރު ލިބޭ ބަޔަކީ މޮރިޝަސްތޯ ރާއްޖެއިން ސުވާލު އުފައްދައިފިނަމަ ރާއްޖެ އާއި މޮރިޝަސް އާ ދެމެދު އޮތް ގުޅުމަށް ބުރުއަރާނެއެވެ. އަދި ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖެއާ މެދު ދެކޭގޮތް ބަދަލުވެ ދޭދޭ ގުޅުންތައް ބަދަހިކުރުމަށް ބުރުއަރާނެއެވެ.
މިހާތަނަށް މިމައްސަލަގައި ރާއްޖެއިން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު 1992 ވަނަ އަހަރު ރައީސް މައުމޫންގެ ވެރިކަމުގައި އިނގިރޭސި ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު މަޝްވަރާކޮށް އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާއިރު 2010 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މޮރިޝަސްގެ ސަރުކާރާއެކު މަޝްވަރާކޮށްފައިވާ ކަމުގެ ލިޔެކިޔުންތައް އެބަހުއްޓެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުގެ އޮކްޓޫބަރު 21ގައި މޮރީޝަސްގެ ކެބިނެޓް ސެކްރެޓަރީ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ރާއްޖޭގެ އޭރުގެ ފޮރިން މިނިސްޓަރު އަހްމަދު ޝަހީދާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައިވާއިރު ޗާގޯސްއަކީ މޮރީޝަސްގެ ސިޔާދަތީ ބާރު އޮތްތަނެއްކަން އެ މަޝްވަރާތަކުގެ ތެރޭގައި ރާއްޖެއިން އެއްބަސްވެފައިވެއެވެ. އޭގެފަހުން 2019 ވަނަ އަހަރު އެމައްސަލައިގައި އދ ގައި ނެގި ވޯޓުގައި ރާއްޖެއިން ވޯޓުދިނީ އިނގިރޭސިވިލާތާ އެއްކޮޅަށެވެ. އދ ގައި އެއަހަރު ކުރިޔަށްގެންދިޔައީ ޗާގޯސްއަކީ މޮރިޝަސްގެ ތަނެެއްކަމާއި، އިނގިރޭސިވިލާތުން އެތަން މޮރިޝަސް އާ ހަވާލުކުރަން ޖެހޭ ކަމަށެވެ. ރާއްޖެއިން އެފަހަރުވެސް ނިންމީ އޭގެކުރީ އަހަރުތަކޭ އެއްގޮތަށް އެއީ އިނގިރޭސިވިލާތުގެ ތަނެއްގެ ގޮތުގައެވެ. ނަމަވެސް އދ ގެ އާންމު މަޖިލީހުން ފާސްވީ ޗާގޯސް މޮރިޝަސް އާ ހަވާލުކުރުމަށެވެ.
ނަމަވެސް އޭގެ ތިން އަހަރު ފަހުން ރާއްޖޭގެ ނިންމުން މިވަނީ ބަދަލުވެފައެވެ. ތާރީޚުގައި މިމައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު ރާއްޖެއިން މިކަމުގައި އެކި ފަހަރު މަތިން އަމަލުކޮށްފައިވަނީ ރަނގަޅަށޭ ބުނުމުގެ ފުރުސަތު އެބައޮތެވެ. އަދި މިފަހުން ސަރުކާރުން މިނިންމި ނިންމުމަކީ ބައިނަލްއަގްވާމީ މުއާހަދާތަކާއި، ގާނޫނުތަކާއި، ބައިނަލްއަގްވާމީ މުޖުތަމައު ގަބޫލުކުރާ ގޮތާއި އެއްގޮތަށް ރާއްޖެއިން އަމަލުކުރާކަން ހާމަކުރުމަށް ލިބިގެންދާ ރަނގަޅު ފުރުސަތަކެވެ. އަދި މޮރިޝަސް އާ އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްވެސް ލިބިގެންދާ ފުރުސަތެކެވެ.
މިމައްސަލައިގައި ރައީސް ޞާލިހުގެ ވާދަވެރިން ގެންދަވަނީ ރައީސްގެ މިނިންމެވުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވަމުން ގެންދަވަނީ ޗާގޯސް އަކީ ރާއްޖޭގެ ބައެކޭ ބުނުމުގެ ތާރީޚީ ހެކި އެބަހުރިކަމަށެވެ. އަދި އެތަން އެހެން ގައުމަކަށް ދިނުމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ. ރައީސް ނަޝީދު މިބަސްފުޅާ ދާދި އެއްގޮތަކަށް ރައީސް އަބްދުﷲ ޔާމީންވެސް ވަނީ ވާހަކަދައްކަވާފައެވެ. ނަމަވެސް ތާރީޚުން ފެންނަން އޮތީ އެ ދެ ރައީސުންގެ ތެރެއިން އެއްވެސް ރައީސެއްގެ ވެރިކަމުގައި ޗާގޯސް އަކީ ރާއްޖޭގެ ތަނެއްކަމަށް ވަކާލާތުކޮށް އެކަމަށް ޕްރެޝަރކޮށްފައިނުވާކަމެވެ.
ނަމަވެސް މިމައްސަލަގައި ކުރީގެ ބަންޑާރަ ނައިބު ޑރ މުހައްމަދު މުނައްވަރު ވިދާޅުވާ ގޮތަށް ޗާގޯސް މައްސަލައިގައި ރާއްޖޭގެ ނިންމުން މޮރިޝަސް އާ އެއްކޮޅަށް ބަދަލުކުރީ އިންޑިޔާގެ ނުފޫޒުންކަމަށް ވިދާޅުވާ ވިދާޅުވުމުގައި ބަރުދަނެއް ހުރިކަމަށް ބެލެވެއެވެ. ސަބަބަކީ މޮރިޝަސްގެ ސަރަހައްދުގައި ބޭސް އެއް ގާއިމުކުރުމުގެ ޝައުގުވެރިކަން އިންޑިޔާގެ އެބައޮތެވެ. އަދި އިންޑިޔާ ކަނޑުގައި ޗައިނާ އިން ބާރުގަދަކުރަމުން އަންނައައުމާއެކު މިސަރަހައްދުގައި އިންޑިޔާގެ ބާރު އޮންނަން ކޮންމެހެންވެސް އެގައުމުން ބޭނުންވާނެއެވެ. އަދި އިނގިރޭސިންގެ އިސްތިއުމާރުގައި އިންޑިޔާއިންވެސް ހޭދަކޮށްފައިވުމާއެކު އިސްތިއުމާރުތައް ނިމުމަކަށް ގެނައުމަށް އިންޑިޔާއިންވެސް ތާއީދުކުރާނެއެވެ.
އިންޑިޔާއަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް ބައިވެރިޔާއެވެ. ރައީސް ޞާލިހުގެ ސަރުކާރުން ގެންގުޅެނީ "އިންޑިޔާ ފަސްޓް" ޚާރިޖީ ސިޔާސަތެކެވެ. އެހެންކަމުން އެގޮތަށް ބަލާއިރު ރާއްޖޭގެ ނިންމުމަށް ބާރު ފޯރުވުމުގެ ފުރިހަމަ ބާރު އިންޑިޔާއަށް އެބައޮތެވެ. ނަމަވެސް ސަރުކާރުގެ ނިންމުން އައީ އިންޑިޔާގެ ޕްރެޝަރުން އެކަންޏޭ ބުނެ މިމައްސަލަ ނިންމާލެވޭކަށް ނެތެވެ. ސަބަބަކީ މިކަމުގެ ބޮޑު މަންޒަރު އެއަށްވުރެ ބޮޑުވީމައެވެ. ޗާގޮސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ދެކޭ ބައިނަލްއަގްވާމީ މުޖުތަމައުތައް އަންނަނީ އިތުރުވަމުންނެވެ.
ދިގު މާޒީއެއް އޮތް މިމައްސަލައިގައި އިނގިރޭސިން ކޮޅަށް މީގެކުރިން އޮތް މިމައްސަލަ މިހާރު ވަނީ އިނގިރޭސިންނާ ދެކޮޅަށް ބަދަލުވެފައެވެ. ގިނަ ގައުމުތަކަކުން މިމައްސަލައިގައި އިނގިރޭސިންނާ ދެކޮޅުވެފައިވާއިރު އިނގިރޭސިންނާ އެންމެ ގާތް އެމެރިކާވެސް މިހާރު އޮތީ މިކަމުގައި އިނގިރޭސިންނާ ދެކޮޅުވެދާނެ ފަދަ ހާލަތެއްގައެވެ. އެއީ އެތައް އަހަރުތަކެއް ވަންދެން އެމެރިކާއިން ބޭސް ގާއިމުކޮށްފައިވާ ޑިއެގޯ ގާސިއާ އެގައުމު އަތުން ދޫވެދާނެތީއެވެ. ޗައިނާ އާއި އެމެރިކާ އާ ދެމެދު އޮތް ބާރު ގަދަކުރުމުގެ ވާދަވެރިކަމުގެ ތެރޭގައި ޑިއެގޯ ގާސިއާ ދޫވެގެންދާކަށް އެމެރިކާއިން އެއްގޮތަކަށްވެސް ބޭނުމެއް ނުވާނެއެވެ.
ދަނޑިވަޅުގެ ފައިދާނަގައި ދާދިފަހުން ވޮޝިންގޓަނުގައި ހުންނަވާ މޮރިޝަސްގެ ސަފީރު ވަނީ އެމެރިކާ އަށް ޑިއެގޯ ގާސިއާ 99 އަހަރަށް ދޫކުރުމަށް މޮރިޝަސް އިން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ. އެކަން ވެއްޖެނަމަ ޗާގޮސް މައްސަލައިގައި އިނގިރޭސިންނާ އެއްކޮޅަށް ކޮންމެހެން އެމެރިކާއިން އަރާކަށް ނުޖެހެއެވެ.
އެހެންކަމުން ކަންކަން މިހާރު ދާ ގޮތުން ފެންނަމުންދަނީ އިނގިރޭސިވިލާތްވެސް މިހާރު އޮތީ ޗާގޯސް، މޮރިޝަސް އާ ހަވާލުކުރުމާ ގުޅޭގޮތުން މޮރިޝަސް އާއެކު ވާހަކަދެއްކުމަށް ތައްޔާރަށް އޮތްތަނެވެ.
ހަގީގަތް ގަބޫލުކުރުން
ޗާގޯސް މައްސަލައިގައި މިހާރު ކަންތައް މިދާ ގޮތުން ޗާގޯސް އާއި ގުޅުންހުރި ކަންކަމުގައި ރާއްޖެއިން މަޝްވަރާކުރާނެ ގައުމެއް ނޯންނާނެއެވެ. އެކަން ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެ އާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ހުށަހަޅައިގެން އުޅޭ މައްސަލައިގެ އަޑުއެހުމުގެ ތެރެއިންވެސް ވަނީ ހާމަވެފައެވެ. މޮރިޝަސް އިން އަންނަނީ ޗާގޯސްގެ އީއީޒެޑް ސަރަހައްދަކީ އެގައުމުގެ ބައެއްކަމަށް ބުނަމުންނެވެ. ރާއްޖެއިން ވާނީ އިޓްލޮސްގައި ކުރިއަށްދާ މައްސަލައިގެ އިބްތިދާއީ މަރުޙަލާގައި ޕްރިލިމިނަރީ އޮބްޖެކްޝަންސްގެ ގޮތުގައި ޗާގޯސް އާކިޕެލާގޯގެ ސިޔާދަތީ ބާރުވެރިކަމާ ގުޅޭގޮތުން އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުމާ ގުޅޭ މައްސަލައެއް ކުރިއަށް ދަނިކޮށް އިޓްލޮސްއަށް ހުށަހެޅިފައިވާ މައްސަލަ ބެލުމުގެ އިޚްތިޞާޞް އެ ޓްރައިބިއުނަލަށް ލިބިގެންނުވާކަމަށް ވަކާލާތުކޮށްފައެވެ. ނަމަވެސް، އިބްތިދާއީ އަޑުއެހުންތަކަށްފަހު އިޓްލޮސް އިން ނިންމެވީ ޗާގޯސް އާކިޕެލާގޯގެ ސިޔާދަތީ ބާރުވެރިކަމާ ގުޅޭގޮތުން އައި.ސީ.ޖޭ އިން ނެރެފައިވާ އިސްތިޝާރީ ލަފައަށް ރިޢާއަތްކޮށް މޮރިޝަސްއިން އިޓްލޮސްއަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިޚްތިޞާޞް އެޓްރައިބިއުނަލަށް ލިބިގެންވާކަމަށެވެ.
އެހެންކަމުން ރާއްޖެއިން މޮރިޝަސް އާ ގުޅުން ވަރުގަދަކުރުމަކީ މުހިންމު ކަމެއްކަމުގައި ފެނެއެވެ. އިޓްލޮސް ގައި މިހާރު މޮރިޝަސް އިން އެދެމުން އަންނަނީ މީގެކުރިން ޗާގޯސްގެ ސަރަހައްދުން އީއީޒެޑްގެ ގޮތުގައި އެދެމުންދިޔަ ސަރަހައްދަށްވުރެ ބޮޑު ސަރަހައްދަކަށެވެ.
އަނެއްކޮޅުން ރާއްޖެ ސަރަހައްދީ ގްރޫޕްތަކާއި ގުޅުމުގައި ހުރަސްއެޅުމުގެ ތާރީޚެއް މޮރިޝަސްގެ އެބައޮތެވެ. ޗާގޯސްގެ މައްސަލައިގައި ރާއްޖެއިން މީގެކުރިން އިނގިރޭސިންނަށް ތާއީދުކުރަމުން ގޮސްފައިވުމުގެ ސަބަބުން އިންޑިޔަން އޯޝަން ރިމް އެސޯސިއޭޝަން (އައި.އޯ.އާރު.އޭ)ގައި ރާއްޖެއިން ބައިވެރިވުމާއި މޮރިޝަސް އިން ދެކޮޅު ހެދިއެވެ. އެ ގްރޫޕްގެ މެމްބަރ ގައުމަކަށް ވުމަށް އެދި ރާއްޖެއިން 2017 ވަނަ އަހަރު ހުށަހެޅިނަމަވެސް އެކަމާއި ފުރަތަމަ މޮރިޝަސް އިން ދެކޮޅު ހެދުމުން އައިއޯއާރުއޭގެ މެމްބަރު ގައުމަކަށް ރާއްޖެއަށް ވެވުނީ 2018 ވަނަ އަހަރުގެ ނޮވެމްބަރ މަހު ތެރޭގައެވެ.
ރައީސް ޞާލިހުގެ ސަރުކާރަކީ ބައިނަލްއަގްވާމީ މުޖުތަމައުއާ ގުޅުން ރަނގަޅު، ރަނގަޅު ޚާރިޖީ ސިޔާސަތެއް ގެންގެޅެމުން އަންނަ ސަރުކާރެއްކަމަށް ދައުވާކުރާ ސަރުކާރެކެވެ. ކޮމަންވެލްތާއި އަލުން ގުޅުމާއި، އދގެ ޖެނެރަލް އެސެމްބްލީގެ 76 ވަނަ ދައުރުގެ ރިޔާސަތު ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކާމިޔާބުކުރުމާއި އދ ގެ ހިޔުމަން ރައިޓްސް ކައުންސިލުން ގޮނޑިއެއް ހޯދުމާއި މިފަދަ ކަންކަމަކީ މިސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ބޮޑެތި ކާމިޔާބީގެ ގޮތުގައި ފާހަގަކުރާ ކަންކަމެވެ.
އަނެއްކޮޅުން އދ ގެ ސެކިޔުރިޓީ ކައުންސިލުގެ ދާއިމީ ނޫން ގޮނޑިއަށް ވާދަކުރާނެކަން އިއުލާންކޮށްފައިވުމާއި އދ ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލް (އީސީއޯއެސްއޯސީ)ގެ މެމްބަރު ގައުމަކަށްވާން ބޭނުންވާކަން ހާމަކޮށްފައިވުމާއެކު ބައިނަލްއަގްވާމީ މުޖުތަމައު އާ ރާއްޖޭ އާ އޮތް ގުޅުން ރަނގަޅުވުމަކީ ސަރުކާރަށް ކޮންމެހެވެސް މުހިންމެކަމެކެވެ.
އެކަންކަން ހާސިލުކުރުމަށް ރާއްޖެއަށް ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް (ސިޑްސް)ގެ މެމްބަރު ގައުމުތަކުގެ އެހީތެރިކަން ބޭނުންވެއެވެ. ސިޑްސްގެ މެމްބަރު ގައުމުތަކުގެ ތެރޭގައި މޮރިޝަސްވެސް ހިމެނެއެވެ. އެހެންކަމުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ދިނުމަށް ރާއްޖެއިން ތާއީދުކުރުމަކީ މިކަންކަމާމެދު އޮތް ކަންބޮޑުވުންތަކަށް ލިބޭނެ ހައްލެކެވެ. އަދި ދެގައުމު ގުޅިގެން ދެ ގައުމަށް އެއްބަސްވެވޭނެ ފަދަ ގޮތަކަށް އީއީޒެޑްގެ މައްސަލަ ނިންމުމުގެ ފުރުސަތު ފަހިވެގެންދާކަމެކެވެ.
އެހެންކަމުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބުމަށް ރާއްޖެއިން ތާއީދުކުރުމަކީ މިހުރިހާ ކަމަކަށް ނަޒަރު ހިންގާއިރު ރާއްޖެއަށް މުހިންމު ، ސަބަބުވެރި އިންސާނެއްގެ ސިކުނޑިން ވިސްނާއިރު ރަނގަޅު ސަބަބުތަކެއް އޭގައި އެކުލެވޭ ނިންމުމެކޭ ބުނެވެއެވެ.
ސޯސް: ދަ ޑިޕްލޮމެޓް