އިންޑިއާގެ އާބާދީ ކޮންޓްރޯލް ކުރުން: "ނަޞްރު ލިބުން ނެތް ހަނގުރާމައެއް"
ޤައުމީ ނިސްބަތުން ބަލާއިރު އިންޑިއާގައި ދަރިމައިވާ ރޭޓު ވަނީ 2019-2021 ވަނަ އަހަރާ ދެމެދު، 2.0އަށް ވެއްޓިފަ

މި ހިނގާ އެޕްރީލް މަސް ނިމޭއިރު އިންޑިއާގެ އާބާދީ، އެއް ބިލިއަން ހަތަރުސަތޭކަ ފަންސަވީސް މިލިއަން ހަތްސަތޭކަ ހަތްދިހަ ފަސް ހާސް އަށްސަތޭކަ ފަންސާހަށް އަރާނެ
ކައިވެނިކޮށްގެން އުޅޭ ކޮންމެ ދެމަފިރިއަކުވެސް 2 ދަރިންނަށްވުރެ އިތުރަށް ކުދިން ނުހޯދުމަށް ބާރު އެޅުމަށް އިންޑިއާގެ ބިހާރު ސްޓޭޓުން ފަށާފައިވާ ވަރުގަދަ މަސައްކަތުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން ދާ އެކަކީ ޕްރަތީމާ ކުމާރީއެވެ.
ބިހާރުގެ މަގުތަކުން، އެކި ކޮޅުކޮޅު މައްޗަށް އޭނާ ދަތުރު ކުރަމުން އެ ދަނީ އެއްވެސް އަގަކާ ނުލާ ފޯރުކޮށްދޭ ދޭތެރެ ދުރު ކުރާ އާލާތްތަކާއި، ބޭސްވެސް ހިފައިގެންނެވެ. ޒުވާރިއާއި އަލަނާސި ދަނޑުތަކުގެ ތެރެއިން ޕްރަތީމާ ކުމާރީ ދަތުރު ކުރަމުން އެ ދަނީ، ވަކިން ޚާއްޞަކޮށް ކިޝާންގަންޖް އަވަށުގެ މީހުންނާ ބައްދަލުކޮށް، ޢާއިލާ ރާވަން ހިތްވަރު ދިނުމުގެ މަޤްޞަދުގައެވެ. ޢާއިލާ ރާވާނެ ގޮތްތައް ކިޔައި ދިނުމުގެ ބޭނުމުގައެވެ. މުޅި އިންޑިއާއަށް ބެލި ކަމުގައި ވީ ނަމަވެސް، އެއީ، ދަރިމައިވުމުގެ ރޭޓް އެންމެ މަތީގައި އޮތް ސަރަޙައްދެވެ.
ޕްރަތީމާ ކުމާރީ ފަދަ މީހުން ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީޖާ ނުފެނި، ހުރިހާ ކަމެއް ވަނީ ފެނަށޭ ހީވާ ކަހަލައެވެ. ޕްރަތީމާ ކުމާރީ ބުނި ގޮތުގައި، ރަނގަޅު ގޮތް ވިސްނައިދިނުމަށް އެޅޭ އެންމެ ބޮޑު ހުރަހަކީ، ކަންކަމުގައި މީހުންނަށް ހީވެފައި އޮންނަ ކުށް ހީތަކެވެ.
ހިނގަމުން މިދާ އޭޕްރިލް މަހަކީ ދުނިޔޭގެ އާބާދީގެ ޗާޓަށް ބޮޑު ބަދަލެއް އަންނާނެ މަހެއް ކަމަށް ދާއިރާގެ ތަޖުރިބާކާރުން ވަނީ އަންދާޒާ ކުރައްވާފައެވެ. އެގޮތުން މި މަސް ނިމިގެން ދާއިރު، މި ވަޤުތު ދުނިޔޭގައި އޮތް އެންމެ އާބާދީ ބޮޑު ޤައުމުގެ މަޤާމުން ޗައިނާ ވައްޓާލުމަށްފަހު، އިންޑިއާއިން އެ ޖާގައަށް އަރާނެއެވެ. އދގެ ޑިޕަރޓްމަންޓް އޮފް އިކޮނޮމިކް އެންޑް ސޯޝަލް އެފެއަރޒްއިން އަންދާޒާ ކުރާ ގޮތުގައި، މި ހިނގާ އޭޕްރިލް މަސް ނިމޭ އިރު، އިންޑިއާގެ އާބާދީ، 1425775850 (1 ބިލިއަން 425 މިލިއަން 775 ހާސް 850) އަށް އަރާނެއެވެ.
ޤައުމީ ނިސްބަތުން ބަލާއިރު އިންޑިއާގައި ދަރިމައިވާ ރޭޓު ވަނީ 2019-2021 ވަނަ އަހަރާ ދެމެދު، 2.0އަށް ވެއްޓިފައެވެ. އެއީ ރީޕްލޭސްމަންޓް ރޭޓް ނުވަތަ ކޮންމެ ދެމަފިރިއެއްގެ ބަދަލުގައި އާބާދީގައި ބަޔަކު ތިބުމަށްޓަކާ ބޭނުންވާ 2.1ގެ ރޭޓަށް ވުރެ ދަށް ޢަދަދެކެވެ. ނަމަވެސް، އިންޑިއާގައި އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ސްޓޭޓްތަކުގެ ތެރޭގައި ހިމެނޭ ބިހާރުގެ މަންޒަރު ތަފާތެވެ. ބިހާރް ސްޓޭޓްގެ ފަރޓިލިޓީ ރޭޓް އުޅެނީ 2.98 ގައި ކަމަށް ވާއިރު، ކިޝާންގަންޖްގައި ދަރިމައިވުމުގެ ރޭޓް އުޅެނީ 4.8 ނުވަތަ 4.9 ގައެވެ. އިންޑިއާގެ ވެރިކަމުގެ ނިޒާމު ދުށް އެތައް ސަރުކާރަކުން ވަނީ އާބާދީ ކޮންޓްރޯލް ކުރުމަށް މަސައްކަތްތަކެއް ކޮށްފައެވެ.
ކިޝާންގަންޖުގެ ޑޮކްޓަރުންނާއި ނަރުހުންނަކީ، އާބާދީ ކޮންޓްރޯލް ކުރުމަށް ދަޢުލަތުން ހިންގާ ޕްރޮގްރާމްތަކުގެ އޭޖެންޓުންނެވެ. ދޭތެރެ ދުރުކުރާ ޢާލާތްތައް ބެހުމުގެ މަސައްކަތް ޤަވައިދުން ކުރިއަށް ގެންދެއެވެ. ދޭތެރެ ދުކުރާނެ ގޮތްތަކަށް މީހުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ކޮންމެ ހަފުތާއަކު ހިންގައެވެ. މީހުން އެންމެ ގިނައިން އެއްވާ ތަންތަނުގައި އެކަމަށް ހޭލުންތެރި ކުރުވުމުގެ ހަރަކާތްތައް ހިންގައެވެ.
އެވަރުން ފުއްދާލީއެއް ނޫނެވެ. ދަރިން ނުލިބޭ އޮޕަރޭޝަން ކުރާ ކޮންމެ އަންހެނަކަށް 3000 ރުޕީޒް (36.50 ޑޮލަރު) އަދި ފިރިހެނަކަށް ނަމަ 4000 ރުޕީޒް (48.7 ޑޮލަރު) ގެ މާލީ ބަދަލެއް ދެއެވެ. ދަރިން ނުލިބޭ އޮޕަރޭޝަން ކޮށްދިނުމުގައި ހަރަކާތްތެރިވާ ޞިއްޚީ ޚިދުމަތްތެރިންނަށްވެސް އިނާޔަތް ދެއެވެ. ހަދާ ކޮންމެ ސަރޖަރީއަކަށް 500 ރުޕީޒް (6 ޑޮލަރު) ދެއެވެ. މިވަރުންވެސް ބިހާރުގެ ފިރިހެނުން މިކަމާ ދެކޮޅު ހަދައެވެ. ސަރަޙައްދީ ފެންވަރުގައި ކުރިއަށް ގެންގޮސްފައިވާ ޚިޔާލު ހޯދުމުގެ ސަރވޭތަކުން ދައްކާ ގޮތުގައި، ދަރިން ނުލިބޭ އޮޕަރޭޝަން ކުރުމަކީ، ފިރިހެނާގެ ފިރިހެންވަންތަކަމަށް ނޭދެވޭ އަސަރު ފޯރުވާ ކަމެކެވެ.
ސަރަޙައްދީ ފެންވަރުގައި ވެކްސިންގެ ކަންކަމާ ޙަވާލުވެ ހުންނެވި އޮފިސަރު، ދިވެންދްރާ ކުމާރު ވިދާޅުވި ގޮތުގައި، ކިޝާންގަންޖްއަކީ އިންޑިއާގެ އާބާދީ އިތުރުވުމުގައި މުހިންމު ދައުރެއް އަދާ ކުރާ ތަނެއްކަމަށެވެ.
ރިޕޯޓްގެ ބޭނުމަށް، ރޮއިޓާޒްއިން ވަނީ 14 އަންހެނަކާ ވާހަކަދައްކާ، އެމީހުންގެ ޚިޔާލު ހުރި ގޮތް ބަލާފައެވެ. މީޑިއާއާ ވާހަކަދެއްކި މީހުންގެ ތެރެއިން 8 މީހަކު ބުނެފައި ވަނީ އެންމެ މަދުވެގެން 5 ދަރިން ހޯދުމަށް އެމީހުންގެ ޢާއިލާތަކުން ޢުއްމީދު ކުރާ ކަމަށެވެ. 6 އަންހެނަކު ވަނީ، ދެ ކުދިންނަށް އިތުރަށް ދަރިން ހޯދުމަށް މަޖުބޫރުވާ އެންމެ ބޮޑު އެއް ސަބަބަކީ، ވަކި ޖިންސެއްގެ ދަރިއެއް ބޭނުންވުން ކަމަށް ބުނެފައެވެ.
ބިހާރުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ސަރުކާރުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އެމީހުން މިއަދު ކުރަމުން އެ ދަނީ ނަޞްރު ލިބެން ނެތް ހަނގުރާމައެކެވެ. އާބާދީ ކޮންޓްރޯލް ކުރުމުގައި ލިބޭނެ ކާމިޔާބެއް ނެތެވެ. 2020 ވަނަ އަހަރު، 871307 މީހުންނަށް ދަރިން ނުލިބޭ އޮޕަރޭޝަން ކުރަން ބިހާރުން އަމާޒު ކަނޑައެޅި ނަމަވެސް، ހާޞިލު ވެފައި ވަނީ އެ އަމާޒުގެ އެންމެ 46 ޕަސެންޓްއެވެ.






