ކ. މާލެ
|
19 އޭޕްރިލް 2023 | ބުދަ 17:28
ރަސްގެފާނު ޗާލްސްއަކީ އިނގިރޭސި ޝާހީ ޢާއިލާއިން ސްކޫލަކަށް ވަޑައިގެން ތަޢުލީމު ހޯއްދެވި ފުރަތަމަ ބޭފުޅާ
ރަސްގެފާނު ޗާލްސް
ރަސްގެފާނު ޗާލްސްއާ ބެހޭ ގޮތުން ނޭނގި ހުރި ބައެއް ވާހަކަތައް!
 
ތަޢުލީމީ ޙަޔާތްޕުޅުގައި، ރަސްގެފާނު ޗާލްސް ވަނީ އޮސްޓްރޭލިއާގައި ހުންނަ ގީލޯންގް ޗަރޗް އޮފް އިންގްލަންޑް ގްރެމަރ ސްކޫލްގައިވެސް ދުވަސްތަކެއް ހޭދަ ކުރައްވާފަ
 
ރަސްގެފާނު ޗާލްސްއަކީ އިނގިރޭސި ޝާހީ ޢާއިލާއިން ސްކޫލަކަށް ވަޑައިގެން ތަޢުލީމު ހޯއްދެވި ފުރަތަމަ ބޭފުޅާ

ކުރިއަށް އޮތް މެއި މަހަކީ އިރެއްގައި މުޅި ދުނިޔެއަށް އަތްގަދަ ކުރަމުން ދިޔަ އިނގިރޭސިވިލާތުގެ ޝާހީ ތާރީޚަށް މުހިންމު މަހަކަށް ވެގެންދާނެއެވެ. ތާވަލު ކޮށްފައި ވާ ގޮތުން ނަމަ، މެއި މަހަކީ، އެ ޤައުމުގެ ޝާހީ އެންމެ މަޤާމުގެ ހުވާ، އެތައް އަހަރަކަށް ފަހު، ފިރިހެން ބޭފުޅަކު ކުރައްވާނެ މަހެވެ. މިހާ ހިސާބުން މި ބަލާލަނީ، އިނގިރޭސި ރަސްގެފާނު، ޗާލްސްގެ ޙަޔާތްޕުޅުން މިހާތަނަށް އާންމު ނުވެ ހުރި ބައެއް ވާހަކަތަކަށެވެ.

ރަސްގެފާނު ޗާލްސްއަކީ އިނގިރޭސި ޝާހީ ޢާއިލާއިން ސްކޫލަކަށް ވަޑައިގެން ތަޢުލީމު ހޯއްދެވި ފުރަތަމަ ބޭފުޅާއެވެ. އޭގެ ކުރިން ޝާހީ ޢާއިލާގެ ބޭބޭފުޅުން ކިޔަވާވިދާޅުވީ މުޅިންވެސް ޕްރައިވެޓް ޓިއުޓަރުން މެދުވެރިކުރައްވައިގެންނެވެ. ޝާހީ އާދަކާދައާ ޚިލާފަށް، ތަޢުލީމު ހާސިލު ކުރެއްވުމަށްޓަކާ ރަސްގެފާނު ޗާލްސް ވަޑައިގެންނެވީ ވެސްޓް ލަންޑަންގެ ހިލް ހައުސް ސްކޫލަށެވެ. އޭގެ ފަހުން ބަރކްޝަރގެ ޗީމް ސްކޫލްގައި ބޯޑިންގް އުސޫލުން ހުންނަވައިގެން ކިޔަވާ ވިދާޅުވިއެވެ. އެއީ ބައްޕާފުޅު ޕްރިންސް ފިލިޕްވެސް ތަޢުލީމު ހާސިލު ކުރެއްވި ތަނެވެ. އެ ސްކޫލުގެ އިސް ދަރިވަރުކަން ކުރެއްވީވެސް ޕްރިންސް ފިލިޕްއެވެ.

އޭގެ ފަހުން ރަސްގެފާނު ޗާލްސް ދެން ވަޑައިގެންނެވީ ސްކޮޓްލަންޑްގެ ސްކޮޓްލަންޑްގެ ގޯޑަންސްޓަންއަށެވެ. އެއީވެސް ޕްރިންސް ފިލިޕް ވަޑައިގެންނެވި ސްކޫލެކެވެ. އޭނާގެ ތަޢުލީމީ ޙަޔާތްޕުޅުގައި، ރަސްގެފާނު ޗާލްސް ވަނީ އޮސްޓްރޭލިއާގައި ހުންނަ ގީލޯންގް ޗަރޗް އޮފް އިންގްލަންޑް ގްރެމަރ ސްކޫލްގައިވެސް ދުވަސްތަކެއް ހޭދަ ކުރައްވާފައެވެ.

ރަސްގެފާނު ޗާލްސް މަތީ ތަޢުލީމު ހާސިލު ކުރެއްވީ ކޭމްބްރިޖުގެ ޓްރިނިޓީ ކޮލެޖުގައެވެ. އެތަނުގައި އާކިއޮލޮޖީއާއި ފިޒިކަލް އެންޑް ސޯޝަލް އެންތުރޮލޮޖީގެ ރޮނގުން ވަކި ހިސާބަކަށް ކިޔަވާ ވިދާޅުވުމަށްފަހު، ތާރީޚު އިލްމުގެ ދާއިރާއަށް ބަދަލުވެވަޑައިގަތެވެ. އަދި ބަސް ދަސްކުރެއްވުމަށްޓަކާ، ޔުނިވަރސިޓީ ކޮލެޖް އޮފް ވޭލްސްގައިވެސް ދުވަސްތަކެއް ހޭދަ ކުރެއްވިއެވެ.

ރަސްގެފާނު ޗާލްސްއަކީ ކުޅިވަރުގެ ދާއިރާއިންވެސް ފާހަގަކޮށްލެވޭ ޝާހީ ޝަޚްސެކެވެ. ޒުވާން ޢަމީރެއްގެ ގޮތުގައި ބޮޑުފުޅު ވަމުން އައި އިރު ޗާލްސްއަކީ ސްކީ ކުރުމާއި ސަރފް ކުރުމުގެ އިތުރުން ސްކޫބާ ޑައިވިންގްއަށް ލޯބި ކުރެއްވި ބޭފުޅެކެވެ. 40 އެތައް އަހަރެން ވަންދެން ހަލުވިކަމާއެކު ޕޯލޯ ކުޅުއްވިއެވެ. ކުޅިވަރުގެ މައިދާނުން ޕްރިންސް ޗާލްސް ހަވާސާވެވަޑައިގަތީ ޢުމުރުފުޅުން 57 އަހަރުގައި، 2005 ވަނަ އަހަރުއެވެ.

އޭގެ ކުރިން، 1993 އާ ޖެހެންދެން  ޕްރިންސް ޗާލްސް ވަނީ ކުޅިވަރުގެ މައިދާނުގައި ވާދަވެރި ކުޅުމެއް ދައްކަވާފައެވެ. ކުޅިވަރުގެ މައިދާނުގައި ބޮޑެތި އަނިޔާތަކެއްވެސް ލިބިވަޑައިގަތެވެ. ހޮސްޕިޓަލުގައި ފަރުވާވެސް ހޯއްދަވަން ޖެހިވަޑައިގެންނެވި 2 ހާދިޘާއެއް ހިނގިއެވެ.

މީގެ އިތުރުން، ރަސްގެފާނު ޗާލްސްއަކީ 1980ގެ އަހަރުތަކުގެ ކުރީކޮޅު، އަސްރޭސް ޖެއްސެވުމަށްވެސް ކުޅަދާނަ ބޭފުޅެކެވެ. އަސްރޭސް ޖެއްސެއްވުމުގެ ތެރޭގައިވެސް ޗާލްސްއަށް އެކި އަނިޔާތަކާ ކުރިމަތިވިއެވެ.

މިއުޒިކާއި ފަންނުވެރިކަމުގެ ދާއިރާގައިވެސް ރަސްގެފާނު ޗާލްސް ފާހަގަ ކުރެވެއެވެ. ޢަދަބިއްޔާތަށް ލޯބިކުރައްވައެވެ. ވަކިން ހާއްސަކޮށް، އިނގިރޭސި ޝާއިރު، ވިލިއަމް ޝޭކްސްޕިއަރގެ މަސައްކަތްތަކަށް ރަސްގެފާނު ޗާލްސް ލޯބި ކުރައްވައެވެ.

ތަޢުލީމު ހާސިލު ކުރެއްވި ދުވަސްވަރު، ޗާލްސް ވަނީ ޕިއާނޯ ކުޅުއްވަން ދަސްކުރައްވާފައެވެ. ޓްރަމްޕެޓްއާއި ޗެލޯ ކުޅުއްވަންވެސް ދަސްކުރައްވާ، އެކިއެކި ސްޓޭޖް ހަރަކާތްތަކާއި ޑްރާމާތަކުގައި ބައިވެރިވެވަޑައިގެން ހުނަރު ދައްކަވާލެއްވިއެވެ. ޝޭކްސްޕިއަރގެ މެކްބެތު އަސްލަކަށް ބަލައިގެން ތައްޔާރު ކުރި ތަމްސީލުގެ ލީޑު ރޯލު ކުޅުއްވީވެސް ޗާލްސްއެވެ.

ރަސްގެފާނު ޗާލްސްއަކީ އޮޕޭރާއާއި ކްލެސިކަލް މިއުޒިކަށް ލޯބި ކުރައްވާ ބޭފުޅެކެވެ. ވަކިން ހާއްސަކޮށް، ދަ ތްރީ ޑިގްރީޒް، ޑައެނާ ރޮސް، ބަރބްރާ ސްޓްރެއިސޭންޑްއާއި އީޑިތު ޕިއާފް ފަދަ ފަންނުވެރިންގެ މަސައްކަތްތަކަށް ހާއްސަ ސަމާލުކަމެއް ދެއްވިއެވެ. ޕްރިންސް އޮފް ވޭލްސްގެ ޙައިސިއްޔަތުން، 2000 ވަނަ އަހަރު ޗާލްސް ވަނީ، ހަރޕް ކުޅޭނެ މީހަކު ރަސްމީ ސިފައެއްގައި ހުރުމުގެ ޘަޤާފަތް ދިރުވުމުގެ މަސައްކަތްޕުޅުވެސް ކުރައްވާފައެވެ.

 ރަސްގެފާން ޗާލްސްއާ ބެހޭ ގޮތުން މާ ޢާންމު ގޮތެއްގައި އަޑު އިވިފައި ނުވާ ވާހަކަތަކުގެ ލިސްޓެއް ލިޔަމުން ދާ އިރު، އެއީ ތިމާވެށީގެ ހިމާޔަތަށް ކެމްޕޭން ކުރައްވާ އެކްޓިވެސްޓެއް ކަން ފާހަގަ ނުކޮށް ދޫކޮށްލުމަކީ ހަމަ ޔަޤީނުންވެސް ބޭއިންސާފަކަށް ވާނެއެވެ. ޗާލްސްއަކީ ބޭރުތެރޭގެ މާޙައުލަށް އިންތިހާއަށް ލޯބި ކުރައްވާ ބޭފުޅެކެވެ. ޗާލްސްގެ ރަސްމީ އޮފީހުން 2020 ވަނަ އަހަރު ހާމަ ކޮށްފައި ވާ ގޮތުގައި، ޗާލްސް ގަހެއް އިންދެވުމަށްފަހު، އެ ގަހުގެ ގޮފިގަނޑަކާ ސަލާމްވެސް ކުރައްވައެވެ.

އަރިސް ބޭބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި ރަސްގެފާނު ޗާލްސްއަކީ ޝާހީ ގެތަކުގައި ހައްދާފައިވާ ބަގީޗާތަކުގެ ތެރޭގައި ހިންގަވަން ލޯބިކުރައްވާ ބޭފުޅެކެވެ.

ރަސްގެފާން ޗާލްސްގެ ޙަޔާތްޕުޅުން ފާހަގަ ކުރެވޭ އަނެއް ކަމަކީ، ކުޑަކުދިންނަށް ޚާއްސަ ކުރައްވައިގެން ފޮތް ލިޔުއްވިކަމެވެ. ކޮއްކޯފުޅުން ކަމުގައި ވާ އެންޑްރޫއާއި އެޑްވަރޑް މުނިފޫހިފިލުއްވާދެއްވުމުގެ ގޮތުން ޗާލްސް ވަނީ 1980 ވަނަ އަހަރު ފޮތެއް ލިޔުއްވާ، ޝާޢިޢު ކުރައްވާފައެވެ. އެ ފޮތުގައި ވަނީ، ދޮށީ ޢުމުރުގެ މީހެއްގެ އާދަޔާ ޚިލާފު ތަޖުރިބާތަކުގެ ވާހަކައެވެ. ބެލްމޮރަލް ކާސަލް ސަރަޙައްދުގައި ހިނގާދާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ފޮތް ލިޔުއްވިއިރު، ޗާލްސް ކުރައްސަވާފައިވާ ބައެއް ކުރެހުންތަކުންވެސް ފެންނަނީ އެ މަންޒަރުތަކެވެ. ފެން ކުލަ ބޭނުންކުރައްވައިގެން ޗާލްސް ކުރައްސަވާފައިވާ ކުރެހުންތައް މަޢުރަޒުތަކުގައި ދައްކާލައްވަމުން ގެންދަވާތާ މިހާރު ބައި ޤަރުނުވެއްޖެއެވެ.

އެންމެ އިހު ޒަމާނުއްސުރެ ކިޔަމުންދާ ވާހަކަތަކާއި ބަލަމުންދާ ފިލްމުތަކާއި ކަރޓޫންތަކުގައި، ޝާހީ ބޭބޭފުޅުންނަކީ ބޮޑެތި ޖާފަތްތަކަށް ލޯބިކުރައްވާ ބައެއް ކަމަށް ސިފަކޮށްދީފައި ވީ ނަމަވެސް، ފަރީއްކުޅުއްވުމުގައިވެސް ރަސްގެފާނު ޗާލްސްއަކީ ތަފާތު ބޭފުޅެކެވެ. ޚަބަރު ލިބޭ ގޮތުގައި ޗާލްސްއަކީ މެންދުރުގެ ކޭން ބައްލަވާ ބޭފުޅެއް ނޫނެވެ. ރަސްގެފާނު ޗާލްސް އެންމެ ގަޔާވެވަޑައިގަންނަވަނީ ކިރާއި މާމުޔާއެކު ޑަރޖީލިންގް ސައިފޮދު ހޮތްޕެވުމަށެވެ.

އިނގިރޭސިވިލާތުގެ ތާރީޚުގައި ރެކޯޑް މުއްދަތަކަށް އެ ޤައުމުގެ ރަނިކަން ކުރެއްވި މަންމާފުޅު އެލިޒަމަތު ދޭއް މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 8 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެން ރަސްކަމަށް އިސްކުރެވިފައި ވާ ރަސްގެފާނު ޗާލްސް، ރަސްކަމުގެ ރަސްމީ ހުވާ، ޝާހީ އެންމެ މަތީ ޢިއްޒަތުގައި ކުރައްވާނީ މެއި މަހުގެ 6 ވަނަ ދުވަހުއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ ލީޑަރުންނާއި ސިޔާސީ ބޭބޭފުޅުން، އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
33%
67%
ކޮމެންޓް