Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ދިވެހިރާއްޖެ

ތައްޓެއްގެ ތެރޭގައި އޮތް ތިން ކްރޮސާންޓް

އިނގިރޭސިވިލާތުގައި ލޯންޗް ކުރައްވަން ވަޑައިގެންނެވި ފްރޮމް މޯލްޑިވްސް ބްރޭންޑް އަމިއްލަފުޅަށް ލޯންޗް ކުރެއްވި ތަނުގައިވެސް އިނގިރޭސި ސަރުކާރުގެ އިސް ބޭފުޅަކު ބައިވެރިވެ ވަޑައިގެންނެވި މަންޒަރެއްވެސް ނުފެނުނެވެ. ބިޒްނަސް ފޯރަމްވެސް ދިޔައީ މިކަހަލަ ގޮތަކަށެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 19 ޖުލައި 2025 | ހޮނިހިރު 12:05
ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އެއަރޕޯޓުގައި ރައީސްއަށް ދެންނެވި މަރުހަބާ

ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އެއަރޕޯޓުގައި ރައީސްއަށް ދެންނެވި މަރުހަބާ

ދިވެހިރާއްޖެއަކީ މުޅި ދުނިޔޭގައިވެސް މަގްބޫލް މަންޒިލެކެވެ. މީހުން ލޯބިވާ، ގަޔާވާވެސް މަންޒިލެކެވެ. ކިތަންމެ ގޮތަކުންނެވެ. ދިވެހިރާއްޖޭގެ ގުދްރަތީ ރީތިކަމާއި، ދިވެހިންގެ ހިތްހެޔޮ ކަމާއި، ހިނިތުންވުމަކީވެސް މިދެންނެވި ސަބަބު ތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ކަން މިހެން އޮތުމާއެކު ދިވެހިންނާއި، ދިވެހި ސަރުކާރުގެ ވެރިންނާއި، ހާއްސަކޮށް ދިވެހިރާއްޖޭގެ ރައީސުންނަކީވެސް ދުނިޔޭގެ ކުރިމަތީގައި އިހްތިރާމް ކުރެވޭ، ކަމޭ ހިތޭ ބައެކެވެ. ރާއްޖޭގެ ތާރީހަށް ބަލާނަމަ އަމީން ދީދީގެ ދުވަސްވަރުން ފެށިގެން ދާދި މިދާކަށް ދުވަހާ ހަމައަށްވެސް ރާއްޖޭގެ ރައީސުން ބޭރު ގައުމުތަކަށް ކުރައްވާފައިވާ ދަތުރުފުޅުތަކުން ފެންނަމުން ދިޔައީ މި މަންޒަރު ތަކެވެ. ރާއްޖޭގެ ރައީސުން ގައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކަކީ އެތަންތަނުގެ މީޑިއާ ތަކުގެ ސަމާލުކަމަށްވެސް އަންނަ ދަތުރުފުޅުތަކެކެވެ.

ނަމަވެސް މި ފަހަކަށް އައިސް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރާއްޖެއިން ބޭރަށް ކުރައްވަމުން ގެންދަވާ ގިނަގުނަ ދަތުރުފުޅު ތަކުން މިދެންނެވި ކަހަލަ މަންޒަރެއް ފެންނަމުން ނުދާ ވާހަކައަކީ ކަންބޮޑުވުމާއި ހިތާމައާއެކު ގިނަ ބަޔަކު ދައްކާ ވާހަކައެކެވެ.

އެންމެ ފަހުން ރައީސް މުއިއްޒު އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅުގެ މަންޒަރުތަކުން ގިނަ ދިވެހިންނަށް ހަމަ ހަގީގަތުގައިވެސް ވަރަށް ބޮޑު އަސަރެއް ކުރުވައިފިއެވެ. ފުރާ ވަޑައިގަތީ ރަސްމީ ދަތުރުފުޅަކަށެވެ. އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ގެންދެވިއެވެ. މިއީ އެމަނިކުފާނު އިނގިރޭސި ވިލާތަށް ކުރެއްވި ހަތަރުވަނަ ދަތުރުފުޅެވެ. ގިނަ ބަޔަކު ހީކުރީ މިދިޔަ ދޮޅު އަހަރު ތެރޭގައި ކުރެއްވި 23 ދަތުރުފުޅުން މާ ބޮޑު އެއްޗެއް ހާސިލްނުވި ނަމަވެސް މިފަހަރު ތަފާތު ވާނެ ކަމަށެވެ. ސަބަބަކީ ޗާގޯސް ގެ މައްސަލައާއި، ރާއްޖެއިން އެކްސްޕޯޓް ކުރާ ކަނޑުމަހުގެ ޑިއުޓީ ކަނޑާލުމުގެ މައްސަލަ ފަދަ ކަންކަމުގެ ވާހަކަ ސަރުކާރުން އަނގަ ނުޖެހި ދައްކަމުން ދިއުމާއި، އިނގިރޭސި ވިލާތަށް ވަޑައިގެން ފްރޮމް މޯލްޑިވްސް ބްރޭންޑް ލޯންޗް ކުރައްވަން ނިންމަވާފައި އޮތުމާއި، ސަރުކާރުގެ ފަރާތުން އިނގިރޭސި ވިލާތުގައި ބިޒްނަސް ފޯރަމްއެއް ބާއްވަވަންވެސް ނިންމަވާފައި އޮތުމެވެ.

އިނގިރޭސިވިލާތަށް ވަޑައިގެންނެވި ހިސާބުން ފަށަމާތޯއެވެ. މަރުހަބާ ވިދާޅުވީ އިނގިރޭސިވިލާތުގައި ހުންނަ ދިވެހި އެމްބަސީގެ ބޭފުޅުންނެވެ. ރައީސް އޮފީހުން އާންމުކޮށްފައިހުރި އެރައިވަލް ފޮޓޯފުޅުތަކުގައި ރައީސް އިންނެވި މޭޒުކޮޅުމަތިން ފެނުނީ އިންތިހާ ނިކަމެތި ކަމެވެ. ލަދުވެތި ކަމެވެ. މޭޒުކޮޅު މަތީގައިހުރި ތައްޓެއްގެ ތެރޭގައި ތިން ކްރޮސާންޓް ފެންނަން އޮތެވެ. ފެންފޮދެއްހާ ހިސާބުވެސް މޭޒުކޮޅު މައްޗަކު ނެތެވެ. މި މަންޒަރު ފެނުނު މީހަކު ދެރަ ނުވާނެތޯއެވެ؟

ދެން އޮތީ ރަސްމީ މަސައްކަތްޕުޅުގެ ވާހަކައެވެ. އިނގިރޭސި ވިލާތުގެ ހައުސް އޮފް ކޮމަންސްގެ ސްޕީކަރ ރައީސް ގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވި ކަމަށް ބުނެއެވެ. އެކަމަކު ފެނުނީ ރައީސް މުއިއްޒު އެތަނަށް ވަޑައިގެންނެވި ތަނެވެ. އާންމުކޮށް ގައުމުތަކުގެ ރައީސުން އިނގިރޭސި ވިލާތަށް ކުރައްވާ ދަތުރުފުޅުތަކުގައި ހައުސް އޮފް ކޮމަންސްގައި ތަގުރީރު ކުރެއްވުމުގެ ފުރުސަތު ލިބޭ ނަމަވެސް އެ ފުރުސަތެއްވެސް ރައީސް މުއިއްޒަކަށް ލިބިވަޑައެއް ނުގަތެވެ. ހާޒިރުވެ ވަޑައިގެން އިންނެވީވެސް ކޮމިޓީއަކަށެވެ. އެއީ ރާއްޖޭގެ ކަންކަމާ ގުޅޭ ގޮތުން ހަދާފައި އޮންނަ ކޮމިޓީ އެކެވެ. ރައީސް އޮފީހުން އާންމުކޮށްފައިވާ ކޮމިޓީގެ ފޮޓޯ ތަކުންވެސް ފެންނަނީ ހިތްދަތި މަންޒަރުތަކެކެވެ. ރައީސް އިށީނދެ ވަޑައިގެން އިންނެވިއިރު ފައިންޕުޅު ކައިރީގައި ކަރަންޓު ވާގަނޑެއް ފެންނަން އޮވެއެވެ. ކުރިމަތީގައި ފެންނަންހުރީ ސްޓޭންޑް ފަންކާއެކެވެ.

ދަތުރުފުޅު ނިންމަވާލެއްވިއިރުވެސް އިނގިރޭސި ސަރުކާރުގެ އެންމެ މަތީ ވެރިޔާ އާ ބައްދަލުވީ ތަނެއް ނުފެނުނެވެ. ރަސްގެފާނާ ބައްދަލުވީއިރުވެސް ފެނުނީ ކޮޅަށް ތިއްބެވިތަނެވެ. ތަނެއްގައި އިށީނދެވަޑައިގެން ތިއްބަވައިގެން ރަނގަޅު ބައްދަލުވުމެއް ކުރިއަށް ގެންދެވި މަންޒަރެއް ނުފެނުނެވެ.

އިނގިރޭސިވިލާތުގައި ލޯންޗް ކުރައްވަން ވަޑައިގެންނެވި ފްރޮމް މޯލްޑިވްސް ބްރޭންޑް އަމިއްލަފުޅަށް ލޯންޗް ކުރެއްވި ތަނުގައިވެސް އިނގިރޭސި ސަރުކާރުގެ އިސް ބޭފުޅަކު ބައިވެރިވެ ވަޑައިގެންނެވި މަންޒަރެއްވެސް ނުފެނުނެވެ. ބިޒްނަސް ފޯރަމްވެސް ދިޔައީ މިކަހަލަ ގޮތަކަށެވެ.

މި ހުރިހާ ކަމަކަށްވުރެ ހައިރާންކުރުވި އަދި ހިތްދަތި ކުރުވި އަނެއް ކަމަކީ ރައީސްގެ މި ދަތުރުފުޅާ ގުޅޭ އެއްވެސް ޚަބަރެއް އިނގިރޭސި ވިލާތުގެ އެއްވެސް ނޫހެއްގައި ޖަހައިނުލި ތަނުގައި މީގެން އެއްވެސް ތަނަކުންވެސް އިނގިރޭސި ނޫސްވެރިއަކުވެސް ރައީސް އާ ސުވާލެއްވެސް ކޮށްނުލެއްވި ކަމެވެ. ދަތުރުފުޅުން އެއްޗެއް ލިބިވަޑައިނުގަން ތަނުގައި އަޅުގަނޑުމެންގެ ރައީސްގެ ޚަބަރު ގަނޑެއްވެސް އިނގިރޭސި ނޫހެއްގައި ޖަހައިނުލިކަން އެއީ ދިވެހިން ދެރަ ނުވާނެ ކަމެއްތޯއެވެ. ހިތަށް އަރައެވެ. މިއީ ހަމަ އިނގިރޭސި ވިލާތަށް ޒިޔާރަތްކުރައްވާ ހުރިހާ ގައުމުތަކެއްގެ ރައީސުންނާ މެދުވެސް އިނގިރޭސި ސަރުކާރުން އަމަލުކުރާ ގޮތް ބާވައެވެ؟ އެކަމަކު ކަން އޮތީ އެހެންނެއް ނޫނެއް ނޫންތޯއެވެ؟ އިނގިރޭސި ވިލާތަށް އެންމެ ފަހުން ވަޑައިގަތް އެއް ބޭފުޅަކީ ޔޫކްރެއިންގެ ރައީސް ޒެލެންސްކީއެވެ. މަރްހަބާ ދެންނެވީ ވަލީއަހުދާއި އަނބިކަނބަލުންނެވެ. ދެން ވަޑައިގެންނެވި އަނެއް ބޭފުޅަކީ ފްރާންސްގެ ރައީސްއެވެ. ހައުސް އޮފް ކޮމަންސްގައި ތަގުރީރުވެސް ކުރެއްވިއެވެ.

ވީއިރު، އަޅުގަނޑުމެންގެ ރައީސްއާ މެދު މިހާ ދެރަވަރުކޮށް ކަންކަން މި ހުންނަނީ ކީއްވެގެންތޯ ސުވާލު ނުކުރެވެންވީ ސަބަބެއް އެބައޮތްތޯއެވެ؟ އެކަމާ ކަންބޮޑު ނުވާންވީ ސަބަބެއް އެބަ އޮތްތޯއެވެ؟ ދެރަވެ ހައިރާން ނުވާންވީ ސަބަބެއް އެބަ އޮތްތޯއެވެ؟ ހަތަރު ފަހަރު އިނގިރޭސި ވިލާތަށް ވަޑައިގެންނެވި އިރުވެސް މި ފެނުނީ ދާދި އެއްކަހަލަ މަންޒަރުތަކެކެވެ. މީހަކު ބުނެފާނެއެވެ. އިނގިރޭސި ސަރުކާރުން ދައުވަތު ނުދެނީސް އަމިއްލަފުޅަށް ރަސްމީ ދަތުރުތައް ހައްދަވައިގެން ވަޑައިގެން އުޅުއްވަންޏާ ވާނީވެސް އެކަހަލަ ގޮތެކެވެ.

އެކަމަކު ގަބޫލްފުޅު ކުރައްވާށެވެ. ރައީސް މުއިއްޒަކީ އަޅުގަނޑުމެންގެ ރައީސްއެވެ. މި ފަހުރުވެރި ދިވެހިރާއްޖޭގެ ރައީސްއެވެ. އެ މަނިކުފާނުގެ ދަތުރުފުޅު ތަކަކީ އިނގިރޭސި ވިލާތުގައި މާ ބޮޑު ސަމާލުކަމެއްނެތް، މާ ބޮޑު އަޅާލުމެއްނެތް ދަތުރުފުޅު ތަކަކަށް ވުމުން އަޅުގަނޑުމެން އެންމެންވެސް އެކަމުގެ ލަދުގަންނަން ޖެހެއެވެ. މީހުން އެ ބުނަނީ ރަނގަޅަށެވެ. މި ފެނުނު މަންޒަރު ތަކުން ދެރަވެ ހިތްފަޅައިގެން ދާހާ ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!

ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!

20 ޖޫން 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017
 ހުސްގަޔާ ރުކަށް އަރާއޮތް ރާވެރިބެ ކޯޓް ފަޓްލޫނުގައި ކައުންސިލަށް!

ހުސްގަޔާ ރުކަށް އަރާއޮތް ރާވެރިބެ ކޯޓް ފަޓްލޫނުގައި ކައުންސިލަށް!

05 ޖޫން 2017
އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟

އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟

31 މެއި 2017
ތިންބާރު ވަކިވުމުން ކަން ހިނގާގޮތް އޮޅިއްޖެއެވެ!

ތިންބާރު ވަކިވުމުން ކަން ހިނގާގޮތް އޮޅިއްޖެއެވެ!

23 މެއި 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު