Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު

އާއިލާއެއްގެ ލޯތްބާއި، މުޖުތަމައެއްގެ އޯގާތެރިކަން ނެތި ހަޔާތެއް: މިމީހުންނަށް މިނޫންގޮތެއް ހަމަ ނެތީބާ!

18 އެޕްރީލު 2023 | އަންގާރަ 08:34

މަރުކަޒުގައި މިވަގުތުވެސް 201 މީހުން ބަލަހައްޓާ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 18 އެޕްރީލު 2023 | އަންގާރަ 08:34
ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބި ބައެއް މީހުން

ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބި ބައެއް މީހުން

މިތަނަށް މިއަހަރު ފުރޭނީ 47 އަހަރެވެ. މިހިޔާވަހިކަމުގެ ދަށުގައި އެކަކު ގުނަމުން އެދަނީ އޭނާގެ ހަޔާތުން 40 ވަނަ އަހަރެވެ. މިތަނުގައި މީހަކު ނެތް ރާއްޖޭގެ ހަމަ އެއްވެސް އަތޮޅެއް ނެތެވެ. ތަނުގެ ޖާގައަކީ 160 އެވެ. އެކަމަކު އަބަދުވެސް މިތަނުގައި ދުއިސައްތައެއްހާ މީހުން ތިބެއެވެ. މިވަގުތުވެސް މިތަނުގައި 201 މީހުން އެބަތިއްބެވެ. ތަނުގައި ތިބި މީހުންނަށްވުރެ ހާލަތު ގޯސް މީހުން ހިމެނޭ ގޮތަށް ކިޔޫގައި ދިގު ލިސްޓެއް އެބައޮތެވެ. މިއީ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒެވެ. ކ.ގުރައިދޫގައި ޤާއިމްކޮށް ޚިދުމަތް ދެމުންދާ މަރުކަޒުގެ އުމުރުން ކޮންމެ އަހަރެއް ނިމިގެންދާއިރުވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޢާއްމު ހާލަތުގައި އެހެން މީހުން ދިރިއުޅޭފަދައިން އުޅެވޭނެފަދަ ބަޔަކު ހަތަރުފާރު ތެރޭގައި ބަލަހައްޓަން ޖެހުމެވެ. އަދި އޭގެ ސަބަބުން ހާލަތު ގޯސް ބަޔަކަށް ފުރުޞަތު ނުދެވި މަޑުކުރަން ޖެހުމެވެ.

މިއާއެކު ފާހަގަކޮށްލަން ޖެހޭކަމަކީ މަރުކަޒުގައި ތިބި މީހުންނަށްވުރެ މާހާލަތު ގޯސް މީހުން އާއިލާތަކުގެ ލޯތްބާއި އޯގާތެރިކަމުގެ ހިޔާވަހިކަމުގެ ދަށުގައިވެސް ތިބިކަމެވެ. އެތަކެއް އަހަރު އެފަދަ މީހުން ލޯތްބާއެކު ބަލަމުންދާ އާއިލާތައް ތިބިކަމެވެ. އޭގެތެރޭގައި މާ ބުރަކޮށް, އެކަނި ދިރިއުޅެމުންދާ ފަރާތްތައްވެސް ހިމެނެއެވެ.

މިދިޔަ އަހަރު ތަކުގެ ތެރޭގައި އެމަރުކަޒަށް އައި އެންމެބޮޑު އެއް ބަދަލަކީ ކުރިން އެއީ ވަންނާނެ ގެދޮރެއް ބަލާނެ މީހަކު ނެތް ބަޔަކު ބަލަހައްޓަމުން ދިޔަ މަރުކަޒެއް ނަމަވެސް, ބަލާނެ މީހުން ތިބެ, ވަންނާނެ ގެދޮރު ހުރެ ނަމަވެސް ނަފްސާނީ ބަލީގެ ގޮތުން މުޖުތަމައުގެ ތެރޭގައި ގެންގުޅެން ދަތިވެގެން "ވަގުތީ" ގޮތުން މީހުން ގެންގޮސް ބަލަހައްޓާ މަރުކަޒަކަށް ވުމެވެ.

ވަންނާނެ ގެދޮރެއް ނެތް, ބަލާނެ މީހަކު ނެތް މީހުން މަރުކަޒުގައި ތިބި ނަމަވެސް ގިނަ މީހުންނަކީ ހޮސްޕިޓަލަކުން ނުވަތަ ސެންޓަރ ފޮރ މެންޓަލް ހެލްތުން ޑޮކްޓަރެއް ރިޕޯރޓް ކުރައްވައިގެން ބޭސްފަރުވާކޮށް ފަސޭހަވުމުން އަނެއްކާވެސް އަނބުރާ މުޖުތަމައުއަށް ބަދަލުކުރަން ގެންދާ މީހުންނެވެ. ނަމަވެސް އަނބުރާ މުޖުތަމައުއަށް ބަދަލުކުރުމަކީވެސް ފަސޭހަކަމެއްނޫނެވެ. ވަގުތީ ގޮތުން ގެންދެވޭ މީހުން ދާއިމީވެ, އަހަރުތަކެއް ވަންދެން ދައުލަތުން ބަލަހައްޓަން ޖެހުމަކީ ބޮޑު ގޮންޖެހުމެކެވެ. 25 އަހަރު, 20 އަހަރު, 15 އަހަރު ދައުލަތުގެ ބެލުމުގެ ދަށުގައި ގުރައިދޫ މަރުކަޒުގެ ހަތަރު ފާރުގެ އެތެރޭގައި ބަލަހައްޓަން ޖެހުމަކީ މުޖުތަމައެއްގެ ގޮތުން އެންމެންވެސް ވިސްނާލަން ޖެހޭކަމެކެވެ. ވަކިން ޚާއްޞަކޮށް އެމީހުންގެ އާއިލާތަކުން އިތުރަށް ވިސްނާ އެމީހުންނަށް މުޖުތަމައުގެ ތެރޭގައި އާއިލާއާއެކު އުޅެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމެކެވެ. އާއިލާއާއި މުޖުތަމައުގެ ލޯތްބާއި އޯގާތެރިކަމުން އެމީހުން މަހުރޫމްވެފައިވާ ދުވަސްތައް އަނބުރާ ހޯދައި ނުދެވުނަސް, ބާކީ އޮތް ދުވަސްތަކުގައި އެލޯބި ދެވޭނެ ގޮތްތަކެއް ހޯދަން ޖެހިފައިވާ ކަމެކެވެ.

މީގެ ބާރަ ވަރަކަށް އަހަރު ކުރިން ނޫސްވެރިއެއްގެ ގޮތުގައި އެމަރުކަޒަށް ތަކުރާރުކޮށް ޒިޔާރަތްކުރުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނެވެ. އަހަރުތަކެއް ފަހުން ލިބުނު ފުރުޞަތެއްގައި އެމަރުކަޒަށް ޒިޔާރަތްކުރިއިރުވެސް އެއް މޫނުތަކެއް ބައްދަލުކުރިއެވެ. ފެނުމުން ކައިރިއަށް އައިސް ވާހަކަ ދައްކައެވެ. ގެއަށްދާން ބޭނުންކަމަށް ބުނެއެވެ. އާއިލާ މީހުން ކައިރީ ބަލާ އައިސްދިނުމަށް އެދެއެވެ. އާއިލާ މީހުން ޒިޔާރަތްކުރި ނަމަވެސް ގެއަށް ނުގެންދާކަމުގެ ޝަކުވާ ކުރެއެވެ. ވަޒީފާ އަދާކުރަން ބޭނުންވާކަން ހާމަކުރެއެވެ. ރިސޯރޓަށް ދާން ބޭނުންވާކަމަށް ބުނެއެވެ. މީހަކާ އިންނަން ބޭނުންވާ ވާހަކަވެސް ހިއްސާކުރެއެވެ. ދަރިން ކައިރި އުޅެން ބޭނުންވާހަކަ ބުނެއެވެ. މިއީ އަޅުގަނޑުމެން ފަދައިން މުޖުތަމައުގެ ތެރޭގައި އާއިލާއާއެކު ދިރިއުޅެވޭނަފަދަ ބައެއްގެ ވާހަކައެވެ. އެފަދަ ބައެއްގެ އަޑުތަކެވެ. އެމީހުން އެތަނުގެ ތެރޭގައި ދަނޑު ހައްދައެވެ. ބަންގި ގޮވުމުން ވުޟޫކޮށްގެން މިސްކިތަށް އަރާ ނަމާދުކުރެއެވެ. މިސްކިތަށް ދިއުމަށް ދައުވަތުދެއެވެ. މަރުކަޒުގެ ގޯތިތެރޭގައި ކޮޅުކޮޅަށް ހިނގާ, ޖޯލިފަތިތަކުގައި އިށީނދެ ހަރަކާތްތެރިވަމުން ދިޔައިރު އަޅުގަނޑުގެ ހިތަށް އަރަމުން ދިޔަ ސުވާލަކީ އެމީހުންގެ އުމުރުގެ ބާކީބައިވެސް ހޭދަކުރާނީ މިހަތަރު ފާރުގެ ތެރޭގައިތޯއެވެ. ޔަޤީނުންވެސް އެމީހުންގެ ކޮންމެ ހަރަކާތަކުން, އެމީހުންގެ ކޮންމެ ސުވާލަކުން, އެމީހުންގެ ކޮންމެ އިޝާރާތަކުން ބުނެދެނީ އެމީހުންނަކީ ޢާއްމު ދިރިއުޅުމެއް އުޅެވިދާނެ ބައެއްކަމެވެ. ލޯތްބާއި އޯގާތެރިކަމާއެކު މިނިވަން އުފާވެރި މުޖުމަތައުއެއްގެ ތެރޭގައި އުޅެން ބޭނުންވާކަމެވެ.

މިނިސްޓަރ އޮފް ޖެންޑަރ, ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން މައުލޫމާތުދެއްވި ގޮތުގައި މުޖުތަމައުގެ ތެރޭގައި ދިރުއުޅެވޭނެ ހާލަތުގައި ތިބި 23 މީހުން މިވަގުތުވެސް އެބަތިއްބެވެ. އެކަމަކު އެމީހުން ދޫކޮށްލި ނަމަވެސް ހަވާލުވާނެ އާއިލާއެއް ނެތުމުން ދިރިއުޅެމުން އެދަނީ އެމާހައުލުގައެވެ. އެމީހުން އެތިބީ އާއިލާއިން ހަވާލުވާނެ ވަގުތެއްގެ އިންތިޒާރުގައެވެ.

ވަގުތީ ގޮތުން ގެންދެވޭ މީހުން މުޖުތަމައުގެ ތެރޭގައި އުޅެވޭފަދަ ހާލަތަކަށް ބަދަލުވުމުން އަނބުރާ މުޖުތަމައުއަށް ގެންދިއުމުގައި މިދިޔަ ދެތިން އަހަރެއްގެ ތެރޭގައި ކުރިއެރުންތަކެއް ލިބިފައިވާކަންވެސް މިނިސްޓަރު އައިޝަތު މުޙައްމަދު ދީދީ ފާހަގަކުރެއްވިއެވެ. އެގޮތުން 2020 ވަނަ އަހަރު 16 މީހުން, 2021 ވަނަ އަހަރު 14 މީހުން, 2022 ވަނަ އަހަރު 20 މީހުން އަދި މިއަހަރުގެ މިހާތަނަށް 8 މީހުން ވަނީ އަނބުރާ މުޖުތަމައުއަށް ބަދަލުކޮށްފައެވެ. އާއިލާތަކުން ހަވާލުވެފައެވެ. މާނައަކީ އާއިލާތަކުން ނުވަތަ މުޖުތަމައުއިން ބަލައިގަން މިންވަރަށް ބަދަލުތަކެއް އަންނަމުން ދިއުމެވެ. ވަކިން ޚާއްޞަކޮށް ގުރައިދޫގެ ރައްޔިތުން މަރުކަޒުގައި ތިބި މީހުން ބަލައިގަންނަ މިންވަރު ވަރަށްބޮޑުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކޮންމެ މުޖުތަމައުއެއް, ކޮންމެ އާއިލާއެއް ވާންވީ ޚާއްޞަ އެހީތެރިކަން ބޭނުންވާ މީހުން ބަލައިގަން މުޖުތަމައުއަކަށް, އާއިލާއަކަށެވެ. ލޯތްބާއެކު އެމީހުންނަށް އަޅާލާ, ފަރުވާ ދީގެން ޢާއްމު ދިރިއުޅުމެއް ހޯދައިދޭން މަސައްކަތްކުރާ ފަރުދަކަށެވެ. ޚާއްޞަކޮށް އެފަދަ އެހީތެރިކަމަށް ބޭނުންވާ މީހުން ތިބި އާއިލާތަކުން މިނިސްޓްރީއާ އިތުރަށް ވާހަކަ ދައްކައިގެން ބޭނުންވާ އެހީތެރިކަން ހޯދައިގެން އާއިލާގެ ތެރޭގައި އާއިލާގެ ހަމަ ކޮންމެ މެންބަރަކު ގެންގުޅެވޭނެ މަގެއް ހޯދައިގެން ނޫނީ މިކަމަށް ހަޤީޤީ ފަރުވާއެއް ނެތެވެ.

އިތުރަށް ކިޔާލަން

30 ޖޫން 2018

އަދުލްއިންސާފު ނެތި ގައުމު ފާލުން ނެއްޓުން!

30 ޖޫން 2018
އަދުލްއިންސާފު ނެތި ގައުމު ފާލުން ނެއްޓުން!
28 މެއި 2018

ޑަޗަސް މޭގަން: ޝާހީ އާއިލާއެއްގެ ބޭފުޅަކާ ކައިވެނި ބެއްލެވި ފުރަތަމަ ހޮލީވުޑްގެ ތަރިއެއް ނޫން!

28 މެއި 2018
ޑަޗަސް މޭގަން: ޝާހީ އާއިލާއެއްގެ ބޭފުޅަކާ ކައިވެނި ބެއްލެވި ފުރަތަމަ ހޮލީވުޑްގެ ތަރިއެއް ނޫން!
11 ޑިސެމްބަރު 2017

ޕޯލާ ބެއާގެ ނަސްލު ނެތިގެންދަނީ، މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވަން ޖެހޭ

11 ޑިސެމްބަރު 2017
ޕޯލާ ބެއާގެ ނަސްލު ނެތިގެންދަނީ، މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވަން ޖެހޭ
04 ނޮވެމްބަރު 2017

ދެން އެނޫން ގޮތެއް ނެތިގެން ހާމަކުރި އެއްމިލިއަން ޑޮލަރު!

04 ނޮވެމްބަރު 2017
ދެން އެނޫން ގޮތެއް ނެތިގެން ހާމަކުރި އެއްމިލިއަން ޑޮލަރު!
07 ސެޕްޓެމްބަރު 2017

ނިސްބަތްވާނެ ގައުމެއްނެތި ރޮހިންޖާ މުސްލިމުން ބިކަވެފައި

07 ސެޕްޓެމްބަރު 2017
ނިސްބަތްވާނެ ގައުމެއްނެތި ރޮހިންޖާ މުސްލިމުން ބިކަވެފައި
24 ޖުލައި 2017

ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!

24 ޖުލައި 2017
ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!
01 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!
06 މާރިޗު 2017

ސައުދީ ރަސްގެފާނަށް ފާޑުކިޔުމަކީ، އިސްލާމް ދީނުގެ އުސޫލުތައް ނެތިކޮށްލުންތަ؟

06 މާރިޗު 2017
ސައުދީ ރަސްގެފާނަށް ފާޑުކިޔުމަކީ، އިސްލާމް ދީނުގެ އުސޫލުތައް ނެތިކޮށްލުންތަ؟
12 ފެބުރުއަރީ 2017

އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!

12 ފެބުރުއަރީ 2017
އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!
07 ފެބުރުއަރީ 2017

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް