ކ. މާލެ
|
15 އޭޕްރިލް 2023 | ހޮނިހިރު 17:22
ވެލެންސިޔާއާއި ސަސް ވާދަކުރި މެޗުގެ ތެރެއިން، ގިނައީ ޅަ ކުޅުންތެރިން
ވެލެންސިޔާއާއި ސަސް ވާދަކުރި މެޗުގެ ތެރެއިން، ގިނައީ ޅަ ކުޅުންތެރިން
އެފްއޭއެމް
ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު
އެންމެ ޝަރަފްވެރި މުބާރާތް "ޕްރީ ސީޒަން" މުބާރާތަކަށް!
 
ހަތަރު ޓީމް ނިކުތީ ހަފްތާއަކަށްވުރެވެސް މަދު ޕްރެކްޓިސްގައި
 
ފުރަތަމަ ޑިވިޝަންގެ ދެ ޓީމް ވާދަ ނުކުރޭ

ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅަށް ނިސްބަތްވާ ޤައުމީ މުބާރާތް ނުވަތަ ޕްރެޒިޑެންޓް ކަޕަކީ އަބަދުވެސް އެންމެ ޝަރަފްވެރި މުބާރާތެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅެވޭ މުބާރާތުގެ ގޮތުގައި ދެމިގެން އައި މުބާރާތެވެ. ކުރިން ސީޒަންގެ އެންމެ ފަހަށް އޮތް އެމުބާރާތް މިދިޔަ ސީޒަނާއި މިސީޒަންގައި ވެފައިވަނީ ފުރަތަމަ މުބާރާތަށެވެ.

ހަތް މަހަށްވުރެ ގިނަ ދުވަހަށްފަހު އެޝަރަފްވެރި މުބާރާތުން ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާފައިވާއިރު ފެންނަން އޮތީ ރާއްޖޭގެ ފުޓްބޯޅަ އޮތް 'ނިކަމެތި" ހާލަތެވެ. އެމުބާރާތުން ބުނެދެނީ ރާއްޖޭގެ ކްލަބްތައް ވެއްޓިފައިވާ ހާލަތެވެ. ރާއްޖޭގެ އެއްވަނަ ކުޅިވަރުގެ ވަރަ ބިނދިފައިވާ މިންވަރެވެ. ފުރަތަމަ ޑިވިޝަންގެ އަށް ކްލަބްގެ ތެރެއިން ދެ ކްލަބް މުބާރާތުގައި ވާދަނުކުރެއެވެ. ޓީމެއް އެކުލަވާނުލެވޭތީއެވެ. ޕްރެކްޓިސް ނުފެށޭތީއެވެ. ފެށޭނެ ފަދަ މާލީ ހާލަތެއްވެސް ނެތަތީއެވެ. މުބާރާތުގައި ވާދަކުރާ ހަ ޓީމްގެ ތެރެއިން ހަތަރު ޓީމް ޕްރެކްޓިސް ފެށިތާ ހަފްތާއެއް ނުވެއެވެ. ބައެއް ކްލަބްތައް ކުރީ ދެ ޕްރެކްޓިސްއެވެ. މިހާލަތަށް ރާއްޖޭގެ އެއްވަނަ ކުޅިވަރު ގޮސްދާނެކަމަށް ޤަބޫލުކުރަން ފަސޭހައެއްވެސް ނޫނެވެ. އެކަމަކު މިއީ މިއަދުގެ ހަޤީޤަތެވެ.

މިހަޤީޤަތުގެ ތެރެއިން ދެން ފެންނަން އޮތްކަމަކީ މުބާރާތުގައި ވާދަކުރާ ހަ ޓީމްގެ ތެރެއިން ހަތަރު ޓީމަކަށް މިޝަރަފްވެރި މުބާރާތް ޕްރީ ސީޒަން މުބާރާތަކަށް ވުމެވެ. ސީޒަންގެ ފުރަތަމަ މުބާރާތް ސީޒަަނަށް ތައްޔާރުވާ މުބާރާތަށް ވުމެވެ. މާނައަކީ އެކްލަބްތަކަށް ސީޒަން ފެށެނީ ދިވެހި ޕްރިމިއަރ ލީގުންނެވެ. އެއަށްފަހު އެކްލަބްތަކަށް އޮންނާނީ އެފްއޭކަޕެވެ. އެހިސާބުން ނިމުނީއެވެ.

ސުޕަރ ޔުނައިޓެޑް ސްޕޯރޓްސް (ސަސް) ގެ ކޯޗު އިސްމާއީލް މަހުފޫޒު (އިންމަ) ފުރަތަމަ މެޗުގެ ކުރިން ބުނީ ހާލަތުގެ ގޮތުން ޕްރެޒިޑެންޓްކަޕަކީ އެޓީމަށް ޕްރީ ސީޒަންގެ ބައެއް ކަމަށެވެ. ފުރަތަމަ މެޗަށް ޓީމް ނިކުތީ ހަ ދުވަހުގެ ޕްރެކްޓިސްއަށް ފަހުއެވެ. އެއީ ބޯޅަ ނުކުޅެ ހޭދަކުރި ހަތްމަހަށްވުރެ ގިނަ ދުވަހަށްފަހުއެވެ.

އަޅުގަނޑުމެން ޕްރީ ސީޒަނެއްގެ ގޮތުގައި މި މުބާރާތް ބަލައިގެން މި އުޅެނީ. އެހެން ނަމަވެސް މިހެން ދެންނެވި ކަމަށްވިޔަސް، މުބާރާތެއްގައި ކުޅޭ ކަމަށްވާނަމަ އަޅުގަނޑުމެން ހިފަހައްޓަންޖެހޭ އުސޫލުތަކެއް ވެސް ހުންނާނެ،
އިސްމާއީލް މަހުފޫޒު/ ސަސްގެ ކޯޗު

ހަޤީގަތަކީ އިންމަގެ ވާހަކައިގެ ފުރަތަމަ ބައެވެ. ދެވަނަ ބަޔަކީ ކޯޗެއްގެ ގޮތުން އޭނާ ބުނަންޖެހޭ ވާހަކައެވެ. ތައްޔާރުނުވެ މުބާރާތާ ކުރިމަތިލާއިރު ކުޅުންތެރިންގެ އަނިޔާއަށް ކޯޗެއްގެ ހައިސިއްޔަތުން މާބޮޑަށް ވިސްނަން ޖެހެއެވެ. އިންމައަށް ވެސް އޮތީ އެހާލަތެވެ. ނަތީޖާއަށް ވިސްނެން އޮތީ އޭގެފަހުންނެވެ. އުނަދގޫ ހާލަތުގެ ތެރެއިން, ފުރަތަމަ މެޗުގައި ސަސް ފުރަތަމަ މެޗު ކާމިޔާބުކުރުމަކީ އޮތް ކުޑަކުޑަ ހިތްހަމަ ޖެހުމެކެވެ. އެކަމަކު އެއީވެސް ޕްރެޒިޑެންޓް ކަޕް ޕްރީ ސީޒަނެއްގެ ގޮތުގައި ބަލައިގެން ނިކުއިން ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބް ވެލެންސިޔާ އަތުންނެވެ. ސަސްއަށްވުރެ އެއްދުވަސް ކުރިން ޕްރެކްޓިސްކުރި ވެލެންސިޔާގެ ހާލަތަކީވެސް އެއް ހާލަތެކެވެ.

އެއްވެސް ކޯޗަކު ޖޯކަކަށް ޓީމެއް ގޮވައިގެން ބޯޅަ ކުޅެން ނުނިކުންނާނެއެވެ. އަމުދުން އެޤައުމެއްގެ އެންމެ ބޮޑު އެއް ކްލަބް އެންމެ ޝަރަފްވެރި މުބާރާތަށެވެ. ވެލެންސިޔާ ޖޯކަކަށް ބޯޅަ ކުޅެން ނުނިކުންނާނެކަމަށް ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނި ނަމަވެސް ހަޤީޤަތަކީ އޭގެ އިދިކޮޅެވެ. ހަތް މަހަށްފަހު ހަތް ދުވަހުގެ ޕްރެކްޓިސްކޮށްގެން ބޮޑު ކްލަބެއް ފުރަތަމަ ޑިވިޝަންގެ މެޗަކަށް ނިކުތުމަކީ ޖޯކެކެވެ. ކޯޗުގެ ގޮނޑީގައި އިނދެ ފެސްކޯއަށްވެސް އެހެން ބުނަން ފަސޭހައެއް ނުވާނެއެވެ. މެޗުގެ ކުރިން ހަޤީޤަތުގައި ވެލެންސިޔާއަށް ޕްރެކްޓިސް ކުރެވުނީ ފަސް ދުވަހުއެވެ. މެޗަށް ނިކުއިންއިރު އެހެން ޓީމްތަކުން ކްލަބާ ގުޅުނު ކުޅުންތެރިންނަށް ކުޅެވޭނެ ގޮތެއް ނުވިއެވެ. މިދިޔަ ސީޒަންގެ މުސާރައިގެ ކަންކަން ހަމަޖެއްސިފައި ނެތުމުންނެވެ. ޓީމްގެ ބޮޑު އިންސައްތައަކީ ޅަ ކުޅުންތެރިންނެވެ. ޅަ ކުޅުންތެރިންނަށް ފުރުޞަތު ދިނުމަކީ ހަމަ ވަރަށް މުހިއްމު ކަމެކެވެ. އެކަމަކު އެއީ އެނޫން ގޮތެއް ނެތިގެން, އެނޫންގޮތަކަށް ޓީމް ހަމަނުވެގެންކަމަށް ވާނަމަ ޖޯކް ކެޓަގަރީއަށް އެކަންވެސް ފެތޭނެއެވެ. ހަޤީޤަތުގައި ވެލެންސިޔާއަށްވެސް އެންމެ ޝަރަފްވެރި މުބާރާތް ވެފައިވަނީ ޕްރީ ސީޒަން މުބާރާތަށެވެ. ތަށި ދިފާއުނުކުރެވޭނެކަމަށް މެޗުގެ ކުރިން ސާފްކޮށް ކޯޗު ބުނަންޖެހޭ ހާލަތަކީ އޭގެ އެންމެ ސާފް ހެއްކެވެ. ވެލެންސިޔާއާއި އީގަލްސް ނޫން ޓީމެއް ރަނގަޅަށް ޕްރީ ސީޒަން ހަދައިގެން މުބާރާތާ ކުރިމަތިލި ޓީމެއް ނެތްކަން ފެސްކޯ އެއްބަސްވެއެވެ. އެހަޤީޤަތް ޤަބޫލުކުރަން ޖެހޭކަން އެންމެނަށް އޭނާ ހަނދާންކޮށްދިނެވެ.

ރާއްޖޭގެ ތާރީހުގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައި އޮތް ކާމިޔާބު ކްލަބެއް ވެލެންސިއާ އަކީ. ވެލެންސިއާ އިން ކޮންމެ ޓީމެއް ނެރުނަސް ޖޯކަކަށް ވެލެންސިއާ އިން ފުޓްބޯޅައެއް ނުކުޅޭނެ. ރަނގަޅު ފުޓްބޯޅައެއް ކުޅެން މި ނުކުންނަނީ
އަހުމަދު މުޖުތަބާ/ ވެލެންސިޔާ ކޯޗު

ރަނގަޅު ފުޓްބޯޅައަކީ ރަނގަޅު ޕްރީސީޒަން ހަދައިގެން ކުޅެވޭ އެއްޗެކެވެ. ރަނގަޅު ޓީމެއް އެކުލަވާލައިގެން މެނުވީ އެކަމެއް ނުވާނެއެވެ. އެކަން މާސާފުކޮށް ފެސްކޯއަށް އިނގޭނެއެވެ. އެހެންވީމާ ވެލެންސިޔާއަށް ރަނގަޅު ފުޓްބޯޅައެއް އެންމެ އަވަހަށްވެސް ކުޅެވެން އޮތީ ޕްރީ ސީޒަން މުބާރާތަށްފަހު ދިވެހި ޕްރިމިއަރ ލީގުގައެވެ. މިހަޤީޤަތް ފެސްކޯވެސް ޤަބޫލުކުރާނެއެވެ. ޓީސީގެ ހާލަތު މިދެޓީމަށްވުރެވެސް ތަފާތެވެ. ހެޑް ކޯޗެއް ނެތެވެ. މުބާރާތަށް ނިކުތީ ގަދަކަމުންނެވެ. ދެދުވަހުވެސް ޓީމް ހަމައަށް ޕްރެކްޓިސް ނުކުރެވި ޕްރެޒިޑެންޓްކަޕާ ކުރިމަތިލާ ޓީސީން ފުރަތަމަ މެޗުގައި މާޒިޔާ އަތުން ހޯދި ނަތީޖާ ރަނގަޅެވެ. 2-0 ން ބަލިވުމުން ޓީސީއަށް އެއީ ހަމަ ބަރާބަރު ނަތީޖާއެކެވެ. ޓީސީން އެމެޗުގައި ކުޅުނު ގޮތް އެއީ އެހެން ވާހަކައެކެވެ. ފުރަތަމަ މެޗުގެ ކުރިން އޮތް ޕްރެސްކޮންފަރެންސްގައި ބައިވެރި ނުވިޔަސް ދެވަނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ޓީސީގެ އެސިސްޓެންޓް ކޯޗު އަހުސަން ރަޝީދު (ޗޭ) ބައިވެރިވެ ހަޤީޤަތާ އެއްގޮތަށް ވާހަކަ ދެއްކިއެވެ.

ދެން އޮތީ މިއަހަރު އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ބުރުގެ ހާލަތެވެ. ތިންވަނައަށް ޕްރެކްޓިސް ފެށި ޓީމެވެ. ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ މަޤާމް ދެފަހަރު ހޯދާފައިވާ މުޙައްމަދު ނިޒާމާއެކު މުބާރާތާ ކުރިމަތިލާ އުއްމީދެއް ދޭން މަސައްކަތްކުރެއެވެ. ވާހަކަ ދެއްކުމުގައި ނިޒާމް ހުޝިޔާރުވާނެއެވެ. އޭނާއަކީ ހެޑް ކޯޗުކަން ކޯޗުންގެ ވާހަކަ ހުންނަންވާނީ ކިހިނެއްކަން ވަރަށް ރަނގަޅަށް ނިޒާމްބެއަށް އިނގޭނެއެވެ. ހަޤީޤަތުން ބަޔަކާއި, ކޯޗެއްގެ ވިސްނުމުން ބައެއް އެއްކޮށްގެން ބުނެވޭނެ އެންމެ ރަނގަޅަކަށް ކޯޗު ނޫސްވެރިންނާ ވާހަކަދެއްކިއެވެ. އެވްރެޖް ޓީމަކާއެކު ނިކުންނަ ބުރުގެ ކޯޗު ބުނީ ޖެހިލުންވާ އެއްވެސް ޓީމެއް ނެތްކަމަށެވެ. އެކަމަކު ހަޤީޤަތަކީ ތައްޔާރުވާން ލިބުނު މުއްދަތާ ބަލާއިރު މުބާރާތުގައި ބައިވެރިވުމުގެ ވިސްނުންވެސް ފުރަތަމަ ބުރުގައި ނެތްކަމެވެ. މިއީ ކޯޗު ނިޒާމްބެ ބުނި ވާހަކައެވެ. މާނައަކީ މިއީ ބުރަށްވެސް ޕްރީ ސީޒަން މުބާރާތެވެ.

ފުރަތަމަ ވިސްނުމެއް ނެތް މުބާރާތުގައި ޓީމް ބައިވެރިކުރުމުގެ ވެސް. އެކަމަކު، މިއީ ރަނގަޅު ފުރުސަތެއް ކަމަށް މި ބަލަނީ ކުރިއަށް އޮތް ސީޒަނަށް، ލީގަށް، މިހާރުގެ ޓީމްގެ ސްޓްރެންތް ދެނެގަތުމަށް. ދެން ފޮރިން ޕްލޭޔަރުން ގެންނަން ބަލާއިރުވެސް މި މެޗުތައް މުހިންމު. ތަންތަނަށް ކުޅުންތެރިން ގެންނަ ބަލާއިރު. އެހެންވެ މި މުބާރާތުގައި ބައިވެރިވީ
މުޙައްމަދު ނިޒާމް/ ބުރުގެ ކޯޗު

ކޯޗު ނިޒާމްބެގެ އެވާހަކައިން ސާފްކޮށް އިނގެން އޮތްކަމަކީ ރާއްޖޭގެ އެންމެ ޝަރަފްވެރި މުބާރާތުގެ ނަތީޖާއަށް ސަމާލުކަމެއް ނެތްކަމެވެ. ޓީމެއް އެކުލަވާލާ ދިވެހި ޕްރިމިއަރ ލީގަށް ތައްޔާރުވުމުގެ ވިސްނުން ނޫން އެއްޗެއް ނެތްކަމެވެ. ހަޤީޤަތަކީ މިއީއެވެ. ޕްރެޒިޑެންޓްކަޕް ކާމިޔާބުކުރަން, އެމުބާރާތަށް ތައްޔާރުވެގެން ނިކުތީ މާޒިޔާއާއި, ކްލަބް އީގަލްސްއެވެ. ޔުނައިޓެޑް ވިކްޓްރީއާއި ގްރީން ސްޓްރީޓްސްއަށް ޕްރީ ސީޒަންއަކަށްވެސް ވާނީ ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރެވެ.

ޤަބޫލުކުރަން އުނދަގުލަސް, ޤަަބޫލުކުރަން ބޭނުން ނުވިޔަސް މިއަދުގެ ހަޤީޤަތަކީ މިއީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
100%
ކޮމެންޓް