ބެސްޓް ޓޫރިޒަމް ވިލެޖަސް 2023ށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
13 އެޕްރީލު 2023 | ބުރާސްފަތި 17:33މިމަހުގެ 20ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން މިނިސްޓްރީއަށް ނަން ހުށަހަޅަންޖެހޭ


ބުރާސްފަތި ދުވަހު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމްއިއްޔާ، ޔޫއެންޑަބްލިއުޓީއޯއިން ކުރިއަށް ގެންދާ "ބެސްޓް ޓޫރިޒަމް ވިލެޖަސް 2023"އަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބުރާސްފަތި ދުވަހު ޓޫރިޒަމް މިނިސްޓަރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރުގެ ނާއިބު އަސްއަދު ރިޒާ ވިދާޅުވީ, ފަތުރުވެރިކަން ކުރިއެރުވުމަށް ޔޫއެންޑަބްލިއުޓީއޯއިން ދަނީ ގިނަ މަސައްކަތްތައް ކުރަމުން ކަމަށާއި، ކޮވިޑަށްފަހު އެކިގައުމުތަކުގެ ފަތުރުވެރިކަން އަލުން ކުރިއަރުވައި ތަރައްގީކުރުމަށް 2021 ވަނަ އަހަރުން ފެށިގެން ބެސްޓް ޓޫރިޒަމް ވިލެޖަސް ކުރިއަށްގެންދާ ކަމަށެވެ. އެއަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ލިބިފައިވާކަމަށާއި، ޝަރުތުތައް ހަމަވާ 8 ރަށަކަށް ފުރުސަތު ދޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އަސްއަދު ވިދާޅުވީ ބެސްޓް ޓޫރިޒަމް ވިލެޖަސްއަކީ ރަށްފުށުގެ ތަރައްގީއާއި އެރަށެއްގެ ދުޅަހެޔޮ ދިރުއުޅުމެއް މަގުފަހިކޮށް، ފަތުރުވެރިކަން ބޭނުންކުރުމަށް ހިތްވަރު ދިނުމަށް އަދި ރަށްފުށުގެ ފަތުރުވެރިކަމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 40 ގައުމަކުން 70އަށްވުރެ ގިނަ އަވަށާއި ރަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްފައިވާކަމަށް އަސްއަދު ވިދާޅުވިއެވެ.
އަސްއަދު ވިދާޅުވީ، ނަން ހުށަހަޅާ ރަށްރަށުގެ ތެރެއިން ފަތުރުވެރިކަން ފުޅާވުމަށް މަގުފަހިވެފައިވާ މިންވަރަށް ބެލުމަށްފަހު، އެންމެ ރަނގަޅު ރަށްރަށުގެ ތެރެއިން ގިނަވެގެން 8 ރަށް ރާއްޖޭގެ ފަރާތުން ބެސްޓް ޓޫރިޒަމް ވިލެޖަސްއަށް ހުށަހަޅާނެ ކަމަށެވެ. އަދި މިކަމަށް ބޭނުންވާ އެޕްލިކޭޝަން ފޯމާއި، "ކެންޑިޑެސީ ޑޮކިއުމެންޓް" ފުރިހަމަކުރުމާއި، ވީޑިއޯ އަދި ޖެނެރަލް ޕްރެޒެންޓޭޝަން ތައްޔާރުކުރުމުގައި ޓޫރިޒަމް މިނިސްޓްރީން އެހީތެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސީނިއަރ ޕޮލިސީ ޑިރެކްޓަރ ރިފާތު ރަޝީދު ވިދާޅުވީ، ބެސްޓް ޓޫރިޒަމް ވިލެޖަސް ފޯމް ހުށަހަޅާއިރު، ރަށުގައި ސަގާފީގޮތުން ހިމާޔަތްކޮށްފައިވާ ތަންތަނާއި، ރަށުގައި ހިމާޔަތް ކުރެވިފައިވާ ގުދުރަތީ ރީތި ތަންތަނާއި، ސަގާފީ ތަރިކަ ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކަނޑައެޅި ސިޔާސަތުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، ރަށު ފެންވަރުގައި ކުރާ މަސައްކަތްތަކާއި، ފަތުރުވެރިކަން ކުރިއެރުވުމަށް ކައުންސިލުން އިސްނަގައިގެން ރަށު ފެންވަރުގައި ކުރެވޭ މަސައްކަތްތަކާއި، ވިޔަފާރިތައް ފުޅާކުރުމަށް ބޭނުންވާ ފައިނޭންސް ހޯދުމަށް ހިންގާ ޕްރޮގްރާމްތަކާއި، ރަށުގައި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށާއި، ޚާއްސަކޮށް ފަތުރުވެރިކަމާ ގުޅުންހުރި ތައުލީމީ ހުނަރު ކުރިއެރުވުމަށާއި، ހުނަރު ތަރައްގީ ކުރުމުގެ އިތުރުން ދެ ޖިންސަށް ހުރި ފުރުސަތުތައް ފާހަގަކޮށް، އަންހެނުންނަށް މި ދާއިރާއަށް ނެރުމަށްޓަކައި ކުރެވޭ މަސައްކަތްތަކާއި، އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބެލުމަށްފަހު، ރަށު ފެންވަރުގައި ކުރެވިފައިހުރި މަސައްކަތްތައް އެނގޭ ގޮތަށް ފޯމް ހުށަހެޅުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެފަދަ ކަންކަމަށް ބަލާނެ ކަަމަށް ރިފާތު ވިދާޅުވިއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ، ރާއްޖޭގައި ފަތުރުވެރިކަން ތަރައްގީވެ، ކުރިއެރުމަށް މަގުފަހިވެފައިވާ ރަށްރަށުގެ ތެރެއިން، ރަށުގައި ދިރިއުޅޭ އާބާދީގެ އަދަދު 15،000ށްވުރެ މަތިވނޫން ރަށްރަށަށެވެ. މި ޕްރޮގްރާމްގައި ވާދަކުރަން ޝައުގުވެރިވާ ރަށްތަކުން މިމަހުގެ 20ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން އެ މިނިސްޓްރީއަށް ނަން ހުށަހެޅުމުގެ ފުރުސަތު ރަށު ކައުންސިލްތަކަށް ވަނީ ހުޅުވާލާފައެވެ.









