ކ. މާލެ
|
10 އޭޕްރިލް 2023 | ހޯމަ 14:12
ޖަޕާނުގައި ޒުވާނުންނާއި ކުޑަކުދިންނަށްވުރެ ދޮށީ ޢުމުރުގެ މީހުން އިތުރުވުމުގެ ވާހަކައަކީ މިއަދު އާވާހަކައެއް ނޫން
ޖަޕާނުގެ ދޮށީ ޢުމުރުގެ އާބާދީ
ޖަޕާނުގެ ދޮށީ ޢުމުރުގެ އާބާދީ ބަލަހައްޓަން، އިންޑޮނޭޝިއާގެ ޒުވާނުން އަތުކުރި އޮޅާލައިފި
ކުދިން ތަމްރީނުވަމުން ދަނީ ޖަޕާނު ބަސް ދަސްކުރުމުގެ އިތުރުން، ދިރިއުޅުމުގެ ކަންކަން ވަކި ގޮތަކަށް ބައްޓަން ކޮށްފައިވާ ޖަޕާނުގެ މުސްކުޅިންގެ ކަންކަން، އެންމެ ފުރިހަމައަށް ކޮށްދިނުމަށް
6 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ދާ ތަމްރީނުތައް ނިންމާލުމަށްފަހު މި ދަރިވަރުން ދެން އިށީންނާނީ، ހާއްސަ ހުނަރު ލިބިފައިވާ މަސައްކަތްތެރިންނަށް ފަރުމާ ކޮށްފައިވާ އިމްތިޙާނެއްގައި
ޖަޕާނު ސަރުކާރުގެ މި މަޝްރޫއަކީ، އެ ޤައުމުގެ އެކި ސިނާޢަތްތަކުގައި މަސައްކަތް ކުރާނެ، ތަމްރީނު ލިބިފައިވާ ބިދޭސީން އުފެއްދުމުގެ މަޤްޞަދުގައި ހިންގާ މަޝްރޫއެއް

ޒަމާނާއެކު ދިރިއުޅުމުގެ އާދަކާދައަށް އަންނަމުންދާ ބަދަލުތަކުގެ އެންމެ ވަރުގަދަ ރަމްޒަކަށް ވަނީ ޤައުމެއްގެ އާބާދީގެ ވަނަވަރެވެ. ތަރައްޤީއާއި ތަހުޒީބުގެ ރޭހުގައި ޤައުމުތައް ކުރިއަރާ ދިއުމުގައި، އާބާދީ ރޭވުމާއި އެނޫންވެސް އެފަދަ އެތައް ސިޔާސަތުތަކަކާއެކު، މިއަދު ބައެއް ޤައުމުތަކަށް ކުރިމަތިލާން ޖެހިފައިވާ އެއް ހާލަތަކީ، އާބާދީގެ ޗާޓު ކުރަހާއިރު، ދޮށީ ޢުމުރުގެ ގިންތިއަށް ބަރުޖެހިގެން ދިއުމެވެ.

ދޮށީ ޢުމުރުގެ މީހުން ބަލަހައްޓާނެ ޒުވާނުންގެ މަދުކަމެވެ. އެއް އިރެއްގައި ޤައުމު ކޮޅަށް ޖަހަން ހޭބޯނާރާ މަސައްކަތް ކުރި މީހުންގެ ގައިބާރު ދެރަވެ މުސްކުޅިވި ދުވަހު، އެމީހުން ބަލަހައްޓާނެ ޒުވާން ޖީލެއް ޤައުމުގައި ނެތެވެ. މިފަދަ ހާލެއްގައި މިއަދު އޮތް އެއް ޤައުމަކީ، ޓެކްނޮލޮޖީއާއި ތަރައްޤީގެ މައިދާނުގައި އެންމެ ކުރިއަރާ ގޮސްފައިވާ ޤައުމުތަކުގެ ލިސްޓުގެ ކުރިން ޖާގަ ހޯދާ ޖަޕާނެވެ. ޖަޕާނުގައި ޒުވާނުންނާއި ކުޑަކުދިންނަށްވުރެ ދޮށީ ޢުމުރުގެ މީހުން އިތުރުވުމުގެ ވާހަކައަކީ މިއަދު އާވާހަކައެއް ނޫނެވެ.

ޖަޕާނުގެ ދޮށީ ޢުމުރުގެ މީހަކަށް ހެދިގެން އެނދެއްގައި އޮތް އިންޑޮނޭޝިއާގެ ޒުވާނާއަށް ކާން ދިނުމުގެ އުކުޅުތައް ދަސްކުރުމުގެ މަސައްކަތުގައި، ޢުމުރުން 24 އަހަރުގެ ސިއްތި މައިސަރާއާއި އޭނާގެ ކުލާސް ކުދިން އުޅެމުން ދިޔައީ ޝަޢުޤުވެރިކަމާއެކުގައެވެ. ތުއްތު ކުއްޖަކަށް ކާންދޭން އުޅޭހާ ލޯތްބާއި ޙަމްދަރުދީއާއެކު، ޒުވާނާގެ ކަރުގައި އޭޕްރަންއެއް އަޅުވާކަމަށްވެސް ދަރިވަރުން ހަދަމުން ދިޔައެވެ. މި މަންޒަރަކީ ތަމްރީނުދޭ ޕްރައިވެޓް މަރުކަޒެއް ކަމަށްވާ އޮނޮޑޭރާ ޔޫޒަރ ރަން އިން ފެންނަ މިފަދަ އެތައް މަންޒަރެއްގެ ތެރެއިން އެއް މަންޒަރެވެ. މިތަނުން މުޅިންވެސް ފެނިގެންދަނީ ޖަޕާނުގައި ވަޒީފާ އަދާ ކުރުމުގެ ހުވަފެންތައް ދެކެމުންދާ ޒުވާނުންނެވެ.

އިންޑޮނޭޝިއާ ކުދިން ޖަޕާނުގަ މަސައްކަތް ކުރަން ބޭނުންވާ އެންމެ ބޮޑު އެއް ސަބަބަކީ، ޖަޕާނަކީ ވަރުގަދަ ޤައުމަކަށް ވުން. ޖަޕާނަކީ ރީތި އަޚިލާޤުގެ ވަރުގަދަ ޘަޤާފަތެއް އޮތް ޤައުމެއް. އަހަންނަށް ހީވާ ގޮތުގަ، މިކަމަށް، ޖަޕާނުން އިންޑޮނޭޝިއާ ޚިޔާރު ކުރީ، ދޮށީ ޢުމުރުގެ މީހުން ބަލަހައްޓަން އިންޑޮނޭޝިއާގެ ޒުވާނުން ކުޅަދާނަ ވީމަހެން.
ސިއްތި މައިސަރާ؛ އޮނޮޑޭރާ ޔޫޒަރ ރަންގެ ދަރިވަރެއް

މައިސަރާއާއި އޭނާގެ ކުލާހުގައި ތިބި 38 ދަރިވަރުން ތަމްރީނުވަމުން އެދަނީ، ޖަޕާނުގެ ދޮށީ ޢުމުރުގެ އާބާދީ ބެލެހެއްޓުމަށެވެ. ޖަޕާނު ބަސް ދަސްކުރުމުގެ އިތުރުން، ދިރިއުޅުމުގެ ކަންކަން ވަކި ގޮތަކަށް ބައްޓަން ކޮށްފައިވާ ޖަޕާނުގެ މުސްކުޅިންގެ ކަންކަން، އެންމެ ފުރިހަމައަށް ކޮށްދިނުމަށެވެ. އަމިއްލައަށް ފައިވާނަށް އެރުމުގެ ކުޅަދާނަކަން ނެތް މީހުންނާއި، ކައިބޮއެ ހެދުމުގެ ޤާބިލުކަން ނެތް މީހުންނަށް އެކަންކަން ކޮށްދިނުމަށެވެ. މައިސަރާ ގަދައަޅާ މަސައްކަތް ކުރަމުން ދަނީ، ޖަޕާނުގައި އެންމެ ފުރިހަމައަށް ވަޒީފާ އަދާ ކުރުމަށްޓަކާ، އޭނާއަށް ވީ އެންމެ ރަނގަޅަކަށް ތަމްރީނުވުމަށެވެ.

މިތާ އަހަރަމެން އެބަ ދަސްކުރަން ޖަޕާނުގަ ވާހަކަދައްކާ އުޅޭ ބަސްމަގާއި، ބަހުގެ ޤަވައިދުތަކާއި ހަމަތަކާއި، ޖަޕާނުގެ އަކުރުތައްވެސް. ނުވިތާކަށް، ދޮށީ ޢުމުރުގެ މީހުން ބަލަހައްޓަންވެސް އެބަ ދަސްކުރަން. މި ސްކޫލާއި، މީގެ ކުރިން އަހަރެން އުޅުނު ސްކޫލާ ހުރި އެންމެ ބޮޑު ތަފާތަކީ، މިތަނުގަ ސީދާ މި އަމާޒު ކުރަނީ ޖަޕާނުގެ ޘަޤާފަތް ދަސްކުރަން. ސީދާ ހަމަ ޖަޕާނުގަ މަސައްކަތް ކުރަން މިތާ މި ތަމްރީނު ވަނީ.
ސިއްތި މައިސަރާ؛ އޮނޮޑޭރާ ޔޫޒަރ ރަންގެ ދަރިވަރެއް

މައިސަރާމެން ތަމްރީނުވަމުންދާ ސްކޫލަކީ 2022 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވި ސްކޫލެކެވެ. މި ސްކޫލަކީ، 18 އަހަރުން މަތީގެ މީހުންނަށް ހާއްސަކޮށްގެން ޖަޕާނު ސަރުކާރުގެ ޚަރަދުގައި ހިންގާ މަޝްރޫއެއްގެ ބައެކެވެ. ޖަޕާނު ސަރުކާރުގެ މި މަޝްރޫއަކީ، އެ ޤައުމުގެ އެކި ސިނާޢަތްތަކުގައި މަސައްކަތް ކުރާނެ، ތަމްރީނު ލިބިފައިވާ ބިދޭސީން އުފެއްދުމުގެ މަޤްޞަދުގައި ހިންގާ މަޝްރޫއެކެވެ.

މައިސަރާއާއެކު ތަމްރީނު ފުރިހަމަ ކުރަމުން ދާ ބައެއް ދަރިވަރުންނަކީ އޭނާ ފަދައިން ވޮކޭޝަނަލް ތަމްރީނުދޭ މަރުކަޒުތަކުން އައި ދަރިވަރުންނެވެ. އަނެއް ބައި ދަރިވަރުންގެ އަދަދުގައި ބެޗެލަރޒް ޑިގްރީގެ ސަނަދުވެސް އެބައޮތެވެ. 6 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ދާ ތަމްރީނުތައް ނިންމާލުމަށްފަހު މި ދަރިވަރުން ދެން އިށީންނާނީ، ހާއްސަ ހުނަރު ލިބިފައިވާ މަސައްކަތްތެރިންނަށް ފަރުމާ ކޮށްފައިވާ އިމްތިޙާނެއްގައެވެ. މައިސަރާ ބައިވެރިވާނީ ދޮށީ އުމުރުގެ މީހުން ބަލަން ހާއްސަކޮށްފައިވާ ދައިރާގެ އިމްތިޙާނުގައެވެ. އޭގެ އިތުރުން، ޖަޕާނުގައި މަސައްކަތް ކުރުމަށްޓަކާ، އެ ޤައުމުގެ ބަހަށް ފަރިތަވެ، އަހުލުވެރިވެފައިވާ މިންވަރު ވަޒަން ކުރާ އިމްތިޙާނެއްވެސް ފުރިހަމަ ކުރާނެއެވެ.

ޖަޕާނުގައި ހުޅުވާލާ ވަޒީފާގެ ފުރުޞަތުތަކަށް އެދި ހުށަހެޅުމާއި، ވަޒީފާ ކަށަވަރު ކުރުމުގެ މަސައްކަތުގައިވެސް އޮނޮޑޭރާ ޔޫޒަރ ރަންއިން އެހީތެރިކަން ފޯރުކޮށްދެއެވެ.

މުޅި ދުނިޔޭގެ ނިސްބަތުން ބެލި ކަމުގައި ވީ ނަމަވެސް، ދޮށީ ޢުމުރުގެ އާބާދީއަށް އެންމެ ބޮޑަށް ބަރުޖެހިގެންދާ ޤައުމެއްގެ ގޮތުގައި މިއަދު އޮތީ ޖަޕާނެވެ. ޖަޕާނުގެ އާބާދީގެ ތަސްވީރަށް ބަލާއިރު، ޢުމުރުން 65 އަހަރުން މަތީގެ މީހުންނަކީ އެ ޤައުމުގެ ޖުމުލަ އާބާދީގެ 28 ޕަސެންޓްއެވެ. އދގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މި ގިންތީގައި 2 ވަނާގައި އޮތީ ޖަޕާނުގެ ފަހަތުން އިޓަލީވިލާތެވެ. އިޓަލީވިލާތުގައި، 65 އަހަރާއި އެއަށްވުރެ ދޮށީ ޢުމުރުގެ މީހުން ހިއްސާ ކުރަނީ، އާބާދީގެ 23 ޕަސެންޓްއެވެ.

ރަމްޒީ އަންދާޒާތަކަށް ބަލާއިރު، ޖަޕާނުގައި ކުދިން އުފަންވާ ނިސްބަތް މިއަހަރު ވަނީ ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފައެވެ. އާބާދީ ހީނަރުވަމުންދާ މި ދަނޑިވަޅެއްގައެވެ. އަންދާޒާތަކަށް ބަލާއިރު ޖަޕާނުގެ ބަރތު ރޭޓް އުޅެނީ 8 ލައްކައަށްވުރެ ދަށުގައެވެ. މިއީ މިޢަދަދު މިހާ ދަށުން ރެކޯޑް ކުރި ފުރަތަމަ ފަހަރެވެ.

ޖަޕާނުގެ ފޮރިން މިނިސްޓްރީއާ ގުޅިގެން ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ)އިން ކުރިއަށް ގެންދިޔަ ދިރާސާއެއް ލަފާ ކުރާ ގޮތުގައި، ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި، އެ ޤައުމުގެ މަސައްކަތްތެރިންގެ އާބާދީއިން 10 ޕަސެންޓް "ގެއްލޭނެ"އެވެ.

އޮނޮޑޭރާ ޔޫޒަރ ރަންގެ ޕްރިންސިޕަލް، ކާމިލާ މަންސްޖޫރު ވިދާޅުވީ، މިހާރު ކުރިއަށްދާ މަޝްރޫޢަކީ، ޖަޕާނާއި އިންޑޮނޭޝިއާއަށް ކުރިމަތިލާން ޖެހިފައިވާ އާބާދީގެ މައްސަލަތަކަށް ހައްލު ހޯދާދޭނެ މަޝްރޫޢެއް ކަމަށެވެ.

މިވަގުތަށް ބަލާއިރު، ޖަޕާނުގަ ދޮށީ ޢުމުރުގެ މީހުން އާބާދީ ވަރަށް ބޮޑު. އަލަށް ކުދިން އުފަންވާ ނިސްބަތާ އަޅާ ބަލާއިރު، ދޮށީ ޢުމުރުގެ އާބާދީއާ އަރާ ހަމަ ނުކުރެވިދާނެ ކަމުގެ ބިރު އެބަ އޮތް. އިންޑޮނޭޝިއާއަށް ބަލާއިރު، ކޮންމެ އަހަރަކު، އަހަރަމެންގެ އާބާދީ އެބަ އިތުރުވޭ ގާތްގަނޑަކަށް 3 މިލިއަނުން.
ކާމިލާ މަންސްޖޫރު؛ އޮނޮޑޭރާ ޔޫޒަރ ރަންގެ ޕްރިންސިލަޕް

ޖަޕާން އެމްބަސީގެ އޮފިޝަލެއް ކަމަށްވާ ހިރޯކީ ސަސާކީ ރޮއިޓަރޒްއަށް ވިދާޅުވި ގޮތުގައި، ހާއްސަ ހުނަރުވެރިންނަށް 340000 އެއްހާ ވަޒީފާގެ ފުރުޞަތު ޖަޕާނުގައި އެބައޮތެވެ. ނަމަވެސް، އޭގެ ތެރެއިން މީހުން ހަމަވެފައިވަނީ އެންމެ 130000 ޖާގައަށެވެ. އެހެން ކަމުން ބިދޭސީ މަސައްކަތްތެރިންގެ ފައުޖަކަށް، ޖަޕާނު އިންތިހާއަށް ބޭނުން ޖެހިފައި ވާ ކަމަށް ހިރޯކީ ފާހަގަ ކުރެއްވިއެވެ.

ޖަޕާނު ސަރުކާރުން ހިންގަމުންދާ ހާއްސަ މަޝްރޫޢުގެ ދަށުން، ޑިސެމްބަރު 2022 ގެ ނިޔަލަށް، އިންޑޮނޭޝިއާގެ 16000 އެއްހާ މީހުން ޖަޕާނުގައި މަސައްކަތް ކުރެއެވެ. އެއީ ލިސްޓުގެ 2 ވަނައެވެ. އެންމެ ގިނަ ބަޔަކު ހިއްސާކުރަނީ ވިއެޓްނާމުންނެވެ.

ޓޮކިޔޯގައި މަރުކަޒުކޮށްގެން ހިންގާ ތިންކްޓޭންކްއަކުން އަންދާޒާ ކޮށްފައި ވާ ގޮތުގައި، ޖަޕާނުގެ ސަރުކާރުން ލަފާކޮށްފައިވާ އިޤްތިޞާދީ ކުރިމަގު ކަށަވަރު ކުރުމަށްޓަކާ، 2040 ވަނަ އަހަރު އަންނަ އިރު، ޖަޕާނުގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ފައުޖު، 4 ގުނައަށް އިތުރު ކުރަން ޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް