މަސްވެރިކަން ވަރަށް ރަނގަޅު، ކޮންމެ ދުވަހަކުވެސް 350-400 ޓަނުގެ މަސް ލިބޭ: މިފްކޯގެ ސީއީއޯ
9 އެޕްރީލު 2023 | އާދީއްތަ 17:27މަސް ކިރުވުމުގައި ދައްޗެއް ކުރިމައްޗެއްނުވޭ


މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ މެނޭޖިންގ ޑިރެކްޓަރު، އިސްމާއީލް ފައުޒީ
މިދުވަސްވަރު މަސްވެރިކަން ވަރަށް ރަނގަޅު ކަމަށާއި، ކޮންމެ ދުވަހަކުވެސް 350-400 ޓަނުގެ މަސް ލިބޭކަމަށް, މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވީ، ނޮވެންބަރު މަހުން ފެށިގެން މަސްވެރިކަން ރަނގަޅުވާން ފަށާފައިވާކަމަށާއި، މަސްވެރިން ވަރަށް ދުރުންވެސް މަސް ކިރުވަން އަންނަކަމަށެވެ. އެގޮތުން ދުވާލަކު 350އާ 400 ޓަނުގެ މަސް ކިރާކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިދިޔަ އަހަރުގެ މިހާ ހިސާބުގައި މަސް ލިބޭވަރު އިތުރެ، މަސް ކިރުވުމަށް ދަތިތަކާ ކުރިމަތިވިކަމަށެވެ. ނަމަވެސް މިއަހަރު ކެޕޭސިޓީ އިތުރުކުރެވިފައިވާތީ އެ މައްސަލަ ކުރިމަތިނުވާކަމަށާއި، މަސްވެރިން ބާނާ ހުރިހާ މަހެއް ކިރާލެވޭކަމަށެވެ.
ރާއްޖޭގައި މަސްވެރިކަން ރަނގަޅު ދުވަސްވަރު މިފްކޯގެ ކެޕޭސިޓީއަށްވުރެ ގިނައިން މަސް ބާނާ ދުވަސްތައް ވެސް އާދެއެވެ. މީގެ ސަބަބުން މިފްކޯއިން ލިމިޓެއް ކަނޑައަޅައެވެ. ނަމަވެސް އެ ކުންފުނިން މަސައްކަތްކުރަމުން އަންނަނީ ކެޕޭސިޓީ އިތުރުކޮށް، މަސްވެރިން ބާނާ ހުރިހާ މަހެއް ގަނެވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.






