"އީދު ޕްރޮޖެކްޓް" މިއަހަރު ވެސް ގުރައިދޫ މަރުކަޒުގައި ކުރިއަށް ގެންދާނެ، ގިނަ ބައެއްގެ ތަރުހީބު ލިބޭ
27 މާރިޗު 2023 | ހޯމަ 17:55ވަޅު އީދު ދުވަހު ގުރައިދޫ މަރުކަޒަށް ޒިޔާރަތް ކުރާނެ


ފަލަސުރުހީ ޕްރޮގްރާމްގެ ތެރެއިން
މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަންގެ "އީދު ޕްރޮޖެކްޓް" މިއަހަރު ވެސް ގުރައިދޫ މަރުކަޒުގައި ކުރިއަށް ގެންދާނެ ކަމަށާއި، ގިނަ ބައެއްގެ ތަރުހީބު ޕްރޮޖެކްޓަށް ލިބޭ ކަމަށް އެ އެސޯސީއޭޝަނުން ބުނެފިއެވެ.
މި ޕްރޮޖެކްޓަކީ 2000 ވަނަ އަހަރުން ފެށިގެން ގަރލް ގައިޑް އެސޯސިއޭޝަންގެ ޒުވާން ލީޑަރުން އިސްނަގައިގެން، ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް ގޮސް އެތަނުގައި ތިބޭ މީހުންނަށް ހަދިޔާ ދިނުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓް އެކެވެ. ކޮވިޑް-19ގެ ހާލަތުގައި ދެ އަހަރުގެ މެދުކެނޑުމަކަށްފަހު 2022 ވަނަ އަހަރު ވަނީ ވަރަށް ފޯރީގައި މިޕްރޮޖެކްޓް ކުރިއަށް ގެންގޮސްފައެވެ.
މި ޕްރޮޖެކްޓާ ގުޅިގެން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން އީދު ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް އިސްކޮށް ހަރަކާތްތެރިވާ މަރިޔަމް ރައްޔާ ވިދާޅުވީ މި ޕްރޮޖެކްޓްގެ މައިގަނޑު މަގުސަދަކީ ގުރައިދޫ މަރުކަޒަށް ޒިޔާރަތްކޮށް އެތަނުގައި ދިރިއުޅޭ މީހުން އީދު އުފަލުގައި ބައިވެރިކުރުން ކަމަށެވެ. ކޮންމެ ވަޅު އީދު ދުވަހެއްގައި މަރުކަޒަކަށް ޒިޔާރަތްކުރާކަން ފާހަގަކުރައްވައި ރައްޔާ ވިދާޅުވީ ހެނދުނާއި ހަވީރު މަރުކަޒުގައި ދިރިއުޅޭ މީހުންނާއި އެކު ވަގުތު ހޭދަކުރާ ކަމަށެވެ. އެގޮތުން ހަދިޔާ ބެހުމާއި ތަފާތު ކުޅިވަރުތައް ކުޅޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ގުރައިދޫ މަރުކަޒަށް ޒިޔާރަތް ކުރަނީ ސެލެބްރިޓީން ގޮވައިގެން ކަމަށާއި، ސެލެބްރިޓީންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރާ ކަމަށެވެ.
ޝާނާ ޝުއައިބު ވިދާޅުވީ މިއީ ޒުވާނުން އިސްނައިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށާއި، މިހާތަނަށް ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވިފައިވާ ކަމަށެވެ. އެގޮތުން ސްޕޮންސަރުންގެ ފަރާތުން ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ސޯޝަލް މީޑިއާއިން ވެސް އެހީތެރިކަން ލިބޭ ކަމަށެވެ.
މީގެ އިތުރުން ޝާނާ ވިދާޅުވީ ގުރައިދޫ މަރުކަޒުގައި ތިބޭ މިހުންނަށް ވެސް ލޯތްބާއި އަޅާލުން ބޭނުންވާނެ ކަމަށާއި، އެމީހުންގެ މުޖުތަމައުގެ ހަރަކާތްތަކުގައި ބައިވެރިކުރަންޖެހޭ ކަމަށެވެ.
މި ޕްރޮޖެކްޓުގެ އެންމެ ބޮޑު މަގުސަދަކީ މުޖުތަމައަށް ޚިދުމަތް ކޮށްދިނުމެވެ. އަދި މިފަދަ ކަމެއްގައި ޒުވާން ލީޑަރުން ހަރަކާތްތެރިވުމަކީ އެކުދިން ބިނާކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށް އެސޯސިއޭޝަނުން ބުނެއެވެ.








