ކ. މާލެ
|
24 މާރޗް 2023 | ހުކުރު 14:13
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ވަޒީފާ އަދާކުރާ މީހުންގެ ޙައްޤުތައް
މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ބިލަށް އާއްމުންގެ ޚިޔާލު ހޯދަނީ
 
ޚިޔާލު ހުށަހެޅޭނީ 20 އޭޕްރިލް އާ ހަމައަށް

މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި ވަޒީފާ އަދާ ކުރާ މީހުންގެ ހައްގުތަކާ ގުޅޭގޮތުން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް އާއްމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން ނިމުނު ހަފުތާގައި މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ އިޖުތިމާއީ ކޮމިޓީން އެ ބިލު ދިރާސާ ކުރުމުގެ މަރުހަލާގެ ތެރެއިންނެވެ. އެހެންކަމުން ބިލާ ގުޅޭގޮތުން އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތް ނަމަ 20 އޭޕްރިލް 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް އީމެއިލްގެ ޒަރީއާއިން ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް ވަނީ އެދިފައެވެ.

މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲއެވެ. އެ ބިލް މަޖިލީހަށް ބަލައިގަނެފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. މިއީ މިދިޔަ އަހަރު ސަރުކާރުން މަޖިލީހަށް ފޮނުވި ބިލެކެވެ.

މި ބިލުގެ ސަބަބުން މަސައްކަތުގެ މާހައުލުގައި ލިބޭ ގެއްލުމަށް ބަދަލު ލިބޭ ނިޒާމެއް އެކުލަވާލުމަށް މަގުފަހިވެގެންދާނެއެވެ. މީގެއިތުރުން މަސައްކަތުގެ މާހައުލުގައި ދިމާވާ އެކްސިޑެންޓުތަކާއި ހާދިސާތަކުގެ ސަބަބުން މަސައްކަތްތެރިންނާއި މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ އެ ނޫން ވެސް ފަރާތްތަކަށް ލިބޭ އަނިޔާ އާއި ގެއްލުންތައް ރިޕޯޓުކޮށް މައްސަލަ ބަލާ ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމު ކުރުމަށް ވަނީ ހުށަހަޅާފައެވެ.

ހަމައެހެންމެ މަސައްކަތުގެ މާހައުލަކީ ސިއްހީގޮތުން ރައްކާތެރިތަނެއްކަން ކަށަވަރުކޮށްދިނުމަށް ބޭނުންވާ އަސާސީ އުސޫލުތައް ކަނޑައެޅުމަށް ވެސް އެ ބިލުގައި ވަނީ ހިމަނާފައެވެ. އަދި މަސައްކަތުގެ މާހައުލުން ދިމާވެދާނެ ބަލިތައް ކަނޑައަޅާ، އެފަދަ ބަލިތަކާއި އެ ނޫން ވެސް މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ ނުރައްކާތަކާއި ގެއްލުންތަކުން އެފަދަ ފަރާތްތައް ރައްކާތެރިކުރުމުގެ އުސޫލުތައް ކަނޑައެޅުމަށް އެ ބިލުގައި ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން ސިއްހަތާއި ސަލާމަތާއި ގުޅޭ ނިންމުންތަކާއި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ބަސްބުނުމުގެ ފުރުސަތު ހޯދައިދިނުމުގެ ނިޒާމެއް ގާއިމްކޮށްދިނުމަށް ވެސް މި ބިލުގައި ހިިމަނާފައިވެއެވެ.

މިއީ މަސައްކަތްތެރިންނަށް ވަރަށް މުހިންމު ބިލެއްކަން ފާހަގަކޮށް އެ ބިލު ވީހާވެސް އަވަހަށް ފާސްކޮށްދިނުމަށް މޯލްޑީވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ) އިން ވެސް ވަނީ ގޮވާލައިފައެވެ. އެ ޖަމިއްޔާއިން ބުނީ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމަކީ ކޮންމެ މަސައްކަތްތެރިއަކަށްވެސް ކަށަވަރު ކޮށްދޭން ޖެހޭ އަސާސީ ޙައްގަކަށްވެފައި، ޤާނޫނީ އޮނިގަނޑުގައި އެކަށީގެންވާ މިިންވަރަށް އެކަން ބަޔާންވެފައި ނެތުމާއި ތަންފީޒު ނުވުމުގެ ސަބަބުން މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ކަމަށެވެ. އެގޮތުން، އެތައް ހިތާމަވެރި ހާދިސާތަކެއް ހިނގައި، މަސައްކަތްތެރިންގެ ފުރާނަ ގެއްލުން ފަދަ ހާދިސާތައް ހިނގާއިރު އެ ފަދަ ހާދިސާތަކުގެ ސަބަބުން މަސައްކަތްތެރިންނާއި އެ ފަރާތްތަކުގެ އާއިލާތަކަށް ބަދަލު ހޯދައިނުދެވޭތީ ގާނޫނީ ގޮތުން ރައްކާތެރިކަން ހޯދައިދިނުން ގޮންޖެހުން ބޮޑު ކަމަށް ވަނީ ފާހަގަކޮށްފައެވެ.

މިހާރުވެސް މަސައްކަތުގެ މާހައުލުގައި ތަފާތު ހިތާމަވެރި ހާދިސާތައް ހިނގަމުންދާއިރު ޤާނޫނީ ރައްކާތެރިކަމެއް ނެތުމުގެ މސަބަބުން މަސައްކަތްތެރިން އެތައް ޙައްގަކުން މަހުރޫމުވެފައިވާ ކަމަށް ވެސް ޓްރޭޑް ޔޫނިއަނުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް