ކ. މާލެ
|
19 މާރޗް 2023 | އާދީއްތަ 19:52
ހޮސްޕިޓަލްތަކުގެ ޚިދުމަތް
ހޮސްޕިޓަލްތަކުގެ ޚިދުމަތް
ރާއްޖެއެމްވީ
ސިއްހީ ޚިދުމަތް
ސިއްހީ ޚިދުމަތް ކިތަންމެ ތަރައްގީވިޔަސް، ޒަމާނާއެކު ސިއްހީގޮތުން ކުރިމަތިވާ ގޮންޖެހުންތަކަށް ނިމުމެއް ނާންނާނެ
 
1948 ވަނަ އަހަރު މާލޭގައި ހުޅުވި ޑަކްޓަރު ގެއާއެކު މަޑުމަޑުން މަންޒަރު ބަދަލުވާންފެށި

ރާއްޖޭގެ ސަރުކާރު ހޮސްޕިޓަލުގެ ސިއްހީ ޚިދުމަތަށް މިއަދު 75 އަހަރުވެފައިވީނަމަވެސް، ތާރީޚު ފެށިފައި އޮތީ އެއަށްވުރެ އެތައް ސަތޭކަ އަހަރެއް ކުރިންނެވެ. މި ޖަޒީރާތަކުގައި ދިވެހިން ވަޒަންވެރިވެ އުޅެން ފެށުމާއެކު، ސިއްހީ ޚިދުމަތްތައްވެސް އޮތީ ފެށިފައެވެ.

އޭރުގެ ފަރުވާއަކީ ހަކީމީ ބޭސް، ފަތްޕިލާވެލީގެ ބޭސް ފަރުވާ، ތަށި ތަވީދާއި ބޭސް ފަންޑިތައިގެ ފަރުވާ، ކިޔެވެލި ކިޔަވައި ދުން އެޅުން ފަދަ ކަންކަމެވެ. ބޮޑެތި ރޯގާތަކަށް މިއީ އެންމެ މުޖައްރިބު ފަރުވާކަމުގައި އޭރު އޮތީ ގަބޫލުކުރެވިފައެވެ.

އެއަށްވުރެ ފަސޭހަ އަދި އިތުބާރު ހުރި ސިއްހީ ފަރުވާއެއް ހުރިކަމަކަށް އޭރުގެ ގިނަ މީހުން ގަބޫލެއް ނުކުރެއެވެ. މާލޭގައި ޑަކްޓަރު ގޭގެ ނަމުގައި ހޮސްޕިޓަލެއް ހުޅުވުމުންވެސް، އެ ތަނުން ޚިދުމަތް ހޯދުމުގައި ގިނަ ބަޔަކަށް ބުރަވެވުނީ ފަހަތު ފަޔަށެވެ. އިންޖެކްޝަން ކަށި ފެނުނީ އަދި މާ ބިރުވެރި އެއްޗެއްގެ ގޮތުގައެވެ. ހަކުރު ޓެސްޓުކުރަން އިނގިލިކުރިން ލޭ ނެގުމަކީ ގިނަ ބަޔަކަށް ތަހައްމަލު ނުކުރެވޭ ތަދަކަށްވިއެވެ.

ނަމަވެސް، 1948 ވަނަ އަހަރު މާލޭގައި ހުޅުވި ޑަކްޓަރު ގެއާއެކު މަޑުމަޑުން މަންޒަރު ބަދަލުވާން ފެށިއެވެ. އެ ބަދަލު އައީ ރާއްޖޭގެ ސިއްހީ ޚިދުމަތަށް އެކަންޏެއް ނޫނެވެ. އެއީ އެންމެހައި ދިވެހިންގެ ދިރިއުޅުމަށް އައި ބަދަލެކެވެ. އެއީ ގައުމުގެ އިގުތިސާދަށްވެސް އައި ވަރަށް ބޮޑު ބަދަލެކެވެ. އެއީ ރާއްޖޭގެ ތަރައްގީއަށް ލިބުނު ވަރަށް ބޮޑު ދިރުމެކެވެ.

ދިވެހިންނާ މިހާތަނަށް ކުރިމަތިވި، ފަހުގެ ޖީލުތައް ހަނދާން ހުންނާނެ އެންމެ ނުރައްކާތެރި ރޯގާތައް ފެތުރުނީވެސް، ރާއްޖޭގައި ޑޮކްޓަރީ ފަރުވާގެ ޚިދުމަތް އެކަށީގެންވާ ވަރަށް ތަރައްގީނުވެ އޮތް ދުވަސްވަރެއްގައެވެ. 1970އާއި 1980ގެ އަހަރުތަކުގައި ކޮލެރާއާއި ޝިގެއްލާގެ ބަލިމަޑުކަން ދިވެހިންނާ ކުރިމަތިވިއިރު، އެފަދަ ބަލިތަކަށް ދެވޭނެ އެކަށީގެންވާ ފަރުވާއެއް، އަދި ފަރުވާ ދޭނެ ވަސީލަތްތަކެއް ރާއްޖެއަކު އޭރަކު ނެތެވެ. އެކަށީގެންވާ އަދަދަކަށް ސިއްހީ ޚިދުމަތްތެރިންނެއްވެސް ނެތެވެ.

އެ ދަތިކަމާއެކުވެސް، ރާއްޖޭގައި އޭރު ތިއްބެވި ވަރަށް މަދު އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން، އަދި ހެލްތު ވަރކަރުންނާއި، އެފަދަ ސިއްހީ ޚިދުމަތްތެރިން، އެ ބޭފުޅުންގެ އަމަލީ ތަޖުރިބާގެ އަލީގައި ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވިއެވެ. އެފަދަ ރޯގާތައް ކޮންޓްރޯލްކުރުމަށް ކުރެއްވި ބުރަ މަސައްކަތްތައް ފާހަގަކޮށް، މިއަދުވެސް އަޅުގަނޑުމެން އެ ބޭފުޅުންނަށް ޝުކުރު ދަންނަވަންޖެހެއެވެ.

ރާއްޖޭގެ ސިއްހީ ޚިދުމަތް ތަރައްގީވެގެން އައީ، ތިން މަރުހަލާއެއްގެ ތެރެއިން ކަމަށް ދެންނެވިދާނެއެވެ. 1948ން ފެށިގެން 1960ށް ހޭދަވި 12 ވަރަކަށް އަހަރަކީ ޑޮކްޓަރީ ބޭހުގެ ޚިދުމަތް ރާއްޖެއަށް ތައާރަފްވި މަރުހަލާއެވެ. އޭގެ ފަހުން 1960ން ފެށިގެން 1980ގެ ނިޔަލަށް ހޭދަވި ވިއްސަކަށް އަހަރަކީ، ޒަމާނީ ސިއްހީ ފަރުވާގެ ނިޒާމެއް އެކުލަވާލައި ތަރައްގީކުރަން ފެށުމުގެ މަރުހަލާއެވެ.

އެއީ ހަކީމީ ބޭސްވެރިންނާއި ކަންވެރިން، އަދި ބޭކެނބިންނާއި ޚިތާނުކުރާ މީހުންގެ އަތްމަތިން، ޑޮކްޓަރުންގެ އަތްމައްޗަށް ސިއްހީ ޚިދުމަތް ފުރޮޅިގެން ދިޔަ މަރުހަލާއެވެ. ނަމަވެސް، އޭރުވެސް އެކަށީގެންވާ ވަރަށް ދިވެހި ޑޮކްޓަރުންނާއި ނަރުހުންނެއް ނެތެވެ. ސްޕެޝަލިސްޓް ޑޮކްޓަރުންގެ ދަތިކަން އެއަށްވުރެ މާބޮޑެވެ. މާލޭގައި ސަރުކާރުގެ ހޮސްޕިޓަލެއް ހުއްޓަސް، ރަށްރަށުގައި އެ ޚިދުމަތް ދޭނެ ތަންތަނެއް އޭރަކު ނެތެވެ.

ރަށްރަށުގެ ރައްޔިތުންނަށް ސިއްހީ ޚިދުމަތް ދިނުމަކީ، އޭރުގެ ދަތުރުފަތުރުގެ ދަތިކަމަށް ބަލާއިރު ގޮންޖެހުން ބޮޑު މަސައްކަތެކެވެ. އެ ދަތިކަމާއެކުގައިވެސް ރަށްރަށުގައި ސިއްހީ ޚިދުމަތް ދެއްވި ބޭފުޅުންތަކެއް ތިއްބެވިއެވެ. އޭގެ ތެރެއިންވެސް ކޮމިޔުނިޓީ ހެލްތު ވަރކަރުން އޭރު ކުރެއްވި މަސައްކަތްތަކުގެ ބުރަކަން އަޅުގަނޑުމެންނަށް މިހާރު އަންދާޒާވެސް ނުކުރެވިދާނެއެވެ.

އޭރު ޑޮކްޓަރުންނަކީވެސް އަދި ނަރުހުންނަކީވެސް އެއީއެވެ. އެއީ ވަކި ޑިއުޓީއެއް ނެތި 24 ގަޑިއިރު މަސައްކަތުގައި ދެމިތިއްބެވި ވަރަށް ޚިދުމަތްތެރި ބޭފުޅުންތަކެކެވެ. އެހެންކަމުން، އެ ދުވަސްވަރު ރަށްރަށުގެ އެންމެންގެ ލޯތްބާއި އިހުތިރާމާއި ގަދަރު ލިބިވަޑައިގެން ތިއްބެވި، އަދި އެންމެ ބަސްވިކޭ އެއް ބަޔަކީ ކޮމިޔުނިޓީ ހެލްތު ވަރކަރުންނެވެ.

އޭގެ ފަހުން 1980ން ފެށިގެން މި ހޭދަވަމުން އަންނަނީ ބޮޑެތި ބަދަލުތަކުގެ މަރުހަލާއެކެވެ. ވަކިން ޚާއްޞަކޮށް، މިދިޔަ ތިރީހަކަށް އަހަރުގެ ތެރޭގައި ސިއްހީ ދާއިރާގެ ތަރައްގީއަށް ވަރަށް މުހިންމު، ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައި އެބަހުއްޓެވެ. ވަސީލަތްތައް އިތުރުކޮށް، މުޅި ރާއްޖެއަށް ސިއްހީ ޚިދުމަތް ފުޅާކުރެވިއްޖެއެވެ.

މިދިޔަ 25 ނުވަތަ 30 އަހަރުގެ ތެރޭގައި މި ދާއިރާގެ ތަރައްގީގައި އަމިއްލަ ފަރާތްތަކުން އަދާކުރި ދައުރުވެސް އަޅުގަނޑުމެން ފާހަގަކުރަންޖެހޭނެއެވެ. އަމިއްލަ މީހުންގެ ކްލިނިކްތަކާއި، ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް ހުޅުވުމުން، ރާއްޖޭގެ ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެވުނެވެ. އެފަދަ ތަންތަން ހުޅުވުމަކީ، ސަރުކާރުން ފޯރުކޮށްދޭ ސިއްހީ ޚިދުމަތުގެ ފެންވަރު މަތިކޮށް، ޒަމާނީކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ބާރެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް