Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުށ. ފުނަދޫ ދަށްފަޅު

ފުނަދޫގެ ތަރައްގީއާ ގުޅިފައިވާ ހިތްގައިމު ދަށްފަޅު

ރަށަށް އާމްދަނީ ލިބޭނެ ގޮތްތައް ދަށްފަޅު މެދުވެރިކޮށް ހޯދުމަކީ ރަށު ކައުންސިލުގެ އަމާޒެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 15 މާރިޗު 2023 | ބުދަ 07:21
ށ ފުނަދޫ

ށ ފުނަދޫ

ރާއްޖޭގެ އެހެން ރަށްތަކާއި އަޅާ ބަލާއިރު ޤުދުރަތީ ގޮތުން އާދަޔާ ޚިލާފް ރީތި ކަމެއް ލިބިފައިވާ ށ ފުނަދޫއަށް ޒިޔާރާތްކުރާ ގިނަ ބަޔެއްގެ ޝައުޤުވެރިކަން ލިބޭ އެއް ތަނަކީ ރަށުގެ އިރުމަތީ ފަރާތުގައި އޮންނަ ދަށްފަޅެވެ. މޫދާއި ގުޅިފައި އޮންނަ މި ލޮނު ކުޅިއަކީ އެތައް ބާވަތެއްގެ ދިރޭތަކެއްޗަށް ދަފަރާ ލިބިފައިވާ މެހެފިލެކެވެ. މި ފަޅުގައި ޅަ މިޔަރު އާލާވެއެވެ. ތަފާތު ބާވަތްތަކުގެ މަނޑި ވިހާ އާލާވެއެވެ. އެތަކެތީގެ ތެރޭގައި ރާއްޖެއިން މަދުން ފެންނަ ބާވަތްތައް ހިމެނެއެވެ. މިތަނުގައި ތަފާތު ބާވަތްބާވަތުގެ މަސްމަހާމެހި ހޭލަމޭލަވެ އުޅޭ އިރު، ވަށައިގެން ހެދިފައި އޮންނަ ރަނޑޫ ގަސްތަކާއި ތަކަފައްޗާއި ކުރެދި ފަދަ ގަސްތަކުގެ ތެރޭގައި ހިމާޔަތް ހޯދައިގެން އުޅޭ ތަފާތު ދޫނި ސޫފާ ސޫފީގެ ގޮވެލީގެ އަޑުން މާހައުލަށް ހިތްގައިމު ފުރިހަމަކަމެއް ގެނުވައެވެ. ހަމަ އެ އާއިއެކު ރާއްޖޭގެ ގިނަބަޔެއްގެ ޝައުގުވެރިކަން ހޯދި ގުޑުގުޑާ ދޫނި ތަކުގެ މަންޒިލަކަށްވެސް ދަށްފަޅު ވަނީ ވެފައެވެ.

މިއީ ވެސް ގިނަ ބައެއްގެ ޝައުވެރިކަން މިރަށަށް އިތުރުވިކަމެކެވެ. އެގޮތުން ހަފްތާ ބަންދުތަކުގައި މިރަށުގެ ދަށްފަޅުން އުފާ ހޯދުމަށް ޒިޔާރަތްކުރާ މީހުން އަންނަނީ އިތުރުވަމުންނެވެ. ދަށްފަޅުގައި ކެނޯ ޖަހާނުލާ، ޕެޑަލް ދުއްވާލާހިތްނުވާނެ މީހަކު ނުހުރެއެވެ.

ރަށަށް ލިބިފައިމިވާ ގުދުރަތީ ރީތިކަން އެގޮތުގައި ދަމަހައްޓާ ރަށަށް އާމްދަނީ ލިބޭނެ ގޮތްތައް ދަށްފަޅު މެދުވެރިކޮށް ހޯދުމަކީ މިރަށު ކައުންސިލުގެ އަމާޒެކެވެ. ރަށަށް އަންނަ މީހުންގެ މަގްބޫލުކަން ލިބިފައި އޮންނަ ހިތްގައިމު މިތަން ދެމެހެއްޓެނެވި ގޮތެއްގައި ތަރައްގީކުރުމުގެ ޕްލޭނެއް ކައުންސިލުން ގެންގުޅެއެވެ.

އެކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ށ ފުނަދޫ ކައުންސިލުގެ ރައީސް އަހުމަދު އިބްރާހީމްފުޅު ވިދާޅުވީ ކުނި މެނޭޖްކުރުމުގެ ޕްލޭނެއްނެތި ކުނި އެޅުމުގެ ކަންކަން ކުރިޔަށްދިޔައިރު ދަށްފަޅަކީ މީހުން ވަރަށް ގިނައިން ކުނި އަޅަމުން އައި ތަނެއްކަމަށެވެ. ނަމަވެސް 2014 ވަނަ އަހަރުން ފެށިގެން އެކަން ނިމުމަކަށް ގެނެސް ދަށްފަޅުގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

މިފަދަ ރީތި ހިތްގައިމު ކުޅިތައް ލިބިފައިވާ ކޮންމެ ރަށެއްގައިހެންވެސް ތަރައްގީކުރަމުން އަންނަ ނޭޗަރޕާކަކީ ދަށްފަޅު އިތުރަށް ތަރައްގީކޮށް މީހުންނަށް ދައްކާލުމަށް ކައުންސިލުން ގެންގުޅޭ ވިސްނުމެވެ. އެކަމަށްޓަކައި ކައުންސިލުގެ ޕްލޭންތަކެއް އެބަހުއްޓެވެ. ލޭންޑް ޔޫސް ޕްލޭނެއް އެބައޮތެވެ.

ކައުންސިލުގެ ރައީސް ވިދާޅުވީ މިއަހަރަކީ ލޯކަލް ޓޫރިޒަމަށް ފުނަދޫ ހުޅުވާލަން މަސައްކަތްކުރާ އަހަރަށްވުމާއެކު ދަށްފަޅު ޕްރޮމޯޓްކުރުމަށް ބޭނުންވާކަމަށެވެ. އެކަން ކުރެވޭނެ އެންމެ ރަނގަޅުގޮތްތައް ބަލަމުން އަންނަކަމަށާއި މިއަހަރު ނިމެންވާއިރު އެކަންކުރެވޭނެ ގޮތް ކަރުދާހަށް ތިރިކުރުން އެއީ ކައުންސިލުގެ އަމާޒުކަމަށެވެ.

އަހުމަދު ވިދާޅުވީ ދަށްފަޅު ރީތިކޮށް ބަލާލާ އެތަނުގެ ގުދުރަތީ ރީތިކަން ރަނގަޅަށް ދެކެލުމުގެ ފުރުސަތު ފަހިކުރުމުގެ ގޮތުން ބްރިޖެއް އެޅުމަށް ޕްލޭންކޮށްފައިވާކަމަށެވެ. އޭރުން ފުނަދޫ އަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށްވެސް ދަށްފަޅު ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މީގެއިތުރުން ބްރިޖުގެ އުތުރު ފަރާތުން އޮންނަ ބަޔަކީ ލޯކަލް ޓޫރިޒަމަށް ޚާއްސަކުރާ ބަޔަކަށް ހެދިގެންދާނެކަމަށް އަހުމަދު ވިދާޅުވިއެވެ.

ދަށްފަޅަށް ޚާއްސަ އެކައްޗަކީ މާނޫ ކަކުންޏެވެ. މާނޫ ކަކުންޏަކީ ކެއުމަށްވެސް ވަރަށް ބޭނުންކުރާ އެއްޗެކެވެ. އެހެންކަމުން ރަށުގެ ރައްޔިތުންގެ އިތުރުން ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުންވެސް މާނޫ ކަކުނި ނަގައެވެ. އެކަމަށް ވަކި އިމެއްނެތެވެ. އެހެންކަމުން ކައުންސިލުގެ ވިސްނުންހުރީ މާނޫ ކަކުނި އާލާކުރެވޭނެ ގޮތްތަކެއް ހޯދުމެވެ.

ކައުންސިލުގެ ރައީސް ވިދާޅުވީ މާނޫ ކަކުންޏަކީ ދަށްފަޅުން ބޮޑު އާމްދަނީ އެއް ހޯދޭނެ އެއްޗެއްކަމަށެވެ. އެކަމަށްޓަކައި މާނޫ ކަކުނި އާލާކުރެވޭނެ ގޮތްތަކެއް ހޯދަންޖެހެއެވެ. އެކަމުގެ ޕްލޭންވެސް ކައުންސިލުގައި އެބައޮތެވެ.

ކޮންމެއަކަސް ކައުންސިލުގެ މިވިސްނުމާ އެއްގޮތަށް ދަށްފަޅު ތަރައްގީކުރެވިގެން ގޮސްފިނަމަ ފުނަދޫ ދަށްފަޅު ވެގެންދާނީ ރާއްޖޭގައި ފާހަގަކޮށްލެވޭފަދަ ނޭޗަރޕާކަކަށެވެ. އެކަންވެގެންދާނީ ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނެވި ގޮތެއްގައި ހިމާޔަތްކުރެވި ރަށަށް އާމްދަނީ ލިބޭނެ ވަސީލަތަކަށެވެ. ލޯކަލް ޓޫރިޒަމަށް ހުޅުވިގެންދާ ދޮރާއެކު ރަށަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެއެވެ. އިތުރަށް ފުނަދޫ މަޝްހޫރުވެ އާންމުންގެ މަގްބޫލު މަންޒިލަކަށް ވެގެންދާނެއެވެ.

ދަށްފަޅާ ހިސާބުން އަދި ފުނަދޫގެ ގުދުރަތީ ރީތިކަމުގެ ވާހަކަ ނިންމާލެވޭކަށްވެސް ނޯވެއެވެ. ދަށްފަޅުން ކޯރުދެމެމުން ލޮނުގަނޑު ނިކުންނަ ދިމާލަށް ނަޒަރު ހިންގާލާއިރު ޝައުގުން އިތުރަށް ހިތްތަށް ފުރާލާއެވެ. ރަށުގެ ވަށައިގެން ލެވިފައިވާ ފަރުގެ އެތެރެއިން ފެންނަ ތަނަވަސް އެހާމެ ހިތްގައިމު ފަޅެވެ. ފަޅުތެރޭގައި އުފެދިފައި އޮންނަ ބިސްހުރާ ގެ އިތުރުން އުފެދިފައި އޮންނަ ދޮންވެލި ފިނޮޅެވެ. އެ ތަންތަނުގައި މިނިވަންކަމާއިއެކު އެކު އުފާހޯދަމުންދާ ކުދި ކުދި ދޫނިތެވެ. ކައުންސިލުގެ ވިސްނުމަކީ އެތަނުގައިވެސް ލޯކަލް ޓޫރިޒަމަށް ޚާއްސަކޮށް ރޫމްތަކެއް އެޅުމެވެ.

ށ. ފުނަދޫ

އިތުރަށް ކިޔާލަން

07 ޖޫން 2025

އީދު ބަންދާ ދިމާކޮށް، ފުނަދޫ އެއަރޕޯޓް ބަންދުކޮށްފި

07 ޖޫން 2025
އީދު ބަންދާ ދިމާކޮށް، ފުނަދޫ އެއަރޕޯޓް ބަންދުކޮށްފި
28 ޖުލައި 2022

ށ.އަތޮޅުގެ އެއްވަނަ ފޯކައިދޫއަށް

28 ޖުލައި 2022
ށ.އަތޮޅުގެ އެއްވަނަ ފޯކައިދޫއަށް
25 ޖުލައި 2022

ނަރުދޫ ފަހު މެޗުންވެސް ބަލި

25 ޖުލައި 2022
ނަރުދޫ ފަހު މެޗުންވެސް ބަލި
24 ޖުލައި 2022

ފޯކައިދޫއާއި ފުނަދޫ އެއްވަނަ ޑިވިޝަނަށް

24 ޖުލައި 2022
ފޯކައިދޫއާއި ފުނަދޫ އެއްވަނަ ޑިވިޝަނަށް
18 ޖޫން 2022

ރައީސް ފުނަދޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ހޮޅުދޫއަށް

18 ޖޫން 2022
ރައީސް ފުނަދޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ހޮޅުދޫއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު