ކ. މާލެ
|
1 މާރޗް 2023 | ބުދަ 10:26
މިދިޔަ އަހަރަށްވުރެ މިއަހަރު ފިޔާ އަލުވި އަގުހެޔޮވާނެ
މިދިޔަ އަހަރަށްވުރެ މިއަހަރު ފިޔާ އަލުވި އަގުހެޔޮވާނެ
ޔޫސުފް ސޮފްވާން ރަޝީދު
ރޯދަމަހުގެ ތަކެތީގެ އަގު
އެސްޓީއޯއިން ރޯދައަށް ވިއްކާ ފިޔާ އަދި އަލުވި މިދިޔަ އަހަރަށްވުރެ އަގުހެޔޮ
މާޗްމަސް ފެށީ ބުނިގޮތަށް ފިޔާ، އަލުވި، އަދި ބިހުގެ ފުރަތަމަ ޝިޕްމެންޓާއެކު
އަގު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އެސްޓީއޯއިން ބުނޭ

އެސްޓީއޯއިން ރޯދައަށް ވިއްކާ ފިޔާ އަދި އަލުވި މިދިޔައަހަރަށްވުރެ އަގު ހެޔޮވާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެސްޓީއޯއިން ބުނީ މިއަހަރުގެ ރޯދަ މަހު ފިޔާ ކިލޯއެއް ލިބެން ހުންނާނީ 9 ރުފިޔާއަށް ކަމަށެވެ. މިދިޔަ އަހަރު ފިޔާ ކިލޯއެއް ވިއްކީ 14 ރުފިޔާއަށެވެ. އެހެންކަމުން 5 ރުފިޔާ އަގުހެވެ. އަލުވި ކިލޯއެއް މިއަހަރު ވިއްކުމަށް ހަމަޖެހިފައިވަނީ 11 ރުފިޔާއަށެވެ. އެއީ މިދިޔަ އަހަރަށްވުރެ 2 ރުފިޔާ އަގުހެޔޮކޮށެވެ. މިދިޔަ އަހަރު އަލުވި ކިލޯއެއް ވިއްކީ 13 ރުފިޔާއަށެވެ.

އެސްޓީއޯއިން ބުނީ ބިސް ވިއްކާނީ 1 ރުފިޔާ 75 ލާރިއަށް ކަމަށެވެ. މިދިޔަ އަހަރުވެސް ބިސް ވިއްކީ މި އަގުގައެވެ. އެސްޓީއޯ އެގްރި ސެންޓަރު މެދުވެރިކޮށް، ރާއްޖޭގެ ދަނޑުވެރިން ހައްދާ އުފެއްދުންތަކުގެ ތެރެއިން މި ރޯދަމަހު ހާއްސަކޮށް ދޮންކެޔޮ، ފަޅޯ، ކަރާ، ކިއުކަންބާ އަދި މިރުސް ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި މިތަކެތި އެސްޓީއޯ ހޯލްސޭލް ސެންޓަރ، ރޯދަ މާރޓް އަދި ވިލިމާލެ ފިހާރައިންވެސް ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ ފިޔާ، އަލުވި، އަދި ބިސް ހުސްވުމެއްނެތި ލިބޭނެ އިންތިޒާމް ގާއިމްކުރެވިފައިވާ ކަމަށެވެ. އެގޮތުން ރޯދަމަހު މިތަކެތި ހުސްވިޔަނުދީ ހިފެހެއްޓުމަށް، ޑިމާންޑް އަދި ސަޕްލައިއަށް ބަލައިގެން ޖުމްލަ 6 ޝިޕްމެންޓްއެއް ގެނައުމަށް ރޭވިފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ޝިޕްމެންޓް 27 ފެބްރުއަރީ ގައި ގެނެވިފައިވާ އިރު، 28 ފެބްރުއަރީ އިން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ހޯލްސޭލް ސެންޓަރުން ވިއްކަން ފަށާފައިވާ ކަމަށެވެ.

ހޯލްސޭލްކޮށް މުދާ ދޫކުރާނީ ތިން ސަރަހައްދަކުންނެވެ. އެއީ އެސްޓީއޯ ހޯލްސޭލް ސެންޓަރުން، އެސްޓީއޯ އިންޑަސްޓްރިއަލް ވިލޭޖްއިންނެވެ. އެހެންނަމަވެސް އިންޑަސްޓްރިއަލް ވިލެޖުން ދޫކުރަން ފަށާނީ މާޗް 5ން ފެށިގެން އަދި ހުޅުމާލޭގައި ހުޅުވާ ރޯދަ މާރޓްގެ ޚިދުމަތް ފެށިގެންދާނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

އަތޮޅުތެރޭގެ 11 ސަރަހަދެއްގައި ގާއިމްކުރެވިފައިވާ އެސްޓީއޯގެ 11 ފިހާރައަކަށް ފިޔާ ބިސް އަދި އަލުވި ފޮނުވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އެ ތަކެތި ސަރަހައްދީ އެހެން ރަށްރަށަށް ފޯރުކޮށްދިނުމުގައި އެސްޓީއޯއިން އެހީތެރިވާނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ރޯދަމަހަށް ހާއްސަކޮށްގެން، ޒަރޫރީ ބޭނުމަށް ބޭނުންވާ ކާބޯތަކެތީގެ އެހެނިހެން ބާވަތްތައްވެސް ގެނެވޭނެ ކަމަށެވެ. އަދި ލޯކަލީވެސް ބައެއް މުދާ ފިހާރައިން ހުސްވިޔަނުދީ ބެހެއްޓުމަށްޓަކައި ނެގޭނެ ކަމަށާއި، އެގޮތުން، ލީސިންގ ޕާޓްނަރުން ފޯރުކޮށްދޭ މުދާވެސް ހުސްނުވެ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިންނާއި، ހުޅުމާލެ ރޯދަ މާޓުން ލިބެން ހުންނާނެއެވެ.

މާކެޓްގައި ޒަރޫރީބޭނުމަށް ބޭނުންވާ ވަކި މުދަލެއްގެ އަގު މަތިވެގެން އަންނަނަމަ އެސްޓީއޯއިން އިންޓަވީން ކުރާނެ ކަމަށާއި، އަދި އަގު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

- ކޮމެންޓް