ކ. މާލެ
|
21 ފެބްރުއަރީ 2023 | އަންގާރަ 13:44
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބާއްވާ ފުރަތަމަ ސްޓްރެޓީޖިކް ޑައިލޮގް
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބާއްވާ ފުރަތަމަ ސްޓްރެޓީޖިކް ޑައިލޮގް
ފޮރިން މިނިސްޓްރީ
ސްޓްރެޓީޖިކް ޑައިލޮގް
ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ފުރަތަމަ ސްޓްރެޓީޖިކް ޑައިލޮގް ބާއްވައިފި
 
ކަނޑުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރުމަށް އެއްބަސްވެފައިވޭ
 
އިނގިރޭސިވިލާތުން ވަނީ ކޮމަންވެލްތު އަދި ތަރައްޤީ ވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މެމްބަރެއްގެ ޙައިސިއްޔަތުން ރާއްޖޭގެ މުހިއްމުކަން ފާހަގަކޮށްފަ
 
މިބައްދަލުވުމުގައި ދެޤައުމުން ވަނީ ދެޤައުމުގެ މެދުގައިވާ ގާތް ދޭދޭ ގުޅުންތައް ދަމަހައްޓައި ހަރުދަނާ ކުރުމުގެ މުހިއްމުކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައި

ދިވެހިރާއްޖެއާއި އިނގިރޭސިވިލާތުގެ އިސް މަންދޫބުންގެ މެދުގައި ބޭއްވޭ ފުރަތަމަ ސްޓްރެޓީޖިކް ޑަޔަލޮގް 20 ފެބްރުއަރީ 2023ގައި މާލޭގައި ބާއްވައިފިއެވެ.

މިބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން ބަދަހިކުރުމާއި ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ވެރިކަމާއި ޑިމޮކްރަސީ އާއި އިންސާނީ ޙައްޤުތަކާއި ޤާނޫނީ ވެރިކަމާއި ތިމާވެއްޓާއި މޫސުމީ ބަދަލުތަކާއި މަތީ ތަޢުލީމާއި ވިސާ އަދި ހިޖުރަކުރުމާއި ސަރަހައްދީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި އެއްބާރުލުން ދިނުން ހިމެނެއެވެ. މިޑަޔަލޮގުގެ މަޝްވަރާތަކަށް ފަހު ދެޤައުމުން ވެސް ވަނީ ކަނޑުމަތީގެ ސަލާމަތާ ގުޅޭގޮތުންނާއި ވިޔަފާރިއާ ގުޅޭގޮތުން ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ވޯކިން ގްރޫޕްތަކެއް ހެދުމަށް ނިންމާފައެވެ. މީގެ އިތުރުން އިނގިރޭސިވިލާތުގެ "ބްލޫ ޕްލެނެޓް ފަންޑް"ގެ ދަށުން "އޯޝަން ކަންޓްރީ ޕާޓްނާޝިޕް ޕްރޮގްރާމް"ގެ ފަހުމުނާމާއެއްގައި ވެސް ވަނީ ސޮއި ކޮށްފައެވެ.

މިބައްދަލުވުމުގައި ދެޤައުމުން ވަނީ ދެޤައުމުގެ މެދުގައިވާ ގާތް ދޭދޭ ގުޅުންތައް ދަމަހައްޓައި ހަރުދަނާ ކުރުމުގެ މުހިއްމުކަމާ ގުޅޭގޮތުން މަޝްވަރާކޮށް ދޭދޭ ގުޅުންތައް ކުރިއެރުވުމަށްޓަކައި ކޮންމެ އަހަރަކު ވެސް މިފަދަ ސްޓްރެޓީޖިކް ޑަޔަލޮގެއް ބޭއްވުމަށް އެއްބަސްވެފައެވެ. މިޑަޔަލޮގުތަކުގެ ބޭނުމަކީ ދެޤައުމުން ވެސް އެއް ޤައުމު އަނެއް ޤައުމަށް އެންމެ ބޭނުންވާ އަދި އެންމެ މުހިއްމު ކަންކަން ރަނގަޅަށް ދެނެގަނެ ދެޤައުމަށް ވެސް ފައިދާހުރި ގޮތެއްގައި އެކި ކަންކަމުގައި އެއްބާރުލުން ދިނުމަށް މަގުފަހިކޮށް ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރުމެވެ.

އިނގިރޭސިވިލާތުން ވަނީ ކޮމަންވެލްތު އަދި ތަރައްޤީ ވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މެމްބަރެއްގެ ޙައިސިއްޔަތުން ރާއްޖޭގެ މުހިއްމުކަން ފާހަގަކޮށްފައެވެ. އަދި ދެޤައުމުން ވެސް ވަނީ ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާ ކުރެވޭނެ ދާއިރާތައް އޮޅުންފިލުވުމަށާއި ދެޤައުމަށް ވެސް ފައިދާވަނިވި އަދި ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިވާނެ ފަދަ ވިޔަފާރީގެ ގުޅުންތައް ބަދަހިކުރެވޭނެ ގޮތްތައް އޮޅުންފިލުވުމަށް އިތުރު މަސައްކަތްތައް ކުރުމަށް އެއްބަސްވެފައެވެ.

މިޑަޔަލޮގުގެ މަޝްވަރާތަކުގައި ދެޤައުމުން ވެސް ވަނީ މަހުގެ އާބާދީއަށް ނުތަކާ ވަރަށް މަސްބޭނުމުގެ ސަބަބުން ކަނޑުތަކުގެ ދިރުންތަކަށާއި މާހައުލަށް ލިބޭ ގެއްލުންތައް ފާހަގަކޮށް ކަނޑުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރުމަށް އެއްބަސްވެފައެވެ. އަދި ޤާނޫނާ ޚިލާފަށް ކުރާ މަސްވެރިކަމާއި ރިޕޯޓުނުކުރާ މަސްވެރިކަމާއި ގަވައިދުތަކެއް ނުހަދައި ކުރެވޭ މަސްވެރިކަމާ ދެކޮޅަށް ބައިނަލްއަޤުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި ރާއްޖެއާއި އިނގިރޭސިވިލާތުން އެއްބާރުލުން ދިނުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ މަސްވެރިކަމުން ކުރެވޭ ވިޔަފާރި އިތުރަށް ފުޅާކުރުމަށް ދެޤައުމުން މަސައްކަތްކުރުމަށް ވެސް ވަނީ މަޝްވަރާކޮށްފައެވެ.

ތަޢުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ގޮތުން ދެޤައުމުން ވަނީ ކޮމަންވެލްތު އަދި ޝީވްނިން ސްކޮލާޝިޕްތައް މެދުވެރިކޮށް ދިވެހިންނަށް ލިބޭ ފުރުޞަތުތައް ދެމެހެއްޓުމުގެ މުހިއްމުކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އަދި ރާއްޖޭގެ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނާ ގުޅިގެން، ރާއްޖެއަށް ލިބޭ ސްކޮލާޝިޕް ފުރުޞަތުތައް އިތުރުކުރުމާ ގުޅޭގޮތުން ވެސް ދެޤައުމުން ވަނީ މަޝްވަރާކޮށްފައެވެ. މީގެއިތުރުން، އިނގިރޭސިވިލާތުގައި ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނަށް ވިސާ ހޯދުމުގައި އެހީފޯރުކޮށްދެވޭނެ ގޮތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައިވެއެވެ.

ދެޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ މުހިއްމުކަމާމެދު މަޝްވަރާކޮށް ދެޤައުމުންވެސް ވަނީ އިނގިރޭސިވިލާތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތް އިތުރު ކުރުމަށާއި ތަފާތު ފަންތިތަކުގައި އެއްބާރުލުން އިތުރުކުރުމަށާއި ސަޤާފީ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި ދެޤައުމުގެ މެދުގައި ރަޙުމަތްތެރިކަމުގެ ގުޅުންތައް އިތުރުކުރުމަށް މަޝްވަރާކޮށްފައެވެ.

މިބައްދަލުވުމުގައި މަޝްވަރާ ކުރެވުނު އިތުރު ދާއިރާތަކުގެ ތެރޭގައި ޓެރަރިޒަމްއާ ދެކޮޅަށް ކުރާ މަސައްކަތްތަކާއި ހައްދުފަހަނައެޅުން ހުއްޓުވުމަށް ކުރާ މަސައްކަތްތަކުގައި ދެޤައުމުން ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. ހަރުކަށި ފިކުރު ހުއްޓުވާ އެކަމާ ދެކޮޅަށް ޤައުމީ ފެންވަރުގައި މަސައްކަތްކުރުމަށް އެކުލަވާލާފައިވާ ޤައުމީ އެކްޝަން ޕްލޭން ތަންފީޒުކުރުމުގައި ހޯދިފައިވާ ކުރިއެރުންތައް މިބައްދަލުވުމުގައި ދިވެހިރާއްޖެއިން ވަނީ ހުށަހަޅާފައެވެ. އަދި ސަލާމަތީ ދާއިރާއިން މިހާރު ހުރި ގޮންޖެހުންތަކާއި ކަނޑުމަތީގެ ސަލާމަތްތެރިކަމާއި ރާއްޖޭގެ ސަރަހައްދުގައި ހިމެނޭ ކަންކަން ބެލެހެއްޓުމާއި ދިފާޢީ ދާއިރާއިން އެއްބާރުލުން ދިނުމާއި އެކި ޙާލަތްތަކުގައި ގިނަ މުއައްސަސާތަކުން ގުޅިގެން މަސައްކަތްކުރުމުގެ ތަމްރީނުތަކާއި ޓެރަރިޒަމްގެ މައްސަލަތަކުގައި ވަކާލާތުކުރުން ހިމެނޭގޮތަށް ރާއްޖެއިން ސަލާމަތީ ދާއިރާއިން އިސްކަންދޭ ކަންކަން އިނގިރޭސިވިލާތަށް ވަނީ ހުށަހަޅާފައެވެ.

މީގެއިތުރުން ރާއްޖެއިން ވަނީ ސަލާމަތީ ދާއިރާއިން އިނގިރޭސިވިލާތުން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ. އެގޮތުން، ޖޮއިންޓް އިންޓައޭޖެންސީ އޮޕަރޭޝަންސް ސެންޓަރަށް ބޭނުންވާ ފަންނީ އެހީތަކާއި ޓެރަރިޒަމްއާ ދެކޮޅަށް ހިންގޭ ޙަރަކާތްތަކުގެ ތަމްރީނުތަކާއި ލައިވް އެކްސަސައިޒްތަކަށް އިނގިރޭސިވިލާތުން ފޯރުކޮށްދޭ އެހީތެރިކަން ވަނީ ފާހަގަކޮށްފައެވެ. އަދި ދެޤައުމުން ވެސް ވަނީ މިދާއިރާއިން މިހާރު ދެމުންދާ އެއްބާރުލުން އިތުރު ކުރުމަށް އެއްބަސްވެފައެވެ.

ދިވެހިރާއްޖެއިން ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމާއި ޤާނޫނު ތަންފީޒުކުރުން ހަރުދަނާކުރުމާއި އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އިނގިރޭސިވިލާތުން ވަނީ ރާއްޖެއަށް މަރުހަބާ ކިޔާފައެވެ. އަދި ޑިމޮކްރަސީ ހަރުދަނާ ކުރުމަށާއި ވެރިކަމުގެ ނިޒާމު ފުރިހަމަ ކުރުމަށްޓަކައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އިނގިރޭސިވިލާތުން ދެމުންދާ އެހީތެރިކަން ކުރިއަށް އޮތް ތާނގައިވެސް ފޯރުކޮށްދެމުން ގެންދާނެކަމުގެ ޔަޤީންކަން އިނގިރޭސިވިލާތުން ވަނީ ދީފައެވެ.

މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކުގައި ދެޤައުމުންވެސް ވަނީ ބައިނަލްއަޤުވާމީ ފެންވަރުގަ އާއި ސަރުކާރުތަކުގެ މެދުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަކަށް ޙައްލު ހޯދުމަށް މަޝްވަރާކުރެވޭނެ މައި ވަސީލަތެއްގެ ގޮތުގައި އ.ދ.ގެ ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް ކާމިޔާބުކަމާއެކު ތަންފީޒުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އަދި ދެޤައުމުން ގުޅިގެންނާއި އެހެން ޤައުމުތަކާއެކު ޕެރިސް އެގްރިމަންޓު ތަންފީޒުކުރުން ހަރުދަނާކުރުމަށް ވެސް ދެޤައުމުން ވަނީ އެއްބަސްވެފައެވެ. ހަމައެއާއެކު، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި ދުނިޔޭގެ ދިރުންތަކަށް އިންސާނުންގެ ސަބަބުން ކުރާ އަސަރުތަކާ ގުޅޭގޮތުން ވެސް ދެޤައުމުން މަޝްވަރާކޮށްފައިވެއެވެ.

ފާއިތުވި އަހަރު ބޭއްވުނު ކޮޕް27ގައި ޤާއިމުކުރެވުނު "ލޮސް އެންޑް ޑެމެޖް" ފަންޑުގެ މުހިއްމުކަން ފާހަގަކޮށް އެފަންޑު ވީހާވެސް އަވަހަށް ބޭނުންކުރެވޭނެ އިންތިޒާމުތައް ޤާއިމުކުރުމަށް ދެޤައުމުން ގުޅިގެން މަސައްކަތްކުރުމަށް ވެސް ވަނީ މަޝްވަރާކޮށްފައެވެ. ރާއްޖެއިން ވަނީ ސްކޮޓްލެންޑުގެ ގްލާސްގޯގައި ބޭއްވުނު ކޮޕް26ގައި އިނގިރޭސިވިލާތުން ކުޅުނު އިސް ދައުރު ފާހަގަކޮށް އެޤައުމަށް ޝުކުރު އަދާކޮށްފައެވެ. އަދި މޫސުމީ ބަދަލުތަކާ ދެކޮޅަށް އިނގިރޭސިވިލާތާ ގުޅިގެން މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ވެސް ރާއްޖެއިން ވަނީ ދީފައެވެ. ކޮޕް27ގައި ޚިޔާލުތަފާތުވުންތަކުން އަރައިގަނެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށްޓަކައި ރާއްޖެއިން ކުޅުނު ދައުރު ފާހަގަކޮށް އިނގިރޭސވިލާތުން ވަނީ ރާއްޖޭގެ މަސައްކަތަށް ތަޢުރީފުކޮށްފައެވެ.

އިންޑިއާ ކަނޑުގެ ސަރަޙައްދާ ގުޅޭގޮތުންނާއި އެސަރަޙައްދުގެ ކަނޑުމަތީގެ ސަލާމަތާ ގުޅޭ ގޮތުންނާއި ބައިނަލްއަޤުވަމީ އެހެނިހެން ފޯރަމްތައް ކަމަށްވާ ކޮމަންވެލްތާއި އ.ދ.ގައި ދެޤައުމުން ދޭ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށް ވެސް މިބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދު، އ.ދ.ގެ ޢާއްމު މަޖިލީހުގެ 76ވަނަ ދައުރުގެ ރައީސްގެ ޙައިސިއްޔަތުން ކުރައްވާފައިވާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް އިނގިރޭސިވިލާތުން ވަނީ ރާއްޖެއަށް މަރުޙަބާ ކިޔާފައެވެ.

މީގެއިތުރުން، އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހަށް 2023އިން 2025އަށް ރާއްޖެ އިންތިޚާބުވެފައިވާތީ އިނގިރޭސިވިލާތުން ވަނީ ރާއްޖެއަށް މަރުޙަބާ ކިޔައި އިންސާނީ ޙައްޤުތަކާ ބެހޭ ކަންކަމުގައި ރާއްޖެއާއެކު ގާތުން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައެވެ.

ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވުނު ފުރަތަމަ ސްޓްރެޓީޖިކް ޑައިލޮގް ބާއްވާފައިވަނީ ހައިބްރިޑް ފޯމެޓަށެވެ. މިބައްދަލުވުމުގެ މަޝްވަރާތަކުގައި ރާއްޖޭގެ ފަރާތުން އިސްކޮށް ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ، ބައިލެޓެރަލް ޑރ. ޙާލާ ޙަމީދެވެ. ދިވެހިރާއްޖޭގެ ފަރާތުން ދެން ބައިވެރިވެވަޑައިގެންފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި މިނިސްޓްރީ އޮފް ޑިފެންސް އާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒް އާއި އެޓާނީ ޖެނެރަލްގެ އޮފީހާއި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރސް އޮފީހުގެ އިސް އޮފިޝަލުންނެވެ.

އިނގިރޭސިވިލާތުގެ ފަރާތުން މިބައްދަލުވުމުގެ މަޝްވަރާތަކުގައި އިސްކޮށް ހުންނެވީ އެޤައުމުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީހުގެ އިންޑިއާ އަދި އިންޑިއަން އޯޝަން ޑިރެކްޓަރޭޓްގެ ޑިރެކްޓަރ، ބެން މެލޯ އެވެ. އިނގިރޭސިވިލާތުގެ ފަރާތުން ދެން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ އެޤައުމުގެ ޑިޕާޓްމަންޓް ފޯ އެންވަޔަރަމަންޓް، ފުޑް އެންޑް ރޫރަލް އެފެއާޒް އާއި މިނިސްޓްރީ އޮފް ޑިފެންސް އާއި ޑިޕާޓްމަންޓް ފޯ ޓްރާންސްޕޯޓްގެ އިސް އޮފިޝަލުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް